މި މަހު އަޒަރުބައިޖާންގައި ފެސްޓިވަލެއް ސިފައިގައި ކުރިއަށްގެންދަން ނިންމާފައިވާ ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، ސްކޮޑު ފައިނަލްކޮށްފި އެވެ.
އަޒަރުބައިޖާންގެ ބަކޫގައި މުބާރާތް ކުރިއަށްދާނީ، މި މަހު 22-31 ގެ ނިޔަލަށެވެ.
ފީފާ ކައުންސިލް އިން މިދިޔަ ޑިސެމްބަރު މަހު ފާސްކޮށްފައިވާ، 15 އަހަރުން ދަށުގެ މި މުބާރާތުގައި ފީފާގެ މެމްބަރުން ހުރިހާ ގައުމަކަށް ފުރުސަތު ދޭނެ އެވެ. ރާއްޖޭން ވާދަކުރާ ގްރޫޕްގައި ހިމެނެނީ، އަންގުއިލާ، އެސްޓޯނިއާ، ފްރާންސް. ކޮސޯވޯ އަދި ސައުތު އެފްރިކާ އެވެ.
އެފްއޭއެމްގެ ޔޫތު ޑިވެލޮޕްމަންޓްގެ އެންމެ އިސް ހަރަކާތްތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޝާކިއްޓެ ވަނީ ދާދި ފަހުން، އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ގައުމީ ޓީމާ އެކު ރަނގަޅު ނަތީޖާތަކެއް ނެރެ، ކޮލިފއިން ބުރަށް ރާއްޖެ ގެންގޮސްދީފަ އެވެ. ފަނަރަ އަހަރުން ދަށުގެ ގައުމީ ޓީމުގައި ޝާކިއްޓެއާ އެކު، އެސިސްޓަންޓް ކޯޗަކަށް ހުންނާނީ، އަހުމަދު ފައްރާހު (ފައްރަ) އެވެ. ފައްރަ ވަނީ މީގެ ކުރިން، 20 އަހަރުން ދަށުގެ ގައުމީ ޓީމުގައި ޝާކިއްޓެއާ އެކު މަސައްކަތްކޮށްފަ އެވެ.
ދެން، އެސިސްޓަންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ، މަހިބަދޫގެ ކޯޗު، ހުސެއިން އައްބާސް އެވެ.
ތާރީހީ ވޯލްޑް ކަޕްްގައި ރާއްޖެ ތަމްސީލްކުރާ ސްކޮޑުގައި ހިމެނެނީ، ޝައިމަން އަހުމަދު ރިޒާ، އަބްދުﷲ ރައުޝަމް އިބްރާހިމް މުޖާހު، އިބްރާހިމް ހުނައިފް، އިބްރާހިމް އިޔާސް ބިން ހަސަން، މުހައްމަދު ޔަންނި އަބްދުﷲ، ޔޫސުފް ލާއިގް އިބްރާހިމް، ޔޫސުފް ޔޫ އާން އަހުމަދު، މިކާ މުހައްމަދު ކަލީމް، ޒެކް ޒެވިއަލް އަހުމަދު، ހުސެއިން ރިލްހާން ގާސިމް، އައިދާން ބިން އަބްދުﷲ، އައްމާރު ބިން ނަވާޒް، ޝުއާއު މުހައްމަދު އަޔާޒް އަދި އަބްދުﷲ ގާނިތު ބިން އިއްޒު އެވެ.
15 އަހަރުން ދަށުގެ ވޯލްޑް ކަޕަށް ނަޒަރެއް
އެކި ފޭސްތަކަށް ބަހާލައިގެން މި މުބާރާތް ކުރިއަށްގެންދިއުމަށް ފީފާ އިން ވަނީ ޕްލޭނެއް ހަދައިފަ އެވެ. އެ ގޮތުން، މި އަހަރުގެ މުބާރާތް އޮންނާނީ ފިރިހެން ކުދިންނަށް ހާއްސަކޮށެވެ. އަންނަ އަހަރުގެ މުބާރާތް ކުރިއަށްދާނީ އަންހެން ކުދިންގެ މެދުގަ އެވެ. އަދި، މި އުސޫލުގެ ތެރެއިން ކުރިއަށް ގެންގޮސް، 2028 އިން ފެށިގެން، ދެން އޮންނާނީ، އަންހެން އަދި ފިިރިހެން މުބާރާތް ވަކިވަކިން ބަހާލައިގެން، މެމްބަރު ގައުމުތަކަށް ދައުވަތު ދޭ އުސޫލުންނެވެ.
ފީފާގެ ފަންޑެއްގެ ތެރެއިން ހިންގާ 15 އަހަރުން ދަށުގެ މި މުބާރާތުގެ އެންމެ ބޮޑު މަގުސަދަކީ، ދުނިޔޭގެ ލެވަލްގެ ބޮޑު މުބާރާތެއްގައި، ފީފާގެ މެމްބަރު ހުރިހާ ގައުމެއްގެ ޝާމިލުވުން ހިމެނޭ ގޮތަށް ކުރިއަށްގެންދިއުމެވެ. އަދި، ފުޓްބޯޅައިގެ ކޮންމެ ހުނަރަކަށް ކުރިއަށްދިއުުމުގެ މަގު ކޮށައިދިނުމަކީ ވެސް މި މުބާރާތުގެ އަމާޒެކެވެ.
މި މުބާރާތް ކުރިއަށްގެންދިއުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ ދުނިޔޭގެ ފެންވަރު އިންފްރާސްޓްރަކްޗާ ގާއިމްވެފައިވާ، ކުޑަކުދިންގެ މުބާރާތް ބޭއްވުމަށް އެންމެ ގާބިލު ގައުމުތަކުގަ އެވެ. އެ ގޮތުން، އަޒަރުބައިޖާނަކީ، އަންނަ އަހަރުގެ ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ހޯސްޓްކުރާ ގައުމު ކަމަށްވާއިރު، މި ވަގުތު ވެސް އެ ގައުމު އޮތީ ފީފާ މުބާރާތެއް ބޭއްވޭނެ ފެންވަރަށް ތައްޔާރުވެފަ އެވެ.
މުބާރާތުގެ ކަންކަން ރޭވިފައިވާ ގޮތަށް ބަލާއިރު، ފުރަތަމަ ދުވަހު އޮންނާނީ ޓީމު ރެޖިސްޓްރޭޝަން އެވެ. ދެ ވަނަ ދުވަހު، ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށްދާނެ އެވެ. އެ އަށް ފަހު، 3-5 ދުވަހާ ދެމެދު އޮންނާނީ ކޮލިފިކޭޝަން ސްޓޭޖެވެ. އެ މުއްދަތުގެ ތެރޭގައި ފަހެއް ނޫނީ ހަ މެޗު ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ. އެ އަށް ފަހު، ހަ ވަނަ ދުވަހަކީ ރެސްޓް ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، 7-9 ވަނަ ދުވަހު އޮންނާނީ ޓޯނަމެންޓް ސްޓޭޖެވެ. އެ މުއްދަތުގެ ތެރޭގައި ފަސް މެޗު ކުޅެން ޖެހޭނެ އެވެ.
ކޮލިފިކޭޝަން ސްޓޭޖުގައި، ހައެއް ނޫނީ ހަތް ޓީމު ގްރޫޕެއްގައި ހިމެނޭހެން، 32 ގްރޫޕް އޮންނާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. އަދި، ކޮމްޕެޓިޝަން ސްޓޭޖުގައި 32 ޓީމު ވާދަކުރާނީ ހަތް ޑިވިޝަނެއްގަ އެވެ. އެއީ، ރޭންކް ކުރެވޭ ހަ ޑިވިޝަނަކާއި، ބާކީ ޓީމުތައް ހިމެނޭ އެއް ޑިވިޝަން އެވެ.
މި ފަހަރުގެ މުބާރާތުގައި ކުޅެވޭނީ، 2011 އާއި 2012 ވަނަ އަހަރު އުފަންވެފައިވާ ކުދިންނަށެވެ. ކޮންމެ ޓީމެއްގައި، 14 ކުޅުންތެރިން ރަޖިސްޓްރީކުރާއިރު، ދެ ގޯލްކީޕަރުން ހިމަަނަން ޖެހޭނެ އެވެ. އަދި، ޓީމު އޮފިޝަލުންގެ ގޮތުގައި، ހަ މީހުން ހިމަނަން ޖެހެ އެވެ.












