ރިޔާދު (މެއި 24) - ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑާ އެކު ސައުދީ ޕްރޯ ލީގުގައި ރޭ އަލް ޝަބާބް އަތުން 3-2 އިން މޮޅުވެ، މޮޅުވެ ލީގު ހޯދުމަށް އަލް ނަސްރުން ކުރަމުންދާ އުންމީދުތަައް ދަމަހައްޓައިފި އެވެ.
ފަހަތުން އަރައި އަލް ޝަބާބް އަތުން މޮޅުވެ، އަލް ނަސްރު އޮތީ 63 ޕޮއިންޓާ އެކު ތާވަލްގެ ދެ ވަނައިގައެވެ. ލީގުގައި ބާކީ ދެ މެޗު އޮތްއިރު، ތާވަލްގެ އެއް ވަނައިގައި 66 ޕޮއިންޓާ އެކު އޮތީ އަލް އިއްތިހާދު އެވެ.
މެޗުގެ 25 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ އަކުން ޝަބާބަށް ލީޑު ހޯދައިދިނީ ކްރިސްޓިއަން ގުއަންކާ އެވެ. އަދި ފުރަތަމަ ހާފުގައި ގުއަންކާ ވަނީ އިތުރު ލަނޑެއް ޖަހައި، ޝަބާބްގެ ލީޑު ފުޅާކޮށްފަ އެވެ.
ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް، އަލް ނަސްރުގެ ބްރެޒިލް ފޯވަޑް އެންޑަސަން ޓަލިސްކާ ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ.މެޗުގެ 51 ވަނަ މިނިޓުގައި އަލް ނަސްރުން ނަތީޖާ ހަމަހަމަކުރީ އަބްދުލް ރަހުމާން ގަރީބް ކާމިޔާބުކުރި ލަޑުންނެވެ.
އަލް ނަސްރު ކޮޅަށް ނަތީޖާ އެނބުރުނީ މެޗުގެ 59 ވަނަ މިނިޓުގައި ރޮނާލްޑޯ ޖެހި މޮޅު ލަނޑުންނެވެ. ޝަބާބްގެ ދެ ޑިފެންޑަރުން ކައިރިން ސަލާމަތްވުމަށް ފަހު، ޕެނަލްޓީ އޭރިޔާ ބޭރުން ރޮނާލްޑޯ ފޮނުވާލި ބާރު ޝޮޓް އަމާޒުވީ ގޯލުގެ ކަނަށެވެ. މިއީ ވޯލްޑް ކަޕަށް ފަހު އަލް ނަސްރާ ގުޅުނު ފަހުން ރޮނާލްޑޯ އެ ޓީމަށް ޖަހައިދިން 14 ވަނަ ލަނޑެވެ.
ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ ދެ މެޗު އޮތްއިރު، އަލް ނަސްރަށް ލީގު ހޯދުމުގެ އަމިއްލަ ބާރެއް ނެތެވެ. އަލް އިއްތިހާދު ވަނީ އަލް ނަސްރުގެ މައްޗަށް ތިން ޕޮއިންޓްގެ ލީޑެއް ނަަގައިފައެވެ. އެކަަމަކު ލަނޑުގެ ތަފާތުން ދެ ޓީމު އެއްވަރެވެ.












