މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި، ހަސަން ހާޒިގު ރަޝީދު، ގައުމީ ޓީމުން ރިޓަޔާކޮށްފި އެވެ.
ގައުމީ ޓީމަށް ހާޒިގު ކުޅެދިން ފަހު މެޗަކީ، އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ރާއްޖޭން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗެވެ. ރާއްޖެ ވަނީ މި މެޗުން، 125 ލަނޑުން ބަލިވެފަ އެވެ. އުމުރުން 33 އަހަރުގެ ހާޒިގު ވަނީ މި މެޗަށް ފަހު ރިޓަޔާމަންޓް އިއުލާނުކޮށްފަ އެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ބުނީ، ގައުމީ ޓީމުގައި ހާޒިގު އެންމެ ފުރަތަމަ ހިމެނި، ރާއްޖެ ތަމްސީލްކުރިއިރު އުމުރަކީ 16 އަހަރު ކަމަށެވެ. އެއީ ދިގު ކެރިއަރެއް ބިނާކުރުމަށްޓަކައި އޭނާގެ ފަރާތުން ފެނުނު ތަފާތެއް ކަމަށް ސީބީއެމް އިން ދެކެ އެވެ. ހާޒިގު އަކީ 2010 ވަނަ އަހަރުގެ އޭސީސީ ޗެލެންޖް ޓްރޮފީ ހޯދި ރާއްޖޭގެ ކްރިކެޓް ޓީމުގެ ކުޅުންތެރިއެކެވެ. ޓީމު ލީޑުކުރުމާއި އެހެނިހެން ގޮތްގޮތުން ބެލިޔަސް ކްރިކެޓްގައި ނަމޫނާ ކުޅުންތެރިއެއްގެ ގޮތުގައި ހާޒިގު ފާހަގަވެގެންދެ އެވެ. ހާއްސަ ގޮތެއްގައި ގައުމީ ޓިމުގައި ހިމެނޭ ކޮންމެ ފަހަރަކު، 100 ޕަސެންޓް ޓީމަށްޓަކައި ދެ އެވެ.
ކްރިކެޓް ބޯޑްގެ ރައީސް، މުހައްމަދު ފައިސަލް ވަނީ ރާއްޖޭގެ ކްރިކެޓަށް ހާޒިގު ކޮށްދީފައިވާ އަގުހުރި ހިދުމަތަށް ޝުކުރު އަދާކޮށްފަ އެވެ. ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގައި އެތައް އަހަރެން ވަންދެން ކުޅުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި އެއީ ވަރަށް ހިތްވަރާއި ކުޅިވަރުގެ އަހުލާގު ރަނގަޅަށް ދަމަހައްްޓައިގެން ހާސިލްކުރެވޭނެ ކަމެއްގެ ގޮތުގައި ފައިސަލް ފާހަގަކުރެއްވި އެވެ.
ގައުމީ ޓީމުގެ ކެރިއަރު 16 އަހަރަށް ފަހު ނިންމާލާއިރު، ހާޒިގު ނެތުން ވާނީ ގައުމީ ޓީމަށް އަންނާނެ އުނިކަމެއްގެ ގޮތުގައި، ކްރިކެޓް ބޯޑްގެ ނައިބު ރައީސް، އަހުމަދު އިޝްއާގު ފާހަގަކުރެއްވި އެވެ. އަދި، ސީބީއެލް ސްޕޯޓްސްގެ ކެޕްޓަނެއްގެ ގޮތުގައި ފެނިގެންދާ ހާޒިގު، ޑޮމެސްޓިކް ކްރިކެޓްގައި ދެން ފެނިގެންދާއިރު، އުންމީދަކީ 17 ތަށި ހޯދާފައިވާ އެ ކެރިއަރު އިތުރަށް ފުރިހަމަ ވެގެންދިއުން ކަމަށް ވެސް އިޝްއާގު ވިދާޅުވެފައިވެ އެވެ.
ހާޒިގުއާ އެކު، ގައުމީ ޓީމަށް ކުޅެފައިވާ، އަހުމަދު ނީޝާމް އާއި އިސްމާއިލް ނިހާދު ވަނީ، ގައުމީ ކްރިކެޓް ޓީމުގައި އޭނާގެ މުހިންމު ދައުރު ފާހަގަކޮށް ޝުކުރުއަދާކޮށްފަ އެވެ.
މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، 10 ވިކެޓުން ޗައިނާ އަތުން މޮޅުވި އެވެ. އެކަމަކު، ދެން ކުޅުނު މެޗުތަކުން ކާމިޔާބެއް ލިބިފައިނުވެ އެވެ. ސިންގަޕޫރު އަތުން 33 ލަނޑުން ބަލިވިއިރު، މެލޭޝިއާ އަތުން ބަލިވީ ހަ ވިކެޓުންނެވެ. ހޮންގް ކޮންގާއި ރާއްޖޭން ކުޅެން އޮތް މެޗު ވިއްސާރައާ ހެދި ކުރިއަށް ނުގެންދެވިގެން ނިންމީ "ނޯ ރިޒަލްޓް" މެޗެއްގެ ގޮތުގަ އެވެ. އަދި، ފަހު މެޗުގައި މިއަދު ސައުދީ އަރަބިއްޔާ އަތުން ބަލިވީ އެވެ.












