މި މަހު 13 އިން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދިޔަ ގައުމީ ބެޑްމިންޓަން ޓީމުގެ ސިލެކްޝަނުގައި ވާދަކޮށް، ނުވަ ފަހަރު ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ މުހައްމަަދު އަޖުފާން ރަޝީދު ގައުމީ ސްކޮޑުން ޖާގަ ހޯދައިފި އެވެ.
ގައުމީ ބެޑްމިންޓަން ސްކޮޑުގައި އަންހެން ހަ ކުޅުންތެރިން އަދި ފިރިހެން ހަ ކުޅުންތެރިން ހިމެނެ އެވެ. ޖުމްލަ އެކު، 12 ކުޅުންތެރިންގެ ސްކޮޑެއް ނެގިއިރު، އޭގެ ތެރެެއިން ހަތް ކުޅުންތެރިން ނިސްބަތްވަނީ ރިވައިވަލް ސްޕޯޓްސް ކްލަބް އަށެވެ.
ރޭންކިންގެ ގަވައިދުގައިވާ ގޮތުން، އެންމެ މަތިން ރޭންކް ކުރެވިފައިވާ ދެ ކުޅުންތެރިން ސިލެކްޝަނުގައި ވާދަކުރަންނުޖެހެ އެވެ. އެ ގޮތުން، ފިރިހެން ސްކޮޑުން، ރޭންކިންގެ ގަދަ ދޭއްގެ ތެރެއިން ޖާގަ ލިބުނީ، ރިވައިވަލް ސްޕޯޓްސްގެ ޒަޔާން ޒަކީ އާއި ނިބާލް އަހުމަދު އަށެވެ. އަދި، އަންހެން ސްކޮޑުން، ގަދަ ދޭއްގައި ހިމެނެނީ، އައިމިނަތު ނަބީހާ (ނަބީ) އަދި ފާތިމަތު ނަބާހާ (ނަބާ) އެވެ.
ގައުމީ ސިލެކްޝަނުގެ ފަހު ހަތަރު ޖާގަ އަށް ފިރިހެން ބައިން 9 ކުޅުންތެރިން ވާދަކުރިއިރު، އަންހެން ބައިން ވެސް ނުވަ ކުޅުންތެރިން ވަނީ ސިލެކްޝަނުގައި ވާދަކޮށްފަ އެވެ. ރޭންކިިން (ސިލެކްޝަން) ކުމަށް ބެޑްމިންޓަން އެސޯސިއޭޝަނުން މި ފަހަރު ފުރުސަތު ދީފައިވަނީ، އަންހެން އަދި ފިރިހެން ސިންގަލްސް، ރޭންކިންގެ 3-10 އާ ދެމެދުގެ ކުޅުންތެރިންނަށެވެ. މީގެ ތެރެއިން، ކުޅުންތެރިއަކަށް ނުކުޅެވޭނަމަ، ދެން ރޭންކިން އިން އެންމެ ގިނަ ޕޮއިންޓް ލިބިފައިވާ ކުޅުންތެރިއަކަށް ފުރުސަތު ދޭ ގޮތަށް ގަވާއިދުގައި ވަނީ ހިމަނައިފަ އެވެ.
އަހަރަކަށް ވުރެން ގިނަ ދުވަހުގެ މެދުކެނޑުމަކަށް ފަހު ގައުމީ ޓީމުން އަލުން ޖާގަ ހޯދި އަޖުފާންގެ އިތުރުން، ސްކޮޑުން ދެން ފުރުސަތު ހޯދި ކުޅުންތެރިންނަކީ، މުޅިން ރިވައިވަލް ކުޅުންތެރިންނެވެ. އެއީ، މި ފަހަރުގެ ގައުމީ ޗެމްޕިއަންކަން ހޯދި ހައިޝަމް އިބްރާހިމް އަލީގެ އިތުރުން، ހަސަން ޒަޔާން މުހައްމަދު އަދި އައްޔޫބް އަޒުހަރު މުހައްމަދު އެވެ.
އަންހެން ސްކޮޑުން، ސިލެކްޝަން ކުޅެގެން ޖާގަ ހޯދި ހަތަރު ކުޅުންތެރިންނަކީ، ޔަލްވީ ހުސެއިން ޒުހުރީ، އައިމިނަތު އަމްނާ އަލީ އާމިރު، ޝުބާ މުހައްމަދު ޝަރީފް އަދި ލައިބާ އަހުމަދު މަހުލޫފް އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ފުރަތަމަ ފަަހަަރަށް ގައުމީ ޓީމުގެ ސިލެކްޝަނެއް ކުޅެފައިވަނީ، މިދިޔަ އަހަރު އެވެ. ސިލެކްޝަން މިދިޔަަ އަހަރު ކުރިއަށްދިޔަ ގޮތަށް ބަލާއިރު، އަންހެން ކުޅުންތެރިން ހަ ގްރޫޕަށް އަދި ފިރިހެން ކުޅުންތެރިން ހަ ގްރޫޕަށް ވަނީ ބަހައިފަ އެވެ. ކުޅުންތެރިން ސީޑުކުރުމުގައި ބަލާފައިވަނީ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ ރޭންކިން އަށެވެ. ކޮންމެ ގްރޫޕަކުން އެއް ވަނަ ގައުމީ ސްކޮޑަށް ހޮވޭއިރު، ރިޒާވް ދެ ޖާގަ ދޭނީ ގައުމީ ކޯޗު މެޗުތައް ބެލުމަށް ފަހު، ކުޅުމަށް ބަލައި، އެންމެ ރަނގަޅު ކުޅުމެއް ދައްކާ ކުޅުންތެރިންނަށެވެ.













