ޕީއެންސީއަށް ވޯޓުނުދޭން އަސްމާ ބާރުއަޅާ އޯޑިއޯއެއް ލީކުވެއްޖެ

މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު: ޕީއެންސީއަށް ވޯޓުނުދޭން އޭނާ ބާރު އަޅާ އޯޑިއޯއެއް ވަނީ ލީކުވެފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު: ޕީއެންސީއަށް ވޯޓުނުދޭން އޭނާ ބާރު އަޅާ އޯޑިއޯއެއް ވަނީ ލީކުވެފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) ގައި ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވޯޓުނުދޭން އެ ޕާޓީއަށް ނިސްބަތްވާ މާންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ބާރުއަޅާ އޯޑިއޯއެއް މިއަދު ލީކުވެއްޖެ އެވެ. 

އަސްމާ އާއި ޕީއެންސީގެ އާންމު މެންބަރަކާ ދެމެދު ދެކެވުނު ވާހަކައިގެ އެ އޯޑިއޯގައި އަސްމާ ވިދާޅުވީ ސަރުކާރުގެ ބަހަށް ނުހެއްލި ސުޕަވައިޒަރުގެ މަގާމު ނުދެނީސް ޕީއެންސީގެ އެއްވެސް ކެމްޕެއިން ހަރަކާތެއްގައި ބައިވެރިނުވުމަށް އެދޭ ކަމަށެވެ. ސުޕަވައިޒަރުގެ މަގާމު ލިބުނަސް ކެމްޕެއިންގެ ހަރަކާތްތަކުގައި ބައިވެރި ނުވުމަށް ވެސް އޭނާ ބާރު އެޅުއްވި އެވެ. 

"ނަމަނަމަ މަ މި ބުނީ އެމީހުންގެ ބަހަށް ނުހެއްލޭތި. ކޮންބައެއް އެއީ. އެނގިއްޖެ. ނުހެއްލޭތި. ނުނިކުންނާތި. އެއްކަމެއްވެސް އަނެކަތި ނުކުރާތި. ހަމަ އެމީހުން ބުނާއިރަށްވެސް ބުނޭ ތިމަންނަގެ ސުޕަވައިޒަރުކަން ދޭށޭ. އޭރަށް އެ ނިމުނީއޭ. އޭރުން ހުންނާނަމޭ. ނުހޮވޭނެއޭ. ކިތަންމެ ވަރެއް ދެއްކިޔަސް ނުހޮވޭނެއޭ. އަހަރެން ބޭނުމެއްވެސް ނޫނޭ މިހާރު،" އޭނާ ވިދާޅުވި އެވެ. 

Advertisement

އަސްމާ ވިދާޅުވީ އޭނާދެކެ ލޯބިވާ މީހުން ވަރަށް ގިނަވާނެ ކަމަށާއި އޭނާއާ މެދު ކަންތައް ކުރި ގޮތުން ޕީއެންސީއަށް ވޯޓު ނުދޭނެ ކަމަށް ބުނެ ގިނަ ބަޔަކު ގުޅި ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ވެސް އޭނާ ނުނިކުމެއްޖެއްޔާ މުހައްމަދު މުއިއްޒުއަށް ދެ ވަނަ ދައުރެއް ނުލިބޭނެ ކަމަށް ވެސް އަސްމާ ވިދާޅުވި އެވެ. 

"އަހަރެން ނުނިކުމެއްޖެއްޔާ ރައީސަކަށް ރިޔާސީ އިންތިހާބުވެސް ނުނެގޭނެ. ވަރަށް ސާފުކޮށް މި ބުނަނީ. މަދެކެ ލޯބިވާ މީހުން ވަރަށް ގިނަ. މަ ބުނާހާ ގޮތެއް ހަދާ. މިހާރުވެސް މީހުން ކިހިނެއްހޭ ހަދަންވީ ކިޔާފައި އެބަ ބުނޭ ތިމަންނަ ބޭނުމެއް ނޫނޭ އަސްމާއްތައަށް އެހެން ހެދީމަކާ ތިމަންނައެއް ބޭނުމެއް ނޫނޭ ޕީއެންސީއަކަށް ވޯޓުލާކަށް،" އޭނާ ވިދާޅުވި އެވެ. 

މަޖިލީހުގެ ގޮނޑިވެސް ސަރުކާރަށް ގެއްލުވާނުވެލޭވެނެކަން ފާހަގަކުރައްވާ އަސްމާ ވިދާޅުވީ މިހާ ހިސާބަށް އޭނާ އައީ އަމިއްލައަށް ކުރި ބުރަ މަސައްކަތުން ކަމަށާއި ސަރުކާރުން ކުރި ޖެއްސުން އެނގޭނީ ވެސް އޭނާއަށް ކަމަށެވެ. 

"އެއްކަމެއް ވެސް ނުކުރެވޭނެ. އަހަރެންނަށް އެއްކަމެއްވެސް ނުކުރެވޭނެ. އަހަރެންނަކީ އަމިއްލައަށް، އަމިއްލަ އަރީގައި މި ހިސާބަށް އައި މީހެއް. އެހެންވީމަކާ ނުވާނެ. ކަލޭމެންނަށް އެނގޭނެ އަހަރެންނަށް ކުރި ޖެއްސުން. އެމީހުން މިއޮތް ހުރިހާ ދުވަހުވެސް މި ހިފެހެއްޓީ އަހަރެންނެއްނު. އަހަރެން އޮންބޯޑުކުރާނަމޭ. ކިހިނެއް. އެކަމެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ. 

އަސްމާ ވިދާޅުވީ މަޖިލީހުގެ ގޮނޑި ގެއްލުވާލައިފިނަމަ މަޖިލީހުގެ ގޮނޑި ދިފާއުކުރާނީ އިދިކޮޅު އެމްޑީޕީގެ ވޯޓާވެސް އެކުގައި ކަމަށެވެ. އޭނާ އެހެން ވިދާޅުވެފައި މިވަނީ ޕާޓީން ކަނޑާލައިގެން މަޖިލިސް ގޮނޑި ގެއްލިއްޖެނަމަ، އެ މެންބަރަކު އަނބުރާ މަޖިލީހަށް ހޮވައިދޭން އެމްޑީޕީން މަސައްކަތްކުރާނެ ކަމަށް ނިންމާފައި ވަނިކޮށެވެ. 

"ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ މަށަކަށް. ގޮނޑިއެއްވެސް ނުގެއްލޭނެ. އަހަރެން އަމިއްލައަކަށް ނުކުރާނަން. މިސާލަކަށް އަހަރެންގެ ގޮނޑި އެމީހުން ނަގައިފިއްޔާ، މި ބުނީ މަ ޕާޓީން ކަނޑާލާ ގޮތެއް ހަދައިފިއްޔާ ކަމަށްވަނީވިއްޔާ ދެން ހޮވާއިރުގައި މަ އިންނާނީ އެމްޑީޕީގެ ވޯޓުތަކެއް ދަންދެން އެއްކޮށް އެތަނަށް،" އޭނާ ވިދާޅުވި އެވެ. 

މި އޯޑިއޯއާ ގުޅޭގޮތުން އަސްމާގެ ބަހެއް ހޯދުމަށް އަދަދު އިން އޭނާއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް މި ލިޔުމުގައި ނުހިމެނުނެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މުހައްމަދު މުއިއްޒު މާފަންނު އަވަށުގެ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުމުގައި ހިޔާލުފާޅު ކުރަން ބޭނުންވާ މީހުން އަންގަން އެދުމުން އަސްމާއަށް ފިޔަވަޅު އެޅި އެވެ. އެގޮތުން މުއިއްޒު އަންގައިގެން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުންނާއި ޔޫކޭ-މޯލްޑިވްސް ފްރެންޑުޝިޕްގެ ގްރޫޕްގެ ޗެއާގެ މަގާމުން އަސްމާ ވަކިކުރި އެވެ. 

މީގެ އިތުރުން، ޕީއެންސީގެ ޕީޖީ ގްރޫޕުގެ ވަޓްސްއެޕް ގްރޫޕަށް އަދި އަސްމާއަށް ވަކިން މުއިއްޒު ވަނީ ނުރުހުމުގެ މެސެޖުތަކެއް ފޮނުއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox