ރިޔާދު، ސައުދީ އަރަބިއްޔާ (އޮކްޓޫބަރު 14) - ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާ އަށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން ރޭ މިސައިލް އެލާޓެއް އައުމާ ގުޅިގެން، އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގައި ސައުދީ އަރަބިއްޔާ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ އަލް ނަސްރާއި އުޒްބެކިސްތާންގެ ނެފްޓްޝީ ފެރްގާނާ ކުޅެން އޮތް މެޗު 15 މިނިޓަށް ފަސްކުރަން ޖެހުނެވެ.
އެއީ، ސައުދީގެ ސިވިލް ޑިފެންސުން ނެރުނު ބަޔާނަކާ އެކު އެވެ. ފަނަރަ މިނިޓަށް ފަހު، މެޗު ފަށައިގެން މި މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި އަލް ނަސްރު ވަނީ މޮޅުވެފަ އެވެ. އަލް ނަސްރަށް 33 ވަނަ މިނިޓްގައި އަންޖެލޯ ލަނޑު ޖަހައި ލީޑުނަގައިދިނެވެ. އަދި، ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޮނާލްޑޯ ވަނީ ލަނޑެއް ޖަހައި، އަލް ނަސްރުގެ ލީޑުފުޅާކޮށްދީފަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ހަ މިނިޓް ތެރޭ ނެފްޓްޝީގެ އަލީޝާ އޮޑީލޯވް ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. އެ ޓީމަށް މައްސަލަ ދިމާވީ 65 ވަަނަ މިނިޓްގައި އެ ޓީމުގެ އިކްރޯމްޖޯން އަލިބައޭވް އަށް ރަތެއް ދެއްކުމުންނެވެ. އޭގެ ފަހުން، އަލް ނަސްރުން ވަނީ ތިން ވަނަ ލަނޑެއް ޖަހައިފަ އެވެ. މިއީ، ނެފްޓްޝީގެ އަންވަރްޖޯން ގޮފޫރޯވް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މިއީ މި ފަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގުގެ އެލީޓްގައި އަލް ނަސްރުގެ ފުރަތަމަ މޮޅެވެ. އަލް ނަސްރުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ޔޫއޭއީގެ އަލް އައިން އަތުން 4-0 އިން ބަލިވެފަ އެވެ.
ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް ދޫކޮށް ދިޔަ ފަހުން، މި ފަހަރު އަލް ނަސްރާ ގުޅުމަށް ފަހު، ރޮނާލްޑޯ ވަނީ މިހާތަނަށް ދެ މެޗުގައި ލަނޑު ޖަހައިފަ އެވެ. ރޮނާލްޑޯ، މަސައްކަތްކުރަމުން އަންނަނީ 1000 ގޯލު ހަމަކުރުމަށެވެ. އެ ގޮތުން، މިހާތަނަށް ރޮނާލްޑޯ ވަނީ ޕްރޮފެޝަނަލް ކެރިއަރުގައި، 981 ލަނޑު ޖަހައިފަ އެވެ.












