ރިކާޑީނިއޯގެ ބަސް: ވަސީލަތާއި ފުރުސަތު ނުދީ ރާއްޖޭގެ ފުޓްސަލް އިސްރާފު ނުކުރޭ

ރިކާޑީނިއޯ: ދުނިޔޭގެ ފުޓްބޯޅަ އެބްސަޑަަރުކަން ކުރަމުން އަންނަ ޕޯޗުގީސް ތަރި ވަނީ ރާއްޖޭގެ ފުޓްސަލްއާ ބެހޭގޮތުން، "އަދަދު ސްޕޯޓްސް" އަށް އިންޓަވިއުއެއް ދީފައި.

ރިކާޑީނިއޯ: ދުނިޔޭގެ ފުޓްބޯޅަ އެބްސަޑަަރުކަން ކުރަމުން އަންނަ ޕޯޗުގީސް ތަރި ވަނީ ރާއްޖޭގެ ފުޓްސަލްއާ ބެހޭގޮތުން، "އަދަދު ސްޕޯޓްސް" އަށް އިންޓަވިއުއެއް ދީފައި.

ދުނިޔޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދާފައިވާ، ލެޖެންޑަރީ ފުޓްސަލް ތަރި، ޕޯޗުގަލްގެ ރިކާޑީނިއޯ، މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި، ކްލަބް އެޗްޑީސީ އަށް ކުޅުން ވެގެންދިޔައީ، މިހާތަނަށް ރާއްޖޭގެ ކުޅިވަރު ތާރީހުގައި ވެސް ހާއްސަ ކަމަކަށެވެ.

އެއީ، ދުނިޔޭގެ ލެވަލްގައި، ކުޅިވަރުގެ އެ ވަރުގެ ފުންނާބު އުސް ކުޅުންތެރިއަކު، ރާއްޖޭގެ ލެވަލްގެ މުބާރާތެއްގައި، އެކަށޭނެ ވަސީލަތެއް ވެސް ނެތްތަނެއްގައި ކުޅެން އައުމުންނެވެ. 

 ފުޓްސަލް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން، 2021 ވަަނަ އަހަރު ޕޯޗުގަލް އަށް ހޯދައިދިނުމުގައި އިސް ރޯލެއް އަދާކުރި ޓީމުގެ ލީޑަރު، ރިކާޑީނިއޯ، ރާއްޖެ އައުމާ ގުޅިގެން، ނޫސްވެރިއެއްގެ ހައިސިއްޔަތުން، މަސައްކަތް ކުރީ، "އެކްސްކްލޫސިވް އިންޓަވިއު" އެއް ލިބޭތޯ އެވެ.

ކްލަބް އެޗްޑީސީން ކްލަބް މޯލްޑިވްސް ކަޕްގައި ކުޅުނު ކޮންމެ މެޗަކަށް ފަހު، އެ ފުރުސަތަށް އެދި މަސައްކަތް ކުރަމުން ދިޔައީމެވެ. އެކަމަކު، ޕްރޮފެޝަނަލް ކުޅުންތެރިއަކަށް އަދާކުރަން ޖެހޭ އިހުތިރާމް ދިނުމުގެ ގޮތުން، އޭނާ ހިތްހަމަޖެހޭ ވަގުތެއްގައި އެ އިންޓަވިއު ކުރިއަށްގެންދިއުމަށް އެދިގެން މަޑުކޮށްލައިގެން ހުންނަން ނިންމީމެވެ. 

ޕޯޗުގަލް ގައުމީ ޓީމަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްދިނުމަށް ފަހު ރިކާޑީނިއޯ.
ޕޯޗުގަލް ގައުމީ ޓީމަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްދިނުމަށް ފަހު ރިކާޑީނިއޯ.

އެ ގޮތުން، ރިކާޑީނިއޯއާ އިންޓަވިއުއެއް ކޮށްލުމުގެ އެ ފުރުސަތު ލިބޭގޮތްވީ، މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި، އެޗްޑީސީން ކުޅުނު ފަހު މެޗަށް ފަހު އެވެ. އެ ފުރުސަތު ތަނަވަސްކޮށްދިނީ، މިދިޔަ އަހަރު ކްލަބް މޯލްޑިވްސް ކަޕްގައި އެޗްޑީސީގެ ކޯޗު، ރާއްޖޭގައި އުފެދުނު މޮޅު ފުޓްސަލް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު ލިޔާހުގެ އިތުރުުން ފުޓްސަލްގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކޯޗު، މުހައްމަދު ނައުފަލް އެވެ. 

ދުނިޔޭގެ އެންމެ ވަރުގަދަ ފުޓްސަލް އެރީނާތަކުގައި ފުޓްސަލް ކުޅެފައި، ރާއްޖެ ކަހަލަ އާޓިފިޝަލް ޓާފެއްގައި ފުޓްސަލް ކުޅެން އައުން ރިކާޑީނިއޯގެ ނަޒަރުގައި ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ފެނުނީ ކިހިނެއްތޯ ފުރަތަމަ ސުވާލަކަށް ވެސް އަހާލީމެވެ. 

"ހަގީގަތަށް ބުނަންޏާ، އަހަންނަށް މިއީ ކުރެވުނު ތަފާތު ތަޖުރިބާއެއް. މިއީ، ފުޓްސަލް އެއް ނޫން. ދެން، ގަވާއިދުތަކެއް އެ ގޮަތަށް އެ ހުރީ، ދަނޑު މައްޗަށް އަރާ ކުޅުންތެރިންގެ އަދަދު ވެސް އެހެން، މުޅިން ތަފާތު ތަޖުރިބާއެއް،" ރިކާޑީނިއޯ، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުައި ބުންޏެވެ. 

އުމުރުން 40 އަހަރުގެ، ރިކާޑިނިއޯގެ ހަޔާތުގެ ބޮޑުބައި އޮތީ ޕްރޮފެޝަނަލް ލެވަލްގެ ފުޓްސަލްގަ އެވެ. އޭނާއާ އެއް ދަނޑެއްގެ މަތީގައި ކުޅެފައިވަނީ ވެސް ގިނައިން ޕްރޮފެޝަނަލް ކުޅުންތެރިންނެވެ. އެކަމަކު، ރާއްޖެ އައިސް ރިކާޑީނިއޯ އަށް ކުޅެން ޖެހުނީ، ސެމީ ޕްރޮފެޝަނަލް ކުޅުންތެރިންނާ އެކު އެވެ. ޕްރޮފެޝަނަލް ވައްޓަފާޅީގެ ތެރެއިން ކުރިއަށްދާން މަސައްކަތް ކުރާއިރު، އާންމު ދިރިއުޅުމަށްޓަކައި، އާމްދަނީ ހޯދަން ތަފާތު ވަޒީފާތައް އަދާކުރާ ކުޅުންތެރިންނާ އެކުގަ އެވެ. 

އެ ފަދަ ކުޅުންތެރިންނާ އެކު ކުޅުން ރިކާޑީނިއޯ ދެކުނީ "އުފާކުރާ" ކަމެއްގެ ގޮތުގަ އެވެ. ސަބަބުތަކެއް ވެސް އެބައޮތެވެ. ރިކާޑީނިއޯ ދެކުނީ، އެ ކުޅުންތެރިންނަކީ ވެސް ފުޓްސަލްގެ ކޮންމެ ވެސް ގިންތި އަކުން ބަލާނަމަ "ޕްރޮފެޝަނަލުން"ގެ ގޮތުގަ އެވެ. 

"ކީއްވެ ކޮންމެ ދުވަހަކު ޓްރެއިން ނުކުރާތީތަ ޕްރޮފެޝަނަލް ނުވަނީ، ޕްރޮފެޝަނަލަކަށް ވެދާނެ، އެހެން ވަޒީފާއެއް އަދާކުރަމުން، ކުޅެމުން ދިޔަސް،" ރިކާޑީނިއޯ ދެކޭގޮތް ކިޔައިދިނެވެ. 

"އަހަރެން، ޕްރޮފެޝަނަލް މިނެކިރަނީ އެ ކަމަށް ހުންނަ ޝައުގާއި ކުރާ މަސައްކަަތަށް ބަލާފައި. ޔަގީންކަމެއް. ހަގީގީ މާނައިގައި ޕްރޮފެޝަނަލޭ ބުނެވޭނީ ފުލްޓައިމްކޮށް މި ކަމަށް ހުސްވެ، މިކަން ކުރާނަމަ. އެކަމަކު، ވަޒީފާއެއް އަދާކުރަމުން ކުޅުނަސް، އެއީ އުޒުރެއް ނޫން ޕްރޮފެޝަނަލެއް ނޫނޭ ބުނަން. އެހެންވީމަ، މި ފުރުސަތުގައި އަހަރެން މަރުހަބާ ކިޔަން، ވަޒީފާ އަދާކުރަމުން ވެސް މި ކަމުގެ ޝައުގުވެރިކަމުގައި އެ މީހުން މި ކުޅިވަރު ކުޅޭތީ،" 

މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ މެޗެއްގެ ތެރެއިން ރިކާޑީނިއޯ.---- ފޮޓޯ: އިމޭޖަސް.އެމްވީ
މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ މެޗެއްގެ ތެރެއިން ރިކާޑީނިއޯ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ރިކާޑީނިއޯ ބުނީ، ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ފުޓްސަލް މުބާރާތުގެ ގޮތުގައި އޮތް، ކްލަބް މޯލްޑިވްސް އަކީ ވެސް "ހަގީގީ ފުޓްސަލް" އެކޭ ނުބުނެވޭނެ ކަމަށެވެ. 

ދުނިޔޭގެ ފުޓްސަލްގެ އެބްސަޑަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ރިކާޑީނިއޯ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޓްސަލްގެ ކަންކަން ކުރުމަށް ހާއްސަ އަހަައްމިއްޔަތުކަމެއް ދޭ ފުޓްސަލް ވޯލްޑްގެ ޒިންމާތަކެއް ގުޅިފައި އޮތް މަންދޫބެކެވެ.

ރިކާޑީނިއޯ ދެކެނީ ފުޓްސަލްގެ ހައްގުގައި ވާހަކަ ދައްކައި، ކަންކަން އަސްލު އޮންނަން ވީ ގޮތް ބުނެދިނުމަކީ، އޭނާގެ "ޑިއުޓީއެއް" ކަމަށެވެ. 

"އަހަންނަށް ވިސްނުނު ރާއްޖޭގައި ފުޓްސަލް އަށް ކިހާ ޕެޝަންއެއް (ޝައުގުވެރިކަމެއް) އޮތްކަން. އަހަރެން ވާހަކަ ދެއްކިން ދެ މީހަކާ ރާއްޖޭގެ ފުޓްސަލް އަށް ލޯބިކުރާ. އެ މީހުން މެދުވެރިކޮށް އަހަންނަށް ރާއްޖޭގައި ކުޅުމުގެ މި ފުރުސަތު ފަހިވެގެންދިޔައީ. ދެން، ރާއްޖޭގައި ފުޓްސަލް ހަގީގީ މާނައިގައި ޕްރޮމޯޓްކުރުން ވެސް މީގަ އެބައޮތް،" ރިކާޑީނިއޯ ބުންޏެވެ. 

އޭނާ ބުނީ، ރާއްޖޭގައި ފުޓްސަލް ކުރިއެރުވުމުގެ ނިންމުންތައް ނިންމަން ޖެހޭ ފަރާތްތަކުން ވަރަށް ވިސްނުންތެރިކަމާ އެކު މި ކަން ކުރުން މުހިންމު ކަމަށެވެ. އަދި، ރާއްޖޭގައި އޭނާ ހޭދަކުރި ދުވަސްވަރު، އޭނާގެ ވިސްނުން ހޯދައި، ރަސްމީ ފަރާތްތަކުން އޭނާގެ ބޭނުންހިފޭނެ ގޮތަކަށް މަސައްކަތް ނުކުރުމަކީ، ރިކާޑިނިއޯ އަށް ހައިރާންކަން ލިބުނު ކަމެކެވެ. 

"ރާއްޖޭގައި ފުޓްސަލްގެ ނިންމުންތައް ނިންމަން ތިބި ފަރާތްތަކުން އަހަރެން މި ގައުމަށް (ރާއްޖެ އަށް) އައުމުން، އަހަރެންގެ ވިސްނުންތަކާ ކަންކަން ހޯދައިގައި ރަނގަޅު ގޮތުގައި ފުޓްސަލް ޑިވެލޮޕް ކުރަން މަސައްކަތެއް ނުކުރޭ، އެހެންވީމަ، މި ކަހަަލަ މެސެޖުތައް ދޭން އަހަންނަށް ވެސް ފަސޭހައެއްނޫން،" ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ފުޓްސަލްގެ އެކި އިވެންޓްތަކުގަައި ޑިވެލޮޕްމަންޓާ ގުޅޭ މުހިންމު ވާހަކަތައް ދައްކާފައިވާ ރިކާޑީނިއޯ ބުންޏެވެ. 

ރިކާޑީނިއޯގެ ހާއްސަ އެހެން ކާމިޔާބީތަކަށް ބަލާއިރު، 2018 ވަނަ އަހަރު ޔުއެފާ ފުޓްސަލްގެ ޔޫރޯ ތަށި ހޯދައިފައިވެ އެވެ. އަދި، ޔޫރަޕްގެ އެކި ގައުމުތަކުގެ އެންމެ ޓޮޕް ލެވަލްގެ ފުޓްސަލް މުބާރާތްތައް ކާމިޔާބުކޮށްފައިވާ ރިކާޑީނިއޯގެ އިންޑިވިޖުއަލް ކާމިޔާބީތައް ވެސް ގިނަ އެވެ.

ފީފާ ފުޓްސަލް ރޭންކިން: ދެކުނު އޭޝިއާގެ އެއް ވަނައިގައި އޮތް ރާއްޖެ ދުނިޔޭގެ 99 ވަނަ އަށް

ފީފާ އިން މި އަހަރަށް އާންމު ކުރި ފުޓްސަލްގެ ދުނިޔޭގެ ރޭންކިންގައި ރާއްޖޭން ދެކުނު އޭޝިއާގެ އެއް ވަނަ މަގާމު ދަމަަހައްޓައި، ދުނިޔޭގެ 99 ވަނަ އަށް ވަނީ ޖެހިލައިފައި. ރާއްޖޭން ރޭންކިންގެ 10 ދަރަޖަ ކުރިއަށް ޖެހިލިއިރު، އޮތީ އޭޝިއާގެ 24 ވަނައިގައި.

ރާއްޖޭގެ ފުޓްސަލް އަށް "ހަގީގީ އިހުތިރާމް" ލިބެންޖެހޭ!

ފީފާ އިން އެންމެ ފުރަތަމަ 2024 ވަނަ އަހަރުގެ މެއި މަހު ނެރުނު ދުނިޔޭގެ ރޭންކިންގައި ރާއްޖެ އޮތީ ދުނިޔޭގެ 110 ވަނައިގަ އެވެ. އެ އަހަރު ނޮވެމްބަރު މަހު ނެރުނު ރޭންކިންގައި ދުނިޔޭގެ 109 ވަނަ އަށް ރާއްޖެ ޖެހިލިއިރު، މިދިޔަ އަހަރު މެއި މަހުގެ ރޭންކިންގައި ވެސް އެ މަގާމު ދެމެހެއްޓި އެވެ.

އަދި، އިއްޔެ ނެރުނު ފީފާ ރޭންކިންގައި، ރާއްޖެ ވަނީ ދުނިޔޭގެ ގަދަ 100 ގެ ތެރޭގައި ހިމެނި، 99 ވަނަ އަށް ޖެހިލައިފަ އެެވެ. 

މިިދިޔަ ޖެނުއަރީ މަހު، ތައިލެންޑްގައި ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭން ސަރަަހައްދުގެ އަނެއް ހަ ގައުމު ބަލިކޮށް ޗެމްޕިއަންކަން ހޯދުމަކީ، ރޭންކިންގައި 10 ދަރަޖަ ކުރިއަށްދިއުމުގެ މައިގަނޑު ސަބަބެވެ.

ދުނިޔޭގެ ރޭންކިންގައި ރާއްޖެ މި ވަގުތު އޮތީ، ޔޫރަޕްގެ ވަރުގަދަ ގައުމުތައް ކަަމަށްވާ ސްވިޒަލެންޑް، ތުރުކީ އަދި އޮސްޓްރިއާ ފަދަ ގައުމުތަކަށް ވުރެން ކުރީގަ އެވެ. އަދި، އިންގްލެންޑް އޮތީ ރާއްޖެ އަށް ވުރެން އެންމެ ދެ ދަރަަޖަ ކުރީގަ އެވެ. 

"ރާއްޖޭގެ ފުޓްސަލް އަށް އިހުތިރާމެއް ނެތި، އެންމެ ކުޑަމިނުން ކުޅެލެވޭނެ ވަސީލަތެއް ވެސް ނުދީފިނަަމަ، މި ކުޅިވަރު ކުރިއަރަންޖެހޭ ވަރަށް ނުދާނެ. ވަރަށް އުނދަގޫ ކަމަކަށްވާނީ، އޭއެފްސީ ލެވަލްގައި ވެސް ވާދަކޮށްލުން،" މިދިޔަ އަހަރުގެ އެ އިންޓަވިއުގައި ރިކާޑީނިއޯ ބުންޏެވެ. 

ރިކާޑީނިއޯ (ވ) މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި އެޗްޑީސީން ސްޓެލްކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: އިމޭޖަސް.އެމްވީ
ރިކާޑީނިއޯ (ވ) މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި އެޗްޑީސީން ސްޓެލްކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: އިމޭޖަސް.އެމްވީ

ރިކާޑީނިއޯ ބުނީ ރަނގަޅު ވަސީލަތްތަކާއި ފުރުސަތުތައް ފަހިކޮށްނުދީ ރާއްޖޭގައި މި އޮތް ފުޓްސަލްގެ ހުނަރަަށް މި ވެވެނީ "ބޭއިންސާފެއް" ކަމަށެވެ. އަދި، މިހާރު ހާލަތު އޮތްގޮތުން، ފުޓްސަލްގެ ހުނަރު މި ކުރެވެނީ "އިސްރާފު"ގެ ގޮތުގައި ބެލެވޭނެ ކަމަށް ވެސް ރިކާޑީނިއޯ ވަނީ ބުނެފަ އެވެ. 

ވަސީލަތްތަކާއި މުބާރާތްތައް ކުޅޭ ގޮތުން، ރާއްޖޭގެ މުބާރާތްތަކާ ބެހޭގޮތުން، "ރިއަލް ފުޓްސަލް" ގެ ވާހަކަ ދެއްކުން ފަސޭހައެއް ނޫން ކަަމަށް ތަކުރާރުކޮށް ފާހަގަކޮށް، ރިކާޑީނިއޯ ބުނީ، ހުނަރަަށް ބަލާއިރު އިންޑިވިޖުއަލީ ތަފާތު މޮޅެތި ކުޅުންތެރިން ރާއްޖޭން އޭނާ އަށް ފެނުނު ކަމަށެވެ. 

"ތެދެެއް، ރާއްޖޭގައި ނަމެއްގަައި ފުޓްސަލް އެބައޮތް. ފުޓްސަލް އޮތް ޝައުގުވެރިކަން އެބައޮތް ވަރަށް ބޮޑަށް. އެކަމަކު، ކިހިނެއް ހަމައެކަނި މި ވަރުން މިކަން ކުރާނީ، އެންމެ ކުޑަމިނުން ޕްރެކްޓިހެއް ކޮށްލަން ބޭނުންވާ މިންވަރު ވެސް މި ގައުމުގައި ނެތް،" ރާއްޖޭގައި ފުޓްސަލް އަށް ހުރި ގޮންޖެހުންތައް ކިޔައިދޭން ރިކާޑީނިއޯ ފެށި އެވެ.

"މި ކިޔައިދެނީ އެެ ކަންކަން، ރަަނގަޅު އިންޑޯއެއް ނެތް ފުޓްސަލް އަށް، ފުޓްސަލް ކުޅެން ޖެހޭ ބޫޓުގައެއް ނޫން މި ފަރިތަކުރެވެނީ. މި ކުޅެނީ އާޓިފިޝަލް ގްރާސްގައި. މިތަނުގައި މި ޖަހާ ގޮތަށް ސްލައިޑިން ޓެކަލެއް ނުޖެހޭނެ ފުޓްސަލްގައި އެ ލެވެނީ ކުޅުންތެރިންގެ ސިއްހަތު ރިސްކުގެ ތެރެއަށް. ދެން، މުބާރާތް މި ކުޅޭ ދަނޑުގައި ލޮކަ ރޫމެއް، ފާހާނައެއްގެ ހިސާބު ވެސް ނެތް، އަހަރެން އިތުރަށް ވެސް ކިޔަން އެބަހުރި މިހެން ކިޔާނަމަ،" 

ފުޓްސަލް އަށް ބޭނުންވާ ހުނަރުވެރި ކުޅުންތެރިންނަށް ބަލާއިރު، ރާއްޖޭގައި އެކަން ވަރަށް ބޮޑަށް އޮތް ކަމަށް ރިކާޑީނިއޯ ވަނީ ބުނެފަ އެވެ.

އެކަމަކު، މައްސަލަ އަކީ އެ ހުނަރު ބޭނުންކުރާނެ ގޮތެއް ނޫނީ އޭގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނެ ވަސީލަތްތަކެއް ނެތުން ކަމަށެވެ. 

ރިކާޑިނިއޯ ބުނީ އޭނާ އަށް ވެސް ފުޓްސަލްގައި ކުރިއަށްދެވުނު ހިސާބަކަށް އާދެވުނީ ރަނގަޅު ވަސީލަތްތަކެއް އޮތުމާއި ރަނގަޅު އޮނިގަނޑެއްގެ ތެރެއިން ކުރިއަށްދާން ފުރުސަތު އޮތުން ކަމަށެވެ. އޭނާ އަށް ވެސް ރާއްޖޭގައި މި އޮތް ހާލަތުގައި ކަންކަން ފަށަން ޖެހުނު ނަމަ މިހާރު އެ ހުރި ލެވަލަށް ނާދެވޭނެ އެެވެ. 

"މީގެ އިތުރުން ދެން ކަންކަމަށް ބަލާއިރު، ރާއްޖޭގެ ކުޅުންތެރިން ގަޑިއަށް ބަހައްޓާ ފަރުވާތެރިކަން ރަނގަޅުކޮށް، ފޯކަސް ބަހައްޓައިގެން ޓްރެއިނިންގައި މަސައްކަތް ކުރުުން ވެސް ވަރަށް މުހިންމު. އަމިއްލަ ނަފްސަށް ބަހައްޓާ ފަރުވާތެރިކަން ރަނގަޅުވެގެން، ޓީމެއް ރަނގަޅުކުރެވޭނީ،" ރިކާޑީނިއޯ ބުންޏެވެ. 

ރިކާޑީނިއޯ (ކ) އާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ، އަލީ ހާފިޒް (ހާއްޕެ)އާ އެކުގައި.--- ފޮޓޯ: އިމޭޖަސް.އެމްވީ
ރިކާޑީނިއޯ (ކ) އާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ، އަލީ ހާފިޒް (ހާއްޕެ)އާ އެކުގައި.--- ފޮޓޯ: އިމޭޖަސް.އެމްވީ

ހުނަަރު އޮތް ނިސްބަތަށް ބަލާއިރު، ރާއްޖޭގައި ފުޓްސަލް އިންޑޯއެއް ނެތުމުން "ހައިރާންވޭ"

މުޅި އިންޓަވިއުގައި ވެސް ރިކާޑީނިއޯގެ މައިގަނޑު ވާހަކަ ބައްޓަން ވެފައި އޮތީ، ރާއްޖޭގެ ފުޓްސަލް ކުޅެން އުޅޭ ކުޅުންތެރިންގެ ހުނަރު އޮތް މިންވަަރާއި އެކަންކަން ރަނގަޅު މަގުން ކުރިއަށްގެންދިއުމަށްޓަކައި، ބޭނުންކުރެވޭނެ އިންޑޯ ފެސިލިޓީއެއް ނެތުމާ ބެހޭގޮތުންނެވެ. 

"ފުޓްސަލް ކޯޓެއް (އިންޑޯއެއް) ނެތި، ފުޓްސަލް ފަރިތައެއް ނުކުރެވޭނެ. ފުޓްސަލް އެކަޑަމީސްތަކެއް ނުހަދައި ޒުވާން ކުޅުންތެރިން ނުއުފައްދައި ފުޓްސަލްގެ ހުނަރެއް ތަރައްގީ އެއް ވެސް ނުކުރެވޭނެ. ރަނގަޅު ފުޓްސަލް ކޯޗުން ނޫނީ އިންސްޓްރަކްޓަރުން ނެތި ފުޓްސަލް ކިޔަވައިވެސް ނުދެވޭނެ،" ރިކާޑީނިއޯ ބުންޏެވެ. 

ކުރަން ޖެހޭ މައިގަނޑު ކަންކަން ކުރުމަށްޓަކައި، އެންމެ މުހިންމު ކަމަކަށް ވެސް ފުރިހަމަވާން ޖެހޭ ކަމަކީ ފުޓްސަލް އިންޑޯއެއް އަޅައި، ވަސީލަތެއް ގާއިމްކޮށްދިނުން ކަމަށް ރިކާޑީނިއޯ ވަނީ ބުނެފަ އެވެ. އެ އަށް ފަހު، ދެން ވިސްނަންވީ ކަަމަކީ ރާއްޖޭގައި މި ތިބި ފުޓްސަލް އަށް ޝައުުގުވެރިކަން ހުރި ކޯޗުންނަށް ބަައިނަލްއަގުވާމީ ލެވަލްގައި އިތުރު ތަމްރީންތަކުގެ ފުރުސަތު ހޯދައިދީގެން އެ މީހުން ވެސް ޑިވެލޮޕްކުރުން ކަމަށް ރިކާޑީނިއޯ ބުނެފައިވެ އެވެ. 

"މުސްތަގުބަލަށް އިންވެސްޓް ކުރުމަކީ، މި ކަަމަށް ހަގީގީ މާނައިގައި ޒިންމާދާރުކަމާ އެކު މަސައްކަތް ކުރުން،" ރިކާޑިނިއޯ ބުންޏެވެ. 

ރާއްޖެ އަށް އޭނާ އައުމަކީ ކޮންމެ ވެސް މާނައެއްގައި ރާއްޖޭގެ ފުޓްސަލް އަށް ހިދުމަތެއް ކޮށްދިނުމުގެ ގޮތުގައި ފާހަގަވެއްޖެނަަމަ، އެއީ ވެސް ލިބޭނެ ހިތްހަމަޖެހުމެއް ކަމަށް ރިކާޑިނިއޯ ވަނީ ބުނެފަ އެވެ.

އަމިއްލަ ނަފްސަށްޓަކައި މި ކުރެވުނު ތަޖުރިބާއާ މެދު ހިތްހަމަޖެހޭ ކަމަށް ފާހަގަކޮށް، ރިކާޑީނިއޯ ވަނީ ރާއްޖޭގެ ސަރުކާރުން ނޫނީ ރަސްމީ އެހެން އިދާރާތަކުން ވެސް ރާއްޖޭގެ ފުޓްސަލް އަށް ހަގީގީ މާނައިގައި އަހައްމިއްޔަތުކަން ދޭން ޖެހޭ ކަމަށް ބުނެފަ އެވެ. 

ރިކާޑީނިއޯ ބުނީ، ރަނގަޅު އިންފްރާސްޓްރަކްޗާތަކެއް ނޫނީ ވަސީލަތްތަކެއް ލިބިގެން، އަސްލު ފުޓްސަލްގެ މާނައިގައި ކުޅުންތެރިން ޑިވެލޮޕްކޮށްގެން އެ ވިސްނުމުގައި ފުޓްސަލް ލީގެއް ރާއްޖޭގައި ބާއްވައިފިނަމަ ލިބޭނެ ކާމިޔާބީ ބޮޑު ކަމަށެވެ. 

"އޭއެފްސީ ކޮލިފައިންގައި ވެސް ފަހުރުވެރި ނަތީޖާ ހާސިލްކުރެވިދާނެ،" ރިކާޑީނިއޯ ބުންޏެވެ. 

އުންމީދަކީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ފުޓްސަލް އާ ބެހޭގޮތުން، އަސްލު ފުޓްސަލްގެ މިންގަނޑުތައް ހުރެެގެން ވާހަކަ ދެއްކޭނެ ޖާގަ އޮތުން ކަމަށް ރިކާޑީނިއޯ ވަނީ ބުނެފަ އެވެ. މި ވަގުތު ރާއްޖޭގައި މި އޮތީ ހަގީގީ މާނައިގައި ފުޓްސަލްގެ ވާހަކަ ދެއްކޭގޮތަށް ކުޅުންތެރިންގެ ހުނަރު އެކަނި ކަން ވެސް ރިކާޑިނިއޯގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ. 

"ރާއްޖޭގައި މި ވަގުތު އޮތީ ފުޓްސަލްގެ ނަމެއް. ދެން، ހުރި ކަންކަން ފުރިހަމަ ވެގެން ރާއްޖޭގައި މި ތިބި ކުޅުންތެރިން އަސްލު ފުޓްސަލްގައި މޮޅަށް ކުރިއަރައިގެންދާނެ ފެންވަރު އެބަހުރި. އެކަމަކު، މި ކަން ކުރަން، ސަރުކާރުން، ދެން ރަސްމީ ފަރާތްތަކުން އެބަޖެހޭ ފުޓްސަލްގެ ޑިވެލޮޕްމަންޓަށް ވިސްނަން،" ރިކާޑީނިއޯ ބުންޏެވެ. 

ރިކާޑީނިއޯ ވަނީ، މިިދިޔަ އަހަރުގެ އެޗްޑީސީ ޓީމުގެ ކޯޗާއި، އެޗްޑީސީ އަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ. އަދި، ލިބުނު ތަޖުރިބާތަކަށް ބަލާއިރު، އަސްލު ފުޓްސަލް ލެވަލްގައި ކަންކަން ނެތް ކަމުގައި ވިޔަސް، ރާއްޖެ ކަހަލަ ރީތި ގައުމެއްގައި އައުޓްޑޯގައި، ފުޓްބޯޅަ ބޫޓަށް އަރައިގެން، ވިއްސާރަ އާއި ވައިގެ ތެރޭގައި އާޓިފިޝަލް ގްރާސްގައި މުބާރާތެއް ކުޅެލެވުން ވެސް އެއީ ހިތްހަމަޖެހޭ ވަގުތުތަކެއްގެ ގޮތުގައި ރިކާޑިނިއޯ ސިފަކުރި އެވެ.

"ދޭން އޮތީ މައިގަނޑު އެންމެ މެސެޖެއް، މިނިސްޓްރީ އޮފް ސްޕޯޓްސް އަށް ދެން ފެޑެރޭޝަނަށް (ފުޓްބޯޅަ އެސޯސިއޭޝަނަށް). ހަގީގީ މާނައިގައި ރާއްޖޭގެ ފުޓްސަލް ކުރިއަރުވަން ނޫނީ ކުޅުންތެރިންނަށް އެހީވުމަށް ބޭނުންނަަމަ، ވަރަށް އަވަހަށް މަސައްކަތްތައް ކޮށްގެން އިންޑޯ ފުޓްސަލް ފެސިލިޓީއެއް ގާއިމްކޮށްދޭން ވީ، އިންވެސްޓްމަންޓަށް މަސައްކަތް ކުރަންވީ، ކޯޗުންގެ ޑިވެލޮޕްމަންޓަށް ކޮށްދެވެން ހުރި ކަންކަން ބަލައި، ކުޅުންތެރިންނަށްޓަކައި އެކަންކަން ވެސް ކުރަންވީ، އޭރުން ރާއްޖޭގެ ކުޅުންތެރިން ކުރިއަރައި، އަސްލު ވާދަވެރިކަން އޮންނަން ޖެހޭ ގޮތަށް ފުޓްސަލް ރާއްޖޭގައި ކުރިއަރާނީ،" މިދިޔަ އަހަރުގެ އޮކްޓޫބަރު، 19 ވަނަ ދުވަހު. "އަދަދު ސްޕޯޓްސް" އަށް ދިން 10 ސުވާލުގެ މައްޗަށް ބިނާކުރި މި އިންޓަވިއު ނިންމާލަމުން ރިކާޑީނިއޯ ބުންޏެވެ. 

ރިކާޑީނިއޯ މެޗެއް ނިންމާލުމަށް ފަހު އެޗްޑީސީ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ
ރިކާޑީނިއޯ މެޗެއް ނިންމާލުމަށް ފަހު އެޗްޑީސީ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ފުޓްސަލް އިންޑޯގެ މަސައްކަތުގެ އަމަލީ ސިފައެއް މަސައްކަތުގެ ކުރިއެރުމެއް ނެތް

 މީގެ ދެ އަހަރާއި ބައި ކުރިން ދައުރު ފެށި، މި ސަރުކާރުގެ ފުރަތަމަ 100 ދުވަސްތެރޭ ފަށަން އިއުލާނުކޮށް، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބިން ހަވާލުކުރި، ހުޅުމާލޭގައި ގާއިމްކުރާ ފުޓްސަލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަަތް އަދި ވެސް އޮތީ ނުފެށި އެވެ. 

ރައީސް އޮފީހުގައި، މިދިޔަ މަހު 13 ވަނަ ދުވަހު ބޭއްވި ސްޕޯޓްސް މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ، އެ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ. އެ ގޮތުން، އެކިއެކި ސަބަބުތަކާ ހުރެ މަސައްކަތް ލަސްވެފައިވާ ކަމަށް މިނިސްޓަރު ރާފިއު ވަނީ ވިދާޅުވެފަ އެވެ. 

އެ ގޮތުން ރާފިއު ވިދާޅުވީ، ފުޓްސަލް އާއި ނެޓްބޯޅަ ކޮމްޕްލެކްސްގެ މަސައްކަތް ކުރުމަށްޓަކައި ބަޖެޓް ހަމަޖެހި، މަސައްކަތް ފެށުމަށްޓަކަައި އެކަން ހަވާލުކުރެވުނު ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. 

"މި ދެ ޕްރޮޖެކްޓް ވެސް ފަރުމާ ކުރުމަށްޓަކައި ދެ ކޮމްޕެނީއަކާ ސޮއިކުރެވި، މީގެ ބަޖެޓް ވެސް ހަމަޖެހި އެކަން ބިނާކުރުމަށްޓަކައި. އެ ލޭންޑް ވެސް ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް އަމަލީ މަސައްކަތް އަޅުގަނޑުމެންނަށް ފެށިގެންދާނެ މި މަހު ތެރޭގައި (އޭޕްރީލް މަސް ތެރޭ) އަމަލީ މަސައްކަތް ފެށިގެންދާނެ، މިހާރު ކުންފުނިތަކާ މަޝްރޫއު ހަވާލުކުރެވިފައިވަނީ އެގްރީމެންޓްގައި ސޮއިކޮށް، ނިމިފައި އޮތް ކަމެއް މިއީ،" ދެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ރާފިއު ވިދާޅުވި އެވެ. 

ބައިނަލްއަގުވާމީ ފެންވަރުގެ ފުޓްސަލް ކޮމްޕްލެކްސެއްގެ މަސައްކަތް އޭޕްރީލް މަހު ފަށާނެ

ބައިނަލްއަގުވާމީ ފެންވަރުގެ މެޗުތައް ކުޅެވޭނެ ފުޓްސަލް ކޮމްޕްލެކްސެއްގެ މަސައްކަތް އަންނަ އޭޕްރީލް މަހު ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައި.

މީގެ ކުރިން، މިދިޔަ ފެބްރުއަރީ މަހު، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ މި އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ވަނީ އޭޕްރީލް މަސް ތެރޭ ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު، އަދިވެސް އަމަލީ ސިފައެއްގައި އެ މަސައްކަތް ފެށިފައެއް ނުވެ އެވެ. އަދި، މިދިޔަ ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރަކަށް ހުންނެވި، އަހުމަދު މަހުލޫފް ވަނީ މިދިޔަ ދައުރު ނިމުމުގެ ކުރިން، ފުޓްސަލް އިންޑޯއެއްގެ މަަސައްކަތް ކުރާނެ ކަަމަށް ވިދާޅުވެފަ އެވެ. އެކަމަކު، އެ ކަމެއް ނުވެ އެވެ. 

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ރާއްޖޭގެ މައި ފުޓްސަލް ލީގު ބޭއްވުމަށްޓަކައި، ކުރަން ޖެހޭ ކަންކަމަށް ކްލަބް މޯލްޑިވްސްއާ އެކު ދާދި ފަހުން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox