ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު 18.35 އަށް ވުރެ މައްޗަށް އުފުލިއްޖެ އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި އިއްޔެގެ ނިޔަލަށް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 18.25 އަށެވެ. ނަމަވެސް އެ އަދަދު މިއަދު ވަނީ އުފުލިފަ އެވެ.
"ޑޮލަރުގެ އަގު މިއަދު ހުރީ 18.35 އަށްވުރެ މަތީގައި. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޑޮލަރުގެ އަގު އުފުލޭނެ ކަމަށް ބެލެވޭ،" ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މީހަކު ބުންޏެވެ.
މިއަހަރު ފެށުނުއިރު، ވެސް ޑޮލަރެއްގެ އަގު ކަޅު ބާޒާރުގައި ހުރީ 18ރ. އަށެވެ. އެހެންނަމަވެސް ފަތުރުވެރިކަމުގެ ސީޒަން ތެރޭގައި އާދައިގެ މަތިން މި އަހަރު ވެސް ޑޮލަރުގެ އަގު ދަށަށް ދިޔަ އެވެ.
ޑޮލަރުގެ އަގު އެންމެ ދަށަށް ދިޔައީ މިދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕެއިނު ދުވަސްވަރެވެ. އެއިރު ޑޮލަރެއްގެ އަގު 17.20ރ. އަށް ވެސް ހުއްޓެވެ.
ނަމަވެސް ސީޒަން ނިމި، ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ މިންވަރު މަދުވާން ފެށުމާއެކު އަނެއްކާ ވެސް ޑޮލަރުގެ އަގު އުފުލެން ފެށީ އެވެ.
ޑޮލަރުގެ އަގު އުފުލުނީ ޑޮލަރުގެ އަގު އުފުލިގެން އުޅެން ދެން ނުޖެހޭނެ ކަމަށާއި ދެން ފެންނާނީ ޑޮލަރުގެ އަގު ހެޔޮވަމުން ދާތަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ ދެ މަސް ދުވަސް ވެސް ނުވަނީހެވެ. އޭގެ އެއް މަސް ފަހުން 25 ލާރި ޑޮލަރެއްގެ އަގަށް މިވަނީ އިތުރުވެފަ އެވެ.











