މިއުނިކް (އޭޕްރީލް 4) - ޖަރުމަނު ލީގުަގައި މިރޭ އިތުރު ވަގުތުގެ ތެރޭގައި ޖެހި ދެ ގޯލާ އެކު، ބަޔާން މިއުނިކުން ފަހަތުން އަރައި 3-2 އިން ފްރެއިބާގް އަތަުން މޮޅުވެއްޖެ އެވެ.
މެޗުގެ 81 ވަނަ މިނިޓާ ހަމައަށް އަމިއްލަ ދަނޑުގައި ކުޅުނު ފްރެއިބާގުން ދެ ގޯލު ކުރީގައި އޮތް މި މެޗުގެ ނަތީޖާ އަނބުރާލައި، ބަޔާނުން ހޯދި މޮޅާ އެކު، އެ ޓީމުން ޖަރުމަނު ލީގުގެ އެއް ވަަނައިގައި އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު އެެވެ. އެއް ވަނައިގައި އޮތް ބަޔާނަށް 28 މެޗުން 73 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ލިބިފައިވަނީ، 28 މެޗުން 62 ޕޮއިންޓެވެ.
ފްރެއިބާގުން އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މި މެޗުގައި، ދެ ވަނަ ހާފުގެ ކުރީކޮޅުގައި ލީޑުނެގީ ޖޯހަން މަންޒަމްބީ ޖެހި ގޯލުންނެވެ. އަދި، މެޗުގެ، 71 ވަނަ މިނިޓްގައި، ބަޔާން ކޮޅަށް ފްރެެއިބާގްގެ ދެ ވަނަ ލަނޑު ޖަހައިދިނީ، ލޫކަސް ހޯލާ އެވެ. ދެ ގޯލުގެ ލީޑެއް ލިބުމުން ފްރެއިބާގަށް މެޗުގެ ކޮންޓްރޯލް ނެގުމުގެ ފުރުސަތު ނުލިބުނީ ބަޔާނުން ދެއްކި ހިތްވަރުގަދަ ކުޅުމާ އެކުގަ އެވެ.
ފަހަތުން އަރައި، ނަތީޖާ އަނބުރާލަން ބަޔާނަށް އުންމީދެއް ހޯދައިދިނީ، 20 އަހަރުގެ މިޑްފީލްޑަރު، ޓޮމް ބިޝޮފް ޖެހި ގޯލުންނެވެ. މިއީ، 18 އަހަރުގެ ތަރި ލެނާޓް ކާލް ދިން ބޯޅައަކުން ބިޝޮފް ޖެހި ލަނޑެކެވެ. އަަދި، ބިޝޮފް ވަނީ އިތުރު ވަގުުތުގެ ދެ ވަނަ މިނިޓްގައި މައިކަލް އޮލީސޭ ދިން ބޯޅައަކަށް ރަނގަޅު ތަނަށް އަރައި، ބަޔާނަށް އެއްވަރުކޮށްދިން ލަނޑު ޖަހައިފަ އެވެ.
މެޗުގެ ތިން ޕޮއިންޓް ބަޔާނަށް ހޯދައިދިން ގޯލު ޖެހީ 99 ވަނަ މިނިޓްގައި، ލެނާޓް ކާލް އެވެ. އޭނާ މި ގޯލު ޖެހީ އަލްފަންސޯ ޑޭވިސް ދިން ބޯޅައަކުންނެވެ.
ބަޔާނުން އެ ޓީމުގެ އެއް ވަނަ ފޯވާޑް ހެރީ ކޭން ނުލައި ކުޅެން ޖެހުނު މި މެޗުގައި އެ ޓީމުގެ އެޓޭކް ބެލެހެއްޓީީ ޒުވާން ތަރިންނެވެ. ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނީ، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރެއާލް މެޑްރިޑާ ކުޅޭ މެޗަށް ކޭން ފިޓްވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.












