މެޑްރިޑް (މެއި 23) - ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ބަދަލުވީ ހުވަފެނެއްގައި ކުލަ ޖެއްސުމަށް ކަމަށް ބްރެޒިލްގެ ޒުވާން ތަރި އެންޑްރިކް ބުނެފި އެވެ.
ރެއާލުން އެންޑްރިކްގެ ސޮއި ހޯދީ އޭނާގެ އުމުރުން އެންމެ 16 އަހަރުގަ އެވެ. ރެއާލަށް ސޮއި ކުރިނަމަވެސް އެންޑްރިކް ކުޅެމުން އަންނަނީ ބްރެޒިލްގެ ޕަލްމޭރަސް އަށެވެ. އެކަމަކު އަންނަ ސީޒަނުގައި އެންޑްރިކް ފެނިގެންދާނީ ރެއާލްގެ ޖާޒީގަ އެވެ.
އެންރިކްގެ ސޮއި ހޯދަން ޔޫރަޕްގެ ބޮޑެތި ކުލަބްތަކުން މަސައްކަތްކުރި އެވެ. އޭގެ ތެރެގައި ސްޕެއިންގެ ބާސެލޯނާ, ފްރާންސްގެ ޕީއެސްޖީ އަދި އިންގްލެންޑްގެ މެންޗެސްޓާ ސިޓީ ހިމެނެ އެވެ. އެކަމަކު ރެއާލްގެ ހުށަހެޅުމާއެކު, އެންޑްރިކް ވަނީ ދެން ހުރި ހުށަހެޅުންތަކަށް ނޫނެކޭ ބުނެފަ އެވެ.
ސްޕެއިންގެ މީޑިއާއަކާ ވާހަކަ ދައްކަމުން އެންޑްރިކް ބުނީ, ރެއާލް އިން ހުށަހެޅުން ލިބުމުން އިތުރުކަމަކަށް ވިސްނަން ބޭނުން ނުވި ކަމަށެވެ. އަދި ރެއާލަކީ އޭނާ އަބަދުވެސް ސަޕޯޓުކުރި ކުލަބް ކަމަށާއި, އެ ކުލަބްގެ ހުށަހެޅުމަކަށް ނޫނެކޭ ނުބުނާނެ ކަމަށެވެ. އަދި ރެއާލަށް ބަދަލުވީ ހުވަފެނެއް ހަގީގަތަކަށް ހެދުމަށް ކަމަށް އެންޑްރިކް ބުންޏެވެ.
"އަހަރެން ރެއާލަށް ބަދަލުވީ ރެއާލަކީ އަބަދުވެސް އަހަރެން ކުޅެން ބޭނުންވި ޓީމުކަމަށް ވުމުން. އަހަރެން ރެއާލަށް ބަދަލުވީ އަހަރެން ދެކެމުން އަންނަ ހުވަފެނުގައި ކުލަ ޖެއްސުމަށް" އެންޑްރިކް ބުންޏެވެ.
އެންރިކް ވަނީ ރެއާލްގެ ދަނޑުގައި އޭނާ ކުޅުނު ފުރަތަމަ މެޗުގައި ބްރެޒިލް ޖާޒީގައި ސްޕެއިން ކޮޅަށް ގޯލު ޖަހައިފަ އެވެ.












