ބައިނަލްއަގްވާމީ/ގައުމީ މުބާރާތްތަކުގައި ރާއްޖޭގައި ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމާ ގުޅޭ ގޮތުން ކުޅިވަރާ ބެހޭ ވުޒާރާއިން މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިކަމާ ގުޅޭ ގޮތުން އިއްޔެ އެމްއޯސީ އާއެކު ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. އެމްއޯސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމްއޯސީގެ ރައީސް މުހައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އެވެ. އަދި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ އަބްދުالله ރާފިއު އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ކުރުމަށް ކުޅިވަރުގެ ވުޒާރާއިން ތައްޔާރުކުރި މަގު ޗާޓުގައި ހިމެނޭ ކަމެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު ރާފިއު ވަނީ މިއީ ރައީސް މުއިއްޒުގެ ހަފްތާ 14 ގައި ހިމެނުނު މުހިންމު ކަމެއްކަން ފާހަގަކުރައްވާފަ އެވެ. ހާއްސަކޮށް ގައުމީ އަދި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވެސް ސިއްހީ އަވަސް ފަރުވާ ދެވެން މިހާރު ހުންނަނީ އެންމެ އެކަށޭނެ ގޮތެއްގައި ނޫންކަން ވަޒީރު ފާހަގަކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޯސީގެ ރައީސް ޗަމްޕީ ވިދާޅުވީ, ކުޅިވަރުގެ ކަންކަމުގައި ސަރުކާރާ ގާތުން މަސައްކަތް ކުރުމަށް އެމްއޯސީ އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށެވެ.












