މެޑްރިޑް (ޖުލައި 27) - މިދިޔަ ސީޒަނުގެ ވަކި ހިސާބަކަށް ސެވިއްޔާގެ ކޮންޓްރެކްޓެއްގައި ހުރި އިސްކޯ، އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ރެއާލް ބެޓިސް އަށް ސޮއިކޮށްފި އެވެ.
ކުރިން ރެއާލް މެޑްރިޑަށް ކުޅުނު އިސްކޯ، 31، މިދިޔަ ޑިސެމްބަރު މަހު ސެވިއްޔާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލީ އެ ޓީމާ ގުޅުނުތާ ހަތަރު ވަރަކަށް މަސް ފަހުންނެވެ. އޭގެ ފަހުން، އިސްކޯ އެއްވެސް ޓީމަކަށް ސޮއިނުކޮށް ހުރުމަށް ފަހު، މި ވަނީ ބެޓިސްގެ އޮފާ ގަބޫލުކޮށްފަ އެވެ.
މަލާގާ އަށް ވެސް ކުޅެފައިވާ އިސްކޯގެ ކެރިއަރުގެ ބޮޑުބައި ރެއާލްގައި ހޭދަކުރިއިރު، ނުވަ އަހަރަށް ފަހު އެ ޓީމު ދޫކޮށްލައި، އިސްކޯ، ސެވިއްޔާ އަށް ބަދަލުވިއިރު، އޭނާ އަށް މަރުހަބާ ކިޔަން ސެވިއްޔާގެ 10،000 ސަޕޯޓަރުން ދަނޑަށް ދިޔަ އެވެ. އެކަމަކު، ސެވިއްޔާ ކޯޗުކަމުން މިދިޔަ އޮކްޓޫބަރު މަހު ހުލެން ލޮޕެޓެގީ ވަކިކުރި ހިސާބުން އިސްކޯ އަށް ކުޅުމުގެ ފުރުސަތު ގެއްލި، ކޮންޓްރެކްޓް ވެސް އަވަހަށް ނިންމާލަން ޖެހުނީ އެވެ.
ބެޓިސް އަށް ސޮއިކުރަން އިސްކޯ ނިންމިއިރު، އޭނާ އަށް ސްޕެއިނާއި އިޓަލީގެ ކްލަބްތަކުގެ ހުށަހެޅުން ލިބުނެވެ.
އިސްކޯ ވަނީ ސްޕެއިން ގައުމީ ޓީމަށް 38 މެޗު ކުޅެދީފަ އެވެ. އެ މެޗުތަކުން 12 ގޯލު ވެސް ވަނީ ޖަހައިފަ އެވެ.












