ލަންޑަން (ޖޫން 21) - ޕޯޗުގަލް ގައުމީ ޓީމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެދިން 200 ވަނަ މެޗުގައި، ފަހު ވަގުތު ގޯލު ޖަހައި، 1-0 އިން އައިސްލެންޑް އަތުން ޕޯޗުގަލް މޮޅުވެއްޖެ އެވެ.
ކުވެއިތުގެ ބަދޭރު އަލް މުތާވާ، އެ ގައުމުގެ ގައުމީ ޓީމަށް 196 މެޗު ކުޅެދީގެން ހަދާފައިވާ ރެކޯޑް ރޮނާލްޑޯ، 38، މި ވަނީ މުގުރާލައިފަ އެވެ. ރޭ އައިސްލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އެކަން ފާހަގަކުރަން ރޮނާލްޑޯ އަށް ވަނީ ގިނިސް ވޯލްޑް ރެކޯޑްސް އިން ހާއްސަ ސެޓްފިކެޓެއް ވެސް ދީފަ އެވެ.

ޕޯޗުގަލް ރޭގެ މެޗުން މޮޅުވި ގޯލު ޖެހީ މެޗުގެ 89 ވަނަ މިނިޓްގަ އެވެ. މިއީ، ގޮންކާލޯ އިނާސިއޯ ބޮލުން ޖައްސާލި ބޯޅައަކަށް އަރައި ރޮނާލްޑޯ ޖެހި ގޯލެކެވެ. ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކްލަބް ލެވަލްގައި ކުޅެމުން އަންނަ ރޮނާލްޑޯ އަކީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ވެސް ރެކޯޑް ހޯލްޑަރެވެ. އެ ގޮތުން ރޮނާލްޑޯ ރޭ ޖެހި ގޯލަކީ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 123 ވަނަ ގޯލެވެ.
ރޮބާޓޯ މާޓީނޭޒްގެ ކޯޗުކަމުގައި ކުޅެމުން އަންނަ ޕޯޗުގަލް އިން ވަނީ އަންނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވާން ކުޅޭ ކޮލިފައިން ގްރޫޕްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ.
ކޮލިފައިން ގްރޫޕް އީގައި ރޭ ވަނީ ހައިރާންކުރަނިވި ނަތީޖާއެއް ނުކުމެފަ އެވެ. ދުނިޔޭގެ ރޭންކިންގެ 171 ވަނައިގައި އޮތް މޮލްޑޯވާ އިން ވަނީ ފަހަތުން އަރައި، 3-2 އިން ޕޮލެންޑް ބަލިކޮށްފަ އެވެ. ކޮލިފައިން ގްރޫޕް އޭގައި އާލިން ބްރައުޓް ހާލަންޑްގެ ދެ ގޯލާ އެކު، ނޯވޭ އިން ވަނީ 3-1 އިން ސައިޕްރަސްގެ މައްޗަށް ކުރިހޯދައިފަ އެވެ.












