ޑޮލަރު ރޭޓުގެ ހަބަރު ޖެހުން މަނާކުރެވުނަސް ކަޅު ބާޒާރެއް ނުހުއްޓުވުނު

ޗާންދަނީ މަގުގައި ހުންނަ މަނީ އެކްސްޗޭންޖެއް: ގިނަ މަނީ އެކްސްޗޭންޖުތައް ވަނީ ބަންދުކޮށްފަ --- ފޮޓޯ: އަދަދު

ޗާންދަނީ މަގުގައި ހުންނަ މަނީ އެކްސްޗޭންޖެއް: ގިނަ މަނީ އެކްސްޗޭންޖުތައް ވަނީ ބަންދުކޮށްފަ --- ފޮޓޯ: އަދަދު

ބޭރު ފައިސާއާ ބެހޭ ގާނޫނަށް ބަދަލުގެނެސް، ރަސްމީ ރޭޓު ނޫން ރޭޓެއްގެ ހަބަރު ލިޔުމާއި އެ ނޫން ރޭޓެއްގައި ޑޮލަރު ވިއްކުން މަނާކުރި ނަމަވެސް، ބޮޑު އަގުގައި ޑޮލަރު ގަނެވިއްކުން ނުހުއްޓުވޭ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ރެކޯޑު މިންވަރަކަށް އުފުލުނު ފަހުން، މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ސަރުކާރުން ވަނީ ބޭރު ފައިސާގެ ގާނޫނަށް ބަދަލުތައް ގެނެސް، ހާއްސަ ޓާސްކްފޯހެއް އެކުލަވާލައިގެން ކަޅު ބާޒާރު ހުއްޓުވުމުގެ މަސައްކަތް ފަށާފަ އެވެ. ސަރުކާރުން އޭރު ދިން ޔަގީންކަމަކީ، ވަރުގަދަ ފިޔަވަޅުތަކާއެކީ ޑޮލަރުގެ އަގު ތިރިކުރެވޭނެ ކަމަށެވެ.

ނަމަވެސް އަދަދު ނޫހުން އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި، ކަޅު ބާޒާރު އޮޕަރޭޓުކުރާ ގޮތަށް ބަދަލުތަކެއް އަޔަސް، އަދިވެސް ޑޮލަރު ވިއްކަމުން ދަނީ ރަސްމީ ރޭޓަށް ވުރެ ވަރަށް ބޮޑު އަގުގަ އެވެ.

ގާނޫނަށް މި ފަހުން ގެނައި ބަދަލުގެ ދަށުން، ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުތައް ހާމަކުރުމާއި އެ އަގުގައި ޑޮލަރު ވިއްކަން އިޝްތިހާރު ކުރުމަކީ މިހާރު މަނާ ކަމެކެވެ. މީގެ ތެރޭގައި ޑިޖިޓަލް ވަސީލަތްތަކާއި އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް އާންމުންނަށް އެނގޭނެހެން މިފަދަ މައުލޫމާތު ފެތުރުމާއި ޝާއިއުކުރުން ހިމެނޭތީ ނުއަގުގައި ވިއްކާ ރޭޓެއް ވެސް ގަންނަ ރޭޓެއް ވެސް ހަބަރެއްގައި ނުލިޔެވެ އެވެ.

ޑޮލަރު އަގު ތިރިކުރަން ނިކުތްއިރު ސަރުކާރާއި މަރުކަޒީ ބޭންކުން ބުނީ، ޑޮލަރުގެ އަގު ބޮޑުވަނީ ސިޔާސީ ވާދަވެރިންގެ ވާހަކަތަކާއި ނޫސްތަކުގެ ހަބަރުތަކުން ހާސްކަން އުފައްދައިގެން ކަމަށެވެ. އޭރު ސަރުކާރުން ވަނީ ރަސްމީ ނޫން ރޭޓެއްގައި ޑޮލަރު ގަނެވިއްކުމަކީ މަނީ ލޯންޑަރިންގެ އަމަލެއް ކަމަށާއި، އެއީ ޖިނާއީ ދައުވާ އުފުލޭނެ ކަމެއް ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

ސަރުކާރުން މި މަސައްކަތް ފެށި ދުވަސްވަރު ކަޅު ބާޒާރަށް ޑޮލަރު ސަޕްލައިކުރާ ވިޔަފާރިއެއް ރެއިޑުކޮށް، މަނީ އެކްސްޗޭންޖެއްގެ ލައިސެންސް ބާތިލުކޮށް، ކަޅު ބާޒާރުގައި އޮޕަރޭޓުކުރާ ކަމަށް ބުނާ ބިދޭސީންގެ ނެޓްވޯކެއް ވެސް ހައްޔަރުކުރި އެވެ. އޭގެ ފަހުން ބައެއް ބިދޭސީން ވެސް ހައްޔަރުކުރި އެވެ. ނަމަވެސް، ސަރުކާރުން އޭރު ކުރި ތުހުމަތުތަކާ ގުޅޭ ވަރުގެ އޮޕަރޭޝަނެއް ހިންގި ކަމަށް ނޫނީ މި ކަމުގައި ބައިވެރިވާ ބަޔަކާ ދެކޮޅަށް އެޅި ފިޔަވަޅެއް ނުބުނެ އެވެ. 

ސަރުކާރުން ބުނެފައިވާ ގޮތުގައި، ހުއްދަ ނެތި ޑޮލަރު މާރުކުރާ ހަތް މަނީ އެކްސްޗޭންޖަކުން ނުވަ މަސް ތެރޭގައި 76 މިލިއަން ޑޮލަރު މާރުކޮށްފައި ވެ އެވެ. އަދި ބައެއް ރިސޯޓުތަކުން ވެސް މިކަމުގައި ބައިވެރިވާ ކަމަށް ބުނެފައި އޮތެވެ. 

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވާ ގޮތުގައި، މި އޮޕަރޭޝަންގެ ނަތީޖާ ފެނި ޑޮލަރުގެ އަގު ވަނީ ވެއްޓިފަ އެވެ.

ނަމަވެސް ވިޔަފާރިވެރިންނާއި އާންމުން ބުނަނީ، މިހާރު ޑޮލަރު ގަންނަން ލިބެނީ ވަރަށް އުނދަގުލުން ކަމަށާއި، މަނީ އެކްސްޗޭންޖުތަކުން ވެސް ފާޅުގައި ޑޮލަރު ނުވިއްކާ ކަމަށެވެ. އޭގެ ބަދަލުގައި މިހާރު މި މުއާމަލާތްތައް ކުރަނީ އިތުބާރު ކުރެވޭ މަދު ބަޔަކާ އެކު ސިއްރިއްޔާތުގަ އެވެ.

ސަރުކާރުގެ ޑޮލަރު އޮޕަރޭޝަން ފެށި ފަހުން ގިނަ މަނީ އެކްސްޗޭންޖުތައް ވަނީ ބަންދުކޮށްފަ އެވެ.

ޑޮލަރުގެ ތާށިކަން ދިގުލައިގެން ގޮސްފައިވާއިރު، މާހިރުން ބުނަނީ ޑޮލަރު ހަރަދުކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް ނުގެނެސް މި މައްސަލައަށް އަވަސް ހައްލެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް، ސަރުކާރުން އުންމީދު ކުރަނީ ޓާސްކްފޯހުގެ މަސައްކަތްތަކާއި ޑޮލަރު މާރުކުރާ މިންވަރު އިތުރުކޮށްފައިވާތީ އަގު ތިރިވާނެ ކަމަށެވެ. އަދި ރަސްމާލޭގައި އީގަލް ހިލްސްއިން މަޝްރޫއު ފެށުމުން، ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox