ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާ ކުރައްވާތީ އެ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަނުކުރުމަށް މިއަދު ނަން ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ފޮނުވި ސިޓީ ވަނީ އިއްވާފަ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރުމާމެދު ގޮތެއް ނިންމާނީ މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ މަޖިލީހުންނެވެ.
ހައި ކޯޓުގެ ފަނޑިޔާރެއްގެ މަގާމުގައި ހުންނެވުމަށްފަހު އޭނާ އިސްތިއުފާ ދެއްވީ އެޕްރީލް 2022، ގަ އެވެ. އެެއަށްފަހު އޮކްޓޯބަރު 2024، އާ ހަމައަށް އޭނާ ހުންނެވީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގަ އެވެ.
ސަމީރު ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ވެސް ހާސިލުކުރައްވާފަ އެވެ.
އޭނާ އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ޖިނާއީ ކޯޓުގެ ސެކްރެޓެރީ ކަމާއި، މަދަނީ ކޯޓުގެ ސީނިއާ އެޑްމިން އޮފިސަރު ކަމާއި، މަދަނީ ކޯޓުގެ ގާޒީ ކަމާއި، މަދަނީ ކޯޓުގެ އިސް ގާޒީ ކަމާއި، ސިވިލް ކޯޓުގެ އިސް ގާޒީކަން ހިމެނެ އެވެ.








