ރިޔާދު، ސައުދީ އަރަބިއްޔާ (ޖެނުއަރީ 14) - ފުޓްބޯޅަ ތާރީހުގައި އޭނާ އަށް ފެނުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކީ ޕީއެސްޖީ އަށް ކުޅޭ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ކަމަށް ނުބުނެވޭނެ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހަވާލުވެ ހުރި އިޓަލީގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
ގަތަރުގައި ދާދި ފަހުން ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދީ މެސީގެ ކެޕްޓަންކަމުގަ އެވެ. އެ މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މެސީގެ ފުޓްބޯޅަ ކެރިއަރުގައި މިހާރު އޭނާ ވަނީ ހުރިހާ ކާމިޔާބެއް ކަހަލަ ގޮތަށް ހާސިލްކޮށްފަ އެެވެ. އެހެންވެ، ފުޓްބޯޅައިގައި އުޅޭ މަޝްހޫރު ގިނަ ފަރާތްތަކުން އަންނަނީ މެސީ އަކީ ފުޓްބޯޅަ ތާރީހުގައި ވެސް ފެނުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ބުނަމުންނެވެ.
އެކަމަކު، އަންޗެލޮޓީ ބުނީ ފުޓްބޯޅައިގެ ކަންކަން އޭނާ އަށް ފެނިފައި ހުރި ގޮތަށް ބަލާއިރު، މެސީ އަކީ އެންމެ މޮޅު ކުޅުންތެރިއާ ކަމަށް ނުބުނެވޭނެ ކަމަށެވެ.
"މެސީ އަކީ ވަރަށް ވަރަށް މޮޅު ކުޅުންތެރިއެއް. އެކަމަކު، ތިބުނާ ގޮތަށް، ފުޓްބޯޅަ ތާރީހުގައި ފެނުނު އެންމެ މޮޅު ކުޅުންތެރިޔާއޭ ބުނަން އަހަންނަށް ވަރަށް އުނދަގޫވާނެ،" އަންޗެލޮޓީ ބުންޏެވެ.
"މެސީގެ އަތުގައި އެ އޮތް ވަރުގެ ފުރިހަމަ ކެރިއަރެއް އޮތް އެެހެން ކުޅުންތެރިއަކު ނެތް، މާނަ އަކީ އޭނާ އަކީ އެންމެ މޮޅު ކުޅުންތެރިއާތޯ، އެހެން ބުނަން އުނދަގުލޭ މި ބުނަނީ، ހަގީގަތުގައި ކޮންމެ ޒަމާނެއްގައި ވެސް އައި ކާމިޔާބު ހޯދި ތަފާތު މޮޅެތި ގިނަ ކުޅުންތެރިން،"
ޔޫރަޕްގެ މަޝްހޫރު ގިނަ ކްލަބްތަކަށް ކޯޗުކޮށްދީ ކާމިޔާބު ހޯދާފައިވާ އަންޗެލޮޓީ ބުނީ ނޫސްވެރިން ކިތަންމެ ގިނަ ސުވާލެއް ކުރިކަމުގައި ވިޔަސް، އޭނާގެ އަނގައިން މެސީ އަކީ ފުޓްބޯޅަ ތާރީހުގައި ވެސް ފެނުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ނުބުނާނެ ކަމަށެެވެ.
"އަހަންނަށް ފެނުނު މަރަޑޯނާގެ ވެސް ކުޅުން، އަހަންނަށް ފެނުނު ޔޯހަން ކްރައިފްގެ ވެސް ކުޅުން. އަހަރެން ވަރަށް ޝައުގުވެރިކަމާ އެކު އެ ކުޅުންތެރިން ކުޅުނުތަން ބެލިން، މެސީ އަކީ ވެސް އެ ފަަދަ ކުޅުންތެރިއެއް،" އަންޗެލޮޓީ ބުންޏެވެ.
ފުޓްބޯޅަ ކުޅުންތެރިން އަޅާކިޔޭނީ އެ ޒަމާނެއްގައި ކުުޅުނު އެއް ކުޅުންތެރިއަކު އަނެއް ކުުޅުންތެރިއަކާ ކަމަށާއި އެކި ޒަމާންތަކުގައި ކުޅުނު ކުޅުންތެރިން އަޅައިކިޔޭނެ ގޮތެއް ހޯދަން ވަރަށް އުނދަގޫވާނެ ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.












