ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސައްހަކަން ގެއްލިއްޖެ

ރައީސް މުއިއްޒު.

ރައީސް މުއިއްޒު.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ބޭނުންވެވަޑައިގަންނަވާ ވާހަކަ ރައީސް މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ އިއުލާނު ކުރެއްވީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޖަގަހައެއްގައި ވާހަކަ ދައްކަވަމުން ޖުލައި 7، 2024، ގަ އެވެ. 

ދެ އިންތިހާބު އެއްކޮށްލާ ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ ފެބްރުއަރީ 10، 2026، ގަ އެވެ. ރައީސްގެ ވާހަކަ އާއި މަޖިލީހުން ބިލު ފާސްކުރުމާ ދެމެދުގައި އެއް އަހަރާއި ހަތް މަހާއި ތިން ދުވަސް ފާއިތުވި އެވެ. އެއީ ޖުމުލަ 583 ދުވަހެވެ. 

އެ މުއްދަތުގައި، ދެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނީހެވެ. ރަައްޔިތުން ހޭލުންތެރި ކުރުވުމަށް ކެމްޕެއިނަކަށް ފަހު ކެމްޕެއިނެއް ހިންގުނީހެވެ. އެއިރުން، މައުލޫގައި ދެ ފަރާތުން ދައްކާފައި ހުރި ވާހަކަތައް އަޑުއަހައި، ކަމުގެ ދެކޮޅު އެނގިހުރެ އާންމުންނަށް ވޯޓު ދެވުނީހެވެ.

Advertisement

ދެ އިންތިހާބު އެއްކޮށްލުމުގެ ހިޔާލު މުއިއްޒު ގެންގުޅުއްވަން ފެށި ހިސާބުން ރައްޔިތުންނާ މަޝްވަރާ ކުރުމަށް މަސައްކަތް ނުކުރެއްވި ތަނުގައި، ދެ އިންތިހާބު އެއްކޮށްލާ ބިލު ރަސްމީކޮށް ފާސް ކުރުމަށްފަހު ވެސް އެއްވެސް މަޝްވަރާއެއް ނުބާއްވަ އެވެ. 

ދެ އިންތިހާބު އެއްކޮށްލާ ބިލު މަޖިލީހުން ފާސް ކުރީ މަޖިލިސް ޗުއްޓީއެއްގައި އޮއްވައި، ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވައިގެންނާއެކު، އެންމެ 36 ދުވަހުގެ ތެރޭގަ އެވެ. މަޖިލީހުން އެ ބިލު ފާސް ކުރުމާއި ވޯޓާ ދެމެދު ހިނގީ އެންމެ 46 ދުވަހެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި އެކަށައަޅާފައިވާ ޑިމޮކްރެޓިކް ނިޒާމުގެ އެންމެ އަސާސީ ސިފަ ކަމަށްވާ މަޝްވަރާ ކުރުމަކާ ނުލައި އިންތިހާބު ބާއްވަން އުޅުމުން، ގިނަ ބަޔަކު މި ވޯޓު ނެގީ މުއިއްޒަށް ތާއީދު އޮތް މިންވަރު ނުވަތަ ތާއީދު ނެތް މިންވަރު ދައްކަން ރިޔާސީ ދައުރުގެ މެދުތެރެއިން ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގަ އެވެ. 

އެ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި، އާދަޔާ ހިލާފު ހޫނު ގަދަ ދުވަހެއްގައި ބައިބޯކޮށް ރައްޔިތުން ނުކުމެ ތާރީހީ ބައްޔަކުން ރައީސް މުއިއްޒާއި ސަރުކާރު ބަލިކޮށްފި އެވެ.  

ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނި މީހުންގެ އަދަދު 130،226 ވުރެ މައްޗަށް ގޮސްފި އެވެ. އަދިވެސް ފަސް ވަރަކަށް ފޮށީގެ ނަތީޖާ ނާދެ އެވެ. އެކަމަކު، މިދިޔަ ރިޔާސީ އިންތިހާބުގައި މުއިއްޒަށް ލިބިވަޑައިގެންނެވި 129،159 ވޯޓަށް ވުރެ ނޫނެކޭ ބުނި މީހުންގެ އަދަދު މިހާރު ވެސް އިތުރުވެއްޖެ އެވެ. 

ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ސަރުކާރާއި ރައީސް މުއިއްޒަށް ދިން މެސެޖު ވަރަށް ސާފެވެ. އިއްޔެގެ ވޯޓުގައި ހަމައެކަނި ސަރުކާރު ބަލިވީކީ ނޫނެވެ. އިއްޔެގެ ވޯޓާއެކު ސަރުކާރާއި ސަރުކާރު ކޮންޓްރޯލް ކުރާ ރައްޔިތުންގެ މަޖިލީހުގެ ލެޖިޓިމަސީ ނުވަތަ ސައްހަކަން ގެއްލިއްޖެ އެވެ.

އެގޮތަށް ގަބޫލު ކުރަންޖެހޭ އެންމެ ބޮޑު ސަބަބަކީ، ރައްޔިތުން ފަރާތުން ބަސް ވިދާޅުވުމުގެ ހައްގު އިމެއް ނެތި ލިބިވަޑައިގެންފައިވާ ކަމަށް މުއިއްޒަށް ވިސްނިވަޑައިގަތުމެވެ. މާޗް 2، 2026، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުން ހޮވާފައި ހުންނެވި ބޭފުޅެއް ކަމުން ރައްޔިތުންގެ ނަމުގައި ކަންކަން ކުރެއްވޭނެ ކަމަށެވެ. 

"އަޅުގަނޑަކީ ރައްޔިތުން ހޮވާފައި ހުރި މީހެއްވީމާ، އަޅުގަނޑަށް ރައްޔިތުންގެ ސްޓޭންޑް ނެގޭނެއެއްނު. މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ވޯޓުދިނީ. މެޖޯރިޓީ ވޯޓު ލިބިގެން އަންނަނީ މަގާމަށް. އެހެންވީމާ، ހުރިހާ ރައްޔިތުންގެ ފަރާތުންނެއްނު އަޅުގަނޑު ވާހަކަ ދައްކާނީ،" މުއިއްޒު ވިދާޅުވި އެވެ. 

ރައީސް އެހެން ވިދާޅުވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އަންނަ ބޭފުޅަކީ މުތުލަގު ބާރެއް ދީފައި އެ މަގާމަށް ގެންނަ ބޭފުޅެއް ނޫނެވެ. ގާނޫނުއަސާސީ އާއި ޑިމޮކްރިޓް ނިޒާމުގެ އެންމެ އަސާސީ ސިފައަކީ މަޝްވަރާ ކުރުމެވެ. ރައްޔިތުން ހިޔާލު ހޯދުމެވެ. ރައްޔިތުން ބޭނުންވަނީ ކޮން ކަމެއްތޯ ހޯދުމެވެ. 

އަވައްޓެރި އިންޑިއާއަށް ފާޅުގައި ގޮން ޖަހައި، ހަޖޫ ޖެއްސެވީ ރައްޔިތުންގެ ހިޔާލު ހޯއްދަވައިގެނެއް ނޫނެވެ. ރަސްމާލޭގެ ނަމުގައި ތަނެއް ހިއްކަން ފަށައި އެތަނަށް މިލިއަނުން ފައިސާ އޮއްސަން ފެށީ ރައްޔިތުން ބޭނުންވެގެނެއް ނޫނެވެ. 

ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާ ބަހަނީ ރައްޔިތުން އެކަމަށް އެދޭތީއެއް ނޫނެވެ. ގާތްތިމާގެ މީހުންނަށް އަދި ބޭރުގެ ފޭކު ކުންފުނިތަކަށް މެގަ ޕްރޮޖެކްޓުތައް ހަވާލު ކުރީ އާންމުންގެ ލާބައަކަށް ނޫނެވެ. ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު ހަރަދުކޮށްގެން، ތުރުކީއިން ޑްރޯންތަކެއް ގަތީ ގައުމުގެ ފައިދާއަކަށް ނޫނެވެ. 

ބައިނަލްއަގުވާމީ ކޯޓުތަކުން މޮރިޝަސްއަށް ދީފައި އޮތް ކަނޑަށް ދިވެހި ސިފައިން ފޮނުވައި އެތަނުގެ ކޮންޓްރޯލް މުއިއްޒު ނެންގެވީ، ވަތަނުގެ ދިފާއެއްގައެއް ނޫނެވެ. މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލަން ގޮވާލުމުގެ ބަދަލުގައި މިސައިލު ހަމަލާތައް އިތުރު ކުރަން މުއިއްޒު ހިތްވަރުދެއްވީ، އެފަދަ ވާހަކައަކުން ގައުމަށް ގެއްލުންވާނެ މިންވަރު އެނގިވަޑައިނުގަންވާތީއެއް ނޫނެވެ. 

ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ނޫނެކޭ  ބުނީ މުއިއްޒުގެ އެ ސިޔާސަތުތަކަށެވެ. ނުވަތަ ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް އެއްވެސް ކަމެއްގައި ނެތުމަށެވެ. 

ރައްޔިތުން ހިތްހަމަނުޖެހިފައި ތިބި އަނެއް ކަމަކީ މުއިއްޒުގެ ހުދުމުހުތާރު ކަމެވެ. ޑިމޮކްރެޓިކް މަގުން މުއިއްޒު އެކެހެރިވެވަޑައިގެންނެވިތާ ކިތަންމެ ދުވަހެއް ފާއިތުވެއްޖެ އެވެ. މުއިއްޒު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަކީ  "ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެމަތީން" ވެރިކަން ކުރެއްވުމެވެ. ނަމަވެސް އެމަނިކުފާނު ފަރާތްޕުޅުން ފެންނަނީ ހުދުމުހުތާރު ވެރިއެއްގެ ސިފަތަކެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ދީގެން މުއިއްޒު އެތަން ކޮންޓްރޯލް ކުރައްވާ ކަމަށް ޕީއެންސީގެ މެންބަރުން މީގެ ކުރިން މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވެ އެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވަން ގާއިމްކޮށްފައިވާ މުސްތަގިއްލު މުއައްސަސާތަކުގެ މިނިވަންކަން ވެސް ގެއްލިއްޖެ އެވެ. 

އޭގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ނުހައްގުން އަދި ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ވަކިކޮށް އެތަނަށް ވެސް މުއިއްޒު ބޭނުންވެވަޑައިގެންނެވި ފަނޑިޔާރުންތަކެއް އައްޔަންކޮށްފި އެވެ. އެއާއެކު ރައްޔިތުންގެ މަސްލަހަތާ ގުޅޭ މުހިންމު މައްސަލަތައް ކޯޓުގައި ކުއްލިއަކަށް ތާށިވެއްޖެ އެވެ. 

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން މުއިއްޒު ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ، އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނުއަސާސީ އިން ކަނޑައަޅާފަައިވާ މިންވަރަށް ފުޅާ ކުރުމެވެ. އެއްވެ އުޅުން ހަނި ކުރަން ހަދާފައި އޮތް ގާނޫނު އުވާލުމެވެ. ނަމަވެސް އެކި ފަހަރު މަތިން އެކަން ކުރަން ވައުދުވެވަޑައިގަތުމަށްފަހު މިއަދާ ހަމައަށް ވެސް އެ މިނިވަންކަމެއް ނުދެ އެވެ. 

އެ މިނިވަން ރައްޔިތުންނަށް ނުލިބޭ ތަނުގައި، ޒުވާނުންގެ ބަޔަކު ކުރި މުޒާހަރާއިން ދެ މީހަކު ހައްޔަރުކޮށް އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ވެސް ފޮނުވި އެވެ. ހަމައެކަނި ކުށަކީ ގާނޫނުއަސާސީ އިން ލިބިދޭ ހައްގެއްގެ ބޭނުން ހިފުމެވެ. 

ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނަން ޖެހުނު އަނެއް ސަބަބަކީ ޖީބަށް ވަންނަ ފައިސާ މަދުވެފައި ތަކެތީގެ އަގު ބޮޑުވުމެވެ. ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އިންފްލޭޝަން ހުރީ ހަތަރު ޕަސެންޓަށް ވުރެ މަތީގަ އެވެ. މިއީ އޭގެ ކުރީ އަހަރުގައި އިންފްލޭޝަން ހުރި 1.40 ޕަސެންޓަށް ވުރެ ގާތްގަނޑަކަށް ތިން ގުނަ ބޮޑު އިތުރުވުމެކެވެ.

އެންމެ އަސާސީ ކާބޯތަކެތީގެ އަގު ވެސް އުފުލިއްޖެ އެވެ. ކުރިން އުޅުނު ގޮތް ބަދަލުކޮށް، ސަރުކާރުގެ ސީނިއާ އޮފިޝަލަކު ވިދާޅުވި ފަދައިން "ގަރުދިޔަ އާއި ބަތަށް ދިވެހިން ތިރިވެލަން" ޖެހިއްޖެ އެވެ. 

ތަކެތީގެ އަގު ބޮޑުވުމުގެ މައިގަނޑު ސަބަބަކީ ޑޮލަރުގެ އަގު ބޮޑުވުމެވެ. ޑޮލަރެއް މިހާރު ލިބެނީ 20 ރުފިޔާއަށް ވުރެ މަތިންނެވެ. މިއީ ކޮވިޑުގެ ދުވަސްވަރު ޑޮލަރުގެ އަގު އަރައިގެންދިޔަ މިންވަރެކެވެ. 

ސަރުކާރުގެ ސައްހަކަން ގެއްލިއްޖެ ކަމަށް ގަބޫލު ކުރެވެނީ އެ ސަބަބުތަކާ ހުރެ އެވެ. މިފަދަ ފެންނަ ނުފެންނަ ވޯޓަކުން ރައްޔިތުން ސާފު ނޫނެކޭ ބުނެފި ނަމަ ރީތި ގޮތަކީ އިސްތިއުފާ ދެއްވުމެވެ. މުއިއްޒުގެ އިސްތިއުފާއަށް ގޮވާލާ އަޑުތައް މިހާރު ވެސް ގަދަވެއްޖެ އެވެ. ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން، މުއިއްޒުގެ އިސްތިއުފާއަށް ގޮވާލުމުގެ ހައްގު އެންމެންނަށް ދީފި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox