ގެދޮރުވެރިޔާ ފްލެޓު ދޫކުރާއިރު، މާލެ ފިޔަވައި އެހެން ރަށެއްގައި ދިރިއުޅުނުކަން ލިޔެކިޔުމުން ސާބިތުނުވާ ނަމަ ފްލެޓު ހަވާލު ކުރާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީ އިން މިއަދު ބުނެފި އެވެ.
ފްލެޓަށް ކުރިމަތިލާން ހުޅުވައިލި އިރު ސަރުކާރުން ކުރި އެއް ޝަރުތަކީ މެދުނުކެނޑި 15 އަހަރު މާލޭގައި ދިރިއުޅެފައިވުމެވެ. މި ސަރުކާރުން ފަހުން ބުނީ، ލިޔެކިޔުމަކުން މާލޭގައި އުޅުނުކަން ސާބިތުނުވާ ނަމަ ފްލެޓު ދޫނުކުރާނެ ކަމަށެވެ. އެކަމަކު މިއަދު އެ މިންގަނޑު ވަނީ ލުއިކޮށްފަ އެވެ.
"26 ޖޫން 2022 ގެ ތާރީހުން 15 އަހަރު ކުރީގެ ތާރީހެއްގައި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާކަން އެނގޭ ފަރާތްތަކުގެ ތެރެއިން، މާލެ ނޫން އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރިކަން ސަރުކާރުގެ ލިޔެކިޔުންތަކުން ސާބިތުނުވާ ނަމަ، އެފަރާތްތައް ބަލާނީ މެދުނުކެނޑި މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކެއްގެ ގޮތުގަ،" މިނިސްޓްރީ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވެ އެވެ.
ފްލެޓަށް ކަނޑައެޅިގެން ޝަރުތުހަމަނުވާ މީހުން އުނި ކުރުމަށްފަހު، ފްލެޓު ދޭނީ ކުރީ ސަރުކާރުން އެކުލަވާލާފައި އޮތް ލިސްޓަށް ކަމަށް ވެސް ސަރުކާރުން މިއަދު ބުންޏެވެ. އެއީ ބަންޑާރަނައިބު އަހުމަދު އުޝާމުގެ ލަފަޔާއި އިޖުތިމާއީ އަދާލަތުގެ ހަމައަށް ބެލުމަށްފަހު ނިންމި ނިންމުމެއް ކަމަށް ސަރުކާރުން ބުނެ އެވެ.
"ގެދޮރުވެރިޔާ ސްކީމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާންމުކޮށް އިއުލާނު ކުރައްވާފައިވާ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން ދައުލަތުގެ ބަންޑާރަ ނައިބުގެ ލަފަ އާއި، އިޖުތިމާއީ އަދާލަތުގެ ހަމަތަކާއި އެ ސްކީމުގެ ދަށުން ދޫކުރެވޭ ފުލެޓު ނުލިބި އިތުރަށް ލަސްވެއްޖެނަމަ ގެއްލިގެން ހިނގައިދާނެ ހައްގުތަކަށް ރިއާޔަތްކުރުމަށްފަހު،" މިނިސްޓްރީ އިން ބުންޏެވެ.

ސަރުކާރުން ކުރިން މަސައްކަތް ކުރީ މުޅިން އާ ފްލެޓު ލިސްޓެއް އެކުލަވައިލުމަށެވެ. ކުރީގެ ސަރުކާރުން އިއުލާނު ކުރި ފްލެޓު ލިސްޓުގައި ގިނައިން ހިމެނެނީ ޝަރުތު ހަމަނުވާ މީހުން ކަމަށް އޭސީސީ މެދުވެރިކޮށް ތަހުގީގެއް ހެދުމަށްފަހު ސަރުކާރުން ބުންޏެވެ. މި ސަރުކާރުގެ ލިސްޓެއް ހެދުމަށް ދޮޅު އަހަރު މަސައްކަތް ކުރުމަށްފަހު، އެ ނިންމުން ބަދަލު ކުރީ މިއަދެވެ.
"ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ ނޮވެމްބަރު 15، 2023، ގައި އޭރުގެ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް ހައުސިން، އިންފްރަސްޓަކްޗާ އިން ކޮށްފައިވާ އިއުލާނާއެކު ވާ ލިސްޓުގައި ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތައް. އެހެންވީމަ އަޅުގަނޑުމެން އިތުރު ލިސްޓެއް، ފައިނަލް ލިސްޓުގެ ގޮތުގައި އަދި އެހެން ލިސްޓެއްގެ ގޮތުގައި ވެސް ނުނެރޭނަން،" ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވި އެވެ.












