ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ 40 ޕަސެންޓު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މާރުކުރަން މަޖުބޫރުކުރުމުގެ ނަތީޖާއަކަށް ވާނީ ދިވެހި ފައިސާގެ އަގު ކަރުދާހާ އެއް މިންވަރަކަށް ވެއްޓުން ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު، އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ސަރުކާރު ހިންގާ ޕީއެންސީން ހުށަހަޅާފައިވާ އިސްލާހުތަކަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ ދިވެހިރާއްޖޭގެ ޑޮލަރުގެ މައްސަލަ ހައްލުވާނީ ސަރުކާރު ޒިންމާދާރުވެގެން ކަމަށެވެ.
ގާނޫނު ހަރުކަށި ކުރުމަށް ބަދަލުތަކެއް ގެންނަނީ ސަރުކާރުން ވަކިކުރާ ވަޒީރުންނަށް މަގާމު ދިނުމަށާއި ރަސްމާލެ ހިއްކުން ފަދަ މި ވަގުތަށް ކޮންމެހެން ކުރަންނުޖެހޭ ކަންކަން ކުރުމަށް ބޭނުންވާ ޑޮލަރު ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ނަތީޖާއަކަށް ވެގެންދާނީ ދިވެހި ފައިސާގެ އަގު އެއްކޮށް ކަރުދާހަށް ބަދަލުވެގެންދިޔުން، މި 40 ޕަސެންޓަށް އަޅުގަނޑުމެން ގެނެސްފިނަމަ، މިއަދު މި އޮތް ގޮތަށް، އަޅުގަނޑުމެން މިހާރު މި އޮތް ގޮތަށް 40 ޕަސެންޓަށް [ބަދަލުކޮށްފިނަމަ] އެއް ނަތީޖާއަކަށް ވާނީ ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުން ގާނޫނަށް ބޯލެނބުން ހުއްޓުން،" ޝަމްހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިސޯޓުތަކަށް ލިބެ އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ ނުކުރެވޭނެ ކަމެއް ކަމަށެވެ. އެކަން ކުރުވަން ބޭނުންވާނަމަ، ރިސޯޓުތަކުގެ ކުއްޔާއި ޓެކްސް ދިވެހި ފައިސާއިން ދެއްކޭގޮތަށް ހަދަންޖެހޭނެ ކަމަށެވެ.

އެމްއެމްއޭގެ ގަވަރުނަރު، އަހުމަދު މުނައްވަރު މިހާރު އަމަލުކުރައްވަމުން ގެންދަވަނީ ސަރުކާރުގެ މިނިސްޓަރެއްގެ ގޮތުގައި ކަމަށް ވިދާޅުވެ އެކަމަށް ވެސް ޝަމްހީދު ފާޑުވިދާޅުވި އެވެ.














