ގޮނޑި ގެއްލޭ އިސްލާހު ބާތިލު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

Apr 29, 2026, 2:09 PM
ސުޕްރީމް ކޯޓުގެ ޝަރީއަތް މިއަދު ކުރިއަށްދަނީ: ތަފާތު ރައުޔެއް ނެރުއްވީ ފަނޑިޔާރު އާއިޝާ ސުޖޫން -- ފޮޓޯ: ވީޑިއޯ ސްކްރީން ގްރޭބް

ސުޕްރީމް ކޯޓުގެ ޝަރީއަތް މިއަދު ކުރިއަށްދަނީ: ތަފާތު ރައުޔެއް ނެރުއްވީ ފަނޑިޔާރު އާއިޝާ ސުޖޫން -- ފޮޓޯ: ވީޑިއޯ ސްކްރީން ގްރޭބް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފްލޯ ކްރޮސްކޮށްފި ނަމަ ނުވަތަ އެމީހަކު އެހެން ސިޔާސީ ޕާޓީއަކާ ގުޅިއްޖެ ނަމަ މެންބަރުކަމުން ވަކިވާނެ ކަމަށް ބުނެ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ. 

އެންމެ މަތީ ކޯޓުގެ އެގޮތަށް ނިންމީ އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރެއްގެ އަގުލަބިއްޔަތުންނެވެ. ހިލާފު ރައުޔެއް ނެރުއްވީ ފަނޑިޔާރު އައިޝާ ސުޖޫން މުހައްމަދު އެވެ. 

އެ މައްސަލައިގައި މިއަދު ހުކުމް ކުރައްވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ ގާނޫނުއަސާސީ މި ސަރުކާރުން ގެނައި އިސްލާހު ބާތިލް ކުރަންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ. 

Advertisement

"ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެންނުވާ ބާތިލު އިސްލާހެއް ކަމަށް ކަނޑައެޅޭނެ އެއްވެސް ހަމައެއް ނެތް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. 

އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރުންގެ މައްޗަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ނުހިނގާނެ ކަމަށް ބުނެ ދައުވާ ކުރާ ފަރާތުން ހުށަހެޅި ނުކުތާއަށް ވެސް ކޯޓުން ގޮތެއް ކަނޑައެޅި އެވެ. ސުޕްރީމް ކޯޓުން ނިންމީ މިހާރުގެ މެންބަރުންގެ މައްޗަށް ވެސް އެ އިސްލާހު ތަންފީޒު ކުރެވޭނެ ކަމަށެވެ. 

"ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރުންގެ މައްޗަށް ތަތުބީގު ކުރެވޭނެ އިސްލާހެއް ނޫން ކަމަށް ކަނޑައެޅޭނެ އަސާސެއް ނެތް ކަމަށް ކަނޑައަޅަން އަހުރެންނަށް ފެނޭ،" އުއްތަމަ ފަނޑިޔާރު ޣަނީ ވިދާޅުވި އެވެ. 

ފަނޑިޔާރު ސުޖޫންގެ ރައުޔުގައި ވިދާޅުވެފައި ވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ފެންނަ ކަމަށެވެ. އެއީ ގާނޫނުއަސާސީއާ ހިލާފަށް ގެނައި ބަދަލެއް ކަމަށް ވެސް ރައުޔު އިއްވަވަމުން ފަނޑިޔާރު ވިދާޅުވި އެވެ. 

"މިއީ ގަވާއިދުތަކެއްގެ މައްޗަށް ބިނާވާ ކުޅިވަރެއް ރައްޔިތުން ކުޅެމުންދަނިކޮށް، އެނގުމެއް، އަހާލުމެއް އަދި މަޝްވަރާ ކުރުމެއް ނެތި ކުޅުމުގެ މެދުތެރެއިން ގަވާއިދު ބަދަލު ކުރުމުގެ ހާލަތެއް،" ފަނޑިޔާރު ސުޖޫން ވިދާޅުވި އެވެ. 

ސިޔާސީ ޕާޓީއަކުން ވަކިވެއްޖެ ނަމަ އެމީހަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ބުނާ މާއްދާ ގާނޫނުއަސާސީއަށް އިތުރު ކުރީ 2024 ވަނަ އަހަރެވެ. 

އޭގެ ފަހުން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅައި، ކޯޓުން އެ މައްސަލަ ބަލަމުންދަނިކޮށް ތިން ފަނޑިޔާރަކު ވަނީ ސަސްޕެންޑުކޮށްފަ އެވެ. ސަސްޕެންޑު ކުރި ދެ ފަނޑިޔާރަކު ފަހުން މަގާމުން ވަކިކުރިއިރު، އެއް ފަނޑިޔާރަކު އަމިއްލައަށް އިސްތިއުފާ ދެއްވީ އެވެ. 

ސުޕްރީމް ކޯޓުން މިއަދު މައްސަލަ ނިންމީ މި ސަރުކާރުން ފަހުން އައްޔަން ކުރި ތިން ފަނޑިޔާރަކު ހިމަނައިގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox