ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، އެމްޑީ ގޮލާމް ސަރުވަރު، މުހައްމަދު މުއިއްޒުގެ އަރިހަށް ވަދާއީ ޒިޔަރަތް މިއަދު ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މުއިއްޒު ވަނީ ސާކުގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން ގޮލާމް ސަރުވަރު ކުރެއްވި މަސައްކަތާއި ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ.
ބައްދަލުކުރެއްވުމުގައި މުއިއްޒު ވަނީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ސާކުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައި، ސާކު އިތުރަށް ހަރުދަނާ ކުރުމަށް ދިވެހި ސަރުކާރުންދޭ ސަމާލުކަން ފާހަގަކުރައްވާ އެވެ.
އެމްޑީ ގޮލާމް ސަރުވަރުގެ ވާހަކަފުޅުގައި އޭނާގެ ދައުރުގައި ރާއްޖެއިން ލިބުނު ފުރިހަމަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، ސާކު އުފެއްދުމުގައި ބައިވެރިވި މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެއަކީ އެ ޖަމިއްޔާގެ މުހިންމު ގައުމެއްކަން ފާހަގަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި މުއިއްޒު އާއި އެމްޑީ ގޮލާމް ސަރުވަރު ވަނީ ސާކުގެ މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ސަރަހައްދީ ގުޅުން ބަދަހިކުރުމަށާއި އެންމެން ގުޅިގެން ކުރިއެރުން ހޯދޭނެ ގޮތްތަކާ ބެހޭގޮތުން ހިޔާލު ބަދަލުކުރައްވާފަ އެވެ.

މީގެއިތުރުން ސާކުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ކުރިއަރުވަން ބޭނުންވާ ކަމަށްވެސް ބައްދަލުކުރެއްވުމުގައި މުއިއްޒު ވިދާޅުވި އެވެ.
ސާކް އުފެދުނީ 1985 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގައި ސާކު ޗާޓަރުގައި ސޮއިކުރުމާއެކުގަ އެވެ. ރާއްޖެއަކީ ސާކުގެ ފައުންޑިން މެންބަރަކަށްވާއިރު، ރާއްޖެއިން އަންނަނީ ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.












