މުއިއްޒުގެ ތަސައްވުރެއް، ގާބިލް ކަމެއް ނެތް ކަމަށް އެ ބުނަނީ ކީއްވެ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޑިސެމްބަރު 5, 2023 ގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޑިސެމްބަރު 5, 2023 ގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން

ޑޮލަރުގެ އަގު ރެކޯޑު މިންވަރަކަށް އުފުލި، މުދަލުގެ އަގު އިންތިހާއަށް މައްޗަށް ގޮސްފި އެވެ. ޑޮލަރު ލިބުމާއި ޓީޓީ ހެދުމުގެ ދަތިކަމާއި، މާލޭ ވިޔަފާރި ބަނދަރުގެ ތަކުލީފުތަކުގެ ސަބަބުން ވިޔަފާރިތަކަށް ދަނީ ގެއްލުންތައް ކުރިމަތިވަމުންނެވެ. ވިޔަފާރިތަކަށް ސަރުކާރުން ލިބެންޖެހޭ ފައިސާ ވެސް ނުލިބެ އެވެ. ބަޖެޓު ހުސްވިޔަސް ތަރައްގީގެ މަޝްރޫއުތައް ވައުދާ އެއްގޮތަށް ކުރިޔަކަށް ނުދެ އެވެ. ސިޔާސީ ވަޒީފާތައް އިތުރުކޮށް، ދައުލަތުގެ މާލީ ހާލަތު އިނދަޖެހޭ ހިސާބަށް ވަނީ ގެންގޮސްފަ އެވެ. މިއީ އަދި ކަންބޮޑުވުންތަކުގެ ފެށުމެވެ.

އާ ވެރިޔަކު އިންތިހާބު ކުރަނީ ކުރިޔަށް ވުރެ ހެޔޮ ގޮތެއް ވާނެ ކަމުގެ އުއްމީދުގަ އެވެ. ނަމަވެސް މިހާރު ހުންނެވި ރައީސް މުހައްމަދު މުއިއްޒުއާމެދު ރައްޔިތުން އުއްމީދެއް ނެތް ކަމަށް ވޯޓުން ތަކުރާރުކޮށް ބުނެފި އެވެ. އޭޕްރީލް މަހު ބޭއްވި ރިފަރެންޑަމް ވޯޓާއި ލޯކަލް ކައުންސިލް އިންތިހާބުގައި އެމަނިކުފާނު ބަލިވެފައި ވާއިރު، އިދިކޮޅު ޕާޓީތަކުން ވެސް މުއިއްޒުއާމެދު އެއް ވާހަކައެއް ބުނަން ފަށައިފި އެވެ. އެމަނިކުފާނުގެ ތަސައްވުރެއް ނެތުމާއި ނާގާބިލްކަމުގެ ވާހަކަ އެވެ. 

މުއިއްޒުގެ ނާގާބިލު ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތު ކުރަމުންދަނިކޮށް، އެންމެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ އެ ތުހުމަތުތަކަށް ބާރު ދެއްވާފަ އެވެ.

Advertisement

ޔާމީންގެ ވެރިކަމުގެ ފަސް އަހަރާއި، އެމަނިކުފާނުގެ ނުފޫޒު އޮތް މުހައްމަދު ވަހީދުގެ ވެރިކަމުގެ ދެ އަހަރާއެކު، ޖުމުލަ ހަތް އަހަރު ހައުސިން މިނިސްޓަރަކަށް ހުންނެވީ މުއިއްޒު އެވެ. މުއިއްޒުގެ ގާބިލުކަމާއި ފެންވަރު އެންމެ ކައިރިން ވަޒަންކުރެއްވޭނެ އެއް ބޭފުޅަކީ ޔާމީނެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ހިންގި ބިޔަ މަޝްރޫއުކުގެ ކާމިޔާބީތަކުގެ އެންމެ ބޮޑު ހިއްސާދާރަކީ ވެސް މުއިއްޒު ކަމަށް ޕީއެންސީގެ އިސް ބޭފުޅުންނާއި މުއިއްޒުގެ ސަޕޯޓަރުން ބުނަމުންދާ ވާހަކަތައް، ހުކުރު ދުވަހުގެ ރޭ ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވަނީ އެކަން ދޮގުކުރައްވާފަ އެވެ.

ސިނަމާލެ ބްރިޖާއި، ދަރުމަވަންތަ ހޮސްޕިޓަލް އަދި ސަލްމާން މިސްކިތް ފަދަ ބޮޑެތި މަޝްރޫއުތަކުގެ ކްރެޑިޓް ރައީސް މުޢިއްޒު ނަންގަވާތީ އެކަމަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ، އެއިން އެއްވެސް މަޝްރޫއުއަކީ މުއިއްޒު އިސްނަންގަވައިގެން ފެއްޓެވި ކަންކަން ނޫން ކަމަށެވެ.

"މީގެން އެއްވެސް މަޝްރޫއަކީ މުއިއްޒު އޮރިޖިނޭޓު ކުރެއްވި މަޝްރޫއެއް ނޫން... ބްރިޖުގެ ކަންކަމުގައި މުއިއްޒު ކޮން ކަމެއްތޯ ކުރައްވާނީ، އެއީ ޗައިނާ އެއިޑު. ދަރުމަވަންތަ ހޮސްޕިޓަލްގެ ކަންތަކުގައި ސިންގަޕޫރު ބަޔަކު އައިސް ކުރި މަސައްކަތް. މުއިއްޒުގެ ކޮންޓްރިބިއުޝަނެއް ނޯންނާނެ އެޔަކު،" ޔާމީން ވިދާޅުވި އެވެ. 

މިކަމަށް ދަލީލެއްގެ ގޮތުގައި ޔާމީން ފާހަގަ ކުރެއްވި އެއް ވާހަކައަކީ އެ މަނިކުފާނުގެ ކެބިނެޓުގެ އެއްވެސް ކައުންސިލެއްގައި މުއިއްޒު ހިމަނުއްވާފައި ނުވުމެވެ. 

ޔާމީން ވެރިކަމުގެ ހިންގުން ގެންގުޅުއްވީ ކެބިނެޓުގެ ގިނަ ބައްދަލުވުންތަކެއް ބާއްވައި މަޝްވަރާކުރުމުގެ ބަދަލުގައި، އިގުތިސާދާއި ވިޔަފާރި އަދި ތަރައްގީގެ ބިޔަ މަޝްރޫއުތައް އިކޮނޮމިކް ކައުންސިލުގައި އަދި އިޖުތިމާއީ ކަންކަން ސޯޝަލް ކައުންސިލްގައި މަޝްވަރާކޮށްގެން ކުރިއަށް ގެންދިޔަ އެވެ.

އޭރު ގިނަ މަޝްރޫއުތަކެއް ހިންގަމުން ދިޔައިރު، އިކޮނޮމިކް ކައުންސިލުގައި ހިމެނުއްވުމަށް މުއިއްޒު ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ގެންދެވި ކަމަށް ، ޔާމީންގެ ކެބިނެޓުގެ ވަޒީރަކު އަދަދު ނޫހަށް ވިދާޅުވި އެވެ.

"ނަމަވެސް ޔާމީން ވިދާޅުވީ ބަހައްޓަވާށޭ،" އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ ސަބަބެއް ވިދާޅެއް ނުވެ އެވެ. 

މުއިއްޒުގެ ތަސައްވުރެއް ނެތުމާއި ނާގާބިލްކަމުގެ އިތުރު ހެއްކެއްގެ ގޮތުގައި ރަސްފަންނު މަޝްރޫއު ޔާމީން ފާހަގަ ކުރެެއްވި އެވެ. އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް މުއިއްޒަށް ދެންނެވުމުން، އެތަނުގައި އެފަދަ މަޝްރޫއުއެއް ކުރިއަށް ނުގެންދެވޭނެ މުއިއްޒު ދެ ފަހަރަކު ދެންނެވި ކަމަށް ޔާމީން ވިދާޅުވި އެވެ. 

ޑޮލަރުގެ ތާށިކަން

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށްވުމާއި، ތަކެތީގެ އަގު އުފުލުމާއި، ކްރެޑިޓް ރޭޓިން ދަށްވުމަކީ މާލީ ގޮތުން ގައުމު އިންތިހާއަށް ބަލިކަށިވެފައިވާ ކަމުގެ ހެއްކެކެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ، މުދާ އިމްޕޯޓްކުރާ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމެވެ.

ބޭރުން ފައިސާ ހޯދޭނެ ގޮތްތައް އެނގޭ ކަމަށާއި ޑޮލަރުގެ އަގު ދަށްކުރާނެ ކަމަށް މުއިއްޒުގެ ސަރުކާރުގެ ވެރިން ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ. ނަމަވެސް ތިން އަހަރު ވެގެން ދިޔައިރު ހާލަތު ރަނގަޅު ނުވެ ގޯހުން ގޯހަށް ގޮސް، ސަރުކާރުގެ ނާގާބިލްކަމުގެ ވާހަކަތައް ގިނަވާން ފެށުމުން، ޑޮލަރުގެ ތާށިކަމުގެ އަސްލަކީ އެމްޑީޕީ ކަމަށް މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ.  

ނަމަވެސް އެމްޑީޕީގެ ވެރިކަން ނިމުނުއިރު ކަޅުބާޒާރުގައި ޑޮލަރެއް ހުރީ ގާތްގަނޑަކަށް 18ރ. އަށެވެ. ނަމަވެސް މިވަގުތު ކަޅުބާޒާރުގައި ޑޮލަރެއްގެ ރޭޓަކީ 21.85ރ. އެވެ. ޑޮލަރުގެ އަސްލު ރޭޓާ ބަލާއިރު މިއީ 41 ޕަސެންޓުގެ އިތުރުވުމެކެވެ. 

މިވަރަށް ރުފިޔާގެ އަގު ދަށްވީ ޔާމީން ޔާމީން ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ހަރަދު ބޮޑުވުމާއި ހިންގަން ނޭނގުމުގެ ސަބަބުންނެވެ. 

ޑޮލަރުގެ ތާށިކަން ބޮޑުވާނެތީވެ، 524 މިލިއަން ޑޮލަރުގެ ސްކޫކް ރީފައިނޭންސް ކުރަން ސަރުކާރުން މަސައްކަތް ކުރި އެވެ. ނަމަވެސް ކްރެޑިޓް ރޭޓިން ދަށްވުމާއެކު އެކަމަށް ފައިސާ ނުހޯދި ސްކޫކް އަނބުރާ ދައްކަން ޖެހުނެވެ.

އެއީ ފަހުރެއްގެ ގޮތުގައި މުއިއްޒު އާއި އެމަނިކުފާނުގެ ސަޕޯޓަރުން ތަކުރާރުކޮށް ވިދާޅުވާއިރު ޑޮލަރުގެ ތާށިކަމާއި މުދަލުގެ އަގު އުފުލުމުގެ ސަބަބުން އާއިލާތަކާއި ފަރުދުންނަށް ވަނީ މާލީ ބޮޑު ގެއްލުމެއް ކުރިމަތިވެފަ އެވެ. 

ޔާމީން ވިދާޅުވީ މި ސަރުކާރަށް ކަންކަން ރަނގަޅު ކުރެވިދާނެ ކަމަށް މިހާރު ބޭރު ގައުމުތަކުން ވެސް ގަބޫލެއް ނުކުރެ އެވެ. ގައުމުތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބެނީ، އަދި ލަސްވަމުންދަނީ މި ސަބަބާ ހުރެ ކަމަށް ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. 

މާސްޓަ ޕްލޭނާއި މަޝްރޫއުތައް

ރެކޯޑު މިންވަރެއްގެ ބެޖެޓް ހޭދަވެގެން ދާއިރު، ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިނގާ ކަމަށް ސަރުކާރުން ބުނި ނަމަވެސް ރަށްރަށުގެ ކައުންސިލްތަކާއި އާންމުން ބުނަމުންދަނީ ހަދަން ފެށި އިމާރާތްތަކާއި މަގުތަކާއި އަޅަންފެށި ފެންހޮޅި އާއި ނަރުދަމާގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށެވެ. 

މުއިއްޒުގެ ފަހުރެއްގެ ގޮތުގައި ހަދަން ފެށި ރަސްމާލެ ހިއްކައި ވެސް ނުނިންމެ އެވެ. އިގުތިސާދީ ގޮތުން ދެކޮޅު ޖެހޭ ކަމެއްތޯ ބަލައި ނުލައި ހިއްކަން ފެށި އެއްވެސް އެއާޕޯޓެއްގައި ރަންވޭއެއް ނޭޅުނެވެ. މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފަ އެވެ. 

އެހެންވެ، އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވަނީ "މިއީ ހަޔާތުން ގެއްލިގެންދާ ފަސް އަހަރު" ކަމަށެވެ. 

އިންތިހާބުގެ ކުރިންނާއި އިންތިހާބު ވުމަށް ފަހު ވެސް މުއިއްޒު ކުލަ ހުވަފެންތައް ދެއްކި އެވެ. ރާއްޖެ ތަރައްގީ ކުރާނީ 20 އަހަރު ދުވަހުގެ މާސްޓަޕްލޭނެއް އޮވެގެން ކަމަށް ވިދާޅުވެ އެ މަސައްކަތް ވެސް އެތައް މިލިއަން ރުފިޔާ އަކަށް ބަޔަކާ ހަވާލުކުރި އެވެ. ނަމަވެސް އެ ބުނާ ޕްލޭނެއް އޮތްތަނެއްގައި އޮތީ އެވެ. 

މުއިއްޒު ދެއްކި އެންމެ ވަރުގަދަ ހުވަފެނަކީ  ރަސްމާލެ އާއި މާލެ އާއި ދެމެދު އަޅާ އަންޑަވޯޓާ ޓަނަލް އެވެ. އެއީ އަދި ނުވާނެ ކަމެއްކަން އެނގޭއިރު އަދި އަދި އެއީ ހަނދަށް ދިޔުން ފަދަ ކަމެއް ކަމަށް އިންފްރާސްޓަރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބް ވިދާޅުވެފައި ވާއިރު މުއިއްޒު އެންމެ ފަހުން ވެސް ވިދާޅުވީ އެކަމުގެ ދިރާސާތައް ކުރިއަށް ގެންދާ ކަމަށެވެ. މިކަމުން އެކަނި ވެސް މުއިއްޒުގެ ގާބިލްކަމާއި ތަސައްވުރެއް ނެތްކަން ފުދެ އެވެ. 

ހިންގުމުގެ ތަޖުރިބާއެއް މުއިއްޒުގެ ނުހުންނާނެ ކަމަށް ޔާމީން ވެސް ވިދާޅުވި އެވެ. އެކަން އަމަލީ ގޮތުން ފެންނަމުން އެބަދެ އެވެ. ވެރިކަން ފެށީ ގާބިލް މީހުން މަގާމުތަކަށް ލާނެ ކަމުގެ ވައުދާ އެކު އެވެ. ނަމަވެސް މިއަދު މަގާމުތަކަށް ލަމުންދާ މީހުންގެ އިލްމާއި ގާބިލްކަމުގެ ފެންވަރު އެންމެންނަށް ވަޒަން ކޮށްލެވޭނެ އެވެ. 

ރެކޯޑު މިންވަރަކަށް ބަޖެޓު ދިނުމުން ވެސް ތަރައްގީގެ މަޝްރޫއުތަކެއް ނުހިނގަ އެވެ. ބޭރުގެ އެހީއެއް ނުހޯދުނެވެ. މާލީ ހާލަތު ރަނގަޅެއް ނުކުރެވުނެވެ. ކަރަޕްޝަން މަދެއް ނުކުރެވުނެވެ. މުއައްސަސާތައް ހަރުދަނާއެއް ނުކުރެވުނެވެ. އެކަށީގެންވާ އަދަދަކަށް މުވައްޒަފުން މަދުކޮށް، ހިންގުން ހަރުދަނާއެއް ނުކުރެވުނެވެ. އެންމެ ކުޑަ މިންވަރުން ލާ ސިޓީއަކަށް ފަސޭހައިން ޖަވާބެއް ވެސް ނުދެވެ އެވެ. 

ހުސްނުވާ މިންވަރަށް މި ވާހަކަތައް ލިޔެވިދާނެ އެވެ. ނަމަވެސް ދެން ހުރި ވާހަކަތައް ތިޔަފަރާތުން މި ލިޔުމުގެ ކޮމެންޓު ބައިގައި ލިޔެލުމަށް ދޫކޮށްލަމެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

މާލެއިން ވޮޝިންޓަނަށް؛ 'ވިޔާނުދާ' ނޫސްވެރިންގެ އަސަރާއި ނަތީޖާ

އެމެރިކާގެ ރައީސް ޓްރަމްޕް ވަކި ނޫސްވެރިންތަކެއް ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން، އެކަށީގެންވާ އިޖުރާއާތެއް ނެތި އެފަދަ ނިންމުންތައް ނުނިންމޭނެ ކަމަށް އެ ގައުމުގެ ކޯޓުން ވަނީ ކަނޑައަޅާފައެވެ. ހަމައެފަދައިން، ރާއްޖޭގެ ރައީސް އޮފީހުން ވެސް "އަދަދު" ނޫހުގެ ނޫސްވެރިން ބައްދަލުވުންތަކަށް ވަނުން މަނާކޮށްފައިވަނީ، ރައީސް މުއިއްޒާ ކުރިމަތިކުރި އުނދަގޫ ސުވާލަކާ ގުޅިގެން އެއްވެސް ލިޔުމެއް ނުވަތަ ޖަވާބެއް ދިނުމަކާ ނުލައެވެ.

Newsletter

Get the latest news delivered straight to your inbox