މަސައްކަތަކާ ނުލައި ނަގާ މުސާރައަކީ ނަރަކައިގެ އަނގުރު އަލިފާން

އޮފީހެއް ހުސްކޮށް އޮތް މަންޒަރު

އޮފީހެއް ހުސްކޮށް އޮތް މަންޒަރު

ނިމިގެންދިޔަ ހަފުތާގައި ހަބަރުތަކުން އެނގުނު ގޮތުގައި، ސަރުކާރު ހިއްސާވާ ވަރަށް ގިނަ ކުންފުނިތަކުގައި އެއްވެސް މަސައްކަތެއް ނުކޮށް ކާޑުޖަހާފައި ގެޔަށްދާ ގޮތަށް އެތައް ސަތޭކަ މުވައްޒަފުންނަކަށް މުސާރަދެމުން އެބަގެންދެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސްގެ ވާހަކަފުޅުތަކަށް ބަލާއިރު ހަމައެކަނި އެމްޕީއެލްގައި ތިބެންނުޖެހޭ ހަސަތޭކައެއްހާ މުވައްޒަފުން އެބަތިއްބެވެ. އަދި އޭގެ ތެރޭގައިވެސް ގިނަ އަދަދެއްގެ މީހުންނަކީ ހަމައެކަނި ކާޑުޖަހާފައި ގެއަށްދާ ބައެކެވެ. އަދި ދައުލަތުން އެމީހުންނަށް ބޮޑު މުސާރައެއް ދެ އެވެ.

ފަހަރުގައި ބައެއް މީހުންނަށް ހީވެފައި އޮވެދާނެ ކަމަކީ، މީގެ ޒިންމާއަކީ ހަމައެކަނި ވަޒީފާދޭ ފަރާތުން ނުވަތަ ގައުމުގެ ސިޔާސީ ވެރިން ނުވަތަ އޭރެއްގައި ވެރިކަންކުރާ ޕާޓީން އެކަނި މިކަމުގެ ޒިންމާ ނަގަންޖެހޭގޮތަށް އޮންނަ ކަމެކެވެ. ނަމަވެސް އެކަން ދީނީ ގޮތުން އޮންނަނީކީ އެހެންނެއް ނޫނެވެ.

ސައުދީ އަރަބިއްޔާގެ އިލްމީދިރާސަތަކާއި ފަތުވާދޭ ދާއިމީ ކޮމިޓީން މިކަމާ ބެހޭގޮތުން ބުނެފައިވެ އެވެ. "ވަޒީފާއަށް ނުގޮސް ހުރުން ހުއްދަވާނެ ދީނީ އުޒުރަކާ ލައިގެން މެނުވީ ވަޒީފާއަށް ނުގޮސް ހުރުމަކީ މުވައްޒަފަކަށް ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. ހަމައެފަދައިން އޭނާއާ މަސްއޫލުވާ ވެރިޔެއްގެ ހުއްދައާ ނުލައި މަސައްކަތުގެ ވަގުތު ނިމުމުގެ ކުރިން ވަޒީފާއަދާކުރާ ތަނުން ދިއުން ހުއްދަވެގެން ނުވެ އެވެ. ވެރިޔެއްގެ އިޒުނައާ އެކުވެސް އެކަން ހުއްދަވާނީ ހަމަޖެހިފައިވާ ނިޒާމުން އެކަމެއް ހުއްދަ ނަމަ އެވެ. އުޒުރަކާ ނުލައި ވަޒީފާއަށް ނުނުކުންނަ ދުވަސްތަކާއި ވަގުތުތަކަށް މުވައްޒަފު ލިބިގަންނަ މުސާރައަކީ، ހަލާލުގޮތުގައި ލިބިގަންނަ އެއްޗެއް ނޫނެވެ. އަދި އެގޮތުން ލިބިގަނެފައިވާ އެއްޗެހި ދައުލަތުގެ ހަޒާނާއަށް ރައްދުކުރުން އޭނާގެ މައްޗަށް ވާޖިބުވެގެންވެ އެވެ. އަދި އެކަމަށް ނުކުޅެދުންތެރިވެއްޖެނަމަ އެއެއްޗަކުން އޭނާ ސަދަގާތްކޮށްގެންވިޔަސް އެއިން އޭނާ ސަލާމަތްވެގަންނަޖެހެ އެވެ."

މިސްރުގެ ފަތުވާ އިދާރާއިން މިކަމުގައި ބުނެފައިވެ އެވެ. "މަސައްކަތެއް ނުކޮށް މުސާރަ ނެގުމާއި، މަސައްކަތަށް ހާޒިރުވުމަށްފަހު މަސައްކަތަށް ބަޗައިގެން އުޅުމަކީ ދީނީގޮތުން ހަރާންކަމެކެވެ. އެހެނީ އެކަން ހިމެނެނީ މަކަރުހެދުމާއި އަމާނާތްތެރިކަން ނަގާލުމުގެ ތެރޭގަ އެވެ. މުވައްޒަފަކީ ވަކިކަމަކަށް ހާއްސަކުރެވި ކުއްޔަށް ނެގިފައިވާ މީހެކެވެ. އޭނާގެ މަސައްކަތުގެ ވަގުތަކީ މަސައްކަތްކުރާ ތަނުގެ މިލްކެކެވެ. އޭނާ ހާއްސަކުރެވުނު ކަންތައް ފިޔަވައި އެހެން ކަމެއްގައި އޭނާގެ ވަގުތު ހޭދަވެގެންދިއުމަކީ ހުއްދަވާނެ ކަމެއް ނޫނެވެ. އަދި އެގޮތަށް އޭނާ ފައިދާކޮށްގަންނަ މުދަލަކީ ނަހަލާލު އެއްޗެކެވެ."

އުރުދުންގެ އާންމު ފަތުވާގެ އިދާރާއިން މިކަމުގައި ބުނެފައި އޮންނަނީ އަންނަނިވި ފަދައިންނެވެ. "މުވައްޒަފުގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާ މަސައްކަތްކުރާ ތަނުގެ ގަވާއިދުތަކަށާއި އުސޫލުތަކަށް ފުރިހަމައަށް ތަބާވުމެވެ. އޭނާ ލިބިގަންނަ މުސާރައަކީ އޭނާ އެތަނެއްގެ ގަވާއިދުތަކަށް ވަޒީފާގެ ވަގުތުގައި ހުރުމަތްތެރިކޮށް ހިތުމާއި އޭނާއާ ހަވާލުކުރެވިފައިވާ ކަންކަން ކުރުމުގެ ބަދަލުގައި ލިބިގަންނަ އެއްޗެކެވެ. އޭނާ އުޒުރަކާ ނުލައި ވަޒީފާއަށް ނުނުކުންނަ ނަމަ ނުވަތަ ނުކުތުމަށްފަހު މަސައްކަތުގައި އިހުމާލުވާނަމަ، އޭނާ ނުނުކުންނަ ގަޑިތަކަށާއި އިހުމާލުގެ ވަގުތުތަކަށް އޭނާއަށް މުސާރަ ހައްގުވެގެން ނުވެ އެވެ. އަދި މިހާލަތުގައި އޭނާ މުސާރަލިބިގަންނަ ނަމަ އެއީ މީސްތަކުންގެ މުދާ ބާތިލު ގޮތުގައި ކެއުމެވެ."

ޤަތަރުގެ ވުޒާރަތުލްއައުޤާފުން ހިންގާ އިސްލާމްވެބް ގައި މިކަމާބެހޭގޮތުން އޮތް އެއް ފަތުވާގައި އޮތީ އަންނަނިވި ފަދައިންނެވެ. "ވަޒީފާއަކީ މަސައްކަތްކުރާ ތަނާއި މުވައްޒަފާ ދެމެދު އޮންނަ އެގްރީމަންޓެކެވެ. އެގްރިމަންޓަކީ އޭގެ ދެބައިވެރިންގެ (އެ މުއާމަލާތު) ގެ ދީނެވެ. އެބަހީ އަމަލުކުރަން އޮންނަ ގޮތެވެ. އަދި މުސްލިމުން ތިބެންވާނީ އެބައިމީހުން އެއްބަސްވެގެންތިބި ޝަރުތުތަކުގެ މަތީގަ އެވެ. މަސައްކަތަކާ ނުލައި މުސާރަނެގުން ސިސްޓަމް ހުއްދަނުކުރާނަމަ އެކަން ކުރުމަކީ އެމީހެއްގެ ޑައިރެކްޓް ސުޕަވައިޒަރަކު ހުއްދަދިނަސް އެމުވައްޒަފަށް ހުއްދަވާނެ ކަމެއް ނޫނެވެ. އެހެނީ ސުޕަވައިޒަރުންނާއި ޑިރެކްޓަރުންނަކީ ބެލެހެއްޓުންތެރިންނެވެ. މިލްކުވެރިންނެއް ނޫނެވެ. ސުޕަވައިޒަރަކަށް މަސައްކަތުގެ މަސްލަހަތަށް ހެދިފައި ހުންނަ ގަވާއިދަކާ ހިލާފުވުމުގެ ބާރެއް ލިބިގެން ނުވެ އެވެ. އެހެންވީމާ މަސައްކަތަކާ ނުލައި ނަގާ މުސާރަ ވެގެންދާނީ އެއިން އެކީއެކަށް ސަލާމަތްވުން ވާޖިބުވެގެންވާ ހަރާން މުދަލަކަށެވެ."

މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެ އެވެ. ހަރާން އެއްޗެހިން ކާންދީ އުޅޭ ހަށިގަނޑެއް ސުވަރުގެ ނުވަންނަ ހުއްޓެވެ. އެހެން ބަސްފުޅެއްގައިވެ އެވެ. ހަރާން ތަކެތިން ގައިގައި ޖަހައިފި މަހަކަށް ނަރަކައިގެ އަލިފާން މާއެކަށީގެންވެ އެވެ. އަދި އެހެން ބަސްފުޅެއްގައިވެ އެވެ. މީސްތަކުންގެ މުދާ ބާތިލުގޮތުގައި ކައިއުޅުނު މީހުން އެކައިއުޅުނު ތަކެތި އެބައިމީހުންގެ ބުރަކަށިތަކުގެ މަތީގައި އުފުލިގެންވާ ހާލުގައި އެންމެހާ މީސްތަކުންގެ ކުރިމައްޗަށް ގިޔާމަތްދުވަހު ހާޒިރުކުރެވޭނެ އެވެ. އެތަކެތި އެބައިމީހުންގެ ފާފަތަކަށް ހެކިވެރިވަމުންދާ ހާލުގަ އެވެ.

މާތް ނަބިއްޔާގެ ހަދީސްބަސްފުޅުތަކުންނާއި އިލްމުވެރިންގެ ބަސްފުޅުތަކުން އެނގޭގޮތުގައި ހަރާން ތަކެތި ކައިއުޅޭ މީހުންގެ ދުއާވެސް މާތް ﷲ އިޖާބަނުކުރައްވާނެ އެވެ. އަދި އެބައިމީހުންގެ މުދަލުންނާއި ހަޔާތުން މާތް ﷲ އެކީއެކަށް ބަރަކާތްތެރިކަން ކަނޑުއްވައި ހުއްޓެވެ. އަދި ކިތަންމެ ގިނަ ލާރިފައިސާ ހަރާންގޮތުގައި އެއްކުރިޔަސް އެބައިމީހުން ފަގީރުހާލުގައި މަރުވުމަށް މެދުވެރިކުރައްވާނެ އެވެ. އަދި އެމުދާވެރިކަން ނެތިގެއްލިދާފަދަ ބަލާމުސީބާތާއި އާފާތްތައް އެބައިމީހުންނަށް ޖައްސަވަ އެވެ.

މަސައްކަތެއް ނެތި މުސާރަ ނެގުން ފަދަ ކަންކަމުން ބާތިލުގޮތުގައި މުދާކެއުން ގައުމެއްގައި އާންމުވެއްޖެނަމަ، އެކަމުގެ ގެއްލުމާއި ހަލާކު ހުރީ ހަމައެކަނި ފަރުދީ ދާއިރާއެއްގެ ތެރޭގައި ނޫންކަމަށްވެސް އިލްމުވެރިން ބަޔާންކުރައްވަ އެވެ. އެގޮތުން އެކަމަކީ ރުޅިވެރިކަމާއި ހަސަދަވެރިކަން މުޖުތަމައުގެ ތެރޭގައި ބާރުލާފައި ފެތުރިގެންދާ ސަބަބެއްކަމުގައި ފާހަގަކުރައްވަ އެވެ. އަދި އެކަމުގެ ސަބަބުން އެބަޔެއްގެ އިގުތިސާދު ސުންނާފަތިވެ ސަރުކާރުގެ އިދާރާތަކުން ލިބެންޖެހޭ ޚިދުމަތްތައް ހުއްޓި މުއައްސަސާތަކުގެ ބާރުކެނޑި އެބަޔެއްގެ ހަލާކު ނިކަން އަވަހަށް ކުރިމަތިވެގެން ހިނގައިދާނެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތެއް ނުކޮށް އަދި ވަޒީފާއަށް ވެސް ނުކުންނަން ނުޖެހޭގޮތަށް ހަމައެކަނި ކާޑުޖަހާލައިގެން މުސާރަނަގަމުންދާ މީހުން އެނަގަނީ ހަލާލު އާމުދަނީއެއް ނޫނެވެ. އެއިން ކޮންމެ މީހެއްގެ މައްޗަށް ވާޖިބުވެގެންވަނީ އެބައިމީހުން ނަގަމުން އެދާ ނަހަލާލު ފައިސާ ނެގުން ހުއްޓާލުމެވެ. އަދި ރައްޔިތުންގެ ކިބައިން މައާފަށް އެދުމެވެ. އަދި އެބާވަތުގެ ކަމެއް ތިމާގެ ގާތް މީހަކު ހިންގާނަމަ އަހަރެމެން އެންމެންގެ މައްޗަށް ވާޖިބުވެގެންވަނީ އެކަމެއް އެމީހަކު ހުއްޓާލުމަށް ނަސޭހަތްތެރިވުމެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ އިދާރާތަކުގެ ވެރިންނަށް މިކަން ހަމަމަގަށް އެޅުވުމުގެ ޒިންމާ އެޔަށްވުރެ ބޮޑެވެ. އެކަމަކު ވެރިން އެފުރުސަތު ދެނީކަމަށް ބުނެ، ހަމަޖެހިލައިގެން މަސައްކަތަކާ ނުލައި ދައުލަތުގެ ހަޒާނާއިން މުސާރަނެގުމަކީ ހުއްދަވާނެ ކަމެއް ނޫނެވެ.

މަސައްކަތަކާ ނުލައި ދައުލަތުން މުސާރަނަގާ މީހުން ޖީބަށް އެލަނީ ނަރަކައިގެ އަލިފާނެވެ. ބަނޑަށް އެއަޅަނީ ޖަހަންނަމައިގެ އަނގުރެވެ. އޭގެ ހޫނުން ދެދުނިޔޭގައި ތިމާގެ ހަޔާތުގެ ބަރަކާތްތެރިކަން އަނދާހުލިވެ މާތް ﷲ ގެ ލައުނަތާއި ދާއިމީ އުގޫބާތާ ކުރިމަތިލާންނުޖެހޭނެކަމަށް ހިތާނަމަ އެޔަށްވުރެ މޮޔަ ވަކީން މޮޔަ ބުއްދިއެއް އިންސާނަކު ނުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox