ކެލިފޯނިއާ، ޔުނައިޓެޑް ސްޓޭޓްސް (އޮކްޓޫބަރު 14) - ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ފީފާ ވޯލްޑް ކަޕް 2026 ގެ ކަންކަމާ ގުޅޭ، 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް 2024 ވަނަ އަހަރު ލިބިފައިވާއިރު، ފީފާ އިން އޭގެ ތަފްސީލް ހާމަނުކުރާ ކަމަށް ތުހުމަތު އަމާޒުވެއްޖެ އެވެ.
އެެމެރިކާގެ އިންޓާނަލް ރެވެނިއު ސާވިސް އާއި ފީފާގެ ލިޔެކިޔުންތަކަށް ބަލާއިރު، މީގެ ދެ އަހަރު ކުރިން، ފީފާ ވޯލްޑް ކަޕާ ގުޅޭ ކަމެއްގައި، އިންފަންޓީނޯ އަށް 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބުުނުކަން ވަނީ ލިޔެކިޔުންތަކުން ފެނިފަ އެވެ. އެކަމަކު، ފީފާ އިން އެ އަހަރު ނެރުނު މާލީ ރިޕޯޓްތަކުގައި އިންފަންޓީނޯ އަށް ލިބުނު ފައިސާގެ ގޮތުގައި މި 1.7 މިލިއަން ޑޮލަރު ހިމަނާފައެއް ނެތެވެ.
މިކަމާ ގުޅިގެން، ފީފާއާ ސުވާލުކުރުމުން، އެ ފެޑެރޭޝަންގެ ތަރުޖަމާނު ވަނީ ފީފާގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ލިޔެކިޔުންތަކެއް ވަނީ އާންމުކޮށްފައި ކަމަށް ވިދާޅުވެފަ އެވެ. އަދި، ފީފާ އިން އިންފަންޓީނޯ އަށް އިތުުރު މުސާރައެއް ނުދޭ ކަމަށާއި އޭނާގެ އާމްދަނީއާ ގުޅޭ ކަންކަން ފީފާ އިން އޮންނަ އުސޫލުތަކުގެ ތެރެއިން މާލީ ހިސާބުތަކުގެ އަހަރީ ރިޕޯޓްތަކުގެ ތެރޭގައި ހިމަނާ ކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފައިވެ އެވެ.
މާދަމާ އޮންނަ ފީފާ ކައުންސިލް ބައްދަލުވުމުގެ ކުރިން، މީޑިއާގައި މި ފަދަ ވާހަކަތަކެއް ދެކެވުނު ކަމުގައި ވިޔަސް، ފީފާ އިން އަންނަނީ ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ހުރިހާ މައުލޫމާތެއް ހިއްސާކުރަމުން ކަަމަށާއި އެއްވެސް މައުލޫމާތެއް ސިއްރު ނުކުރާ ކަމަށް ވެސް ތަރުޖަމާނު ޔަގީންކަން ދެއްވި އެވެ.
ފީފާ ގަވަރްނަންސް ކޮމިޓީގެ ކުރީގެ ޗެއާމަން، މިގޭލް މަޑޫރޯ ވިދާޅުވީ، އިންފަންޓީނޯގެ މުސާރައާ ބެހޭ މައުލޫމާތު ފުރިހަމަ އަށް ފޯރުކޮށްދިނުމަކީ އަސާސީ ގަވާއިދާއި ހިންގާ ގަވައިދުގެ ތެރެއިން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި، އެކަން އެ ގޮތަށް ނުކުރުމަކީ އުސޫލާ ހިލާފުވުން ކަމަށް ވެސް މަޑޫރޯ ވަނީ ވިދާޅުވެެފަ އެވެ.
"ފީފާ ރައީސަށް ރަނގަޅު މުސާރައެއް އާމްދަނީއެއް ލިބެންޖެހޭ. އެކަމަކު ދެފުށްފެންނަ ގޮތަށް ކަންކަން ސާފުވާންޖެހޭ،" މަޑޫރޯ ވިދާޅުވި އެވެ.
ހަތަރު ވަނަ ދައުރަަކަށް ފީފާގެ ރައީސަކަށް އަންނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން އިންފަންޓީނޯ ވަނީ އިއުލާނުކުރައްވައިފަ އެވެ. އެކަމަކު، އޭނާ އަށް މަގާމުގައި ދެމިހުރުުމުގެ ފުރުސަތެއް ނުދޭން އެންމެ ވަރުަގަދަ އަށް މަސައްކަތް ކުރަނީ ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިންނެވެ.
ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިންގެ ފާޑުކިޔުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް އަމާޒުވެއްޖެ އެވެ.
ފީފާގެ މުބާރާތްތަކުގެ ރައިޓްސް، ވޯލްޑް ކަޕް ހިމެނޭހެން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އާއިލީ ގުޅުން އޮންނަ ކުންފުންޏަކަށް ވިއްކާލަން އުޅުނު ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ) ޑީލުގެ ލިޔެކިޔުންތަކާއި މި ފަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި އޮތް ފީފާ ވޯލްޑް ކަޕްގެ ތެރެއިން، އެމެރިކާގެ ފޯވާޑް، ފަލޮރިން ބަލޮގަން އަށް ދެއްކި ރަތް ކާޑަށް މާފު ދޭން ނިންމި ގޮތާ މެދު ޔުއެފާ އިން އަންނަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
މި ކަންކަމަށް އިޝާރާތް ކުރައްވައި، ޗެފެރިން ދާދި ފަހުން ދެއްކިވި ވާހަކައިގައި ނުސީދާ ގޮތަކަށް އިންފަންޓީނޯ އާއި ޓްރަމްޕަށް ވަނީ ފާޑުވިދާޅުވެފަ އެވެ.
ޗެފެރިން ވިދާޅުވީ، ދުނިޔޭގެ ފުޓްބޯޅަ އަށް މި ފަހުން އިވިގެންދިޔަ ގަބޫލުކުރަން އުނދަގޫ ލަފްޒުތަކަކީ ވަކި މީހަކު ބޭނުންވާ ބަދަލުތަކާއި ތަރައްގީ ފުޓްބޯޅަ އަށް ގެންނާނެ ކަމުގެ ވާހަަކަތަކެވެ. އެކަމަކު، މި ވާހަކަތަކުން ކަންކަން ހިނގައިދިޔަ ގޮތުގެ މަންޒަރު ބަދަލުނުވާ ކަމަށް ޗެފެރިން ފާހަގަކުރެއްވި އެވެ.
އިންފަންޓީނޯ ވަނީ އެފްއެފްއީގެ މަސައްކަތް ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ, ފަހުން މާފަށް އެދިވަޑައިގެންފަ އެވެ.
އެކަމަކު، އޭގެ ފަހުން ވެސް ޔުއެފާ އިން އަންނަނީ އެފްއެފްއީގެ ކަންކަން ހިނގައިދިޔަ ގޮތުގެ ލިޔެކިޔުން ހޯދަން އެމެރިކާގެ ކޯޓެއްގައި މައްސަލަ ކުރިއަށް ގެންދަމުންނެވެ.
ފީފާގެ ރައީސް ކަމަށް ހަތަރު ވަނަ ދައުރަކަށް އިންތިހާބުވާން ކުރިމަތިލައްވާފައިވާ އިންފަންޓީނޯ އިސްވެ ހުންނަވައި، މިދިޔަ ޑިސެމްބަރު މަހު އެމެރިކާގެ ރަައީސް ޓްރަމްޕަށް ވަނީ، ފީފާ އިން މުޅިން އަލަށް ދިން ޕީސް އެވޯޑެއް އަރުވައިފަ އެވެ.
އެފްއެފްއީގެ ލިޔެކިޔުންތައް ހޯދަން ޔުއެފާ އިން އިސްވެ، އެމެރިކާގެ ކޯޓަށް ހުށަހަޅާފައި އޮތް މައްސަަލަަ އަކީ އަންނަ އަހަރު އޮތް ފީފާގެ އިންތިހާބަށް ނުފޫޒު ފޯރުވައި، އިންފަންޓީނޯގެ އަގުވައްޓާލުމުގެ އަމަލެއް ކަމަށް ފީފާ އިން ވަނީ ތުހުމަތުކޮށްފަ އެވެ.












