މިއާމީ (ޖޫން 29) - އެމެރިކާގެ އިންޓަ މިއާމީގެ ކޯޗަކަށް އާޖެންޓީނާގެ ގެރާޑޯ މާޓިނޯ ހަމަޖައްސައިފި އެވެ.
ބާސެލޯނާ އާއި އާޖެންޓީނާގެ ކުރީގެ ކޯޗު އިންޓަ މިއާމީ އަށް މި ގެނައީ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އެ ޓީމަށް ގުޅެން ނިންމާފައިވަނިކޮށެވެ.
މާޓިނޯ، 60، ވަނީ ބާސެލޯނާ އަދި އާޖެންޓީނާގެ ގައުމީ ޓީމަށް ކޯޗުކޮށްދިންއިރު މެސީއާ އެކު މަސައްކަތްކޮށްފަ އެެވެ. އެންމެ ފަހުން އޭނާ ހުރީ މެކްސިކޯގެ ގައުމީ ޓީމުގެ ކޯޗަކަށެވެ. އެމެރިކާ ލީގުގެ އެޓާލާންޓާ ޔުނައިޓަޑަށް ވެސް ވަނީ އޭނާ ކުރިން މަސައްކަތްކޮށްފަ އެވެ.
"މާޓިނޯ އަކީ އެންމެ މަތީ ފަންތީގައި ކޯޗުކޮށްދީފައިވާ ފަރާތެއް. މި ކްލަބުން ކާމިޔާބީތަކަށް އަމާޒުހިފާއިރު، މާޓިނޯގެ ތަޖުރިބާގެ ފައިދާ މި ކްލަބަށް ކުރާނެ ކަމަށް ގަބޫލްކުރެވޭ،" އިންޓަ މިއާމީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން މެކްސިކޯ ކެޓުމާ އެކު އެ ޓީމުން ވަކިވެ، މާޓިނޯ މިހާތަނަށް ހުރީ އެއްވެސް ޓީމަކާ ހަވާލުނުވެ އެވެ.
އިންޓަ މިއާމީ އީސްޓާން ކޮންފަރެންސްގެ ފުލުގައި އޮތްއިރު، އެ ޓީމުގެ ކޯޗުކަމުން ފިލް ނެވިލް ވަނީ ދާދި ފަހުން ވަކިކޮށްފަ އެވެ.
އާޖެންޓީނާގެ ކެޕްޓަން މެސީ ވަނީ ޕީއެސްޖީ ދޫކޮށް، އިންޓަ މިއާމީ އަށް ބަދަލުވާން ނިންމައިފަ އެެވެ. މާޓިނޯ ވަނީ މެސީ ސްކޫލް ދުވަސްވަރު ކުޅުނު ކްލަބު ކަމަށްވާ ނިއުވެލް އޯލްޑް ބޯއީސް އަށް ކުޅެ، އެ ކްލަބަށް ކޯޗުކަން ވެސް ކޮށްދީފައެވެ.
މެސީގެ ފަހަތުން، ބާސެލޯނާގެ ކުރީގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް ވެސް ވަނީ އިންޓަ މިއާމީ އަށް ބަދަލުވާން ނިންމައިފަ އެވެ.












