ގދ. ތިނަދޫގެ ތާރީޚީ ވާހަކަތަކުގެ މި ސިލްސިލާ ލިޔަން ފެށިއިރު، އަޅުގަނޑަށް ހީވެފައި އޮތީ އެންމެ އުނދަގޫވާނީ ތާރީޚީ މައުލޫމާތު ހޯދުމަށެވެ. ނަމަވެސް، އެ މައުލޫމާތު ހޯދުމަކީ އެހާ އުނދަގޫ ކަމަކަށް ނުވިއެވެ. އެއަށްވުރެ ބޮޑު ގޮންޖެހުމަކަށްވީ، ފެނުނު މައުލޫމާތުތަކުގެ ބޭނުން ހިފާނެ ގޮތެއް ނިންމުމެވެ. މީގެ ފަސްދޮޅަހަށްވުރެ ގިނަ އަހަރު ކުރިން ހިނގާފައިވާ ހާދިސާތަކުގެ ހަނދާންތައް ތިނަދޫގައި އަދިވެސް ހުރީ ދިރިދިރިއެވެ. އެ ހަނދާންތައް ފޮތްތަކާއި ރެކޯޑުތަކުން ފެންނަން ހުރުމުގެ އިތުރުން، އާއިލީ ވާހަކަތަކުގެ ގޮތުގައާއި، މައިންބަފައިންނާއި މާމަ ކާފަގެ ފަރާތުން އައިސްފައިވާ ވާހަކަތަކުގެ ގޮތުގައި ދެމިއެބައޮތެވެ. އަދި މި ސިލްސިލާ ލިޔަމުން ދިޔައިރު ފާހަގަވި ގޮތުގައި، ސޯޝަލް މީޑިއާގައި މި ތާރީޚާ ގުޅޭ ވާހަކައެއް ދެކެވޭ ކޮންމެ ފަހަރަކު، އެކަމާ ގުޅޭގޮތުން ބަހުސްތައް ވަގުތުން ފެށިގެންދެއެވެ.
މި ސިލްސިލާގެ ފުރަތަމަ ލިޔުންތައް ޝާއިޢުކުރުމާއެކު، 1959 އާއި 1966 އާ ދެމެދުގެ އަހަރުތަކުގެ ވާހަކަ އަލުން ދެކެވެން ފެށިއެވެ. އެކި އާއިލާތަކުން އެއް ބަޔަކާ މެދު ދެކެނީ އެކި ގޮތަށެވެ. ބައެއް މީހުންނަށް ތަދު ހަނދާންތަކެއް ގެނުވައިދޭ މީހުންގެ ދިފާއުގައި އަނެއް ބަޔަކު ވާހަކަދެއްކިއެވެ. މީގެ ކުރިން ލިޔެވިފައި ނުވާ އެތައް ތަޖުރިބާތަކެއްގެ ވާހަކަ ބައެއް މީހުން ހިއްސާކުރިއެވެ. އަދި މި ހާދިސާތަކުގެ މާ ފަހުން އުފަންވި މީހުންވެސް، އެ ވާހަކަތަކަކީ ޖީލުން ޖީލަށް ކިހާ ފުންކޮށް ދަތުރުކޮށްފައިވާ ވާހަކަތަކެއްކަން ހާމަވާ ފަދަ ސާބިތުކަމަކާއެކު ބަހުސްތަކުގައި ބައިވެރިވިއެވެ. ބައެއް ފަހަރު އެ ބަހުސްތައް ކިޔާއިރު، އެއީ މާ ދުރު ތާރީޚެއްގައި ހިނގާފައިވާ ކަންކަން ނޫން ކަމުގެ އިހުސާސް ކުރެވެއެވެ. އަދި މި ތާރީޚާ މެދު އުފެދޭ ޚިޔާލުތަފާތުވުންތަކަކީ ހަމައެކަނި މި ހާދިސާ ހިނގި ގޮތާ މެދު އުފެދޭ ޚިޔާލުތަފާތުވުންތަކެއް ނޫންކަންވެސް ސާފުވިއެވެ. ގިނަ އާއިލާތަކަކަށް މިކަން ގުޅިފައިވަނީ އެމީހުން ލޯބިވާ މީހުންނާއި، ލިބުނު ގެއްލުންތަކާއި، އަދި އެމީހުން ބޮޑުވަމުން އައިއިރު އިވުނު ވާހަކަތަކާއެވެ.
ގދ. ތިނަދޫގެ ތަރައްޤީއާއި ކުރިއެރުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައިވާ، ނަމަވެސް އެ މީހުންގެ މަސައްކަތާ އެކަށީގެންވާ މިންވަރަށް ނަން މަޝްހޫރުވެފައިނުވާ އެތައް ބަޔަކު އަދިވެސް އެބަތިއްބެވެ. މި ލިޔުންތަކުގެ ސިލްސިލާ ނިމުމަކަށް އަންނައިރު، މި ހުރިހާ ފަރާތްތަކާ ގުޅޭގޮތުންނާއި، އަދި ޚިޔާލުތަފާތުވުންތައް ހުރި ފަރާތްތަކާ ގުޅޭގޮތުންވެސް މުހިންމު ވާހަކައެއް ދައްކަންޖެހެއެވެ. މި ތާރީޚު ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ބޭނުންނަމަ، އެ ތާރީޚުގައި ހިމެނޭ ފަރާތްތަކާމެދު އިންސާފުކުރާނެ ގޮތެއް އަޅުގަނޑުމެން ކަނޑައަޅަންޖެހެއެވެ. އެއީ މީހަކަށް ކުރެވިފައިވާ ކުށަކަށް ބަލައި އެ މީހެއްގެ މުޅި ޝަޚުޞިއްޔަތު އެ ކުށުގެ މައްޗަށް ބިނާނުކޮށް، އެކަން ބަލައިގަންނާނެ ގޮތާއި، އެއް އާއިލާއެއްގެ ތަދާއި ވޭނުގައި ހިފަހައްޓާއިރު އަނެއް އާއިލާއެއްގެ އިހުސާސްތަކަށް އިޙުތިރާމުކުރާނެ ގޮތެވެ. އަދި ސިޔާސީ ނުފޫޒާއި އާއިލީ ތައައްސުބުން އެއްކިބާވެ، ޚިދުމަތްތެރިންގެ އަގު ވަޒަންކުރާނެ ހަމަހަމަ އުސޫލެއް ބިނާކުރާނެ ގޮތެވެ.
މި ތާރީޚަކީ ހަމައެކަނި މާޒީގެ ވާހަކަތަކެއް ނޫނެވެ. މިއީ މިއަދުވެސް އާއިލާތަކުގެ ތެރޭގައި ދިރިހުރި، ގެއްލިދިޔަ ފޮނި ހަނދާންތަކާއި، ވަކިވެދިޔަ ލޯބިވާ ފަރާތްތަކުގެ ހަނދާންތަކެވެ. މިއީ ކާބަފައިންގެ ކިބައިން ވާރުތަވެފައިވާ ވަފާތެރިކަމާއި، އެ ދުވަސްވަރު އެހާދިސާތައް ތަޖުރިބާކުރި މީހުން ފަދައިން މިއަދުގެ ޖީލުތަކަށްވެސް އިހުސާސްކުރެވޭ ފުން ތަދުތަކެކެވެ. މި ސިލްސިލާގެ ފަހު ލިޔުމުގައި އެ އަހަރުތަކުގެ ހާދިސާތައް އަލުން ތަކުރާރުކުރާކަށް އަޅުގަނޑު ބޭނުމެއް ނޫނެވެ. އެކަން ކުރީގެ ލިޔުންތަކުގައި ވާނީ ގެނެސްދީފައެވެ. އޭގެ ބަދަލުގައި އަޅުގަނޑު ބޭނުންވަނީ އެ ހަނދާންތަކާ މެދު މިއަދު އަޅުގަނޑުމެން އަމަލުކުރަންވީ ގޮތާ މެދު ސުވާލު އުފެއްދުމަށެވެ. އަދި އާބާދީ 70، 80 ނުވަތަ 100 ފާހަގަކުރާނެ ޖީލުތަކަށް އަޅުގަނޑުމެން ދޫކުރަން ބޭނުންވަނީ ކޮންކަހަލަ ތާރީޚެއްތޯ ސުވާލުކޮށްލުމަށެވެ.
މި ހަނދާންތަކާ މެދު އަޅުގަނޑުމެން ވިސްނަންވީ ގޮތުގެ ފުރަތަމަ އުސޫލަކީ، ޞުލްޙަވުމަކީ އެންމެންނަކީވެސް އެއްވަރަކަށް ރަނގަޅު ބައެއް ކަމަށް ދެއްކުމެއް ނޫން ކަމެވެ. އެޒަމާނުގައި ހަގީގަތުގައިވެސް ކުރަންޖެހޭ ޝަކުވާތަކެއް ހުއްޓެވެ. އަދި ޢަދުލު އިންސާފުން ބޭރުވާ ކަންކަމާ ދެކޮޅަށް ތެދުވުމަކީ އޭގެ ޒާތުގައި ގޯސް ކަމެއް ނޫނެވެ. ނަމަވެސް، އޮތް ހައްގު ޝަކުވާއެއްގެ ސަބަބުން، ސިޔާސީ ވެރިންނަށް އެހެން މީހުންގެ މައްޗަށް މުތުލަގު ބާރުތަކެއް ލިބިގެނެއް ނުވެއެވެ. ފުރަތަމަ އަދި ދެވަނަ ފަހަރަށް ހަމަނުޖެހުން ހިންގި ފަރާތްތަކުން ނުރައްކަލުގެ ތެރެއަށް ހުށަހެޅީ ހަމައެކަނި އެމީހުންގެ އަމިއްލަ ނަފްސެއް ނޫނެވެ. އެމީހުންގެ ނިންމުންތަކުގެ ސަބަބުން، އެ ކުރިމަތިލުންތަކަށް އެއްބަސްނުވާ އަދި އެކަމުގެ ނުރައްކަލާ މެދު އިންޒާރުދިން އާއިލާތައްވެސް، ސަލާމަތްވެވޭނެ އެއްވެސް މަގެއް ނެތް ފަދަ ނަތީޖާތަކަކާ ކުރިމަތިލާން ޖެހުނެވެ.
ލީޑަރަކަށްވުމަކީ ހަމައެކަނި ބާރުވެރި ފަރާތްތަކާ ކުރިމަތިލުމުގެ ހިތްވަރު ހުރުމެއް ނޫނެވެ. އޭގެ މާނައަކީ، ކުރިމަތިލުމަކުން ނާކާމިޔާބީއާ ކުރިމަތިލާންޖެހިއްޖެ ހާލަތެއްގައި ވާނީ ކިހިނެއްތޯ އާއި، ރައްޔިތުންނަށް ރައްކާތެރިކަން ދޭނީ ކޮންބައެއްތޯ އާއި، އާއިލާތައް ދާނީ ކޮންތާކަށްތޯ އާއި، ކުޑަކުދިންނާއި ދޮށީއުމުރުގެ މީހުންގެ ސަލާމަތްތެރިކަން ކަށަވަރުކުރާނީ ކިހިނެއްތޯ އަދި މި ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ މީހުންނަކީ އެކަމަށް ފުރިހަމައަށް އެއްބަސްވެގެން ތިބި ބައެއްތޯ ސުވާލުކޮށް، އެކަންކަމަށް ވިސްނުމެވެ. ރުޅިވެރިކަމަކީ ދިފާއީ ރޭވުމެއް ނޫނެވެ. ދެވޭ އިންޒާރުތަކަށް ބެލުމެއްނެތި، އަދި އޭގެ އަގު އަދާކުރަންޖެހޭ ރައްޔިތުން ރައްކާތެރިކުރުމުގެ އެއްވެސް އަމަލީ ގާބިލުކަމެއް ނެތި ކުރިމަތިލުންތައް ކުރިއަށްގެންދާނަމަ، އެއީ ލީޑަރުން ކަމަކަށް އަޅުގަނޑު ނުދެކެމެވެ. އެއީ އިންތިހާއަށް ޒިންމާދާރުކަން ކުޑަ ޢަމަލުތަކެވެ.
މިކަމުގައި ދިވެހި ދައުލަތުން އަމަލުކުރި ގޮތަކީވެސް ވަކިން އޮތް، ނުހަނު ބޮޑު އަނިޔާވެރިކަމެކެވެ. ބަޢާވާތުގެ ހަރަކާތެއްގެ ވެރިން ކުރި އެއްވެސް ކަމަކީ، މުޅި އާބާދީއަކަށް އަދަބު ދިނުމަށް ސަރުކާރަށް ލިބޭ ހުއްދައެއް ނޫނެވެ. ތިނަދޫގެ ރައްޔިތުން ރަށުން ބޭރުކޮށް، ގެދޮރާއި މުދާ ސުންނާފަތިކޮށް، އާއިލާތައް ރަށުން ބޭރުކޮށް، ބަނޑުހައިހޫނުކަމާއި، މަރާއި، ޖަލުގެ އަނިޔާ، އެ ރައްޔިތުން ތަހައްމަލު ކުރިއެވެ. ބޮޑެތި މީހުން ނިންމާ ސިޔާސީ ނިންމުންތަކުގެ ސަބަބުން ކުޑަކުދިންނަކީ ސިޔާސީ ކުށްވެރިންނަށް ވެގެންނުވާނެއެވެ. ތިނަދޫ ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅި ވެރިންގެ ފަރުވާކުޑަކަމަކީ ދައުލަތުން ހިންގި ލާއިންސާނީ އަމަލުތައް ދިފާއުކުރެވޭނެ އުޒުރެއް ނޫނެވެ. ހަމައެފަދައިން ދައުލަތުގެ އަނިޔާވެރިކަމަކީ، އެ ނުރައްކާތެރި ހާލަތު އުފެއްދުމަށް މަގުފަހިކުރި މީހުން ކުށުން ބަރީއަވާނެ ސަބަބެއްވެސް ނޫނެވެ. އެއް ގޯހަކުން އަނެއް ގޯހެއް ފޮރުވައެއް ނުދެވޭނެއެވެ.
ތިނަދޫގެ ކޮންމެ އާއިލާއަކީވެސް އެ ދުވަސްވަރުގެ ހިތްދަތި ހަނދާންތަކެއް އުފުލަންޖެހުނު ބައެކެވެ. ބައެއް މީހުންނަށް އެމީހުންގެ ލޯބިވާ ދަރިންނާއި، ގާތް ތިމާގެ މީހުން ވަކިވެގެންދިޔަ ހިތާމަ ކުރިމަތިވިއިރު، އަނެއް ބަޔަކަށް ގެއްލިގެންދިޔައީ އެތައް ޖީލެއް ވަންދެން ބިނާކުރި ގެދޮރާއި، މުދަލާއި، ދިރިއުޅުމުގެ ވަސީލަތްތަކެވެ. އަދި އޭގެ ފަހުން އައި ޖީލުތައް ބޮޑުވީ އެ ހިތްދަތި މާޒީގެ އަސަރުތަކުން ދުވަހަކުވެސް މިންޖުނުވެވުނު މައިންބަފައިންނާއި ކާފަ މާމައިންގެ ހިޔަލުގައެވެ.
ކޮންމެ މީހަކަށް ލިބުނު އަނިޔާ ތަފާތުވި ނަމަވެސް، އިންސާނިއްޔަތުކަމަކީ ސިޔާސީ މިންގަނޑުތަކުން މިންކުރަންޖެހޭ އެއްޗެއް ނޫންކަމެވެ. އާއިލާއަށް ލިބުނު ހިތްދަތިކަމާއި އަނިޔާގެ ވާހަކަ ބުނެދިނުމުގެ ކުރިން، އެމީހެއްގެ ކާބަފައިންނަކީ ކުށެއްނެތް މައުސޫމް ބައެއްކަން ސާބިތުކޮށްދޭކަށް އެކަކަށްވެސް މަޖުބޫރެއް ނުކުރެވޭނެއެވެ. "މިއީ އަހަރެންގެ އާއިލާއަށް ދިމާވި ގޮތް، އަދި މީގެ ސަބަބުން ލިބުނުވޭން ވަރަށް ބޮޑު" ކަމަށް ބުނުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. އަދި މިފަދަ ހިތްދަތިކަމެއް ތަހައްމަލު ނުކުރާ އެއްވެސް އާއިލާއެއް ތިނަދޫއަކު ނެތެވެ. މިއީ މުޅި ރަށެއްގެ އާބާދީއަކާ މެދު މަދުން ނޫނީ ނުބުނެވޭނެ ޖުމުލައެކެވެ.

މި ތާރީޚުގައި ހިމެނޭ ކޮންމެ އިންސާނަކީވެސް އިންސާނީ ކަރާމާތް ލިބިގެންވާ މީހެކެވެ. އޭގެ މާނައަކީ ކޮންމެ ނިންމުމަކަށް އިހުތިރާމް ކުރަންޖެހުމެއް ނޫނެވެ. ނުވަތަ ކުށެއް ކުރި މީހަކު ފަހުން ތަހައްމަލުކުރި ހިތްދަތިކަމަކުން އޭނާ ކުރި ގޯސްކަންކަން ފޮރުވުމެއްވެސް ނޫނެވެ. އިންސާނީ ކަރާމާތަކީ ހަމައެކަނި ރަނގަޅު އަޚްލާގަކަށް ދެވޭ މެޑެއްޔެއް ނޫނެވެ. އެއީ މީހަކު ކުރި ކަމެއް ކުށްވެރިކުރާއިރުވެސް، އެމީހެއްގެ ކިބައިގައި ދެމިއޮންނަ އެއްޗެކެވެ. މީހަކު ފަރުވާކުޑަކޮށް، އަނިޔާވެރިކޮށް ނުވަތަ ގޯސްކޮށް އަމަލުކޮށްފައި އޮތަސް، އެއީވެސް ކޮންމެވެސް މީހެއްގެ ދަރިއެކެވެ. ބައްޕައެކެވެ. ފިރިއެކެވެ. އަދި އެމީހަކު ގެއަށް އަންނާނެ އިރަކަށް ދަރިން އިންތިޒާރުކުރި މީހެކެވެ. މީހަކު ކުރާ ނުރަނގަޅު އަމަލެއް، ކިތަންމެ ހަރުކަށިކޮށް ވިޔަސް ކުށްވެރިކުރުމުގެ ގާބިލުކަން އަޅުގަނޑުމެންގެ ކިބައިގައި ހުންނަންވާނެއެވެ. ނަމަވެސް، އެ މީހަކު ކުރި އެންމެ ގޯސް ކަންތަކަށް ބަލައި، އިންސާނެއްގެ ގަދަރާއި ކަރާމާތުގެ އަގު ވަޒަންކުރުން ދޫކޮށްލައިގެން ނުވާނެއެވެ. އަޅުގަނޑުމެން ކުރާ ހުކުމްތަކުގެ ސަބަބުން، އެ އަމަލުގެ ފަހަތުގައިވާ އިންސާނާ ނުފެންނަ ހިސާބަށް ކަންކަން ދާނަމަ، އެއީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސުން ވެސް މުހިންމު އިންސާނީ ސިފައެއް އުނިވެފައިވާ ކަމުގެ ނިޝާނެކެވެ.
މިއީ އަޑުއެހުން ކިތަންމެ އުނދަގޫ ކަމަކަށް ވިޔަސް، އެކަކު އަނެކަކު ދައްކާ ވާހަކަ އަޑުއެހުން މުހިންމުވާ ސަބަބެވެ. އެއް އާއިލާއަކުން ނުހަނު ލޯތްބާއެކު ހަނދާން އާކުރާ ކާފައަކީ، އަނެއް އާއިލާއަކަށް ވޭނުން ފުރިގެންވާ ހަނދާނަކަށް ވެދާނެއެވެ. މީހަކީ އެހެން ބަޔަކަށް ތަދާއި ކެކުޅުން ދީފައިވާ މީހަކަށް ވެފައި، ފަހުން އޭނާއަށް ވެސް އެފަދަ ބޮޑެތި އަނިޔާ ތަހައްމަލު ކުރަން ޖެހިފައި އޮވެދާނެއެވެ. މި ދެކަމަކީ ވެސް ހަގީގަތަކަށް ވެދާނެއެވެ. އޭނާ އުފުލި ތަކުލީފުތަކުގެ ސަބަބުން އޭނާ ކުރި ގޯސް ކަންތައްތަކެއް ފިލައިގެން ނުދެއެވެ. ހަމައެފަދައިން، އޭނާ ކުރި ގޯސް ކަންތައްތަކުގެ ސަބަބުން އޭނާ އުފުލި ވޭނާއި، އޭނާގެ އާއިލާއަށް ލިބުނު ބިރުވެރިކަމާއި ހިތާމައަކީ ނުވާ ކަމަކަށް ވެސް ނުވެއެވެ. އެހެން އާއިލާއަކުން އެމީހުންގެ ވާހަކަތައް ކިޔައިދޭއިރު، ވަގުތުން އަޅުގަނޑުމެންގެ އަމިއްލަ ތުހުމަތުތަކުން ރައްދު ދިނުމަކީ މަޖުބޫރު ކަމެއް ނޫނެވެ. އަޑުއެހުމަކީ ކުރި ކުށުން ބަރީއަކުރުމެއް ނޫނެވެ. އަދި ހަމްދަރުދީވުމަކީ ތާރީޚު އޮޅުވައިލުމެއް ވެސް ނޫނެވެ. އެހެން އާއިލާއެއްގެ ވޭނާއި ކެކުޅުންތަކަށް ޖާގަ ދިނުމަކީ، އަޅުގަނޑުމެންގެ އަމިއްލަ ތަދުތަކަށް އޮތް ނުރައްކަލެއް ނޫނެވެ. އެއީ މި ދެ ހަގީގަތަށް ވެސް އެކުގައި ދެމިއޮވެވޭނެތީއެވެ.

ތިނަދޫއިން މީހުން ބޭލި ހާދިސާއާއި އޭގެ ކުރިން ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި އެކަކު އަނެކަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިން ބައެއް މީހުންގެ އަމަލުތަކުން ހާމަވަނީ، އިންސާނުންނަކީ ސިޔާސީ ލޭބަލްތަކެއްގެ ފަހަތުގައި ފޮރުވި ގެއްލިދާންޖެހޭނެ ބައެއް ނޫންކަމެވެ. އެގޮތުން، ފުރަތަމަ ހަމަނުޖެހުމުގެ ތެރޭގައި ނ.ތ. ހަސަން ދީދީއަށް ލާއިންސާނީ އަނިޔާދީ ފުރާނައަށް ނުރައްކާވި ހިނދު، އޭނާއަށް ބަޔަކު ހިމާޔަތް ދިނެވެ. ދެވަނަ ހަމަނުޖެހުމުގައި އިބްރާހީމް ޝިހާބަށް ހަމަލާދޭން އުޅުމުން، އެކަން ހުއްޓުވައި އޭނާ ސަލާމަތްކުރީ ތިނަދޫގެ ރައްޔިތުންނެވެ. އަޅުގަނޑުގެ އާއިލީ ތާރީޚުން އެނގެން އޮތް ގޮތުގައި، ތިނަދޫގައި ބަޣާވާތްކުރި ފަރާތްތަކުގެ ތެރޭގައި ހިމެނޭ ބައެއް މީހުންވެސް، މޫސާ ފަތުޙީގެ ފުރާނަ ސަލާމަތްކުރުމަށް އެހީތެރިވެދިނެވެ. މި ދެންނެވި މީހުންނަކީވެސް އެހެން އެންމެންނެކޭ އެއްފަދައިން، މުޖުތަމަޢުގެ އެކި ފިއްތުންތަކާއި ވަފާތެރިކަމުގެ އިހުސާސްތަކުގެ ތެރޭގައި ދިރިއުޅެމުންދިޔަ ބައެކެވެ. އެހެންނަމަވެސް، އެހެން އިންސާނަކު ކުރިމަތީ ހުއްޓުނު ހިނދު، އިތުރު އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބުނަ ނުދިނުމަށް އެމީހުން އިސްކަންދިނެވެ.
އަޅުގަނޑުމެންގެ ހިތަށް އުނދަގޫވާ ހާލަތްތަކުގައި ވެސް، އަދަބު އަޚްލާގާއި އިންސާފު މިނެކިރަން ވާނީ އެއް ހަމައަކުންނެވެ. ތިނަދޫގެ ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް މަސައްކަތްކުރި ބަޔަކު، ގައްދޫގެ ރައްޔިތުންނަށް އަނިޔާވެރިވެ، އެ މީހުންގެ މުދަލަށް ގެއްލުން ދީފައިވަނީ އެ ރަށުގެ ސިޔާސީ ފިކުރާ ގުޅުވައިގެންނެވެ. އެއީ ނުބައި އަމަލެކެވެ. އޭގެ ފަހުން ތިނަދޫއަށް ކުރިމަތިވި ހިތާމަވެރި ހާދިސާތަކުގެ ސަބަބުން، ކުރިން ގައްދޫއަށް ދިން އަނިޔާގެ ކުށް ކުޑައެއް ނުވެއެވެ. ތިނަދޫގެ ދަރިއެއްގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ ރަށުގެ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ތިޔަބޭފުޅުންގެ ކާބަފައިންނަށް ލިބުނު އަނިޔާ އާއި ތަކުލީފުތަކަށްޓަކައި އަމިއްލަ ހިތުގެ ތަސައްލީއަށްޓަކައި ގައްދޫގެ ރައްޔިތުންގެ ކިބައިން ނުހަނު ލަދުވެތިކަމާއެކު މާފަށް އެދެމެވެ. ތިނަދޫގެ ރައްޔިތުންގެ ވޭނާއި އަނިޔާގެ ވާހަކަ ދައްކާއިރު އެހެން މީހުން އެ އަޑުއެހުމަށް އަޅުގަނޑުމެން އެދޭ ފަދައިން، ގައްދޫގެ ރައްޔިތުން އެ މީހުންގެ ތަދުތަކުގެ ވާހަކަ ދައްކާއިރު، އެވާހަކަތައް އަޑުއެހުމުގެ އަދަބުވެރިކަންވެސް އަޅުގަނޑުމެންގެ ކިބައިގައި ހުންނަންވާނެއެވެ.
އަޅުގަނޑުގެ އާއިލާއަކީ ވެސް މި ތާރީޚުގެ ބައެކެވެ. މޫސާ ފަތުހީއަށް ކުރިމަތިވި ކަންކަމާއި، އިބްރާހީމް ޝިހާބާއި އޭނާގެ އާއިލާއަށް ވީގޮތް އަޅުގަނޑަށް އެނގެއެވެ. ނަމަވެސް، މިއަދު ދުނިޔޭގައި ދިރިތިބި މީހުންނަކީ އެއްވެސް މީހަކަށް ގޯނާއެއް ކުރި، ނުވަތަ މީހެއްގެ ގެދޮރު ސުންނާފަތިކުރި، ނުވަތަ އެ ދުވަސްވަރުގެ ސިޔާސީ ނިންމުންތައް ނިންމި ބައެއް ނޫނެވެ. ކުށުގެ މަސްއޫލިއްޔަތަކީ އާއިލީ ނަސަބުން ވާރުތަވާ ކަމެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. އަދި މީހަކަށް ލިބިފައިވާ އާއިލީ ނަމެއްގެ ސަބަބުން، އެ މީހަކަށް އެހެން ބައެއްގެ އިލްޒާމުތަކާއި ޒިންމާތައް އުފުލަން ޖެއްސުމުގެ އެއްވެސް ޝައުގުވެރިކަމެއްވެސް އަޅުގަނޑުގެ ނެތެވެ.
މި ތާރީޚަކީ އަޅުގަނޑުމެންގެ އަމިއްލަ މިލްކެއް ނޫނެވެ. މިއީ ވަގުތީ ގޮތުން އަޅުގަނޑުމެންނާ ހަވާލުވެފައިވާ އަމާނާތެކެވެ. ވަގުތު ޖެހުމުން، މި ދައްކާ އެއްވެސް ވާހަކައެއްގައި ބައިވެރިނުވާ އަންނަން އޮތް ޖީލުތަކާ މި ތާރީޚު އަޅުގަނޑުމެން ހަވާލުކުރަންޖެހޭނެއެވެ. އަޅުގަނޑުމެންނަކީ މި ތާރީޚު އުފެއްދި މީހުންނެއް ނޫނެވެ. އަޅުގަނޑުމެންނަކީ އޭގެ ބަލަދުވެރިންނެވެ.
މި ޒިންމާގެ މުހިންމުކަން ހާމަކޮށްދޭ އެންމެ ރަނގަޅު މިސާލަކީ، ރަށުގެ ނަމެވެ. މިއަދު "ހަވަރު ތިނަދޫ" މި ނަމަކީ ފަޚުރުވެރިކަމާއެކު ކިޔާ ނަމެކެވެ. އަދި އާ ޖީލުގެ ބައެއް ޒުވާނުންގެ މެދުގައި "ހަވަރު" މި ބަހަކީ ބާރުގަދަ ނުވަތަ ޝަރަފުވެރި ލަގަބެއްގެ ގޮތުގައި ވަނީ ބަލަން ފަށާފައެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މި ނަމަކީ 1960ގެ އަހަރުތަކުގައި ތިނަދޫއިން ދެއްކި ސާބިތުކަމާއި އެ ރަށް ފަޅުކޮށްލުމާ ގުޅިފައިވާ ނަމެކެވެ. އަނެއް ބަޔަކަށް ވިސްނިފައިވަނީ މިއީ މާ ކުރިން އެ ރަށަށް ދީފައިވާ ޝަރަފުގެ ނަމެއްގެ ގޮތުގައެވެ. ނަމަވެސް، 1962 ގެ ހާދިސާގެ އެތައް ގަރުނެއް ކުރިންވެސް ތިނަދޫ މަޝްހޫރުވެފައިވަނީ "ހަވަރު ތިނަދޫ" ގެ ނަމުންނެވެ. 2011 ވަނަ އަހަރު ތިނަދޫ ކައުންސިލުން އެ ނަން އަލުން އިއާދަކުރުމަށް މަސައްކަތް ކުރިއިރު، އޭރުގެ ކައުންސިލްގެ ރައީސް އަޙްމަދު ނަޞީރު ވެސް ވަނީ "ހަވަރު" މި ބަހަކީ ސުވާދީބު ދުވަސްވަރާ ގުޅުންހުރި ބަހެއް ކަމަށް އާންމުން ދެކޭ ގޮތް ދޮގުކުރައްވާފައެވެ. އަދި ވަޒީރުންގެ މަޖިލީހުގައި މި ހުށަހެޅުމާ މެދު މަޝްވަރާކުރެވުނު އިރު، ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ އެކަން އެގޮތަށް ސާފުކޮށްދެއްވާފައެވެ.
މާޒީގެ ތާރީޚަށް ބަލާއިރު، މިއީ ޝަރަފުގެ ނަމަކަށްވުރެ ބޮޑަށް މުޅިން ތަފާތު ކަމަކަށް އިޝާރާތްކުރާ ނަމެކެވެ. "ހަވަރު" އަކީ އޭރު ރަދުންގެ އަސްކަރީ ލަޝްކަރަށް ކިޔުނު ނަމެކެވެ. މިއީ އެ ޒަމާނުގައި ހަ ބަޔަކަށް ނުވަތަ ހަ ވަރަށް ބަހާލެވިފައިވާ ލަޝްކަރަކަށް ވާތީ ކިޔުނު ނަމެކެވެ. ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި، ތިނަދޫގެ ނަމާއި "ހަވަރު" ގުޅުނީ ބޮޑު ތަކުރުފާނުގެ ރަސްކަމުގައި ހަވަރުން ތިނަދޫގައި ކުރި ހަނގުރާމައަކާއި ގުޅިގެންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ދެކެވެމުން އައިސްފައިވާ އަދި ބައެއް ލިޔެކިޔުންތަކުގައި ވާގޮތުން، އެ ރަށަށް މި ލަޝްކަރު ފޮނުވުނީ ރަށުގެ ރައްޔިތުން އިސްލާމްދީން އަލުން ދޫކުރުމާ ގުޅިގެންނެވެ. އެހާ ކުރީގެ ވާހަކައެއްގެ ތަފްސީލުތަކާ މެދު ޚިޔާލުތަފާތުވުންތައް ހުރި ނަމަވެސް، ހެއްކާއި ގަރީނާ އެއް ގޮތަކަށް ފެންނަން ނެތް ކަންކަމުގައި ކަނޑައެޅިގެން ވަކި ގޮތެއް ނިންމުމަކީ ރަނގަޅު ގޮތެއް ނޫނެވެ.
ނަމަވެސް، އޭގެ ފަހުން ކަން ހިނގާފައިވާ ގޮތް ވަރަށް ސާފެވެ. ތިނަދޫ އޮތީ ހަވަރުގެ ބާރުގެ ދަށުގައެވެ. ރަށުގެ ބިމާއި ވަސީލަތްތަކަކީ ހަވަރަށް އޮންނަ ތަންތަން ކަމަށް ކަނޑައަޅައި، އެތަންތަން ވަރުވާއަށް ތިނަދޫގެ ރައްޔިތުންނަށް ދޫކުރިއެވެ. އަދި ކޮންމެ އަހަރަކު މާލޭގައި ތިބޭ ހަވަރަށް ވަރުވާގެ ގޮތުގައި އެކި ބާވަތުގެ މުދާ ފޮނުވަން ޖެހެއެވެ. އެހެންކަމުން، ތިނަދޫ ރައްޔިތުންނަކީ އަމިއްލައަށް ހަވަރެއް ނޫނެވެ. އަދި މިއީ އަސްކަރީ ޝަރަފެއްގެ ގޮތުގައި ދެވުނު ނަމެއް ކަމަށް ބެލެވޭނެ އެއްވެސް ބުރަދަނެއް ހުރި ސަބަބެއްވެސް ނެތެވެ. މި ނަމަކީ އެ ރަށް ހިންގުމަށް ހަވާލުކުރެވުނު އަސްކަރީ ބާރު ސިފަކޮށްދޭ ނަމެކެވެ.

ޒަމާންތަކަށް ފަހު މި ނަން މާނަކުރާ ގޮތަށް އައިސްފައިވާ ބަދަލަކީ ވަރަށް ބޮޑު ހައިރާންކަމެއް ލިބޭ ކަމެކެވެ. 1979 ވަނަ އަހަރު އާންމުކޮށް ބޭނުންކުރާ ނަމުން "ހަވަރު" އުނިކުރިއިރު، އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައިވަނީ، އެ ނަމުގެ ސަބަބުން ރަށުގެ ގިނަ ރައްޔިތުންނަށް ނުތަނަވަސްކަން ލިބޭ ކަމަށާއި، އެ ނަން ބަދަލުކުރުމަށް ގިނަ ބަޔަކު މަރުހަބާ ކިޔާފައިވާ ކަމަށެވެ. ނަމަވެސް، އޭގެ އެތައް އަހަރެއް ފަހުން އެ ނަމުގެ އަސްލު ނޭނގޭ ތިނަދޫގެ ޒުވާނުން އެ ނަން ސިފަކުރަނީ އެއީ އެ ރަށުގެ ބާރުގަދަކަމާއި ހައިބަތު ރަމްޒުކޮށްދޭ ނަމެއްގެ ގޮތުގައެވެ.
މި މައްސަލަ އަޅުގަނޑުމެންނަށް ފަރިތަ މިސާލަކުން ބަޔާންކުރާނަމަ، އެއީ 1962 ވަނަ އަހަރުގެ ހާދިސާއާ ގުޅުންހުރި "ސިލްވަރ ކްރެސްޓް" ލޯންޗުގެ ނަމުން މިހާރު ތިނަދޫއަށް "ސިލްވަރ ކްރެސްޓް ތިނަދޫ" އޭ ކިޔުން ފަދަ ކަމެކެވެ. އަދި މީގެ ޒަމާންތަކެއް ފަހުން، އޭރުގެ ޒުވާނުންނަށް "ސިލްވަރ ކްރެސްޓް" އަކީ ތިނަދޫގެ ހިތްވަރުގަދަކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވިފައިވާ ޝަރަފުވެރި ލަގަބެއް ކަމަށް ގަބޫލުކުރެވޭ ހާލަތެއް މެދުވެރިވުން ފަދަ ކަމެކެވެ. "ސިލްވަރ ކްރެސްޓް" އަކީ ކޯއްޗެއްކަން މިއަދު އަޅުގަނޑުމެންނަށް އެނގޭތީ، އެފަދަ އޮޅުމެއް އަރައިފިނަމަ އެއީ މަޖާ ކަމަކަށް ވެދާނެއެވެ. ނަމަވެސް، "ހަވަރު" މި ނަމުގެ އަސްލު މާނައާއި އެ ނަން ކިޔުނު ސަބަބު ހަނދާނުން ފޮހެވިގެންދާ ވަރަށް މިހާރު ވަނީ ޒަމާންތައް ފާއިތުވެފައެވެ.
މިއަދުގެ ޒުވާނުން "ހަވަރު ތިނަދޫ" މި ނަން އަލުން ބޭނުންކުރަން ފަށައި، އެއީ ފަޚުރުވެރިކަމާއި، އަމިއްލަވަންތަކަމާއި، ނުގުޑާ އަޒުމުގެ ރަމްޒެއްގެ ގޮތުގައި ބަލައިގަތުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. އަދި ބަހަކަށް ނުވަތަ ނަމަކަށް މިއަދު ދޭ މާނައަކީ މާޒީގައި އެ ނަން އޮތް ގޮތުގައި ހިފެހެއްޓިފައި އޮންނަންޖެހޭ އެއްޗެއް ވެސް ނޫނެވެ. ނަމަވެސް، އާ މާނައެއް ދިނުމާއި ތާރީޚީ އަސްލާ ދެމެދު އޮތް ތަފާތު އަޅުގަނޑުމެން ދަންނަންޖެހެއެވެ.
2011 ވަނަ އަހަރު ތިނަދޫ ކައުންސިލުން އެ ނަން އަލުން ބޭނުންކުރަން ކުރި މަސައްކަތަކީ، އެއީ އޭގެ ޒާތުގައި އެ ބޭފުޅުންނަށް ތާރީޚު އޮޅިފައި އޮތުމުން ކުރި ކަމެއް ނޫނެވެ. މި ނަމާ ގުޅޭގޮތުން އުފެދިފައިވާ އޮޅުންބޮޅުންތަކުން ލިބިދޭ އެންމެ މުހިންމު ފިލާވަޅަކީ، ބަހެއްގެ ފަހަތުގައިވާ ތާރީޚީ ހަގީގަތްތައް އަންނަން އޮތް ޖީލުތަކަށް އޮޅުންފިލާފައި ނެތް ނަމަ، އެ ނަމަކަށް މާ ހިތްގައިމު މާނަތަކެއް އަމިއްލައަށް އުފެއްދުމުގެ ފުރުސަތު އޮންނަކަމެވެ. ތިނަދޫގެ ފަޚުރުވެރި ތާރީޚަކީ އަމިއްލައަށް އުފައްދާފައިވާ "ޝަރަފުވެރި" ނަމަކަށް ބޭނުންވާ ތާރީޚެއް ނޫނެވެ. އެ ރަށުގެ ހަގީގީ ތާރީޚުގައި އެއަށްވުރެ މާ ފުން އަދި މާ މުހިންމު ފިލާވަޅުތަކެއް އެކުލެވިގެންވެއެވެ.
އަންނަން އޮތް ޖީލުތަކަށް މި ތާރީޚު ފޯރުކޮށްދޭއިރު، އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް އޭގެ ސިފަ ބަދަލުކުރުމުގެ އެއްވެސް ހައްގެއް އަޅުގަނޑުމެންނަށް ލިބިގެންނުވެއެވެ. އަޅުގަނޑުމެން ގަބޫލުކުރާ ފަލްސަފާއަކަށް ބާރުދޭ މީހުން މާ މާތްކޮށް ދެއްކުމާއި، ހަގީގަތް ހާމަވުމުން ރަށުގެ ނަމަށް ހުތުރުވާ ނޫނީ ހިތަށް އުނދަގޫވާ ފަދަ މީހުން ތާރީޚުން ފޮހެލުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އަންނަން އޮތް ޖީލުތަކަށް ހައްގުވަނީ، މިއަދުގެ މުނާސަބަތުތަކާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ ފަސޭހަ ވާހަކަތަކެއް ނޫނެވެ. އޭގެ ބަދަލުގައި އެމީހުންނަށް ފޯރުކޮށްދޭންޖެހޭނީ ހިނގާފައިވާ ކަންކަން އޭގެ ހަގީގީ ސޫރައިގައެވެ.
ވަކި ހަނދާންތަކެއް އެކަނި އާކުރުމުގެ ސަގާފަތާމެދު އަޅުގަނޑު މިހާ ފުންކޮށް ކަންބޮޑުވަނީ މި ސަބަބަށްޓަކައެވެ. ތިނަދޫގެ މުސްތަޤުބަލަށްޓަކައި އެތައް އަހަރެއްގެ ޤުރުބާނީއެއް ވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން މިއަދުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވިއެވެ. ބާއްވާ ރަސްމިއްޔާތުތަކާއި، ދެވޭ ތަޤުރީރުތަކުގެ ތެރެއިން ނަންގަނެވޭ ބޭފުޅުންނާއި، އަޅާނުލައި ދޫކޮށްލެވޭ ނަންތައް އެ ބޭފުޅުންނަށް އަޑުއިވިވަޑައިގަންނަވައެވެ. މި ޖަލްސާތައް ނިމެންދެން އެބޭފުޅުން އެބޭފުޅުންގެ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ޒައްރެއްގެ މިންވަރުވެސް ފެނޭތޯ ތިއްބެވިއެވެ. އެ ބޭފުޅުންގެ މަސައްކަތްތަކުގެ ވާހަކަ ތަކުރާރުކޮށް އުނިކުރެވޭއިރު، އެބޭފުޅުންނަށް ކުރާނެ އަސަރު ހިތަށް ގެންނަން ޖެހެއެވެ. އެއީ އެ މުޖުތަމަޢެއް ބިނާކުރުމުގައި އެ ބޭފުޅުން ބައިވެރިވި މުޖުތަމަޢުގެ އާންމު ހަނދާންތަކުން، އަމިއްލަ ހިއްސާ ފޮހެވިގެންދާތަން ބަލަން ތިއްބެވި ދިރިތިއްބެވި އިންސާނުންނެވެ. އެއިން ޖަލްސާއެއްގެ ކުރީ ސަފުން ގޮނޑިއެއްގެ މިންވަރުވެސް އެބޭފުޅުންނަށް ހައްގު ކަމަށް ނުދެކެނީއެވެ. މިއީ އިންތިހާއަށް ލަދުވެތި ވާންޖެހޭ ކަންކަމެވެ. މާޒީގައި ހިނގާފައިވާ ކޮންމެ ބޭއިންސާފު ކަމެއް އަޅުގަނޑުމެންނަށް އިސްލާހު ނުކުރެވުނު ނަމަވެސް، ވަކި ކަންކަން އެކަނި ހަނދާންކުރުމުގެ ސަގާފަތުގެ ތެރެއިން އިތުރު ބޭއިންސާފު ކަންކަން އުފަންކުރުވަންވީ އެއްވެސް ސަބަބެއް ނެތެވެ.
ތިނަދޫއަކީ ޝަރަފުވެރި ޚިދުމަތްތެރިންނަށް ބަލާއިރު ތަދު ރަށެއް ނޫނެވެ. މަގުތަކާއި، މަދަރުސާތަކާއި، ހޮސްޕިޓާތަކާއި، އާންމު އިމާރާތްތަކަށް ނަން ދިނުމުގައި، މި ރަށަށް ޚިދުމަތްކުރެއްވި ބޭފުޅުން ހޯދުމަކީ ދަތި ކަމަކަށް ވެގެން ނުވާނެއެވެ. އަޅުގަނޑުމެންގެ ތާރީޚުން ފެންނަން އޮތީ އުނގަންނައިދިނުމާއި، ބަލިމީހުންނަށް ފަރުވާދިނުމާއި، ގެދޮރު ބިނާކުރުމާއި، އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމާއި، މުއައްސަސާތައް ބިނާކޮށް، އެއްވެސް އުޖޫރައަކާ ނުލައި އިޚްލާޞްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރެއްވި އެތައް ބަޔަކު އުޅުއްވި ތަނެވެ. ޝަރަފާއި އިއްޒަތް ދޭންވާނީ އެ މީހަކު ކޮށްފައިވާ އަމަލީ މަސައްކަތާއި، ވެފައިވާ ގުރުބާނީއަށް ބަލައިގެންނެވެ. އެއީ ސިޔާސީ މަންފާއަކަށް، ނުވަތަ ވަކި އާއިލާއަކުން އައި ބޭފުޅަކަށް ވީތީއެއް ނޫނެވެ.
މިކަން އެންމެ ބޮޑަށް ހާމަވެގެންދަނީ ތިނަދޫ އަލުން އާބާދުކުރުމަށް ކުރެވުނު މަސައްކަތްތަކުންނެވެ. ދެވަނަ ފަހަރަށް ތިނަދޫ އާބާދުވުމަށް ފަހު ހިނގައިދިޔަ ކަންތައްތަކަކީ ބުނެލާ ބަހަކުން ފުދޭވަރަށްވުރެ މާ ބުރަ އަދި ދަތި އުނދަގޫ ކަންތައްތަކެކެވެ. 22 އޯގަސްޓް 1966ގެ ފަހުން އެނބުރި އައި ރައްޔިތުންނާ ކުރިމަތިލާންޖެހުނީ ސަރުކާރަކުން ހުރިހާ ކަމެއް ފުރިހަމަ ކޮށްފައި އޮތް ރަށަކާއެއް ނޫނެވެ. އެމީހުން ޖެހުނީ އަމިއްލަ ގޯތިތަކުން ވީރާނާވެފައިވާ ތަންތަނާއި ބޭނުންނުވާ ގަސްތައް ސާފުކޮށް، ގަލާއި ވެލި އުކާލައި، ވަޅުކޮނެ، އިމާރާތްކުރުމަށް ބޭނުންވާ ތަކެތި އެއްކޮށް، ދާއިމީ ގެދޮރު އެޅެންދެން ވަގުތީ ހިޔާވަހިކަން ގާއިމުކުރާށެވެ. މި ހުރިހާ މަސައްކަތެއް ކުރަމުންދިޔައިރުވެސް، އާއިލާތައް ބެލެހެއްޓުމަށްޓަކައި މަހަށް ދިއުމާއި، އާމްދަނީ ހޯދުމާއި، އާންމު ދިރިއުޅުން އާރާސްތުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދިޔައެވެ. ގެދޮރާއި މުޖުތަމައު ބިނާކުރުމުގެ މި ބޮޑު މަސައްކަތުގެ ބޮޑުބައެއް ނިންމާފައިވަނީ ސަރުކާރުގެ ސީދާ މާލީ ނުވަތަ މާއްދީ އެއްވެސް އެހީތެރިކަމަކާ ނުލައި، ރައްޔިތުންގެ އަމިއްލަ ވަގުތާއި ވަސީލަތްތައް ބޭނުންކޮށްގެން ނުހަނު އަވަސް މުއްދަތެއްގެ ތެރޭގައެވެ. މަދު އަހަރުތަކެއްގެ ތެރޭގައި ރަށުގެ ސިފަ އެއްކޮށް ބަދަލުވެގެންދިޔައީ، އެއީ ދާދި ފަހުން މީހުން އާބާދުވާން ފެށި ރަށެއްކަން ހީވެސްނުވާ ފަދަ ފުރިހަމަ ގޮތަކަށެވެ.
މިއަދު އަޅުގަނޑުމެންނަށް މިފެންނަ ތިނަދޫގެ ސިފަ ބައްޓަންވެގެން ދިޔައީ އެ ދުވަސްވަރު ކުރެވުނު ބުރަ މަސައްކަތްތަކުގެ ތެރެއިންނެވެ. އޭރުގެ އެކި އާއިލާތަކުން އިސްނަގައިގެން އެމީހުންގެ ގޯތިތަކާ އިންވެގެން ހުރި މަގުތައް ކޮށައި ސާފުކޮށް އެއްވަރުކުރިއެވެ. ރަށުގެ އާންމު ސަރަހައްދުތަކާއި، އަދި އެކި ބޭނުންތަކަށް ބޭނުންކުރާ އިމާރާތްތައް ބިނާކުރުމަށް ބޭނުންވާ ތަކެއްޗާއި މަސައްކަތްތެރިކަން ފޯރުކޮށްދިނީ ޚުދު ރަށުގެ ރައްޔިތުންނެވެ. އަހުމަދު ހަބީބާއި، މުހައްމަދު ޒުހައިރާއި، މުހައްމަދު ރަޝީދު ފަދަ ބޭފުޅުންގެ އިސްނެންގެވުމުގެ ދަށުން، ރަށުގެ ޒުވާނުން އިޖުތިމާއީ މަސައްކަތްތަކަށް މީހުން ނެރުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ. މީގެ ތެރެއިން ބައެއް ބޭފުޅުންނަކީ ވަކިވަކި މަޝްރޫއުތައް ރާވައި ބެލެހެއްޓުމުގައި އިސްކޮށް އުޅުއްވާފައިވާތީ ލިޔެކިޔުންތަކުން ނަންތައް ފެންނަން ހުރި ނަމަވެސް، އެ ބޭފުޅުންގެ ފަހަތުގައި ތިއްބެވީ "ތިނަދޫގެ ރައްޔިތުން"ގެ ނަމުގައި އެއްވެސް ވަރުބަލިކަމެއް ނެތި މަސައްކަތްކުރި އެތައް ބަޔެކެވެ.
ތިނަދޫގައި އަލުން މީހުން ވަޒަންވެރިވިއިރު އެރަށުގައި ކުރިން ހުރި ފާލަންތައް ހަލާކުވެ ނެތިގޮސްފައިވާތީ، ގަލުން ފާލަމެއް އެޅުމުގެ މަސައްކަތަކީ މި ދެންނެވި އިޖުތިމާއީ ރޫހު އެންމެ ފުރިހަމައަށް ފެނިގެންދިޔަ އެއް މިސާލެވެ. މޫސާ ފަތުހީގެ އިސްނެންގެވުމާއެކު، އޭރުގެ މަސްދޯނިފަހަރުގެ ވެރިންނާއި ކެޔޮޅުންގެ އެއްބާރުލުން ހޯދައި، މުޅި މުޖުތަމައު އެކި ގްރޫޕުތަކަށް ބަހާލެވުނެވެ. ބައެއް މީހުން ފަރުފަރަށް ގޮސް ގާ ނަގައިގެން ގެނައިއިރު، އަނެއް ބަޔަކު ތިބީ އެއްގަމުގައި އެ މަސައްކަތަށް އެހީތެރިވުމަށެވެ. ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި އެ ދުވަހުގެ ހެނދުނު ހަތެއް ޖެހިއިރު ފެށި މަސައްކަތް، ހަވީރު ފަހެއް ޖެހިއިރު އޮތީ އެއްކޮށް ނިންމާލާފައެވެ. ތިނަދޫ އަލުން ބިނާކުރެވުނީ ހަމައެކަނި ދެއްކި ވާހަކައަކުން ނޫނެވެ. އެއީ ރައްޔިތުން އަމަލީ ގޮތުން ނުކުމެ، ގާ އުފުލައި، މަގުތައް ހަދައި، ބިން ހިއްކައި، ފާރުތައް ރާނައި، ވަޅުތައް ކޮނެ، އަދި މަހަށް ގޮސް އުޅުމަށްފަހު، ޖެހިގެން އައި ދުވަހުވެސް ހަމަ އެ އަޒުމުގައި މަސައްކަތަށް ނުކުމެ ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. މިޒަމާނުގައި ހުރި ވަސީލަތްތަކާއެކު އޭރު މި މަސައްކަތްތައް ކުރިއިރު އުފުލަން ޖެހުނު ބުރަ ހިތަށްވެސް ގެންނަން އުނދަގޫވާނެއެވެ. މި ހުރިހާ ކަމަކީ އެތައް ބަޔަކު އެއްވެސް ވަރުބަލިކަމެއް ނެތި ހިލޭ ސާބަހަށް ކުރި މަސައްކަތްތަކެވެ.

ލިޔެކިޔުންތަކުން ފެންނަން ހުރި ނަންތަކުގެ ޒިކުރާ އާކުރަންޖެހޭއިރު، އެއީ ތިނަދޫ ބިނާކުރުމުގައި ހަރަކާތްތެރިވި ހުރިހާ އެންމެންގެ ނަންތައް ކަމުގައި ބަލައިގެން ނުވާނެއެވެ. ތާރީޚުގައި އާންމުކޮށް ނަން ލިޔެވެނީ ކަމެއް ރޭވުމުގައި އިސްކޮށް އުޅޭ މީހުންގެއެވެ. ނަމަވެސް އެކަން އަމަލީގޮތުން ކުރަން ނުކުތް އެތައް ސަތޭކަ ބައެއްގެ ނަންތައް އޮންނަނީ އޮޅުންބޮޅުންވެފައެވެ. ބައެއް މީހުން އިރުޝާދު ދިނެވެ. ބައެއް މީހުން މާލީ އެހީތެރިކަން ދިނެވެ. ބައެއް މީހުން ދޯނިފަހަރު ދިންއިރު، އަނެއް ބަޔަކު ފަންނީ ހުނަރުވެރިކަން ފޯރުކޮށްދިނެވެ. އަދި ގިނަ ބަޔަކު ދިނީ އެމީހުންގެ އަމަލީ މަސައްކަތެވެ. ތިނަދޫ އަލުން ބިނާވެފައިވަނީ އެ އެންމެންގެ ބުރަ މަސައްކަތުގެ ސަބަބުންނެވެ. "އާބާދީ 60" ގައި އެ އެންމެހާ ފަރާތްތަކަށް ޖާގަ އޮންނަންވާނެއެވެ. މިކަމުގެ މަޤްޞަދަކަށް ވާންވީ މުޅި މުޖުތަމަޢެއް އަލުން ހަރަކާތްތެރި، ބާރުވެރި ބަޔަކަށް ބަދަލުވެގެން ދިޔަ ގޮތް، ލިބެންހުރި ހެކިތަކުގެ އެހީގައި އެންމެ ތެދުވެރިކަމާއެކު ތާރީޚުގެ ތެރެއިން ހަނދާން އާކޮށްދިނުމެވެ.
މުއައްސަސާތަކުގެ ކާމިޔާބީ ފާހަގަކުރާއިރު ވެސް، އެފަދަ ތަންތަނުން ތެދުވެރިކަމާއެކު ކަންކަން ހާމަކުރުމަކީ މުހިންމު ކަމެކެވެ. މަދަރުސާއެއްގެ އަހަރީ ދުވަސް ފާހަގަކުރާއިރު، އެ މަދަރުސާއެއްގެ ބިންގާ އެޅި ފަރާތްތަކުގެ ހަނދާން އާކުރުމަކީ މިހާރުގެ މަދަރުސާއަށް އުނިކަމެއް އަންނާނެ ކަމެއް ނޫނެވެ. އަހަރީ ދުވަހެއް ފާހަގަކުރުމުގެ ހަގީގީ މަގްސަދަކީ ވެސް އެއީއެވެ. މިއަދު އަޅުގަނޑުމެން މިދެކޭ މަދަރުސާއަކީ އެއްދުވަހަކުން، ހުރިހާ އިމާރާތްތަކަކާއި، މުވައްޒަފުންނާއި، އަދި އަހަރީ ދުވަހުގެ ޕްރޮގްރާމްތަކާއެކު އުފެދުނު ތަނެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ކުރިން އުޅުއްވި ބޭފުޅުން ފެއްޓެވި މަސައްކަތްތަކުގެ ކުރިއެރުމެވެ. އަމިއްލަ ލެޔާ ދަލާ އޮހޮރުވައިގެން އެއްވެސް އަމިއްލަ އެދުމެއް އަދި މަންފާއެއް ނެތި އަމިއްލަ ފަރުދުން ކުރެއްވި ބުރަ މަސައްކަތްތަކެވެ. އެ ކަންކަމުގެ ހަނދާން އާކުރުމަކީ މިހާރު އެތަނުގައި ޚިދުމަތް ކުރައްވާ ބޭފުޅުންގެ އަގު ކުޑަވާނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ އެ މުއައްސަސާއެއްގެ ތާރީޚު އިތުރަށް ފުރިހަމަވާ ކަމެކެވެ.
އެ ހާދިސާތަކުގެ މައުލޫމާތުގައި ހުރި އުނިކަންތައްތައް ރަނގަޅުކުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. ތިނަދޫ އަލުން އާބާދުކުރުމުގައި އަމަލީގޮތުން ބައިވެރިވި ބައެއް ބޭފުޅުން މިއަދުވެސް ދުނިޔޭގައި އެބަތިއްބެވިއެވެ. އަދި އެ ދުވަސްވަރުގެ ކަންކަން ހަނދާން ހުރި އެތައް ބަޔަކު އެބައުޅެއެވެ. އެ ބޭފުޅުންނާ ބައްދަލުކޮށް މައުލޫމާތު ސާފުކުރެވިދާނެއެވެ. މާޒީގެ ބައެއް ފޮޓޯތަކަކީ ކޮން ތަންތަނެއް ނުވަތަ ކޮން ބައެއްކަން އަދިވެސް ދެނެގަނެވިދާނެއެވެ. ކަންކަން ހިނގި ތާރީޚުތަކާއި މީހުންގެ ނަންތައް އިސްލާހުކޮށް، މީހުންގެ ހަނދާންތަކާއި ލިޔެކިޔުންތަކާއި ހެކިބަސްތައް އަޅާކިޔައި ކަށަވަރުކުރެވިދާނެއެވެ. މި ތާރީޚު ދަންނަ އެންމެ ފަހު މީހާވެސް މި ދުނިޔެއާ ވަކިވެގެންދަންދެން މަޑުކޮށްގެން ނުވާނެއެވެ. އަދި އެއަށްފަހު، ހިތާމައާއެކު ތާރީޚު އޮޅުންބޮޅުންވެފައިވާ ކަމަށް ބުނުމުގެ ބޭނުމެއް ނެތެވެ. އިޚުލާޞްތެރިކަމާއެކު އެ ބޭފުޅުންގެ ހަނދާންތައް އާކުރުމަށް އަޅުގަނޑުމެން އެދޭނަމަ، ސުވާލުކުރަންވީ ވަގުތަކީ އެ ބޭފުޅުން ޖަވާބުދެއްވަން ތިއްބެވި ވަގުތެވެ. އަދި ޝުކުރު އަދާކުރަންވީ ވަގުތަކީ އެ ބޭފުޅުންނަށް އެ އަޑު އިވޭނެ ފުރުޞަތު އޮތް މި ވަގުތެވެ.

އަންނަން އޮތް ޖީލުތަކަށްޓަކައި، ތާރީޚީ ގޮތުން ޚިލާފު އުފެދިފައިވާ ކަންކަމުގައި އަމަލުކުރާނެ މިއަށްވުރެ ރަނގަޅު އުސޫލެއް އޮތުން މުހިންމެވެ. އެގޮތުން ހެކި ހޯދުމަށް ބާރުއަޅަންޖެހެއެވެ. ލިޔެކިޔުންތަކުން ސާބިތުވާން ހުރި ކަންކަމާއި، ހަމައެކަނި ގަބޫލުކުރެވޭ ކަންކަން ވަކިކޮށް ދެނެގަންނަންޖެހެއެވެ. ޔަގީންކަމެއް ނެތް ކަންކަމުގައި އެއީ ޔަގީން ނޫން ކަންކަން ކަމަށް އިއުތިރާފުވާންޖެހެއެވެ. އަދި އަމިއްލަ އާއިލާއިން ނުވަތަ ތާއީދުކުރާ ސިޔާސީ ފިކުރަކުން ގަބޫލުކުރަން ބޭނުންވާ ގޮތާ ޚިލާފަށް، ސާފު ހެކިތަކެއް ފެންނަން އޮތް ނަމަ، އެ ހެކިތަކަށް އުނި އިތުރު ގެނައުމުގެ ބަދަލުގައި، މާޒީއަށް އިހުތިރާމްކޮށް އެ ވާހަކައެއް އިސްލާހުކުރުމުގެ ހިތްވަރު ހުންނަންވާނެއެވެ. ތާރީޚަކީ ހަމައެކަނި އެންމެ ބާރަށް ވާހަކަދައްކާ ބައެއްގެ މިލްކަކަށް ވެގެން ނުވާނެއެވެ.
މި ސިލްސިލާ މިހިސާބުން ނިމުނު ކަމުގައި ވިޔަސް، ތިނަދޫގެ މާޒީގެ ހަނދާންތައް އާކުރުމުގެ މަސައްކަތް ހުއްޓާލައިގެން ނުވާނެއެވެ. އެ ބައެއްގެ ޚިދުމަތްތައް އެންމެ ފުރިހަމައަށް ރެކޯޑު ކުރެވިފައި ނުވާ އެތައް ބަޔަކު އަދިވެސް އެބަތިއްބެވެ. އަދި ހުރިހާ ވާހަކަތަކަކީ ފޮތްތަކުން ނުވަތަ ރަސްމީ ލިޔެކިޔުންތަކުން ފެންނަން ހުންނާނެ ވާހަކަތަކެއްވެސް ނޫނެވެ. ބައެއް މަޢުލޫމާތުތައް އަދިވެސް ހުރީ އާއިލީ ހަނދާންތަކާއި، މާޒީގެ ފޮޓޯތަކާއި، ދުވަހަކުވެސް ލިޔެވިފައި ނުވާ ވާހަކަތަކުގެ ގޮތުގައެވެ. އެ ހަނދާންތައް ރައްކާކުރި ފަރާތްތައް ދުނިޔޭގައި ތިއްބަވަނިކޮށް، އެ މަޢުލޫމާތުތައް ހޯދައި ރައްކާތެރިކުރަން ޖެހެއެވެ.
އާބާދީ 70، 80 ނުވަތަ 100 ފާހަގަކުރާ މީހުން، އަޅުގަނޑުމެންގެ މެދުގައި ހުރި ބައެއް ދެބަސްވުންތަކަށް ބަލައި، އެކަންކަމުގައި އަޅުގަނޑުމެން އެހާ ބޮޑަށް ހިފަހައްޓައިގެން ތިބީ ކީއްވެގެންތޯ ސުވާލު އުފައްދާނެއެވެ. އަޅުގަނޑުމެންނަށް ލިބުނު ރެކޯޑްތަކަށްވުރެ ފުރިހަމަ ރެކޯޑްތަކެއް އެމީހުންނަށް ލިބުމަކީ އަޅުގަނޑުގެ އުންމީދެކެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އަޅުގަނޑު އެދެނީ، އެމީހުންނަށް ލިބޭ ތިނަދޫއަކީ އޯގާތެރިކަން އިސްކުރާ ރަށަކަށް ވުމެވެ. މީހަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ކުރިން، އޭނާގެ ކާފައަކީ ކޮން ފިކުރެއްގެ މީހެއްތޯ ސުވާލުކުރުމުގެ ބަދަލުގައި، އެހީވުމުގައި އަވަސްވެގަންނަ ބަޔަކަށް އެމީހުން ވާނެކަމަށް އުންމީދުކުރަމެވެ. މާޒީގެ ހިތްނުތަނަވަސްކަން ހިފެހެއްޓުމުގެ ބަދަލުގައި، މާފުކުރުމަށް އިސްކަންދޭ، އަދި އަމިއްލަ އާއިލާއަށް ލިބުނު ހިތާމަތަކާއެކުވެސް، އެހެން އާއިލާއެއްގެ ތަދާއި ވޭނުގެ ވާހަކަ އަޑުއެހުމުގެ ހިތްވަރު ހުރި ބަޔަކަށް އެމީހުން ވާނެކަމަށް އުންމީދުކުރަމެވެ. މި ތާރީޚުގައި ހިމެނޭ ކޮންމެ ނަމަކީވެސް، އޭގެ ކުރިން އިންސާނެއް ކަމާއި، އެއީ ލޯބިދީ ލޯބިލިބުނު، ބިރުގަނެ ހިތާމަކުރި، ނާކާމިޔާބީއާ ކުރިމަތިލި، ޚިދުމަތްކުރި އަދި ބައެއް ފަހަރު އާދަޔާޚިލާފު ހިތްވަރެއް ދެއްކި މީހެއްކަން ހަނދާން ބަހައްޓާނެ ކަމަށް އުންމީދުކުރަމެވެ.
ތިނަދޫ އަލުން އާބާދުކުރަން ކުރި މަސައްކަތްތަކުގެ ވާހަކަތަކުން އަޅުގަނޑުމެންނަށް ސާފު ފިލާވަޅެއް ލިބިގެންދެއެވެ. އެނބުރި އައި ރައްޔިތުން އައީ ވަކިވަކި ރަށްތަކެއް ބިނާކުރާނެ ބައިބައިވެފައިވާ ބައެއްގެ ގޮތުގައެއް ނޫނެވެ. އެމީހުން އެއްކޮށް މަގުތައް ސާފުކޮށް، ފާރުތައް ރާނައި، އާންމު ޚިދުމަތްތަކަށް ބޭނުންވާ ގާ އުފުލައި، އެންމެން ގުޅިގެން އެއް މުޖުތަމައެއް ބިނާކުރިއެވެ. ކުރިން އެކި މީހުންގެ މެދުގައި ކިތަންމެ ބޮޑު ޚިޔާލު ތަފާތުވުމެއް އޮތްކަމުގައިވިޔަސް، ރަށް އަލުން ބިނާކުރުމުގެ މަސައްކަތް ކުރަންޖެހުނީ އެކަކު އަނެކަކާ ގުޅިގެންނެވެ. މިއީ ތިނަދޫގެ ދެވަނަ އާބާދީގެ އެންމެ މުހިންމު ތަރިކައަށް ވެދާނެއެވެ. އެއީ ހިނގައިދިޔަ ހުރިހާ ކަމަކަށްފަހުވެސް، އެއްވެސް އިތުރު ބައެއްގެ އެހީތެރިކަމަކާ ނުލާ އެ ރަށުގެ ރައްޔިތުން ގުޅިގެން ތިނަދޫ އަލުން ބިނާކުރާނެ ހިތްވަރު ހޯދައި އެކަން އަމަލީ ގޮތުން ކުރީތީއެވެ.








