ކުރީ ސަރުކާރުން ނެރުނު ފްލެޓު ލިސްޓުގައި ހިމަނާފައި ހުރި "ޝަރުތު ހަމަނުވާ" މީހުން ލިސްޓުން އުނި ކުރުމަށްފަހު އެ ލިސްޓުގައި ބާކީ ތިބި މީހުންނަށް ފްލެޓު ދޭން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ، މި ސަރުކާރުން ކުރިން ބުނި ގޮތަށް ފައިނަލް ލިސްޓުގެ ގޮތުގައި އަލުން އައު ލިސްޓެއް ނުނެރޭނެ ކަމަށެވެ.
"ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ ނޮވެމްބަރު 15، 2023، ގައި އޭރުގެ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް ހައުސިން، އިންފްރަސްޓަކްޗާ އިން ކޮށްފައިވާ އިއުލާނާއެކު ވާ ލިސްޓުގައި ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތައް. އެހެންވީމަ އަޅުގަނޑުމެން އިތުރު ލިސްޓެއް، ފައިނަލް ލިސްޓުގެ ގޮތުގައި އަދި އެހެން ލިސްޓެއްގެ ގޮތުގައި ވެސް ނުނެރޭނަން،" މުއްތަލިބު ވިދާޅުވި އެވެ.
ނަމަވެސް، މި ލިސްޓަށް އަމަލުކުރުމައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މައްސަލާގައި އަންގާފައިވާ އެންގުންތަކާއި އަދި އުސޫލުގަ ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް ބައެއް ކަންކަމަށް ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުން ފްލެޓަށް އެދޭ މީހުންގެ ހުންނަންވާ ޝަރުތުތައް ފުރިހަމަ ނުވާ ފަރާތްތައް ލިސްޓުން އުނިކުރެވޭނެ އެވެ. ސަރުކާރުން މިހާރު ވަނީ މާލޭގައި މެދުނުކެނޑި 15 އަހަރު އުޅުނުކަން ކަށަވަރުކުރުމަށް ބަލަމުން އައި މިންގަނޑު ވެސް ލުއިކޮށްފަ އެވެ.

އެގޮތުން، ފްލެޓުތަކަށް އިއުލާނުކުރި ތާރީހުން ފެށިގެން 15 އަހަރުގެ މުއްދަތުގެ ކުރިން މާލެއަށް ބަދަލުވިކަން އެނގެން އޮވެ، އޭގެފަހުން އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރިކަން އެނގެން ނެތް މީހުން ބަލާނީ މާލޭގައި ދިރިއުޅުނު މީހުންގެ ގޮތުގައި ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
"މިހެން ބަލަން ނިންމި މައިގަނޑު ސަބަބަކީ ދިވެހިރާއްޖޭގެ ކަންކަން އޮންނަ ގޮތުން މާލެއަށް ހިޖުރަކުރުމަށްފަހު އަނބުރާ ރަށަށް ދިޔުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމަކަށް ވާތީ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ކުރީ ސަރުކާރުން އާންމުކުރި ލިސްޓުގައި ދެމަފިރިން ހިމެނިފައިވާނަމަ ފްލެޓު ލިބޭނީ ކޮންމެވެސް އެކަކަށް ކަމަށާއި ބިންވެރިޔާ ސްކީމުގެ ދަށުން އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާނަމަ އެ މީހަކަށް ފްލެޓު ލިބޭނީ އެ ގޯތި ދޫކޮށްލަން އެއްބަސްވުމުން ކަމަށް މުއްތަލިބު މިއަދު ވިދާޅުވި އެވެ.
ސައްހަ ނޫން ލިޔުމެއް ނުވަތަ މައުމޫލާތެއް ހުށަހާޅާފައިވާކަން ސާބިތުވެއްޖެ ހާލަތެއްގައި އެ މީހެއްގެ ފްލެޓު އަތުލާ، ލިސްޓުން އުނިކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސަރުކާރުން މިހާރު ބުނާ ގޮތުން ފްލެޓު ލިސްޓުގައި ދެމަފިރިން ތިބި ނަމަ އެތަނުން ވެސް ފްލެޓު ލިބޭނީ އެކަކަށެވެ.
"ނޮވެމްބަރު 15، 2023 ގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓަކްޗާ އިން އިއުލާނުކުރި ލިސްޓުގައި ހިމެނޭ ފަރާތެއްގެ ޝަރުތު ހަމަނުވެގެން ނުވަތަ ކުރިން އަޅުގަނޑު ބަޔާންކޮށްފައިވާ އެހެން ސަބަބަކާ ހުރެ ފްލެޓު ނުލިބޭ ކަމަށް ކަނޑައެޅޭނީ އެ ފަރާތައް ލިޔުމަކުން އެކަން އަންގާ އެޕީލް ކުރުމުގެ ފުރުސަތު ދިނުމަށްފަހު،" މުއްތަލިބު ވިދާޅުވި އެވެ.
ކުރީ ސަރުކާރުން އާންމުކުރި ލިސްޓުން އެއްވެސް މީހަކު އުނިކުރާނީ އެޕީލް ކުރުމުގެ ފުރުސަތު ދީ، ކޯޓަށް ދާނަމަ އެ މަރުހަލާ ނިންމާ ފުލެޓު ނުލިބޭނެކަން ޔަގީން ވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.












