ނޫނެކޭ ބުނަންވީ ގާނޫނުއަސާސީގެ ސަތޭކަ އެގާރައިގެ ދިފާއުގައި!

މާލޭ ބޮޑުތަކުރުފާނު މަގުގައި ހުރި ދިވެހި ރުކެއްގައި ރެފަރެންޑަމަށް ނޫނޭކޭ ބުނުމަށް ކުރިއަށްގެންދާ ކެމްޕޭނުގެ ބެނާއެއް ހަރުކޮށްފައި --- ފޮޓޯ: އިމްތިޔާޒު މޫސާ

މާލޭ ބޮޑުތަކުރުފާނު މަގުގައި ހުރި ދިވެހި ރުކެއްގައި ރެފަރެންޑަމަށް ނޫނޭކޭ ބުނުމަށް ކުރިއަށްގެންދާ ކެމްޕޭނުގެ ބެނާއެއް ހަރުކޮށްފައި --- ފޮޓޯ: އިމްތިޔާޒު މޫސާ

އޭޕްރިލް 4 ގައި އޮންނަ ހިޔާލު ހޯދުމުގެ އިންތިހާބުގައި އާނއެކޭ ބުނެގެން ތިމާއަށް ނުވަތަ ގައުމަށް ވިޔަސް، މޮޅުތަކެއް ވެދާނެޔޭ ހިތައިގެން އުޅުމަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް ހެދޭނޭ ބޮޑު ކޮހެކެވެ. ތެދެކެވެ. ދައުލަތުގެ ކުންފުންޏަކުން ދޭ ކޮންޓްރެކްޓް ވަޒީފާ ނުވަތަ ވޯޓަށް ހާއްސަކޮށް ލިބޭ ފައިސާކޮޅަކީ ވަކި ނަފުސަކަށް ބަލާއިރު ލިބޭ ކުޑަ މަންފާއެއް ނޫނޭ ދެންނެވިދާނެ އެވެ. އެހެނަސް އޭގެ ނިވަލުގައި ފޮރުވިފައި އޮތް ބޮޑު ގެއްލުން އޮތީ މުޅި ގައުމަށްކަން އަޅުގަނޑު ކަހަލަ ކެނަޔަކަށް ވެސް އެބަ ވިސްނެ އެވެ. މިކަން ކުރަން އުޅޭ ގޮތުގެ އިޖުރާއަތު ގޯހެވެ. އެ ބަދަލު ގެނައިމާ ގާނޫނީ ގޮތުން ހަމަނުޖެހޭ ކިތަންމެ ނަތީޖާއެއް ނުކުންނާނެ އެވެ. މި ނަގަން އުޅޭ ވޯޓުގެ ނިވަލުގައި ފޮރުވިފައި އޮތީ ވެސް ބޮޑު ހީލަތެކެވެ.

އަޅުގަނޑު ވިސްނާލިއިރު މިކަމުގެ ފެށުން ވެސް އޮތީ، ކުރީގެ ބަންޑާރަނައިބަކު ވިދާޅުވިހެން 'ވޮއިޑް އެބް އިނީޝިއޯ' ވެފަ އެވެ. ގާނޫނުއަސާސީއެއް އިސްލާހު ކުރުމުގެ ހިޔާލަކީ ރައްޔިތުންގެ ތެރެއިން އުފަންވާ ހިޔާލަކަށް ވާންޖެހެ އެވެ. ގާނޫނުއަސާސީން އުފެއްދި މަގާމަކަށް ރައްޔިތުން ހޮވާ މީހަކު އެ މަގާމާ ހަވާލުވެ، އެ މަގާމުން އޭނާއަށް ލިބޭ ބާރުތަކާއި ފުރުސަތުތައް ފުޅާކުރަން ގާނޫނުއަސާސީ އިސްލާހުކުރަންވިއްޔޭ ބުނާ ހިސާބުން ވެސް އަޅުގަނޑުމެން އެކަމަކަށް ބަލަންވާނީ ޝައްކުގެ ނަޒަރުންނެވެ. ދެ އިންތިހާބެއް ވަކިން ބާއްވާތީ އެކަމަކާ ހެދި ތަކުލީފު ބޮޑުވެ، އާންމު ދިރިއުޅުމުގެ މަސައްކަތްތަކަށް ބުރޫއަރައިގެން އެ ވާހަކައެއް ދެއްކި އިންސާނަކު ހުރީކީ ނޫނެވެ. އެކަމަކާ ބަޔަކު ޝަކުވާއެއް ނުވެސް ކުރެ އެވެ.

އިންތިހާބުތައް ބޭއްވުމަށްޓަކައި ކޮންމެ ފަސް އަހަރަކުން އެއްފަހަރު ކޮންމެ ރައްޔިތެއްގެ ޖީބުން ހަރަދު ވަނީ ފަސް ލާރި ކަމަށް އެ އިލްމުގެ ބޭފުޅުން އެ ވިދާޅުވަނީ އެވެ. އެ ފަސްލާރިއަކީ ރާއްޖޭގެ ޑިމޮކްރެސީ ނެގެހެއްޓުމަށް އަޅުގަނޑުމެން ދައްކާ އަގެވެ. އިންތިހާބަށް އެ ހަރަދު ކުރަންޖެހޭތީ އެކަމަކާ ބޯ ހާސްވެގެން އުޅޭ ރައްޔިތަކު ނެތެވެ. ވީއިރު ރައްޔިތުންގެ ނަމުގައި މިހުރިހާ ޝަކުވާއެއް ބަންނަން ރައީސް މުއިއްޒަށް އެއްވެސް ހައިސިއްޔަތެއް ވެސް ނެތެވެ. އޭނާއަށް އޮތީ ރައީސުލްޖުމްހޫރިއްޔާކަން ކުރާ މީހަކަށް ދިނުމަށް ގާނޫނުއަސާސީގައި ރައްޔިތުން ކަނޑައެޅި ބާރުގެ ދާއިރާގެ ތެރޭގައި އޭނާގެ ނަފުސު އޮބެހެއްޓުމެވެ.

Advertisement

މިއުޅެނީ ހަރަދުގެ މައްސަލައެއް ނޫންކަން ސަރުކާރުން އެކުރާ އިސްރާފުތަކަށް ބެލީމާ އެކަން ކަށަވަރުވެ އެވެ. ދެ އިންތިހާބު ވަކިން ބޭއްވީމާ ހަމަނުޖެހުން ބޮޑޭ އެ ބުނާ ވާހަކައަކީ ވެސް ހޮޅި ވާހަކަ އެކެވެ. މި ރާއްޖެއަށްވުރެ އަމާން މާހައުލެއްގައި އިންތިހާބު ބާއްވާ ގައުމެއް މި ސަރަހައްދުގައި ވެސް ނެތެވެ. މި ވޯޓުގެ ފަހަތުގައި އޮތް ހަމައެކަނި މަގުސަދަކީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ކަށަވަރު ކުރެއްވުމެވެ. އެކަން އޭނާ ކުރާން އުޅޭ ހީލަތްތެރި ގޮތް މި ކިޔައިދެނީ އެވެ.

އޭޕްރިލް 4 ގައި ރައްޔިތުން އާނއެކޭ ބުނެފިނަމަ ދެން ރައީސް ދިމާކުރައްވާނީ ގާނޫނުއަސާސީގެ 111 ވަނަ މާއްދާއާ އެވެ. މިހާރު އެ މާއްދާ އޮތްގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ވާނީ ރާއްޖޭގެ ވޯޓުދޭ ރައްޔިތުންގެ ދެބައިކުޅަ އެއްބަޔަށްވުރެ އިތުރު މީހުން ހިޔާރު ކުރާ މީހެކެވެ. ގެންނަން އުޅޭ ބަދަލަކީ، އެންމެ ތާއީދު ބޮޑު މީހާ ހޮވުމުގެ ބަދަލުގައި އެންމެ ގިނަ ވޯޓު ލިބޭ މީހާ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވާ ގޮތަށް ބަދަލުކުރުމެވެ. އެ ބަދަލު ގެނައިމާ ވާނޭ ގޮތަކީ ދިހަ މީހުން ކުރިމަތިލާ އިންތިހާބެއްގައި އެކަކަށް އަށްޑިހަ ވަރަކަށް ހާސް ވޯޓު ލިބުނީމާ އޭނާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ހޮވުމެވެ. އޭރުން ވޯޓުލުމުގެ ހައްގު ލިބޭ ތިން ލައްކަ މީހުން ތިބިނަމަ، ހަގީގަތުގައި ވެރިކަމަށް އެ އަންނަނީ އެންމެ ގިނަ މީހުން ނޫނެކޭ ބުނާ މީހާ އެވެ. އެހެންނަމަވެސް އެ އިންތިހާބުގައި ދެން ތިބި ކެންޑިޑޭޓުންނަށް ވުރެ ގިނަ ވޯޓު ލިބުނީ އޭނާއަށް ކަމަށްވާތީ ހޮވެނީ އެވެ.

ގާނޫނުއަސާސީގެ 111 ވަނަ މާއްދާ ބަދަލުކުރުމަށް ރައްޔިތުން ގާތު ހޭ ވެސް އަހާކަށް ނުޖެހެ އެވެ. ރިޔާސީ އިންތިހާބާ ގުޅޭގޮތުން، ގާނޫނުއަސާސީ އޮތްގޮތުން ރެފަރެންޑަމަކަށް ދާންޖެހޭނީ 107 ވަނަ މާއްދާ ނުވަތަ 108 ވަނަ މާއްދާއަށް ބަދަލު ގެންނަ ނަމަ އެވެ. އެ މާއްދާތަކުގައި އޮތީ ރިޔާސަތުގެ ދައުރަކީ 5 އަހަރު ކަމަށް ވާންޖެހޭ ކަމާއި، ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމެވެ. އިންތިހާބީ އޮޅިގަނޑު ބަޔާންކުރަނީ 111 ވަނަ މާއްދާގަ އެވެ. އެ މާއްދާ ބަދަލުކުރުމަށް ރެފަރެންޑަމަކަށް ދާކަށް ނުޖެހެ އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ގޮތަކަށް ސްޓޭމްޕް ޖަހައިދޭ މަޖިލީހުން އެކަން ކޮށްލީމާ ނިމުނީ އެވެ. އެކަމުގައި ރައްޔިތުންގެ ބަހެއް ހޯދުމެއް ނޯންނާނެ އެވެ.

މި ވާހަކަތައް ކިޔައިދިނީ ރައީސުލްޖުމްހޫރިއްޔާ އެވެ. މިދިޔަ ހޯމަ ދުވަހު، ބައިވަރު އެހެން ސުވާލުތަކަށް ޖަވާބު ދެއްވާން ކަމަށް އަދި ހުވައެއް ކޮށްލައްވާންޖެހިއްޖެނަމަ އެކަން ވެސް ކުރައްވާން ހަތިމު ހިއްޕަވައިގެން، ނިހާޔަތަށް ނުތަނަވަސްވެވަޑައިގެން ހުންނަވައި ބޭއްވެވި ޕްރެސްގައި ނުސީދާ އިބާރާތުން، ދެ ޖުމުލައަކުން އެ ވިދާޅުވީ މި ވާހަކަ އެވެ. ތައްޔާރުވެވަޑައިގެންނެވި ސުވާލު އަމާޒު ނުވީމާ ހިތްޕުޅަށް ވެރިވި ލުއިކަމުގައި ދެން ވިދާޅުވީ މާ ނުރައްކާތެރި ވާހަކަފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތަށް ބަދަލު ގެންނަވަން ގަސްތުކުރައްވާކަމަށް މީގެ ކުރިން ވެސް ތަކުރާރުކޮށް ވިދާޅުވެފައި އޮތް ވާހަކައަށް ބާރުދެއްވަމުން، ރައީސް ވިދާޅުވީ އެކަން ކުރާނޭ ގޮތް ބިނާވަނީ މި އިންތިހާބުގެ ނަތީޖާއަށް ކަމަށެވެ. އަޅުގަނޑަށް ފެނުނީ މިއީ ވަރަށް ވެސް ނުބައި ނިޔަތެއް ފާޅުކޮށްދޭ ހީލަތްތެރި ޖުމުލައެއް ކަމަށެވެ. އެހެނީ އެ ދެކަމަކީ، އެއް ކަމެއް އަނެއްކަމާ ސީދާ ގޮތުން ގުޅުމެއް ހުރި ދެ ކަމެއް ވެސް ނޫނެވެ. ދެ އިންތިހާބު އެއް ދުވަހަކު ބާއްވާ ގޮތަށް ހަދައި، އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ އިންތިހާބުވުމަށް ގިރާކުރަންޖެހޭ އިންތިހާބީ އޮޅިގަނޑު ތިރިކުރުމަކީ ދެވަނަ ދައުރެއް ކަށަވަރުކުރުމަށް އަޅާ ހީލަތްތެރި ފިޔަވަޅަކަށް ވާނެ އެވެ.

ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި އަހާ ސުވާލަކީ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރަން ފެނޭތޯ އެވެ. އަޅުގަނޑަކަށް ނުފެނެ އެވެ. އެއީ އެ ބިލުގެ ސަބަބުން އެތައްއެތައް މައްސަލައެއް ނުކުންނާނެތީ އެވެ. އެ ބިލުގައި އެއޮތީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށޭނޭ ސީދާ ތާރީހެއް ބަޔާންކޮށްފަ އެވެ. ގާނޫނުއަސާސީއެއްގައި އެގޮތަށް ތާރީހު ގުނުމުން ދިމާވާނޭ ކިތަންމެ މައްސަލައެއް ހުންނާނެ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރާ ހާލާތުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރު އެއް އަހަރަށް އިތުރުކުރަންޖެހޭ ހާލަތުގައި ދެންވާނީ ކިހިނެއްތޯ އެވެ. ޑިސެމްބަރު 1 ގައި މަޖިލިސްގެ ދައުރު ނިމޭއިރު، އައު މަޖިލިސްގެ ދައުރު ފެށެނީ ވެސް ޑިސެމްބަރު 1 ގަ އެވެ. އެހެންވީމާ އެ ދުވަހަކީ ރާއްޖޭގައި ދެ މަޖިލިސް އޮންނާނޭ ދުވަހެއް ހެއްޔެވެ؟ ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެކުގައި މަގާމުން ވަކިވުމުގެ ސަބަބުން އަލުން ރިޔާސީ އިންތިހާބު ބާއްވަންޖެހޭ ހާލަތުގައި ކަންވާނީ ކިހިނެއް ހެއްޔެވެ؟ އަލުން އިންތިހާބުކުރާ ރައީސުލްޖުމްހޫރިއްޔާއަށް ލިބޭނީ ފަސް އަހަރު ހެއްޔެވެ؟ ނުވަތަ ހިނގަމުން ދިޔަ ދައުރުގެ ބާކީ ހެއްޔެވެ؟ ބިލު އޮތީ މިކަހަލަ އެތައް ގާނޫނީ ސުވާލުތަކަށް ފުރުސަތު ހުޅުވޭ ގޮތަށެވެ. މިއީ ގާނޫނީ ގޮތުން ހަމަޖެހޭ ބިލެއް ނޫނެވެ. އެހެންވީމާ ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ކުރައްވާކަށް އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ނުފެނެ އެވެ. އަޅުގަނޑުގެ ޖަވާބަކީ ނޫނެކޭ އެވެ.

މިއީ މި ދައުލަތް ހިންގާންވީ ގޮތަކާ މެދު ބަސްބުނާން ރައްޔިތުންނަށް ލިބޭނޭ ފަހު ފުރުސަތު ކަމަށް ބަލާށެވެ. މިފަހަރުގެ އިންތިހާބު ރައީސް މުއިއްޒު އެ ބޭނުންފުޅުވާ ގޮތަށް ގޮސްފިނަމަ.... ދެން މި ގައުމު އަތެއް ނުވާނެ އެވެ. މިހެން މި ދަންނަވަނީ އަޅުގަނޑެއް ނޫނެވެ. މިހެން ވިދާޅުވަނީ ރައީސް މުއިއްޒުއާއެކު މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ އެތައް ބޭފުޅުންނެކެވެ. ރައީސް މުއިއްޒުގެ އަމަލުފުޅުތައް ހުންނަގޮތުގެ ވާހަކަތަކާއި، ސަރުކާރުގެ ކޮރަޕްޝަންތަކުގެ ވާހަކަ އެކި މީޑިއާތަކަށް ފޯރުކޮށްދެނީ މި ދެންނެވި ބޭފުޅުންނެވެ.

ވީމާ ރައްޔިތުން ވިސްނާށެވެ. މި އަޑު އިވޭނަމަ، އޭޕްރިލް 4 ވަނަ ދުވަހު ނުކުންނަވައި، މި ބިލު ތަސްދީގުކުރަން ފެނޭތޯ އެ އަހާ ސުވާލަށް ހަރުކޮށް ނޫނެކޭ ވިދާޅުވާށެވެ. ދެ އިންތިހާބު އެއްކޮށްލުމަށް ވެސް ބުނަންވީ ނޫނެކޭ އެވެ. އިންތިހާބީ ރިޝްވަތުގެ ގޮތުގައި ސަރުކާރުން ބަހަމުންދާ ވަޒީފާތަކާއި، ދައުލަތުގެ އާމްދަނީން ދޫކޮށްލާ ފައިސާއާއި، ހިންގަމުންދާ ކޮރަޕްޝަނާއި މި ހުރިހައި ހައިޖާނަކަށް ވެސް ވިދާޅުވާންވީ ނޫނެކޭ އެވެ. ވޯޓު ކަރުދާހުގައި 'ނޫނެކޭ' އާ ދިމާއަށް އޮތް ގޮޅީގައި ނޫ ކުލައިގެ ގަލަމަކުން ހެޔޮ ފާހަގަ ޖަހާށެވެ. ކިތަންމެ ރުޅި ގަދަވެފައި ހުރެވުނެއް ކަމަކު ވޯޓު ކަރުދާހުގައި އަވަގުރާނައެއް ނުވަތަ އެ ނޫން ވެސް އިތުރު ފާހަގައެއް ކުރެހުމެއް ނުވަތަ ނިޝާނެއް އޮވެގެން ނުވާނެ އެވެ. ވަރަށް ފަރުވާތެރިކަމާއެކު، 'ނޫނެކޭ' އާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހަންވާނީ ވޯޓު ބާތިލު ނުވާނޭ ހުރިހައި ގޮތަކަށް ވިސްނައިގެންނެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox