ވެމްކޯއިން މުރައިދޫ މަރާމާތުކުރީ 3.5 މިލިއަން ރުފިޔާއަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: އެމަނިކުފާނުގެ ރަސްމީ ގެކޮޅު، މުރައިދޫ މަރާމާތުކުރީ 3.5 މިލިއަން ރުފިޔާއަށް --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: އެމަނިކުފާނުގެ ރަސްމީ ގެކޮޅު، މުރައިދޫ މަރާމާތުކުރީ 3.5 މިލިއަން ރުފިޔާއަށް --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރައްޔިތުން މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު، މ. މުރައިދޫ މަރާމާތު މަޖިލީހުން އެއްވެސް ހަރަދެއް ނުކުރާ ކަމަށް ބުނެފައިވަނިކޮށް، އެ މަސައްކަތަށް 3.5 މިލިއަން ރުފިޔާ ބިލުކުރި ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.

މި އަހަރު މުރައިދޫ މަރާމާތުކުރީ 20 ވަނަ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބަދަލުވެވަޑައިގަތުމަށެވެ. އެ މަސައްކަތަށް ގާތްގަނޑަކަށް މަހެއްހާ ދުވަސް ހޭދަވި އެވެ. އެމަނިކުފާނު މުރައިދޫއަށް ބަދަލުވެވަޑައިގެންނެވީ ޖުލައި 26، ގަ އެވެ.

އެމަނިކުފާނު ބަދަލުވެވަޑައިގެންނެވި ފަހުން މި ނޫހުން ވާނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މުރައިދޫ މަރާމާތު ކުރުމަށް މި އަހަރު މަޖިލީހުން ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލަށް އެދިފަ އެވެ. ނަމަވެސް މަޖިލީހުން އޮގަސްޓު 20، ގައި މި ނޫހަށް ލިޔުމުން ފޮނުވި ޖަވާބުގައި ބުނީ އެ އިދާރާއިން މި އަހަރު މުރައިދޫ މަރާމާތުކުރަން އެއްވެސް ހަރަދެއް ނުކުރާ ކަމަށެވެ.

މަޖިލީހުން މައުލޫމާތު ހޯދަން ހުށަހެޅި ދުވަހު، ދައުލަތުގެ ހާއްސަ ބަޖެޓަކުން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް މި މަސައްކަތަށް ހަރަދުކުރިތޯވެސް ވާނީ އެދިފަ އެވެ. ނަމަވެސް އެ މިނިސްޓްރީން އޮގަސްޓު 22، ގައި މި ނޫހަށް ދިން ޖަވާބުގައި ބުނީ އެ މިނިސްޓްރީންވެސް އެ ގޭގެ މަރާމާތައް ހަރަދެއް ނުކުރާ ކަމަށެވެ.

މިއާއެކު މުރައިދޫ މަރާމާތު ކުރުމުގެ މަސައްކަތް ކުރި ވެމްކޯއަށް މިކަމާ ގުޅޭ މައުލޫމާތު ހޯދުމަށް އެދުމުން އެ ކުންފުނިން ޖަވާބު ދިނީ ސެޕްޓެމްބަރު 24، ގަ އެވެ. އެ ކުންފުނިން ބުނީ މުރައިދޫ މަރާމާތުކޮށް އެ ތަން އަނބުރާ ހަވާލުކުރުމަށްފަހު މަޝްރޫއު ހަވާލުކުރި ފަރާތަށް 3.5 މިލިއަން ރުފިޔާ ބިލު ކުރި ކަމަށެވެ.

ލިޔުމުން ދިން ޖަވާބުގައި "މަޝްރޫއު ހަވާލުކުރި ފަރާތް" އެއީ ކޮން ބައެއްތޯ އަދި ބިލުކުރި ކަމަށް ބުނާ ފައިސާ ލިބުނުތޯ މި ނޫހުން ސުވާލު ކުރުމުން ވެމްކޯގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ، މި މަޝްރޫއުގެ ބިލު ފޮނުވީ ފިނޭންސް މިނިސްޓްރީއަށް ކަމަށެވެ.

"ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެއް ވީމަ. އެކޮޅުން ކެޕްއެކްސް [ކެޕިޓަލް އެކްސްޕެންޑިޗާ] ގެ ގޮތުގަ ހަމަޖައްސަދޭން އެދިފަ ވާނީ. ކޮންމެ މަހެއްގަވެސް އެކޮޅުން [ފިނޭންސް މިނިސްޓްރީން] ކެޕްއެކްސް ފޯރުކޮށްދޭތާ. އޭގެ ތެރޭގަ މި ފައިސާ ހިމަނަން އެދިފަ ވާނީ،" ވެމްކޯގެ އައިއޯ ވިދާޅުވި އެވެ.

ނަމަވެސް، މި ފައިސާގެ ތެރެއިން ފިނޭންސް މިނިސްޓްރީން މިހައިތަނަށް ދޫކޮށްފައިވާ އަދަދެއް ކަށަވަރެއް ނޫނެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ކާރިސާއާ ގުޅިގެން އެއްވެސް ކޮންޓްރެކްޓަރަކަށް ސަރުކާރުން ފައިސާއެއް ދޫނުކުރާތާ ތިން ހަފުތާވެފައިވާކަން މި ނޫހަށް ވަނީ އެނގިފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުރައިދޫ އެ މަނިކުފާނުގެ ބޭފުޅުން ދިރިއުޅުއްވުމަށް ކުއްޔަށް ދީފައި ހުރުމަށްފަހު، އެ ގެއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު ކަމުގައި ހަމަޖެއްސީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގަ އެވެ.

އެ ވެރިކަމުގެ ފުރަތަމަ ކޮޅު އެ ގެ ހުސްކޮށް ހުރުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް އެ ގެ ހާއްސަ ކުރެއްވީ، މެއި 6، 2021 ގައި އެ މަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހުގަ އެވެ.

ނަޝީދަށް ފަހު 19 ވަނަ މަޖިލީހުގެ ރައީސްއަކަށް އިންތިހާބު ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމު މުރައިދޫގޭގައި ދިރިއެއްނޫޅުއްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox