ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްެވުމަށް ރައްޔިތުންގެ މެދުގައި މާދަމާ ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓާ ގުޅޭ މައުލޫމާތު އެކަށީގެންވާ މިންވަރަށް އިލެކްޝަންސް ކޮމިޝަނުން ފޯރުކޮށްދީފައި ނުވާއިރު އެ ކޮމިޝަނުން އެ ފާޑުކިޔުން ބަލައިނުގަންނަކަން މިރޭ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ހާމަކުރައްވައިފި އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުން ސުވާލުކުރީ ރެފަރެންޑަމްގެ ވޯޓަށް ހޭލުންތެރިކަން އިތުރުކުރުމަށް އީސީއިން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާ ސަބަބު ދެނެގަތުމަށެވެ. މާދަމާ ވޯޓުލާއިރު އަދިވެސް ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ރެފަރެންޑަމާ ގުޅޭ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދެވިފައެއް ނުވެ އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ 45 ދުވަހަށް ބަލާއިރު އެންމެ އެކަށީގެންވާ ވަރަށް މައުލޫމާތު ދެވިއްޖެ ކަމަށް. އެހެން ގަބޫލުކުރާ ސަބަބަކީ ރާއްޖޭގެ މީޑިއާތަކުގައި އަށް ގަޑިއިރު ސްޕެސިފިކްކޮށް މި ވާހަކަ ދެއްކިން. ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް މައުލުމާތު ދެއްކީމު، ރަށްރަށަށް ގޮސް 30،000 ކަރުދާސް އެންމެ ފަހު ވަގުތާ ޖެހެން ދެން މީހުންނަށް ފޯރުކޮށްދީ ހެދީމު،" އެ ސުވާލަށް ޖަވާބު ދެއްވަމުން ޒާހިދު ވިދާޅުވި އެވެ.
ދެން ޒާހިދު ވިދާޅުވީ ހަ މިލިއަން ވިއުސް ޕޯސްޓުތަކަށް ލިބިފައިވާ ކަމަށެވެ. އަށް ގަޑިއިރަކީ އިންތިހާބީ އޮނިގަނޑަށް މިފަދަ ބޮޑު ބަދަލެއް ގެނައުމަށް ޓީވީގައި ވާހަކަ ދެއްކުމަށް މަދު އަދަދެކެވެ. އަދި ސޯޝަލް މީޑިއާގައި ހަ މިލިއަން ވިއުސް ލިބުނު ކަމަށް ވިދާޅުވި ނަމަވެސް އީސީއަށް ވުރެ ބޮޑަށް ރާއްޖޭގައި މިވަގުތު އޮތް ދެ ސިޔާސީ ޕާޓީން މި ރެފަރެންޑަމްގެ ކަންކަން އޮޅުންފިލުވައިދިނުމަށް މަސައްކަތް ކޮށްފައިވެ އެވެ.
- "އެކަށީގެންވާ ވަރަށް މައުލޫމާތު ދެވިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރަނީ.... ދަންނަވަން ބޭނުންވާ ވާހަކައަކީ މިހާތަނަށް އައިއިރު އަޅުގަނޑުމެންގެ މުވައްޒަފުން މި މަސައްކަތް ކޮށްފިއޭ، އެކަށީގެންވާ ވަރަށް މައުލޫމާތު ދެވިއްޖެއޭ،" ޒާހިދު ވިދާޅުވި އެވެ.
ރާއްޖޭގެ ރަށްރަށަށް އޭނާ އަމިއްލައަށް ވެސް ދަތުރުކޮށް ރައްޔިތުންނާ ހަމައަށް މައުލޫމާތު ފޯރާފައި ހުރި މިންވަރު ދެނެގަތުމަށް މަސައްކަތް ކުރި ކަމަށާއި އެކަށީގެންވާ ވަރަކަށް މައުލޫމާތު ނުދެވޭ ކަމަށް ގަބޫލުނުކުރާ ކަމަށް ޒާހިދު ވިދާޅުވި އެވެ.
ރެފަރެންޑަމް ނެގުމުގެ އިޖުރާއަތްތަައް ބަޔާންކުރާ ގާނޫނުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ކުރަމުން ދަނިކޮށް އިލެކްޝަންސް ކޮމިޝަނުން ކޮމިޓީ މަރުހަލާގައި ބުނެފައިވަނީ ރެފަރެންޑަމެއް ނެގުމަށް 120 ދުވަހުގެ މުއްދަތެއް ދޭން ވާނެ ކަމަށެވެ. ނަމަވެސް ގާނޫނު ފާސްވެގެން އައިއިރު އެ މުއްދަތު އޮތީ އެންމެ ކުރުވެގެން 45 ދުވަހުގެ ތެރޭގައި ރެފަރެންޑަމެއް ބޭއްވޭ ގޮތަށެވެ.
"އަޅުގަނޑުމެން އަބަދުވެސް އަމަލުކުރަނީ ގާނޫނުގައި އޮންނަ ގޮތަކަށް،" އަދަދު ނޫހުން އެ ސުވާލު ކުރުމުން ދެއްވި ކުރު ޖަވާބުގައި ޒާހިދު ވިދާޅުވި އެވެ.
މި ފެންނަ ނުފެންނަ ވޯޓުގައި މުއިއްޒުގެ ސަރުކާރުން ބޭނުންވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށެވެ. ނަމަވެސް، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބައެއް ބޭފުޅުންނާއި، މަޖިލީހުގެ ކުރީގެ މެންބަރުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި ބައެއް އެހެން ޕާޓީތަކުން ވެސް ވަނީ މި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދިނުމަށް ގޮވާލާފަ އެވެ.
އެ ފަރާތްތަކުން ކެމްޕޭން ކުރަމުންދިޔައީ އެ ވޯޓުގައި އެ ފަރާތްތަކުން ބޭނުންވާ ނަތީޖާ ނެރުމަށެވެ. އީސީގެ ޒިންމާއަކީ ހަހަމަކަމާއެކު މިކަމުގެ ދެކޮޅުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން، ރައީސް މުހައްމަދު މުއިއްޒު ގަރާރު ނެރުއްވީ ފެބްރުއަރީ 17، 2026 ގަ އެވެ. އެ ދުވަހުން ފެށިގެން މާދަމާއާ ދެމެދު ހޭދަވާނީ ޖުމުލަ 46 ދުވަހެވެ.
ރެފަރެންޑަމްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 294،937 މީހުންނަށެވެ.









