ލަންޑަން (ޖޫން 18) - އިންގްލެންޑްގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްގެ ދަރިފުޅު، ރޮމެއޯ ބެކަމް ބްރެންޓްފޯޑްގެ "ބީ" ޓީމަށް ސޮއިކޮޮށްފި އެވެ.
އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ބްރެންޓްފޯޑްގެ "ބީ" ޓީމާ ރޯމިއޯ ،20، ގުޅުނީ އެމެެރިކާގެ އިންޓަ މަޔާމީ ދޫކޮށްލުމަށްފަހު އެވެ. އިންޓަ މިޔާމީގެ އެއް ހިއްސާދާރަކީ ބެކަމް އެވެ.
އިންޓަ މަޔާމީން ލޯނު އެއްބަސްވުމެއްގެ ދަށުން މިދިޔަ ސީޒަންގެ ދެ ވަނަ ބައި ރޮމެއޯ ހޭދަކުރީ ބްރެންޓްފޯޑްގެ "ބީ" ޓީމުގަ އެވެ. އެ ކްލަބުން އޭނާ އަށް ކޮންޓުރެކްޓެއް ދިނީ އެ މުއްދަތުގައި އޭނާގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަޖެހޭތީ އެވެ.
ބްރެންޓްފޯޑްގެ "ބީ" ޓީމުން މިދިޔަ ސީޒަންގެ ޕްރިމިއާ ލީގު ކަޕް ކާމިޔާބުކުރިއިރު، ރޮމެއޯ ވަނީ އެ ޓީމަށް 15 މެޗު ކުޅެފައެވެ.
ބްރެންޓްފޯޑްގެ "ބީ" ޓީމުގެ ކޯޗު ނީލް މެކްފާލާން ބުނީ އެ ޓީމާ އެކު ރޮމެއޯ އަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"މިިދިޔަ އަހަރު ޖެނުއަރީން ފެށިގެން ރޮމެއޯ މި ޓީމާއެކު ކުޅުނީ. މުޅި ޓީމަށް ވެސް އޭނާގެ ފަރާތުން ވަރަށް ރަނގަޅު އަސަރެއްކުރި. ރޮމެއޯގެ ކުރިއެރުމަށް އިތުރު މަސައްކަތްތަކެއް މި ޓީމާއެކު ކުރެވޭނެ،" މެކްފާލާން ބުންޏެވެ.
ރޮމެއޯ، ފުޓްބޯޅަ ކެރިއަރު ފެށީ އާސެނަލް ޔޫތު ޓީމުންނެވެ. ޔޫތު ލެވަލްގައި އާސެނަލްގައި އެކަށީގެންވާ ވަރަށް ކުރިއެރުން ނުފެންނާތީ، ރޮމެއޯގެ އުމުރުން 13 އަހަރުގައި، އާސެނަލުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. އެ ހިސާބުން، ރޮމެއޯ ވަނީ ޕްރޮފެޝަނަލް ފުޓްބޯޅައިން ފަސް ވަރަކަށް އަހަރުގެ ބްރޭކެއް ނަގައިފަ އެވެ. އަލުން އެނބުރި އައިސް، ފުޓްބޯޅައިގެ ޓްރެއިނިންތަކެއް ހަދައި، އޭނާ ގުޅުނީ އިންޓަ މިއާމީއާ އެވެ.












