އާބާދީ60: ހަކީމް ހުސައިން އަފީފާއި ތިނަދޫގެ ބޭސްވެރިން

ތިނަދޫގައި ހުރި ސިއްހީ މަރުކަޒު

ތިނަދޫގައި ހުރި ސިއްހީ މަރުކަޒު

ގދ. ތިނަދޫގެ ދެވަނަ އާބާދީއަށް 60 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، މިއީ އެ ރަށުގެ ރައްޔިތުން އެނބުރި ރަށަށް އައިސް ދިރިއުޅުން އަލުން އާރާސްތުކުރަން ފެށިތާ 60 އަހަރު ފުރުނު މުނާސަބަތެވެ. މިފަދަ މުހިންމު ތާރީޚީ ދުވަހެއް ފާހަގަކުރާއިރު، އެތަކެއް ޖީލުތަކަކަށް ދެމިގެން ދިޔަ ޚިދުމަތްތައް ތިނަދޫއަށް ކޮށްދެއްވި، އަދި މިއަދު އާންމުންގެ ހަނދާނުން ފޭދެމުންދާ ނަންތައް އާކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މި ސިލްސިލާގެ މަގުސަދަކީ އެފަދަ ބޭފުޅުންގެ ނަންތައް އަލުން ދިރުވައި، އެ ބޭފުޅުން ކޮށްދެއްވި ޚިދުމަތްތައް ރެކޯޑުކުރުމެވެ. އެއީ އަންނަން އޮތް ޖީލުތަކަށް ތިނަދޫގެ ތާރީޚުގެ މުހިންމު ހާދިސާތަކުގެ އިތުރުން، މުޖުތަމައަށްޓަކައި އަމިއްލަ އިލްމާއި މަސައްކަތުން ޚިދުމަތްކުރި އަގުހުރި ފަރުދުންގެ ހަނދާންތައް ވާސިލުކޮށްދިނުމަށެވެ.

މި ސިލްސިލާގެ ފުރަތަމަ ލިޔުން ޚާއްޞަކުރެވިފައިވަނީ، ސަރުކާރުގެ ސިއްހީ މަރުކަޒެއް ގާއިމުވުމުގެ ކުރިން ތިނަދޫގެ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށްޓަކައި މަސައްކަތްކުރެއްވި އަލް މަރްހޫމް ޙަކީމް ޙުސައިން އަފީފާއި، އަޙްމަދު ހިލްމީ (ދޮން ދީދީގެ އަޙައްމައިދި)ގެ އިތުރުން ކުންނާރުގޭ ބެއްޔާގެ ނަމުން މަޝްހޫރުވެފައިވާ ކުންނާރު ޢަލި ތަކުރުފާނަށާއި އެހެނިހެން ބޭސްވެރިންނަށެވެ. އެ ބޭފުޅުންގެ ޚިދުމަތުގެ ބޮޑުކަން ވަޒަންކުރެވޭނީ އެ ދުވަސްވަރުގެ ހާލަތަށް ބަލައިލުމުންނެވެ. ރަށުގެ މީހަކު ބޮޑު ބައްޔެއްގައި އުޅޭއިރު، އެހީތެރިކަމަށް އެދި ދާނެ ސިއްހީ މަރުކަޒެއް ނުވަތަ ހޮސްޕިޓަލެއް އޭރަކު ނެތެވެ. އެފަދަ ދަނޑިވަޅުތަކުގައި މުޅިންވެސް ބުރަވާން ޖެހެނީ ރަށުގައި ތިއްބެވި ބޭސްވެރިންގެ އިލްމާއި، ތަޖުރިބާއާއި، އެ ބޭފުޅުން ނިންމަވާ ނިންމެވުންތަކުގެ މައްޗަށެވެ.

މުޙައްމަދު ޒުހައިރު ލިޔުއްވާފައިވާ "ހަވަރު ތިނަދޫއިން މީހުން ބޭލުމުގެ ކުރިއާއި އޭގެފަސް" މިފޮތުގައި ބަޔާންކުރައްވާފައިވާ ގޮތުން، އެއީ ރާއްޖޭގައި ނިޒާމީ ސިއްހީ ޚިދުމަތް އަދި ކިރިޔާ ފެށެމުން އައި ދުވަސްވަރެކެވެ. މާލޭގައި ވެސް ޑޮކްޓަރުންގެ ލަފާގެ މަތިން ސަރުކާރުން ސިއްހީ ޚިދުމަތް ދޭން ފަށާފައިވަނީ 1948 ވަނަ އަހަރުގެ ޖެނުއަރީ މަހު ވަރަށް ކުޑަ މިންވަރަކަށެވެ. އަތޮޅުތެރޭގެ ރަށްތަކުގައި ރައްޔިތުން މުޅިންހެން ބުރަވެފައިވަނީ ފަންޑިތައާއި ދިވެހި ބޭސްވެރިކަމުގެ ފަރުވާތަކަށެވެ. ހުވަދުއަތޮޅަކީ ބޭސްވެރިކަމުގެ މުއްސަނދި ތާރީޚެއް އޮތް އަތޮޅެކެވެ. މީގެ ތެރޭގައި ބޭސްވެރިކަމުގެ އިލްމު ހޯދުމަށް އިންޑިއާއަށް ދަތުރުކުރި ބޭފުޅުން ވެސް ހިމެނެއެވެ. އަދި ފަރުވާ ހޯދުމަށް އެހެން ރަށްރަށުން ތިނަދޫއަށް މީހުން ޒިޔާރަތްކުރިކަން ވެސް ތާރީޚުން އެނގެއެވެ.

Advertisement

މި ބޭސްވެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ ޙަކީމް ޙުސައިން އަފީފެވެ. ޒުހައިރު ފާހަގަކުރައްވާ ގޮތުގައި އޭނާއަކީ އިންޑިއާއިން ބޭސްވެރިކަމުގެ އިލްމު އުނގެނިވަޑައިގެން، އަމަލީ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާގެ މަގުބޫލުކަން ހަމައެކަނި ހުވަދުއަތޮޅަށް އޮތީ ހަނިވެފައެއް ނޫނެވެ. މުޙައްމަދު އަމީން ދީދީގެ އެދިވަޑައިގަތުމަކަށް، އޭނާ ވަނީ މާލޭގައި ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރައްވައި ގިނަ ބަޔަކަށް ފަރުވާ ދެއްވާފައެވެ. ތިނަދޫ އަލުން އާބާދުވުމަށްފަހުވެސް، ތައުލީމީ، ސަގާފީ އަދި އިޖުތިމާއީ އެކި ދާއިރާތަކުން މުޖުތަމައަށް ޚިދުމަތް ކުރެއްވުމުގައި އޭނާ ގިނަ އަހަރުތަކެއް ވަންދެން ދެމިހުންނެވިއެވެ. އެހެންކަމުން، ތިނަދޫއިން މީހުން ބޭލުމުގެ ކުރިން އޭނާ ކުރެއްވި މަސައްކަތްޕުޅުތަކަކީ، އޭނާގެ މުޅި ޚިދުމަތުގެ ދިގު ހަޔާތުން ފެންނަން އޮތް މުހިންމު ބާބެކެވެ. ސަރުކާރުގެ ސިއްހީ މަރުކަޒު ގާއިމުވުމުގެ ކުރިން ތިނަދޫގައި ޙަކީމްގެ އިތުރުން އަޙްމަދު ހިލްމީއާއި ކުންނާރުގޭ ބެއްޔާއަކީ ފާހަގަކޮށްލެވޭ ފަދަ މުހިންމު ޚިދުމަތްތަކެއް ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން ފޯރުކޮށްދެއްވި ބޭފުޅުން ކަމުގައި ޒުހައިރު ފާހަގަކުރައްވައެވެ.

ކަނާތުން ވާތަށް: ޙަކީމު ޙުސައިން ޢަފީފް، ކުންނާރު ޢަލި ތަކުރުފާނު، އަދި އަޙްމަދު ޙިލްމީ
ކަނާތުން ވާތަށް: ޙަކީމު ޙުސައިން ޢަފީފް، ކުންނާރު ޢަލި ތަކުރުފާނު، އަދި އަޙްމަދު ޙިލްމީ

އެ ދުވަސްވަރުގެ ސިއްޙީ ހާލަތަށް ބަލާއިރު، އެ ބޭފުޅުން އުފުއްލެވި މަސްއޫލިއްޔަތުގެ ބުރަދަން ވަރަށް ބޮޑަށް ހާމަވެއެވެ. ޒުހައިރު ސިފަކުރައްވާ ގޮތުގައި، ބޭރަށްހިންގުމާއި، ހޮޑުލުމާއި، މެލޭރިޔާ ފަދަ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތަކުގެ އިތުރުން، ޖުޒާމް ބަލި ފަދަ ނުރައްކާތެރި ބަލިތައް އޭރު އާންމުވެފައިވެއެވެ. ބޯފެނުގެ ގޮތުގައި އޭރު ބޭނުންކުރަނީ ވަޅުފެން ކަމަށްވާއިރު، ފެނުގެ ފެންވަރު ބަލާނެ ނިޒާމެއް އޭރު ގާއިމުވެފައެއް ނެތެވެ. އެހެންކަމުން، މުޖުތަމައުގެ ސިއްޙަތު ސަލާމަތްކުރުމަކީ ހަމައެކަނި ބަލިވުމުން ފަރުވާދިނުމެއް ނޫނެވެ. ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތަކީ އެ ބޭފުޅުންގެ ޚިދުމަތުގެ އެންމެ މުހިންމު އެއް ބަޔެވެ.

މިކަން އެންމެ ބޮޑަށް ފާހަގަކުރެވެނީ ތިނަދޫ އޮފީހުން ހަވަރުތިނަދޫ ރައްޔިތުންގެ އާންމު ސިއްޙަތާ ބެހޭ ކަންކަމުގައި ހޭލުންތެރި ކުރުވުމުގެ މަސައްކަތްކުރުމަށް އެކުލަވައިލި ކޮމިޓީގެ މަސައްކަތްތަކުންނެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޓީގެ އިސްވެރިއަކީ ހަކީމް ޙުސައިން އަފީފެވެ. ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވަނީ އަޙްމަދު ޙިލްމީއާއި، ބޭސް ޙަސަން ކަލޭގެފާނާއި، ޢަބްދުލްވައްހާބް (ކުދެކުއްދާ ބޭގެ ތުއްތު ކަލޯ) އަދި ކުންނާރު ޢަލި ތަކުރުފާނެވެ. މި ބޭފުޅުން ތިނަދޫގެ ގޭގެއަށް ޒިޔާރަތްކުރައްވައި، ގޭގޭގެ ވައި ދައުރުވާ މިންވަރު ބައްލަވައި، އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަމުގައި އިރުޝާދު ދެއްވިއެވެ. އަދި މަދިރި އުފެދޭ ތަންތަނާ މެދު އިންޒާރު ދެއްވައި، މީދަލުގެ އުނދަގުލުން ސަލާމަތްވުމާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި، ސާފުތާހިރުކަމުގެ އިތުރުން ބޯފެނާއި ފެންވަރާ ވަޅުތައް ސާފުކޮށް ބެލެހެއްޓުމަށް ބާރުއެޅުއްވިއެވެ.

މީގެ އިތުރުން، މަސްވެރިކަމަށް ބަރޯސާވެފައިވާ ރަށެއްގެ ސާފުތާހިރު ކަމުގެ ހާލަތާ ގުޅޭގޮތުން ވެސް އެ ބޭފުޅުން މަސައްކަތް ކުރެއްވިއެވެ. އެގޮތުން އުކާލެވޭ ކުނި ނައްތާލުމާއި، ގޯތިތެރެ ސާފުކޮށް ބެލެހެއްޓުމާއި، މަސް ގެންގުޅޭ ސަރަހައްދުތަކުގެ ސާފުތާހިރުކަމަށް އިސްކަންދެއްވިއެވެ. ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަމަކީ، މިއީ ހަމައެކަނި އެއްފަހަރު ދީފައި ދޫކޮށްލާ އިރުޝާދުތަކެއް ނޫން ކަމެވެ. މި ކަންކަން ތަންފީޒުކުރޭތޯ ބެލުމަށް ކޮންމެ މަހަކު ދެ ފަހަރު ގޭގެއަށް ޒިޔާރަތްކުރުން އެ ކޮމިޓީގެ މައްޗަށް ލާޒިމުކުރެވިފައިވެއެވެ. މިއީ ސިއްޙީ އެއްވެސް އޮނިގަނޑެއް ގާއިމުވެފައި ނެތް ޒަމާނެއްގައި، މުޅި މުޖުތަމައުގެ ސިއްޙަތު ރައްކާތެރިކުރުމަށް ރޭވުންތެރިކަމާއެކު ކުރެވުނު މުހިންމު މަސައްކަތެކެވެ.

ޒަމާނީ ސިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލްތަކާއި، ތަމްރީނު ލިބިފައިވާ ސިއްޙީ ޚިދުމަތްތެރިންނަށް އާދަވެފައިވާ މިއަދުގެ ޖީލުތަކަށް، އޭރުގެ ބޭފުޅުން އުފުއްލެވި ބުރަ މަސްއޫލިއްޔަތު ވަޒަންކުރުމަކީ ދަތި ކަމަކަށް ވެދާނެއެވެ. އެ ބޭފުޅުން މަސައްކަތް ކުރެއްވީ މިއަދު މި ފެންނަ ފަދަ ވަސީލަތްތަކާއި، އާލާތްތަކާއި، މުއައްސަސާގެ އެހީތެރިކަމެއް ނެތިއެވެ. މީހަކު ވަރަށް ބޮޑަށް ބަލިވާ ހާލަތްތަކުގައި، އެ އާއިލާއަށް އޮތް ހަމައެކަނި އުއްމީދަކީ އެ ބޭފުޅުންގެ ޢިލްމާއި ތަޖުރިބާއެވެ. ހަމައެއާއެކު، އެ ބޭފުޅުންނަކީ ހަމައެކަނި ވަކިވަކި ބަލިމީހުންނަށް ފަރުވާދޭ ބައެއް ނޫނެވެ. ތަޣައްޔަރުވެފައިވާ ފެނާއި، މަދިރިއާއި، ނަޖިސް ބޭރުކުރުމުގެ ނިޒާމު ފަދަ ބަލި ފެތުރޭ ހުރިހާ މަގުތަކަކަށް އެ ބޭފުޅުން ސަމާލުކަން ދެއްވިއެވެ. އެހެންކަމުން އެ ބޭފުޅުންގެ ޚިދުމަތަކީ ހަމައެކަނި ބޭސްވެރިކަމެއް ނޫނެވެ. އެއީ ފަރުވާގެ އެހެން ގޮތްތައް މަދު، އަދި ބަލިމަޑުކަމުގެ ނުރައްކާ ބޮޑު ދުވަސްވަރެއްގައި ފޯރުކޮށްދިން އިންސާނީ މަތިވެރި ޚިދުމަތެކެވެ.

ތިނަދޫ
ތިނަދޫ

ތިނަދޫގެ ސިއްހީ ނިޒާމު ކުރިއެރުވުމުގައި ހިއްސާވި ކޮންމެ މީހަކީ ސީދާ ބަލިމީހުންނަށް ފަރުވާދިނުމުގައި އުޅުނު މީހެއް ނޫނެވެ. ރަސްމީ ސިއްހީ ހިދުމަތްތައް ވަރަށް ބޮޑަށް މަދު ދުވަސްވަރެއްގައި، ތަމްރީނު ލިބިފައިވާ ސިއްހީ އެހީތެރިންނަށް އެމީހުންގެ ޒިންމާތައް އަދާކުރުމަށް މަގުފަހިކޮށްދިން ބަޔަކުވެސް އުޅުނެވެ. މޫސާ ފަތުހީ އަކީ އޭގެ ތެރެއިން އެކެކެވެ. ތިނަދޫ މީހުން ރަށުން ބާލާފައި ތިބި ދުވަސްވަރު، ޖުޒާމް ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ހެލްތު އެސިސްޓެންޓް ޢަބްދުލްކަރީމް އާދަމް ހަވޮއްޑާއަށް ކަނޑައެޅުނުއިރު، އޭނާ ގާތްގަނޑަކަށް ދެ އަހަރު ދުވަހު މަޑަވެލީގައި ދިރިއުޅުއްވީ މޫސާ ފަތުހީގެ ބެލެނިވެރިކަމުގެ ދަށުގައެވެ. މޫސާ ފަތުޙީ އޭނާގެ ކެއިންބުއިމާއި ހުރުމުގެ އިންތިޒާމު އަމިއްލަ ޚަރަދުގައި ހަމަޖައްސަވައިދެއްވުމުގެ އިތުރުން، ހަވޮއްޑާއަށް ކުރަންޖެހޭ ދަތުރުތައް ކުރުމަށް އަމިއްލަ އާއިލީ ދޯނިވެސް ދެއްވިއެވެ. އާންމުގޮތެއްގައި ހަފުތާއަކު ދެ ފަހަރު އަދި ބަލިމީހުން ބޭނުންވާ ހާލަތްތަކުގައި އެއަށްވުރެ ގިނައިންވެސް އެ ދޯނީގައި ދަތުރުތައް ކުރެވުނެވެ.

ތިނަދޫގައި ސަރުކާރުގެ ފުރަތަމަ ސިއްހީ މަރުކަޒު 9 އޯގަސްޓް 1969 ގައި ހުޅުވުމަށްފަހު، އޭރު ތިނަދޫ ކަތީބަކަށް ހުންނެވި މޫސާ ފަތުޙީ، އެތަނުގެ ފުރަތަމަ ހެލްތު އެސިސްޓެންޓް މުޙައްމަދު ޒަކަރިއްޔާ އަށް ބޭނުންވާ ކަންކަން ހަމަޖައްސަވައިދެއްވިއެވެ. އަދި ސިއްހީ މަރުކަޒުގެ މަސައްކަތްތަކަށް ބޭނުންވާ ކޮންމެ ކަމެއްގައިވެސް އޭނާގެ ފަރާތުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބުނުކަން ޒުހައިރު ފާހަގަކުރައްވާފައިވެއެވެ. މި އެހީތެރިކަން އޭގެ ފަހުން ވަޑައިގެންނެވި ހެލްތު އެސިސްޓެންޓުން ކަމަށްވާ އިބްރާހީމް ޙަސަން، ޙުސައިން މޫސާ އަދި ޢަބްދުލްމުހައިމިން އަށްވެސް ލިބިފައިވެއެވެ. އޭރު ސަރުކާރުން އާންމުކޮށް މުވައްޒަފުންނަށް ދެނީ ހަމައެކަނި މުސާރައެވެ. ކެއިންބުއިމާއި ދިރިއުޅުމުގެ އެހެނިހެން ޒަރޫރީ ބޭނުންތައް ހަމަޖައްސަންޖެހެނީ ރަށު ފެންވަރުގައެވެ. ޒުހައިރު ބަޔާންކުރައްވާ ގޮތުގައި މޫސާ ފަތުޙީ މި ހުރިހާ ކަމެއް އިންތިޒާމުކޮށްދެއްވައި، އެ ބޭފުޅުންގެ މަސައްކަތުގައި ދެމިހުންނެވިއެވެ.

އަދި 1971 ވަނަ އަހަރު ގދ. އަތޮޅުވެރިޔާގެ މަގާމުގައި ހުންނަވައިގެން، ތިނަދޫ އޮފީހުގެ ކުޑަ ކޮޓަރިއެއްގައި ހިންގަމުންދިޔަ ސިއްހީ މަރުކަޒު، އަތޮޅު ކޮމިޓީ އިމާރާތުގެ ތަނަވަސް ޖާގައަކަށް ބަދަލުކޮށްދެއްވިއެވެ. އެހެންކަމުން، އޭނާގެ މި ހިދުމަތަކީ ތިނަދޫގެ ސިއްހީ ތާރީޚުގެ މުހިންމު ބައެއް ރަމްޒުކޮށްދޭ ކަމެކެވެ. އެއީ ބަލިމީހުންނަށް ފަރުވާދިން މީހުންގެ އިތުރުން، އަމިއްލަ ވަގުތާއި، ގޭގެ ވަސީލަތްތަކާއި، ދަތުރުފަތުރާއި އިދާރީ އެހީތެރިކަން ފޯރުކޮށްދީގެން މުޖުތަމައަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިން ބަޔަކުވެސް ތިބިކަމެވެ.                 

އާބާދީ 60 ފާހަގަކުރަމުންދާއިރު، ޙަކީމް ޙުސައިން ޢަފީފާއި، އަޙްމަދު ޙިލްމީއާއި، ކުންނާރުގޭ ބެއްޔާގެ އިތުރުން އެބޭފުޅުންނާއެކު ޚިދުމަތްކުރެއްވި އެންމެހައި ފަރާތްތަކުގެ ހަނދާންތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މި ބޭފުޅުންނަކީ ހަމައެކަނި ބޭސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރެއްވި ބައެއްގެ ގޮތުގައި ހަނދާންކުރުމަކީ އެ ބޭފުޅުންގެ ޚިދުމަތުގެ އަގު ވަރަށް ބޮޑަށް ކުޑަކުރުމެވެ. އެ ބޭފުޅުންގެ މަސައްކަތުން ފެނިގެންދިޔައީ އިންސާނިއްޔަތުކަމުގެ މަތިވެރި ނަމޫނާއެކެވެ. ބަލިތަކަށް ފަރުވާ ދިނުމުގެ އިތުރުން، ބަލިތަކުން ރައްކާތެރިވުމަށްޓަކައި ގޭގެއަށް ޒިޔާރަތްކޮށް، މުޅި މުޖުތަމައުގެ ސިއްހަތަށް ހުރި ނުރައްކާތައް ނައްތާލުމަށް އެ ބޭފުޅުން އިސްނަންގަވައިގެން އަދި ވަރަށް ގިނަ ކަންކަމުގައި ހިލޭ ސާބަހަށް މަސައްކަތް ކުރެއްވިއެވެ. ރަސްމީ ސިއްހީ ޚިދުމަތްތައް އިންތިހާއަށް މަދު ޒަމާނެއްގައި، ކަންކަން މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ތިމާގެ އަމިއްލަ އިލްމާއި ތަޖުރިބާ އަނެކުންގެ ލާބައަށްޓަކައި ހޭދަކުރަން ތައްޔާރަށް ތިބި އިޚުލާޞްތެރި ފަރުދުންގެ މައްޗަށެވެ.

 

އެ ބޭފުޅުންގެ ނަންތައް ފޮހެވިގެން ދިއުމަކީ، މި މުޖުތަމަޢުގެ އަޅާލުމާއި އޯގާތެރިކަމުގެ ތާރީޚުން ބައެއް އުނިވެގެންދިއުމެވެ. އަންނަން އޮތް ޖީލުތަކަށް ތިނަދޫގެ މާޒީގެ ހަނދާންތަކުގެ އިތުރުން، މިއަދު އެބަޔަކު ދެކެމުންދާ އުފާވެރި ދިރިއުޅުމުގެ ބިންގާ އެޅުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ޚިދުމަތްތެރީންގެ ނަންތައް ވެސް އެނގެންޖެހެއެވެ. މިއީ އަދި މާ ގިނަ ދުވަސްތަކެއް ނުވާ ފަހުގެ ތާރީޚަކަށް ވާތީ، އެ ބޭފުޅުންނާއި އެ ބޭފުޅުން ކޮށްދެއްވި އަގުހުރި މަސައްކަތްތަކުގެ ހަނދާންތައް ގިނަ އާއިލާތަކެއްގައި އަދިވެސް ދެމިއޮންނާނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

ރަސްމާލެ މަޝްރޫއު: ލީޑަރެއްގެ ނުފޫޒަށްވުރެ ގައުމު ބޮޑު

ރަސްމާލެ މަޝްރޫއަކީ ސިޔާސީ ފިކުރުތަކަށްވުރެ ބޮޑަށް ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާއިރު، މިކަމުގައި ސިޔާސީ ލީޑަރުންގެ ނުފޫޒުން އެއްކިބާވެ މިނިވަންކަމާއެކު ވިސްނަންޖެހެއެވެ. ނަމަވެސް މި މަޝްރޫއުގެ އެއްބަސްވުންތައް ސިއްރުކޮށްފައިވުމާއި މައުލޫމާތު ހާމަނުކުރުމުގެ ސަބަބުން، މިއީ ދައުލަތުގެ ހަޒާނާއަށް ބޮޑު ގެއްލުމެއް ލިބިދާނެ "ސްކޭމެއް" ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

މަޔޮއްޓޭގެ ބާ މިސްކިތް ބިނާކުރީ ދިވެހިންތަ؟

މަޔޮއްޓޭގައި ހުރި ތާރީޚީ ތަންގޯނީ މިސްކިތަކީ ދިވެހިރާއްޖޭގެ ހިރިގަލުގެ ބިނާވެއްޓާއި ގަލުވަޑާމުގެ ފަންނިއްޔާތާ ވަރަށް ބޮޑަށް އެއްގޮތް ސިފަތަކެއް އެކުލެވޭ ބިނާއެކެވެ. މި މިސްކިތް ބިނާކުރުމުގައި ބޭނުންކޮށްފައިވާ އުވަދެވުމާއި ހިރިގާ ކަނޑައިގެން ރޭނުމުގެ އުކުޅުތަކުން، އިންޑިއާ ކަނޑުގެ ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮތް މަސައްކަތްތެރިކަމުގެ ގުޅުން ހާމަވެއެވެ.

ރަސްމާލެ މަޝްރޫއު: ހުވަފެނީ ވާހަކަތަކާއި ޖަވާބު ނުލިބޭ ސުވާލުތައް

މި ލިޔުމަކީ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ތަސައްވުރަކީ ހަގީގަތާ ދުރު، ހިޔާލީ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށް ލިޔެފައިވާ ލިޔުމެކެވެ. މީގެ އިތުރުން، އެ މަޝްރޫއަށް ބޭނުންވާ ބޮޑު ހޭދަ ކުރާނެ ފަރާތަކާއި، ފައިސާ ހޯދާނެ ގޮތަކާ މެދު މި ލިޔުމުގައި ވަނީ ސުވާލު އުފައްދާފަ އެވެ.

ފަތުވާދޭ މަޖިލީހުގެ މެންބަރުންވެސް މަޙްޝަރުގެ ބިން ދެކޭނެ!

ވަރަށް ޔަގީންވާތީ ދަންނަވަމެވެ. އަޅުގަނޑު ވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އިލްމުވެރިންވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ސުވާލުކުރެވޭނެ އެވެ. ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިވުމާމެދު ބަހެއް ނުބުނެ ތިބެގެން ޒިންމާއިން ބަރީއަވެވޭ ހަމަ އެއްވެސް ހުއްޖަތެއް އިލްމުވެރިންމަކަށް ނެތެވެ.

މިސްރުގެ 'މަރާސީ' އާ ބެހޭ ގޮތުން އަލައްބާރު ނުދައްކާ ވާހަކަ

މިސްރުގެ 'މަރާސީ' މަޝްރޫއު ހިންގި މުހައްމަދު އަލްއައްބާރުގެ ކުންފުންޏާ ރަސްމާލެ ތަރައްގީކުރަން ހަވާލުކޮށްފައިވާއިރު، މިސްރުގެ މަޝްރޫއުގައި ވައުދުތަކާ ހިލާފުވުމާއި އާންމުންނަށް ބީޗު މަނާކުރުން ފަދަ ގިނަ މައްސަލަތަކެއް ކޯޓުތަކުގައި އެބަހުއްޓެވެ. އެހެންކަމުން، ރަސްމާލެއިން ބޮޑު ސަރަހައްދެއް 99 އަހަރަށް އެ ކުންފުންޏަށް ދިނުމަކީ މިސްރުގެ ތަޖުރިބާއަށް ބަލާއިރު ދިވެހިންނަށް އޮތް އިންޒާރެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox