ރިޕޯޓުދައުލަތުގެ ތިޖޫރީގެ ފޫކަހާލައިގެން ވެސް ސަރުކާރަށް އިންތިހާބު ނުނެގުނު

ދައުލަތުގެ ތިޖޫރީގެ ފޫކަހާލައިގެން ވެސް ސަރުކާރަށް އިންތިހާބު ނުނެގުނު

ދައުލަތުގެ ވަސީލަތްތަކާއި ނުފޫޒު ބޭނުންކޮށްގެން ސަރުކާރުން ބޮޑު ކެމްޕޭނެއް ކުރި ނަމަވެސް، ފަހުގެ އިންތިހާބުތަކުން ސަރުކާރު ހިންގާ ޕީއެންސީއަށް ނުލިބޭ ވަރުގަ ބޮޑު ނާކާމިޔާބީއަކާ ވަނީ ކުރިމަތިލާން ޖެހިފަ. މިއީ ވަޒީފާގެ ފުރުސަތުތަކާއި މަޝްރޫއުތަކަށް ވުރެ، ތަކެތީގެ އަގުބޮޑުވުމާއި ދިރިއުޅުމުގެ ދަތިތަކާ މެދު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެފައިވާކަން ހާމަވި ނަތީޖާއެއް.

ރައީސް މުއިއްޒު
ރައީސް މުއިއްޒު

ރާއްޖޭގެ ސިޔާސީ އޮއިވަރު ހުރި ގޮތް ވަރަށް ސާފުކޮށް ފެނިގެން ހިނގައްޖެ އެވެ. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހަކު ބޭއްވުމާ މެދު ނެގުނު ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ލިބުނުއިރު، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް މިވަނީ ހީނުކުރާ ފަދަ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ.

މި ތިން ވޯޓަކީ ވެސް މުއިއްޒުގެ "ދިވެހީންގެ ރާއްޖެ" އަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ވަޒަންކޮށްލުމަށް ބޭއްވި އިމްތިހާނެކެވެ. ނަމަވެސް، ދައުލަތުގެ ނުފޫޒު އިންތިހާއަށް ބޭނުންކޮށްގެން ކުރި ކެމްޕޭނަށް ފަހު ވެސް، ވެރިކަން ކުރާ ޕީއެންސީއަށް ލިބުނީ ވަރަށް ހިތި ނަތީޖާއެކެވެ. މިއީ ސަރުކާރުން ދިން ވަޒީފާތަކާއި ފެށި މަޝްރޫއުތަކަށް ވުރެ ރައްޔިތުންގެ އިހުސާސްތައް މާ ވަރުގަދަކަން ހާމަވި ދަނޑިވަޅެކެވެ.

ސަރުކާރުން ކިތަންމެ ވަރަކަށް ބޯހޫރުވާފައި ނޫނެކޭ ބުންޏަސް މި އިންތިހާބާ ދިމާކޮށް ސަރުކާރުން ވަނީ ދައުލަތުގެ ހުރިއްޔާ ހުރި ހުރިހާ ވަސީލަތެއްގެ ބޭނުންކޮށްފަ އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިންތިހާއަށް ވަޒީފާ ބަހައި، އެތައް ސަތޭކަ ސިޔާސީ މަގާމެއް ބަހައިލި އެވެ.  މިއީ ވޯޓަށް ނުފޫޒު ފޯރުވުމަށް ޒަމާނުއްސުރެ ރާއްޖޭގައި ބޭނުންކުރާ އުކުޅެކެެވެ.

އެވަރުން ނިމުނީކީއެއް ނޫނެވެ. އިންތިހާބާ ގާތްވެފައި ވަނިކޮށް، ފަސްޓް ލޭޑީ އާއި ވަޒީރުން ރަށްރަށަށް ވަޑައިގެން ބަނދަރުތަކާއި ކުޅިވަރު ދަނޑުތައް ހުޅުވި އެވެ. ސަރުކާރަށް ދޮޅު އަހަރުވީއިރު ނުފަށާ ހުރި ބައިވަރު މަޝްރޫއެއްގެ މަސައްކަތް ކުއްލިއަކަށް ފެށި އެވެ.  މިއީ ސަރުކާރުން ހަލުވިކަމާއެކު މަސައްކަތްކުރާކަން ދެއްކުމަށް ކުރި ކަމެކެވެ.

އެކަމަކު ރައްޔިތުން ތިބީ އެއަށްވުރެ މާ ހޭލުންތެރިވެފަ އެވެ. ސަރުކާރުން ދައްކަން އުޅުނު ތަރައްގީގެ ކުލަވަރު، ރައްޔިތުންނަކަށް ކުލަ ނުވެ އެވެ. 

މި ހުރިހާ ކަމެއް ހިނގަމުން ދިޔައީ އީރާނުގެ ހަނގުރާމައިގެ ބިރުވެރިކަން ދުނިޔެއަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. މި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލި، ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު ވަނީ ބޮޑުވެފަ އެވެ.

މާލޭގައި ބޮޑެތި ޖަލްސާތައް ބާއްވަމުން ދިޔައިރު، އާންމު ރައްޔިތުން ތިބީ ތަކެތީގެ އަގު ބޮޑުވުމާއި ދިރިއުޅުމުގެ ހަރަދުތައް ހަމަނުޖެއްސިގެން ކަންބޮޑުވެފަ އެވެ. އިންތިހާބުގެ މަސްތުގައި ސަރުކާރު ތިބީ ނިދިޖެހިފަ އެވެ. ރައްޔިތުންގެ އަސްލު އިހުސާސްތަކާއި ކުރަމުންދިޔަ އާދޭސްތަކަށް ދިނީ ބީރު ކަންފަތެކެވެ. 

ސަރުކާރުން ގަބޫލުކުރީ އިންތިހާބު ދުވަސްވަރު ހަރަދު ކުޑަކުރުމަކީ ސިޔާސީ ގޮތުން އަމިއްލައަށް މަރުވުން ކަމަށެވެ. އެހެންކަމުން، ގައުމުގެ މާލީ ހާލަތު ހަރާބު ވިޔަސް ހެޔޮކަމަށް، ސަރުކާރުން ދިޔައީ އެއްވެސް އިމެއް ހައްދެއް ނެތި، ސިޔާސީ ބޭނުމަށް ބޮޑެތި ހަރަދުތައް ކުރަމުންނެވެ. އެކަމަކު އެ ކުރި ބޮޑު ހަރަދުން ލިބުނު ސިޔާސީ މަންފާއެއް ނެތެވެ.

މި ހުރިހާ ކަމެއްގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވަން އޮތް އޭސީސީ އޮތީ "ވާގިނެތިފަ" އެވެ. ސަރުކާރުގެ ކުންފުނިތަކުގެ ވަސީލަތްތައް ކެމްޕޭނަށް ބޭނުންކުރަމުން ދިޔައިރު، އެ ކޮމިޝަނުން އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. މުއިއްޒުގެ ސީދާ ނުފޫޒުގެ ދަށުގައި މަސައްކަތްކުރާ ކަމަަށް އިދިކޮޅުން ތުހުމަތުކުރާ އޭސީސީއަކީ، މިހާރު ރައްޔިތުންގެ އިތުބާރު ނެތް، ނަޒާހާތްތެރިކަމެއް ނެތް މުއައްސަސާއެކެވެ. 

ދިވެހި ރައްޔިތުން މިވަނީ ވަރަށް ސާފު މެސެޖެއް ދީފަ އެވެ. އެ މީހުންނަކީ ވަޒީފާއެއް ދިނުމުން ނުވަތަ މަޝްރޫއެއް ފެށުމުން ވޯޓު ވިއްކާލާނެ ބައެއް ނޫންކަން ސާބިތުކޮށްދީފި އެވެ. މިއީ މީގެ ކުރިން ޔާމީންގެ ސަރުކާރާއި ސޯލިހުގެ ސަރުކާރަށް ވެސް ކުރިމަތިވި ހަގީގަތެވެ.

ތާރީހު މިވަނީ އިއާދަވެފަ އެވެ. ޕީޕީއެމް އަދި އެމްޑީޕީން ހެދި ގޯސްތައް މުއިއްޒުގެ ސަރުކާރުން ވެސް މިވަނީ ތަކުރާރު ކޮށްފަ އެވެ. ދައުލަތުގެ ފައިސާއިން ވޯޓު ގަނެވޭނެ ކަމަށް ހީކުރުމަކީ ބޮޑު ކުށްހީއެއްކަން މި އިންތިހާބުން އަނެއްކާ ވެސް މި ވަނީ ހާމަ ވެފަ އެވެ.

މުއިއްޒަށް އޮތް ފުރުސަތު މިދަނީ ހަނިވަމުންނެވެ. އީރާނު ހަނގުރާމައާއެކު އިގްތިސާދީ ގޮންޖެހުންތައް ކުރިއަށް އޮތް ތަނުގައި އިތުރު ވާނެ އެވެ. މި ފިއްތުންތަކުގެ ތެރޭގައި ސިޔާސީ ވަޒީފާތަކަށް ކުރާ އިސްރާފު ހަރަދު  ދެމެހެއްޓޭނެ ގޮތެއް ނެތެވެ. ގައުމުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު، އިތުރު "ރިޝްވަތު" ދޭނެ ފައިސާއެއް ދައުލަތުގެ ހަޒާނާއަކު ނެތެވެ. 

މި ތިން ވޯޓުގެ ނަތީޖާއަކީ ރައްޔިތުން ސަރުކާރަށް ދިން "ރީނދޫ" ސިގްނަލެކެވެ. ރައްޔިތުން އެދެނީ ހަމައެކަނި ކަރުދާހުގައި އޮންނަ ތަރައްގީއެއް ނޫނެވެ. އެ މީހުން އެދެނީ އިހުލާސްތެރިކަމާއި އިންސާފެވެ.

ތާރީހުގެ ސަފުހާތަކުން ފިލާވަޅު ލިބިގަނެ، ބަދަލު ނުގެނެސްފިނަމަ، މުއިއްޒުގެ ވެރިކަން ވެސް ވެގެންދާނީ އެއް ދައުރަށް ފަހު ނިމިގެންދާ ވެރިކަމަކަށެވެ. އަންނަ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ބޭނުން ނުވާނަމަ، މުއިއްޒު މިހާރުން މިހާރަށް ބަދަލުތަކެއް ގެންނަން ޖެހެ އެވެ. 

މުއިއްޒު އެކަންޏެއް ނޫނެވެ. މިއީ އޭސީސީ ފަދަ މުއައްސަސާތަކަށް ވެސް ރައްޔިތުން ދިން ވަރުގަދަ މެސެޖެކެވެ. ސަރުކާރުގެ އާރާއިބާރުގައި ޖެހި ކަމެއް ނުވާ ކަމަށް ހެދިގެން ތިއްބަސް، ރައްޔިތުން ތިބީ އެކަމަށް ވަރިހަމަވެ، ދީލައިލާ ގޮތަކަށް ނޫނެވެ. ހޭލާށެވެ. 

އަމަން ހަލީމް

ޖާނަލިސްޓް

އަމަން ހަލީމް އަކީ ހުނަރުވެރި އުއްމީދީ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. ސިޔާސީ ދާއިރާ އިން ފެށިގެން ވިޔަފާރި އާއި އިގުސާދީ ދާއިރާގައި ވެސް އޭނާގެ ގަލަން ހިނގަ އެވެ. އޭނާ ކުރިން މަސައްކަތްކުރީ "ރާއްޖެ ޓީވީ" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox