ނިއު ރޭޑިއަންޓުން އޮޑި ބަލިކޮށް ކަޕް ވިނާސް ކަޕް ފައިނަލުގައި މާޒިޔާއާ ދެކޮޅަށް

Aug 7, 2026, 1:33 AM
ކަޕް ވިނާސް ކަޕް ފުޓްބޯޅަ މުބާރާތުގައި ނިއު ރޭޑިއަންޓާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން: ނިއުގެ ޑޯރީ ލަނޑު ޖެހުމަށް ފަހު ނާއިމްއާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ކަޕް ވިނާސް ކަޕް ފުޓްބޯޅަ މުބާރާތުގައި ނިއު ރޭޑިއަންޓާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން: ނިއުގެ ޑޯރީ ލަނޑު ޖެހުމަށް ފަހު ނާއިމްއާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

އޮޑި ސްޕޯޓްސް ކްލަބް އަތުން 5-3 އިން މޮޅުވެ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކަޕް ވިނާސް ކަޕްގެ ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ވާދަކުރަން ޖެހިއްޖެ އެވެ. 

އަށާރަ އަހަރުގެ މެދުކެނޑުމަކަށް ފަހު ކުޅޭ ފުރަތަމަ ކަޕް ވިނާސް ކަޕްގެ ފައިނަލުން ނިއު އާއި މާޒިޔާ އިން ޖާގަ ހޯދީ މުބާރާތުގެ ލީގު ބުރުގައި ބާކީ މެޗެއް އޮއްވަ އެވެ. އެ މެޗަކީ ވެސް ނިއު އާއި މާޒިޔާ ބައްދަލުކުރަން ޖެހޭ މެޗެކެވެ. 

ކަޕް ވިނާސް ކަޕްގައި ކުޅޭ ހަތަރު ޓީމުގެ ތެރެއިން ކޮންމެ ޓީމެއް ވެސް ދެ މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި އޮތް ނިއު އާއި ދެ ވަނައިގައި އޮތް މާޒިޔާ ވަނީ ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި އޮތް އޮޑި އާއި ހަތަރެއްގައި އޮތް ބުރު ސްޕޯޓްސް ކްލަބަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. 

ގަލޮޅު ދަނޑުގައި މިރޭ އޮޑި ކޮޅަށް ނިއު އިން ފުރަތަމަ ހާފުގެ ތެރޭގައި ތިން ގޯލު ޖެހި އެވެ. ނިއު އިން މެޗުގެ ހަތަރު ވަނަ މިނިޓްގައި ލީޑުނެގީ ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ބްރެޒިލް ފޯވާޑް، ޑޮރިއެލްޓަން ގޯމޭސް (ޑޯރީ) އެވެ. އޮޑީގެ މެދުތެރެއިން ގެއްލުނު ބޯޅައެއް ހޯދައި، ޑޯރީ އާއި އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު، ގޯމޭސް ޑަ ސިލްވާ، ވަން ޓޫ އެއް ހެދުމަށް ފަހު، ޑޯރީ ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެެވެ. 

މެޗުގެ 19 ވަނަ މިނިޓްގައި ނިއުގެ ދެ ވަނަ ލަނޑު ޖެހީ ވެސް ޑޯރީ އެވެ. މިއީ، އެ ޓީމުގެ ލައިބީރިއާ މިޑްފީލްޑަރު، އަލްބާޓް ކަޔީ ސްވެން މަތިން ނަގައިދިން ބޯޅައަކަށް އޭރިއާތެެެރެއިން އަރައި، އެއް ފަހަރުން ގޯލަށް ފޮނުވާލައިގެން ޑޯރީ ޖެހި ގޯލެކެވެ. 

ނިއުގެ ތިން ވަނަ ލަނޑު ޖެހީ މި ސީޒަނުގައި ކްލަބް ވެލެންސިއާ ދޫކޮށް ނިއުއާ ގުޅުނު ހުނަރުވެރި ޒުވާން ކުޅުންތެރިޔާ، އީތަން އިބްރާހިމް ޒަކީ އެވެ. މެޗުގެ 39 ވަނަ މިނިޓްގައި އަރިމަތިން އީތަން އަށް ލިބުނު ބޯޅަ ހިފައިގެން އައިސް، އޭރިއާ ކަނާ ހަމައިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މިއީ، ނިއު އަށް އީތަން ޖަހައިދިން ފުރަތަމަ ގޯލެވެ. 

ކަޕް ވިނާސް ކަޕް ފުޓްބޯޅަ މުބާރާތުގައި ނިއު ރޭޑިއަންޓާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން: ނިއުގެ އީތަން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް
ކަޕް ވިނާސް ކަޕް ފުޓްބޯޅަ މުބާރާތުގައި ނިއު ރޭޑިއަންޓާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން: ނިއުގެ އީތަން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ތިން ގޯލުގެ ލީޑެއްގައި، ނިއު އިން ފުރަތަމަ ހާފު ނިންމާލުމަށް ފަހު، ދެ ވަނަ ހާފު ފެށިގެން ހަ މިނިޓް ތެރޭ، މެޗުގައި ހަތަރު ވަނަ ލަނޑެއް ޖެހި އެވެ. މެޗުގެ 51 ވަނަ މިނިޓްގައި މި ލަނޑު ޖަހައި، ޑޯރީ ވަނީ އޭނާގެ ހެޓްރިކް ފުރިހަަމަކޮށްފަ އެވެ. މިއީ، ކައުންޓަ އެޓޭކުގައި ނިއުގެ މުހައްމަދު ނާއިމް ދިން ބޯޅައެއް އަރިމަތިން ހިފައިގެން ވަދެ، ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން ޑޯރީ ޖެހި ގޯލެކެވެ. މި ލަނޑާ އެކު، ޑޯރީ މި ވަނީ ކަޕް ވިނާސް ކަޕްގައި ޖެހިޖެހިގެން ދެ މެޗުގައި ހެޓްރިކް ހަދައިފަ އެވެ. އަދި، ފަނަރަ ހާސް ޑޮލަރުގެ މުސާރަ އަކަށް ނިއުއާ ގުޅުނު ޑޯރީ މި ވަނީ ތިން މެޗުން އަށް ލަނޑު ޖަހައިފަ އެވެ. ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ ކޮޅަށް ދެ ލަނޑު ޖެހި އެވެ. 

މެޗުގެ 78 ވަނަ މިނިޓްގައި ނިއުގެ ހަތަރު ވަނަ ލަނޑު ޖެހީ ޑަ ސިލްވާ ނެގި ކޯނަރަކުން އޭރިއާތެރޭގައި މުޅިން ހުސްކޮށް ހުރި އަމްދާން އަލީ (އެންޑީ) ބޮލުންނެވެ. 

ނިއު އިން ފަސް ގޯލު ޖެހި ފަހުން އޮޑިން ވަނީ، މެޗުގެ ބާކީ އޮތް ވަގުތުގައި ތިން ލަނޑު ޖަހައިފަ އެވެ. މެޗުގެ 87 ވަނަ މިނިޓްގައި އޮޑިން ޖެހި ފުރަތަމަ ލަނޑަކީ ނިއުގެ މުހައްމަދު އިރުފާން (އިރޭ)، އެ ޓީމުގެ އޭރިއާތެރެއިން އޮޑީގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީ ކާމިޔާބުކުރީ އިއްބެ އެވެ. 

މެޗުގެ 90 ވަނަ މިނިޓްގައި އޮޑީގެ ދެ ވަނަ ލަނޑު ޖެހީ މުޒްދާން ހަސަން އެވެ. އޭރިއާތެރެއިން މުޒްދާން އަށް ލިބުނު ބޯޅަ ގޯލުގެ ދުރު ކަނަށް ފޮުނުވާލިއިރު، މި ލަނޑު ޖަހަން އޮޑީގެ ޒުވާން ފުލްބެކް، އަހުމަދު މިކްޔާލް މުއީން (މިކީ) ވަނީ މުހިންމު ދައުރެއް އަދާކޮށްދީފަ އެވެ. އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި، އޮޑީގެ ތިން ވަނަ ލަނޑު ޖެހީ، ނިއު އިން އޮޑި އަށް ބަދަލުވި މުހައްމަދު ސަހާއު (ބޭލް) އެވެ. މިއީ، އޮޑީގެ އަހުމަދު އައިހަމް (އައިހު) ދިން ބޯޅައަކަށް އަރައި، ސަހާއު ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. 

ކަޕް ވިނާސް ކަޕްގެ ލީގު ބުރުގެ ފަހު މެޗުތައް އޮތީ ނުވަ ދުވަސް ފަހުންނެވެ. އެ ގޮތުން، މި މަހު 15 ވަނަ ދުވަހު ހަވީރު، އޮޑިން ކުޅޭނީ ބުރުއާ އެވެ. އަދި، އެރޭ، ނިއު އާއި މާޒިޔާ ކުޅޭނެ އެވެ. ނިއު އާއި މާޒިޔާ ކުޅޭ ފައިނަލް މެޗު އޮތީ މި މަހު 18 ވަނަ ދުވަހު އެވެ. ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ޕެނަލްޓީ ޖަހައިގެން ނިއު އަތުން މޮޅުވީ މާޒިޔާ އެވެ. 

އެންމެ ފަހުން، 2008 ވަނަ އަހަރު ބޭއްވި ކަޕް ވިނާސް ކަޕްގެ ޗެމްޕިއަަނަކީ، ނިއު އެވެ. 

ދެން، އެންމެ އަވަހަށް އޮތް މެޗަކީ، މާޒިޔާ އިން އޭއެފްސީ ޗެލެންޖު ލީގު ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު، ތަޖިކިސްތާންގެ ކަޕް ޗެމްޕިއަން، އެފްސީ ރެގާރުއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން މޮޅުވާ ޓީމަކަށް، އޭއެފްސީގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox