ލަންޑަން (އޮކްޓޫބަރު 11) - ސީޒަންގެ ކުރީކޮޅު ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތައް ދިމާވެ، ގައުމީ ޓީމުތަކަށް އެކަމުގެ ސަބަބުން ގެއްލުންވާން ފަށައިފި އެވެ.
އާ ސީޒަންގެ ކުޅުން މިދިޔަ އޮގަސްޓު މަހު ފެށިފަހުން ބޮޑެތި އަނިޔާތަކެއް ކުޅުންތެރިންނަށް އަންނަނީ ލިބެމުންނެވެ. ބައެއް ކުޅުންތެރިންނަށް ކަކުލުގެ ބޮޑެތި އަނިޔާތަކެއް ލިބެމުން އަންނައިރު، ފަލަމަސްގަނޑުގެ އަނިޔާތައްވެސް ގިނަ އެވެ.
ގާތް ގާތުގައި މެޗުތައް ކުޅެން ޖެހުމުގެ ސަބަބުން ކުޅުންތެރިންނަށް ކުރިމަތިވަމުން އަންނަ އަނިޔާގެ މައްސަލަތަކާ އެކު ގައުމީ ޓީމްތަކަށް ވެސް އެކަމުގެ އަސަރު އަންނަނީ ކުރަމުންނެވެ. އެ ގޮތުން ކުރިއަށް އޮތް ޔޫރޯގެ ކޮލިފައިން އާއި ފީފާ ވޯލްޑް ކަޕްގެ ކޮލިފައިން މެޗުތައް ވެސް ކުރިއަށްދާތީ ގައުމީ ޓީމްތަކުގެ މެޗުތައް ނުކުޅެ ބައެއް ކުޅުންތެރިން ޓީމާ ވަކިވާން ވަނީ ޖެހިފަ އެވެ.
މިދިޔަ ހަފްތާގެ ކުލަބު މެޗުތަކަށްފަހު ގައުމީ ޓީމްތަކާ ބައެއް ކުޅުންތެރިން ގުޅެން އަންނަނީ އުޒުރުވެރިވަމުންނެވެ.
އެ ގޮތުން ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު، އިންގްލެންޑްގެ އިތުބާރު ވިންގާ ބުކާޔޯ ސަކާ ވަނީ އަނިޔާގެ ސަބަބުން ޓީމާ ވަކިވެފަ އެވެ. ސަކާ އަކީ މިދިޔަ ދޮޅު އަހަރެއްހާ ދުވަހު ކުލަބު ލެވެލް އަދި ގައުމީ ޓީމްގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ.
ޔޫރޯ ކޮލިފައިންގެ މެޗުތަކަށް ތައްޔާރުވަމުން އަންނަ ސްޕެއިންގެ ޓީމުގެ ޒުވާން ދެ ކުޅުންތެރިންނަށް ވެސް އަނިޔާގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ. ސްޕެއިންގެ ގައުމީ ޓީމަށް މެޗެއް ކުޅެދިން އެންމެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް ވަނީ އަނިޔާގެ ސަބަބުން ޓީމާ ވަކިވެފަ އެވެ. އަނެއްކޮޅުން ފަރިތަކުރުންތަކުގައި މިޑްފިލްޑަރު ގަވީ އަށްވެސް ވަނީ އަނިޔާވެފަ އެވެ.
މި ކުޅުންތެރިންގެ އިތުރުން ފްރާންސްގެ ގައުމީ ޓީމްގެ ތިން ޑިފެންޑަރުން ކަމަށްވާ ވިލިއަމް ސަލީބާ، ޖޫލްސް ކޫންޑޭ އަދި އެކްސެލް ޑިސާސީ އަށް ވެސް އަނިޔާގެ ސަބަބުން ކުރިއަށް އޮތް ޔޫރޯ ކޮލިފައިން މެޗުތައް ނުކުޅެވެނޭ އެވެ.
ސްވިޑެންގެ ފޯވާޑް އެލެކްސަންޑާ އިސާކް އާއި ބެލްޖިއަމްގެ ލެއާންދްރޯ ޓްރޮސާޑް އަކީ ވެސް އަނިޔާގެ ސަބަބުން ގައުމީ ޓީމުގެ މެޗުތައް ކުޅެން އުޒުރުވެރިވާ ދެ ކުޅުންތެރިންނެވެ.
ކުލަބުތަކާއި ގައުމީ ޓީމްތަކުގެ މުހިންމު ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތައް ކުރިމަތިވަމުން އަންނާތީ ކުލަބުތަކުގެ ކޯޗުންނާއި ގައުމީ ޓީމްތަކުގެ ކޯޗުން އަންނަނީ ކުޅުންތެރިންނަށް ރެސްޓް ދޭނެ ގޮތްތަކެއް އޮތްތޯ ބަލައި މަޝްވަރާ ކުރަމުންނެވެ. އ ެކަމަށް ދުނިޔޭގެ ބޮޑު ފަސް ލީގުން ވެސް އެހީވުމަށް ކޯޗުން އަންނަނީ ގޮވާލަމުންނެވެ.
ކޯޗުން ގަބޫލުކުރާ ގޮތުގައި ކުޅުންތެރިންނަށް ލިބެމުން އަންނަ ބޮޑެތި އަނިޔާތަކުގެ އަސްލަކީ ގިނަ މެޗުތަކެއް ގާތްގާތުގައި ކުޅެން ޖެހުމެވެ. އެހެންކަމުން، ކުޅުންތެރިންގެ ހައްގުގައި ޔޫރަޕްގެ ފުޓްބޯޅައިގެ ކުލަބު ކަލަންޑަރަށް ބަދަލުތަކެއް ގެނައުމަށް ކޯޗުން އަންނަނީ އެދެމުންނެވެ.












