ދުންފަތް މަނާކުރުމާއި ރައްޔިތުން ނުކުމެ އަމީންދީދީގެ ވެރިކަން ނިންމާލުން!

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން. -- އާޓްވޯކް: އިސްމާއީލް އިމްދާދު

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން. -- އާޓްވޯކް: އިސްމާއީލް އިމްދާދު

ލިޔެވިފައިވާ ތާރީހުގެ އެންމެ އެވޭލާ ޒަމާނަށް ބަލާއިރުވެސް، ބޮޑުންގެ ވާހަކަ ގެނެސްދޭ ވަރަށް ގިނަ ފަހަރު އެ ބޭބޭފުޅުން ދުން ބައްލަވާ ވާހަކަ އާދެ އެވެ. އޭރު އެއީ ބޮޑުންގެ ބޮޑުކަމާއި ހައިބަތުގެ ރަމްޒެއްގެ ގޮތުގައި އޮތްކަމެކެވެ. ގުޑުގުޑާއަކީ ޝަރަފުވެރި އެއްޗަކަށް ހެދިފައި އޮތީ އޭގެ ގެއްލުންތަކާމެދު ބަޔަކު ފިކުރުކޮށް އުޅެފައި ނުވާ ޒަމާނެއްގަ އެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަކީ ގައުމީ މައްސަލައަކަށް ވާ ވަރަށް ރާއްޖޭގައި އޭރު ދުންފަތުގެ ބާވަތްތައް އާންމެއް ނޫނެވެ.

މިހެން އޮއްވައި، އައްސުލްތާން މުހަންމަދު އިމާދުއްދީނު ނުވަތަ މުސްކުޅިބަންޑާރައިންގެ ދުވަސްވަރު ދިވެހިރާއްޖެ ވޯރާ ވިޔަފާރިވެރިންނަށް ހުޅުވާލުމުން އެ ވިޔަފާރިތަކުގެ ތެރެއިން ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އާންމުވެގެން ދިޔަ އެވެ. އެއީ މީލާދީން 1857 އިން ފެށިގެންނެވެ. އޭގެ ފަހުން، ދިވެހިންގެ ބޭނުންތަކަށް ދިވެހިރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ތެރޭގައި ވެސް ދުންފަތް ހިމެނިގެން ދިޔައީ އެވެ. ރާއްޖެއިން ބޭރުން ކިޔަވައި ވިދާޅުވެގެން ވަޑައިގެންނެވި، ދިވެހި ޒުވާނުން ނަމޫނާ ކަމުގައި ބައްލަވާ ބޭބޭފުޅުންވެސް ބިޑިސުއްޓާ ބައްލަވާތީ އެއީ 'ކޫލް ކަމެއް' ގެ ގޮތުގައި ދެކި އެ ވަބާގައި ދިވެހިންގެ ގިނަ ބަޔަކު ޖެހިއްޖެ އެވެ. ދުފުމާއި ބިޑި ސުއްޓާއާއި ދުންގަނޑު އަޅައިދިނުމަކީ ދިވެހިންގެ އާންމު މެހެމާންދާރީގެ ތެރޭގައި ހިމެނޭ ކަމަކަށްވެސް ވެއްޖެ އެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ގާނޫނުއަސާސީއެއް އެކުލަވާލެވުނީ މި ރާއްޖެއަށް ދުންފަތް އާންމުވެ، އެއަށް ދިވެހިން ދެވިހިފިތާ ގަރުނަކާ ކައިރިވީ ފަހުން 1932 ވަނަ އަހަރު އެވެ. އޭރު ދިވެހިރާއްޖެއަށް ތައާރަފުވަމުންއައީ ތައުލީމާއި ހޭލުންތެރިކަމުގެ ދައުރެކެވެ. ވެރިކަމުގެ ތަހުތުގައި އިންނެވީ ތިންވަނަ ޝަމްސުއްދީން ރަދުންނެވެ. އެ ރަދުން އަމުރުފުޅު ދެއްވުމުން ފާސްވެ އަމަލުކުރަން ފެށުނު ގާނޫނުއަސާސީގެ ދަށުން އެކުލަވާލެވުނު ފުރަތަމަ ރައްޔިތުންގެ ގޭގެ މެންބަރުން ތިއްބެވީ މުޅި ރާއްޖެ ބަދަލުކޮށްލެއްވުމުގެ ވިސްނުންފުޅުގަ އެވެ. ޖެނުއަރީ 12، 1933 އިން ފެށިގެން 9 ސެޕްޓެމްބަރު 1933 އަށް ވެއަތުވީ 7 މަހާއި 28 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ޖުމުލަ 40 ގާނޫނެއް ފާސްކުރި އެވެ.

މަޖިލީހުން ގާނޫނުތައް ފާސްކުރަމުން ގެންދިޔައީ ވަރަށްވެސް ބާރަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނުތަކަށް އަމަލުކުރަން ތިބި، އަދި އެ ގާނޫނުތަކުގެ ސަބަބުން އަސަރުކުރާނޭ ރައްޔިތުންނަށް އެ މަޖިލީހުން ފާސްކުރަމުން ގެންދިޔަ ގާނޫނުތައް ބަލައިގަންނާން ފަސޭހައެއް ނުވި އެވެ. 'ކަސްޓަމުގެ ޑިއުޓީތައް ބޮޑުކުޅަ ގާނޫނާއި'، 'ފުރަބަންޑާރަ ލަކުޑީގެ ގާނޫނާއި'، 'ދައުލަތަށް އާގު ބޯޓެއް ހޯއްދެވުމުގެ ގާނޫނު' ވެގެން ދިޔައީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އިތުރުކުރުވި ގާނޫނުތަކަށެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ދިޔަ ބިލުތަކަކީ ދިވެހިރާއްޖެ އޭރު އަމާޒު ހިފާފައިވާ ހެޔޮ ވެރިކަމެއްގެ މިސްރާބަށް ދިއުމަށް ކޮންމެހެން ބޭނުންތެރި ބިލުތަކެކެވެ. އެކަން އެ މަޖިލީހުގެ މެންބަރުންވެސް ގަބޫލުކުރައްވަ އެވެ. އެ ބޭފުޅުންގެ މެދުގައި އޮތް ހިޔާލު ތަފާތުވުމަކީ، އެ ވަގުތަކީ އެފަދަ އިސްލާހުތައް ގެންނަންވީ ވަގުތުތޯއާއި، އެ އިސްލާހު ގެނައުމަށް އެކަށީގެންވާ ވަރަށް ރައްޔިތުން ހޭލުންތެރި ކުރުވިއްޖެތޯ އާމެދު އޮތް ހިޔާލު ތަފާތު ވުމެކެވެ.

"ބަހުސެއް ކުރާނޭ މަގާމެއް ނެތެވެ. އޭގެ ތެރެއިން ކޮންމެ ގާނޫނަކީ ވެސް އެދެވޭ އިސްލާހުތަކެއްގެ މައްޗަށް ބިނާވެފައިވާ ގާނޫނެކެވެ. ނަމަވެސް، ކޮންމެ އިސްލާހަކަށްމެ ވަގުތެއް އޮންނާނޭކަން ކަށަވަރެވެ. ކޮންމެ ގާނޫނަކަށްމެ ހެޔޮގޮތުގެ މަތީން އަމަލުކުރާން ފަށައިގަނެވޭނީ އޭގެ އަސަރު ފޯރާން ތިބި ބަޔަކަށް ލިބޭނޭ ދަތިތަކެއް ހަމަޖެއްސުމަށް ފަހުގަ އެވެ." ގާނޫނުއަސާސީގެ ހަޔާތް މިފޮތުގެ ތިން ވަނަ މަޒުމޫނުގައި އަމީން ދީދީ ލިޔުއްވާފައި ވެއެވެ.

"އަޅުގަނޑު ގަބޫލުކުރަމެވެ. އަޅުގަނޑު އިއުތިރާފު ވަމެވެ. އަޅުގަނޑަށާއި ގާނޫނީ ހުކޫމަތުގެ ފުރަތަމަ ވަޒީރުންގެ ތެރެއިން ބައެއް ބޭފުޅުންނަށް ވަރަށް ވެސް ވަރުދަގަ ޅަ އެއްޗެތި ތަކެއް އެޅުއްވުނެވެ. އެ ކުށްތަކުގެ ގެއްލުންތަކާއި އަސަރުތައް ވަރަށް މަތިވެރި ދަރަޖައަކަށް ދިވެހި ގައުމަށް ލިބުނު ކުށްތަކެއް ކުރެވުނެވެ. މަލާމާތުގެ ހައްގުވެރީންނާއި އެކި މީހުންނަށް މަލާމާތް ރައްދުވާ ނިސްބަތެއް ވަކިވާނީ އެ ދުވަސްވަރުގެ ކަންތައްތައް ހަނދާން ހުރި މީހުންގެ ތެރެއިން ހަގީގަތް އޮޅުން ފިލާފައިވާ ބަޔަކަށެވެ."

ރައްޔިތުންގެ މަޖިލީހުން ފާސްކުރަމުން ގެންދިޔަ ގާނޫނުތަކުގެ އަސަރަކީ ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އުވިދިއުމެވެ. ގާނޫނަކާ ހެދި ފޮރުއްޕާކަށް ނެތޭ ބުނެ ރައްޔިތުން ގުޅަކުޅޭ ފަސްގަނޑަށް ނުކުމެ ގާނޫނުއަސާސީ ވީދާލީ އެވެ. ބަޔަކު ހިންގި އެ ބޮޑު ރޭވުމުގެ ހަގީގީ ސަބަބުތައް ތާރީހުގެ އަތުން އޮތީ އަބަދަށް ސިއްރުވެފަ އެވެ. ދެއްކޭނީ ހީއަކަށް ދެއްކޭ ވާހަކައެއް އެކަންޏެވެ. ޔަގީނަށް ބުނަން އެނގޭނޭ މިންވަރަކީ، ފުރަތަމަ ގާނޫނުއަސާސީ އުވިދިއުމުގައި، ރައްޔިތުންގެ ހިޔާލެއް ހޯދުމެއްނެތި، ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް ފާސްކުރެވުނު ގާނޫނުތައް ބޮޑު ދައުރެއް އަދާކުރި ކަމެވެ.

ގާނޫނުއަސާސީ އުވިދިއުމަށްފަހު ދިވެހި ސިޔާސީ މަސްރަހުގެ ކަންކަން އެގޮތްމިގޮތަށް ފުރޮޅެމުން ނިއުޅެމުން އެނބުރެމުން ސެނބުރެމުން ގޮސް، ވެރިކަމުގައި އެ ހުންނެވީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވީތީ ގާނޫނުތައް ފާސްކުޅައުމުގައި ރައްޔިތުންނަށް ވަގުތު ދިނުމުގެ މުހިންމުކަމަކީ އަމީންދީދީއަށް ދަސްފުޅުވެފައި އޮތް ފިލާވަޅެކެވެ.

ލިޔުމުގެ ފެށުމުގައި ދެންނެވުނު ފަދައިން، އޭރު ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން އާންމުވެއްޖެ އެވެ. ދުންފަތަށްޓަކައި ދިވެހިރާއްޖެއިން ބޭކާރުކުރެވެމުން ދިޔައީ އެތައް ފައިސާއެކެވެ. އޭގެ ސަބަބުން ނުކުންނަ ސިއްހީ މައްސަލަތަކަށް ދިވެހިން ހޭލުންތެރިއެއް ނޫނެވެ. އެކަން އެނގިވަޑައިގަންނަވާ، އުނގަންނައިދެއްވަން ތިއްބެވި ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންވެސް ބޮޑުސުއްޓާ ބައްލަވަ އެވެ. އިލްމީ ކަންކަމުގެ ބަހުސްތައް ކުރިއަށްދާ މަޖިލިސްތަކުގައި ދުން އެރުވޭނޭ ގޮތް ހަމަޖެހިފައި ހުރުމަކީ އެ މަޖިލިސްތަކުގެ ރުކުނެކެވެ.

ދުންފަތުގެ ވިހައިން ދިވެހިރާއްޖެ ސަލާމަތްކުރެއްވުމުގެ ނިޔަތުގައި އަމީން ދީދީގެ ސަރުކާރުން އެޅުއްވީ ހަރުކަށި ފިވަޅެކެވެ. މާޗު 27، 1954 ގައި ރައްޔިތުންގެ ގެއިން ފާސްކުޅަ ގާނޫނަކީ 'ބިޑި ސުއްޓާ ސިނގިރޭޓު، ގުޑާކު، ދުންފަތް ދިވެހިރާއްޖެއަށް ގެނައުމާއި އެތަކެތީގެ އިސްތިއުމާލު ކުޅައުން މަނާކުރުމުގެ ގާނޫނު' އެވެ. އެ ގާނޫނުގައި އޮތްގޮތުން ބިދޭސީއަކަށްވެސް މިއިން ބާވަތެއް ދިވެހިރާއްޖެއަށް އެތެރެކުރެވޭނީ ބޮޑުވަޒީރުގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ.

ރައީސް އަމީންގެ ފުރިހަމަ ކޮންޓްރޯލް އޮތް މަޖިލީހުން މި ގާނޫނު ފާސްކުރިއިރު، ކުރިން ލިބިވަޑައިގެންނެވި ފިލާވަޅަށް ބަލައި، މި ގާނޫނު ތަންފީޒުކުރަން ފެށުމަށް މުއްދަތެއްވެސް ކަނޑައެޅި އެވެ. ގާނޫނުގައި އޮތްގޮތުން، އެ ގާނޫނު ތަންފީޒުކުރަން ފަށަންވާނީ ގާނޫނު ތަސްދީގުކުރާ ތާރީހުން ފެށިގެން އެއް އަހަރު ފަހުންނެވެ. ރައީސް އަމީންގެ ސަރުކާރުން ގަސްތުކޮށްފައި އޮތީ އެ މުއްދަތުގެ ތެރޭގައި ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، އެތަކެތި އެތެރެކުރާ ވިޔަފާރިވެރިންނަށްވެސް އެކަމަށް ތައްޔާރުވުމަށް ވަގުތު ދިނުމެވެ.

އެހެންނަމަވެސް ކަންހިނގައިދިޔައީ ތަދުބީރުކުރެވުނު ގޮތަކަށް ނޫނެވެ. ދުންފަތް މަނާކުރުމުގެ ގާނޫނަކީ ރައްޔިތުންގެ ގިނަ ބަޔަކަށް ބަލައިގަނެވުނު ގާނޫނަކަށް ނުވި އެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ ހިތުގައި އުފެދުނު ނުތަނަވަސްކަމާއި، ނުރުހުމުގެ ފައިދާ ނެގީ ކުރިއްސުރެ ވެރިކަމާ ނުރުހި ތިބި ބޮޑުންނެވެ.

އޭރު ދައުލަތުގެ ހަރަދުތައް ބޮޑުވެ، މީހުންގެ އަތްމަތި ވެސް އޮތީ ހިސާބަކަށްވުރެ ބޮޑަށް ދަށްވެފަ އެވެ. މީހުން ތިބީ އަމީނީ ވެރިކަމާ ރުހިގެންނެއް ނޫނެވެ. މިހެން އޮތް ދަނޑިވަޅެއްގައި ދުންފަތް މަނާކުރުން ވެގެން ދިޔައީ އަނދަމުން ދިޔަ އަލިފާނަށް ދަރުއެޅުން ފަދަ ކަމަކަށެވެ.

ވެރިކަން ނިންމުމުގެ ބޮޑު ހައިޖާނު ހިންގާލި ކަޅު ހުކުރު ދުވަހު އަމީން ދީދީ ވަޑައިގެންވީ ރާއްޖެއިން ބޭރުގަ އެވެ. އެ ދުވަހުގެ ފަތިސް ނަމާދުން ފައިބައިގެން މީހުންތައް ދާން ފެށީ މޫނިމާ ހޮޓަލަށެވެ. ހޮޓަލުގައި އޮތީ އެންމެނަށް ސައި ހަދާފަ އެވެ. އެމީހަކު ސައިބޯނެ ވަރަކަށް ބޯންވީ އެވެ. މުޅިން ހިލެ އެވެ. އެތަނުން ސައިބޮއިގެން މިސްރާބު ޖެހީ މައިޒާންދޮށަށެވެ. އެ ދުވަސްވަރު އޮތީ ދުންފަތް މަނާކުރެވިފައި ނަމަވެސް، ފާހަގަކުރެވުނު ކަމަކީ މައިޒާނަށް އަންނަ ކޮންމެ މީހަކު އަންނަނީ ބިޑިއެއް ނުވަތަ ސިނގިރޭޓެއް ރޯކޮށްގެންކަމެވެ.

އޭރު މާލޭގެ ނަގައިކިޔާ ވިޔަފާރިވެރިން މައިޒާންދޮށުގައި ތިއްބެވެ. އަންނަހައި މީހަކަށް މަރުހަބާ ކިޔައި ދިއްކޮށްލަނީ ސިނގިރޭޓެއް ނުވަތަ ސުއްޓާއެކެވެ. އެތަނުން ސައިބޮއި ސުއްޓާ ރޯކޮށްގެން ދާން އޮތީ ގުޅަކުޅޭ ފަސްގަނޑަށެވެ. ކޮންމެ މީހަކުމެ ރޯކޮށްގެން މިއުޅޭ ސިނގިރޭޓު ނުވަތަ ސުއްޓާގެ މާނައަކީ ސަރުކާރުގެ އަމުރަށް ބޯ ނުލަނބާނޭކަން ދެއްކުމެވެ. އެއީ ސަރުކާރުގެ އަމުރެއް ތިމަންނާމެންގެ މައްޗަށް ދެން އިތުރަށް ނުހިންގޭނޭކަމަށް ކުޅަ އިއުލާނެކެވެ. ސުއްޓާ ރޯކޮށްގެން ހިންގި ވަރުދަގަ ހައިޖާންތަކުގައި ތިއްބައި، އެދުވަހުގެ އިރުއޮއްސުނީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާވެސް އުވާލާފަ އެވެ. ރޭވުންތެރިންގެ ރޭވުން ތަންފީޒުކޮށްލީ ނުރުހުމުގެ ބަސްތައް އިއްވާން، ރައްޔިތުން ގުޅަކުޅޭ ފަސްގަނޑުގައި އެއްކޮށް ބައިތިއްބައިގެންނެވެ. ކުރިއްސުރެ ރޭވިފައި އޮތްގޮތަށް ކަންކަން ތަންފީޒުކޮށް ނިންމާލީ ރައްޔިތުންގެ ނުރުހުމާއި ކެކިއެރުން ނިވާފަތްގަނޑަކަށް ބޭނުންކޮށްގެންނެވެ.

ރައީސް އަމީންގެ ވެރިކަމާއި، ފުރަތަމަ ޖުމްހޫރިއްޔާ ނިމިދިޔައީ ދުންފަތް މަނާކުރުމުގެ ސަބަބުން އެކަނިކަމަށް ނުދެންނެވޭނެ އެވެ. އެކަމަށް މަގުފަހިކުރުވި ވަރަށް ގިނަ ސަބަބުތައް ހުއްޓެވެ. އެހެންނަމަވެސް، ރައްޔިތުންގެ މެދުގައި އެންމެ ނުރުހުން ބޮޑުވި އެއްކަމަކީ ދުންފަތް މަނާކުރުންކަން އެނގޭ ސަބަބަކީ، ސަރުކާރަށް ގޮންޖަހައިފިކަމަށް އަދި ސަރުކާރުގެ ބާރު ކެނޑިއްޖެކަން އިއުލާނުކޮށް ދެއްކުމަށް ބިޑި ސުއްޓާ ސިނގިރޭޓު ރޯކުރުމެވެ.

އަމީން ދީދީގެ ވެރިކަމަށްފަހު، މުހައްމަދު ފަރީދުގެ ރަސްކަމުގައި އުވާލި ގާނޫނުތަކުގެ ތެރޭގައިވެސް ދުންފަތް މަނާކުޅަ ގާނޫނު ހިމެނެ އެވެ. އެކަން ކުރީ 2 ޒުލްހިއްޖާ 1373 ގަ އެވެ. މީލާދީން ޖުލައި 31، 1954 ގަ އެވެ. އެދުވަހުގެ ރޭގަނޑު މަޖިލިސް އެއްކޮށް ފާސްކުރީ، ވައްކަންކުރާ މީހުންގެ އަތްކެނޑުމުގެ ގާނޫނާއި، ދުންފަތްމަނާކުޅަ ގާނޫނު ހިމެނޭހެން ޖުމުލަ ހަ ގާނޫނެއް އުވާލުމަށެވެ. އެއީވެސް އަމީން ދީދީގެ ވެރިކަމާ މީހުން ނުރުހުނު ސަބަބުތަކުގެ ތެރޭގައި ދުންފަތް މަނާކުރުން ބޮޑު ދައުރެއް އަދާކުރިކަން ދަލާލަތުކޮށްދޭ ހެއްކެކެވެ.

ތާރީހު ބަލައި ކިޔާށެވެ. ދިވެހިންގެ ކަށީގައި ހިފާފައިހުރި އާދައެއް ބަދަލުކޮށްލުމަށް ބޮޑުންގެ ހިތްޕުޅަށް ހަމަފެނިވަޑައިގަތުމުން ހަދާ ގާނޫނުތަކުން ނުކުމެފައި އޮތީކީ ރަނގަޅު ނަތީޖާތަކެއް ނޫނެވެ. އެކަޅު ސަފުހާތައް އިއާދަވުމަކީ ދިވެހިންގެ ތެރެއިން އެއްވެސް މީހަކު އެދޭނޭ ކަމެއްވެސް ނޫނެވެ. އެހެންނަމަވެސް ތާރީހުގެ ހަގީގަތްތަކުގެ ތެރެއިން ފެންނާން އޮތް އެންމެ ބޮޑު ހަގީގަތަކީ ތާރީހަކީ އިއާދަވާ އެއްޗެއް ކަމެވެ. ކުރިން ކުޅަ ގޮތަށް ކަމެއް ކުޅައުމުން ނުކުމެފައި ހުރީ ކުރިންވެސް ނުކުތް ނަތީޖާ އެވެ. އެކަހަލަ ކިތަންމެ ކަމެއް ތަކުރާރުވެފައިވާތީ ދިވެހިރާއްޖޭގެ ތާރީހުން އެކަނިވެސް ފެންނާން އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox