އަންނަ މަހުގެ 4-17 އަށް ބަންގްލަދޭޝްގެ ވެރި ރަށް ޑާކާގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން އިންޑިއާ ނަން ނަގާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ދޮގުކޮށްފި އެވެ.
އަންނަ މަހުގެ ފީފާ ބްރޭކުގައި، އިންޑިއާ އިން ނިއު ޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ނިންމައިފަ އެވެ. އެ ގޮތުން، ނޮވެމްބަރު 12 ވަނަ ދުވަހު، އިންޑިއާ އިން ނިއު ޒީލެންޑުގެ އޯކްލޭންޑުގައި އެ ގައުމާ ދެކޮޅަށް ފުރަތަމަ މެޗު ކުޅޭނެ އެވެ. އަދި، އޭގެ ތިން ދުވަސް ފަހުން، ނޮވެމްބަރު 15 ވަނަ ދުވަހު، އިންޑިއާ އިން ނިއު ޒީލެންޑާ ދެކޮޅަށް ކުޅޭ ދެ ވަނަ މެޗު އޮންނާނީ ކްރައިސްޗާޗުގަ އެވެ. މިއީ، އިންޑިއާ ގައުމީ ޓީމުން ނިއު ޒީލެންޑުގައި ކުޅޭ ފުރަތަަމަ މެޗުތަކެވެ. އަދި، މިއީ، އިންޑިއާ އާއި ނިއު ޒީލެންޑްގެ ދެމެދުގައި ކުޅިވަރުގެ ރޮނގުން ގުޅުން ބަދަހިކުރިތާ 100 އަހަރު ފުރުން ފާހަގަކުރަން ބާއްވާ އެއް ހަރަކާތެކެވެ.
ނިއު ޒީލެންޑް މެޗަށް އިންޑިއާ ސީނިއާ ޓީމު ފޮނުވުމަށް ފަހު، 23 އަހަރުން ދަށުގެ ޓީމެއް ސާފް ޗެމްޕިއަންޝިޕަށް ފޮނުވާ ގޮތަށް އިންޑިއާ އިން ނިންމާފައިވަނިކޮށް، އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕުން ނަން ނެގި ކަމަށް ވަނީ މީޑިއާގައި ވާހަކަ ދައުރުވާން ފަށައިފަ އެެވެ. އެއީ، ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅޭ ފުރަތަމަ މެޗު އޮތީ، އަންނަ މަހުގެ ފީފާ ބްރޭކުގެ ތެރޭގައި ނޫން ކަމަށްވާއިރު، ކްލަބްތަކުން ގައުމީ ޓީމަށް ކުޅުންތެރިން ރިލީސްކުރަން ދެކޮޅު ހަދަމުން އަންނާތީ އެވެ.
ފީފާ ބްރޭކް އަންނަ މަހު 9-17 އަށް އޮތްއިރު، އިންޑިއާ އިން ޕާކިސްތާނާ ކުޅޭ މެޗު އޮތީ އަންނަ މަހު ފަސް ވަނަ ދުވަހު އެވެ.
ނުވަ ފަހަރު ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދާފައިވާ އަދި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ އިން މި ފަަހަރުގެ މުބާރާތުން ވަކިވި ކަމަށް ދެކެވޭ ވާހަކަ ސާފުން ދޮގުކުރީ މީޑިއާ އަށް އާންމުކުރި ބަޔާނެއްގަ އެވެ. ސާފް އިން ބުނީ، އިންޑިއާގެ ބައިވެރިވުން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އޮންނާނެކަން އަދިވެސް ޔަގީންކަމަށާއި، މުބާރާތަށް މިހާ ކުރު މުއްދަތެއް އޮއްވައި، ހަގީގަތާ ހިލާފު ވާހަކަތައް ނުފަތުރަން އެދޭ ކަމަށެވެ.
"ކުރިން ވެސް ނިމިފައި އޮތް ގޮތަށް، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ހަ ގައުމު ވާދަކުރާނެ،" ސާފް އިން ނެރުނު ބަޔާނުގައިވެ އެވެ.
ފީފާގެ ސަސްޕެންޝަނުގައި އޮތުމުން، މި ފަހަރުގެ މުބާރާތުގައި ނޭޕާލް ވާދަނުކުރާނެ އެވެ. މިއީ، ސާފް އިން މި މުބާރާތް ބާއްވާ 15 ފަަހަރުގެ ތެރެއިން ނޭޕާލް ނުލައި، މި މުބާރާތް ކުޅޭ ފުރަތަމަ ފަހަރެެވެ.
އެންމެ ފަހުން، ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް ބޭއްވި ދެ ފަހަރު ވެސް އިންޑިއާ އިން ކުޅުނީ 23 އަހަރުން ދަށުގެ ޓީމެކެވެ. އެއީ، 2009 ވަނަ އަހަރާއި 2018 ވަނަ އަހަރު އެވެ. އެ ގޮތުން، 2009 ވަނަ އަހަރު ޕެނަލްޓީ ޖަހައިގެން ރާއްޖެ އަތުން ފައިނަލުގައި މޮޅުވިއިރު، 2018 ވަނަ އަހަރުގެ ފައިނަލުގައި ރާއްޖެ އަތުން ވީ ބައްޔެވެ.
އިންޑިއާ އިން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޒުވާން ޓީމެއް ވާދަކުރާއިރު، ޓީމުގެ ކޯޗަކީ، ނައުޝަދު މޫސާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.












