ފަލަސްތީނުގައި "ސޭފް ޒޯން" ކަމަށް ކަނޑައަޅާފައިވާ ރަފަހުގެ މަގުމަތިން ފެންނަ ކޮންމެ މީހަކަށް އިޒްރޭލުން ދަނީ ހަމަލާދެމުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރަފަހުގައި އުޅޭ މީހަކާ ހަވާލާދީ އޭއެފްޕީން ބުނީ އެތަނުގެ މަގުމަތިން ފެންނަ ކޮންމެ މީހަކަށް އިޒްރޭލުގެ ޑްރޯންތަކުން ހަމަލާދެމުން އަންނަ ކަމަށާއި، މިއާއެކު ހުރިހާ އެންމެން ތިބީ ސަލާމަތް ހޯދުމަށް ގޭތެރޭގައި ކަމަށެވެ.
އިޒްރޭލުން ރަފަހުއަށް އެއްގަމުން ވެސް އަރާފައިވައިރު، ވައިގެ މަގުން ވެސް އަންނަނީ ގިނަ ހަމަލާތަކެއް ދެމުންނެވެ.

އެގޮތުން ފާއިތުވި 24 ގަޑީއިރު ތެރޭގައި އެކަނި ވެސް އިޒްރޭލުން ދިން ހަމަލާތަކުގައި ރަފަހުން 21 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 13 ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެ އެވެ.
އޭގެއިތުރުން އިޒްރޭލުން ވަނީ ހުޅަނގު އައްސޭރި ސަރަހައްދުގައި ވެސް ހަމަލާތަކެއް ދީ، ގެތައް ރެއިޑްކޮށް ގިނަ ބަޔަކު ހައްޔަރުކޮށްފަ އެވެ.
ރަފަހުއަށް ދޭ ހަމަލާތައް ހުއްޓައިލުމަށް އައިސީޖޭއިން އަމުރުކުރީ މެއި، 24 ގަ އެވެ. އެ އަމަރުގައި ބުނެފައި ވަނީ ފަަލަސްތީނުގެ ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް އިޒްރޭލުން ހިންގާ މިލިޓަރީ ހަރަކާތްތައް ހުއްޓާލުމަށެވެ.
އޮކްޓޯބަރު، 2023، ގައި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ފެށި ގަތުލުއާންމުގައި 36،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ. އޭގެ ތެރޭގައި 15،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.










