ޒުވާން ޝޫޓަރުން ތަމްރީންކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޝޫޓިން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ފެށުމަށް ޝޫޓިން އެސޯސިއޭޝަނުން ތައްޔާރުވެއްޖެ އެވެ.
ރާއްޖޭގެ ޝޫޓިން އެސޯސިއޭޝަނުން ސްކޫލްތަކަށް އަމާޒުކޮށް ފަށާ ވައިޑީޕީގެ މަސައްކަތްތައް ފަށާފައިވަނީ ބެލެނިވެރިންނަށް ކުރިއަށްގެންދިޔަ މައުލޫމާތު ސެޝަންއަކުންނެވެ. ހަސަތޭކަ އެއްހާ ބެލެނިވެރިން ބައިވެރިވި މި ބައްދަލުވުމުގައި ވަނީ މި ކުޅިވަރާ ބެހޭ ގިނަ މައުލޫމާތުތަކެއް ހިއްސާކުރި އެވެ.
މިގޮތުން މި ކުޅިވަރުގައި ބޭނުންކުރެވޭ އާލަތްތަކާއި، ތަމްރީންތައް ކުރިއަށްގެންދެވޭ ގޮތާއި، މި ޕްރޮގްރާމަށް ކުދިން ނެގުމަށް ރޭވިފައިވާ ގޮތާއި، ޕްރޮގްރާމް ކުރިއަށްގެންދެވޭނެ ގޮތްވެސް ވަނީ ހިއްސާކޮށްފަ އެވެ. މީގެ އިތުރުން މި ކުޅިވަރުގައި ބޭނުންކުރާ އާލަތްތައް ރައްކާތެރިކަމާއިއެކު ގެންގުޅޭނެ ގޮތްތައްވެސް ވަނީ ހިއްސާކޮށްފަ އެވެ.

ޝޫޓިންގައި ބޭނުންކުރާ އެއާ ރައިފަލްގެ ތަފްސީލުތައް ބެލެނިވެރިންނަށް ކިޔައިދެނީ - ފޮޓޯ: ޝޫޓިން އެސޯސިއޭޝަން
މި ކުޅިވަރުގެ ސަބަބުން ކުދިންނަށް ލިބޭ ފައިދާތައްވެސް އެސޯސިއޭޝަނުންވަނީ ބެލެނިވެރިންނާ ހިއްސާކޮށްފަ އެވެ.
މި ބައްދަލުވުމުގައި ޝޫޓިންގައި މައިގަނޑުކޮށް ބޭނުންކުރާ ދެ އާލަތްކަމަށްވާ އެއާ ޕިސްޓަލް އަދި އެއާ ރައިފަލް ބޭނުންކުރާ ގޮތުގެ ޑިމޮންސްޓްރޭޝަނެއްވެސް ކުރިއަށްދިޔަ އެވެ.
ޝޫޓިންއަކީ އޮލިމްޕިކް ކުޅިވަރަކަށްވުމާއިއެކު ރާއްޖޭގެ ގައުމީ ޓީމަށް ބައިނަލްއަގްވާމީ ގިނަ ފުރުސަތުތަކެއް ލިބެ އެވެ. ނަމަވެސް އެތުލީޓުން މަދުވުމާއި، ތަމްރީންވުމަށް އެކަށޭނަ ފެސިލިޓީއެއް ނެތުމުގެ ގޮންޖެހުން މި އެސޯސިއޭޝަނަށް އެބައޮތެވެ.
ވައިޑީޕީ ޕްރޮގްރާމް ކުރިއަށްގެންދަން ބަލާއިރުވެސް އެ އެސޯސިއޭޝަނުގައި ކުދިން ތަމްރީން ހަދަން އޮތީ ހަތަރު ލޭންގެ ޖާގަ އޮންނަ ފެސިލިޓީއެކެވެ.












