މާލެ ސިޓީ ކައުންސިލުން ބާއްވާ އަގުބޮޑު ޕާކް ވޮލީބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ ދެ ޓީމު ވެސް މޮޅަކުން މުބާރާތް ފަށައިފި އެވެ.
މާލޭ ދޮންގަނޑު ބީޗްވޮލީބޯޅަ ކޯޓުގައި ކުރިއަށްދާ ޕާކް ވޮލީ މުބާރާތުގައި އިއްޔެ ހަވީރު އެއް މެޗު އަދި ރޭ އަށް މެޗު ވަނީ ކުޅެފަ އެވެ.
މުބާރާތުގައި ރޭ ފޯރިގަދަ ކުޅުމަކަށް ފަހު ފިރިހެން ޑިވިޝަނުގެ ގްރޫޕް އޭގައި ކުޑަހެންވޭރު ޔުނައިޓެޑް އަތުން 2-1 އިން ވޮލީބޯލް ވެޓަރަންސް މޮޅުވިއިރު، ސެޓުތައް ދިޔައީ 16-21، 21-18 އަދި 11-15 އިންނެވެ. ވޮލީބޯލް ވެޓަރަންސް ޓީމުގައި ހިމެނެނީ މުހައްމަދު އަލީ (ޑެންޒޯ)، އަލީ ޝިމާލް، އިބްރާހިމް އާދިލް، މުމްތާޒް އަލީ (މުންތޭ) އަދި ހުސެއިން ހަމީދު އެވެ. އަނެއްކޮޅުން ކުޑަހެންވޭރު ޓީމުގައި ތިބީ އާދަމް ފައިރޫޒް، ޔޫޝައު ހަސަން، ޖުނައިދު އަބްދުﷲ، އަހުމަދު މުޒުލިފް އަދި މުހައްމަދު ނަދީމް (ނަދީމްބެ) އެވެ.
ވޮލީބޯލް ވެޓަރަންސް އަންހެން ޓީމު ވެސް އޮތީ ވަރުގަދަކޮށެވެ. އެ ޓީމުގައި ތިބީ އައިމިނަތު އަރީޝާ، ހައްވާ ސަހާ، އައިޝަތު މާޖިދާ، ފާތިމަތު މަޒިއްޔާ އަދި އައިޝަތު ހަސްނާ އެވެ. ވޮލީބޯލް ވެޓަރަންސްގެ އަންހެން ޓީމުން ރޭ ވަނީ އެ ޑިވިޝަނުގެ ގްރޫޕް އޭގައި އަލްމާ ސްޕޯޓްސް ކްލަބް ސީދާ ދެ ސެޓުން ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ 13-21، 11-21 އިންނެވެ. އަލްމާ ޓީމުގައި ހިމެނެނީ މަދީހާ ދާއޫދު، ފާތިމަތު މުހައްމަދު، ހުދުނާ ހުސެއިން، ސުމާ އިބްރާހިމް އަދި ފާތިމަތު ޝާޔާ އެވެ.

ވޮލީބޯލް ވެޓަރަންސް ޓީމުގެ މާޖިދާ ރޭގެ މެޗުގެ ތެރެއިން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މުބާރާތުގައި އިއްޔެ ހަވީރު، ކުޅުނު ފިިރިހެން ޑިވިޝަނުގެ ގްރޫޕް ޑީގެ މެޗުގައި ޑީވީވީއޭ ސުޕަ ސްޓާސް 21-06، 25-23 އިން ޑީވީވީއޭ ސްކައިސް ބަލިކޮށްފަ އެވެ.
ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ފިރިހެން ޑިވިޝަނުގެ ގްރޫޕް ބީގައި ގުޑީސް ސްޕޯޓްސް ކްލަބް 2 ކުޅުނު މެޗުން ވަނީ ޕޮލިސް ކްލަބް އޭ އަތުން 21-16، 21-17 އިން މޮޅުވެފަ އެވެ. ފިރިހެން ޑިވިޝަނުގެ ގްރޫޕް ސީގައި ޕޮލިސް ކްލަބް ބީ އަތުން ޑީވީވީއޭ ޝޫޓާސް މޮޅުވީ 12-21، 08-21 އިންނެވެ. ގްރޫޕް ޑީގައި ރޭ ޑީވީވީއޭ ބުލް ވަނީ 21-06، 21-13 އިން ޕޮލިސް ކްލަބް ސީ ބަލިކޮށްފަ އެވެ. ޑީވީވީއޭ ބުލް ވަނީ ކުޅުނު ފުރަތަމަ މެޗުން ކްލަބް ޔޫތު ސިޓީ ބަލިކޮށްފަ އެވެ. ބުލް ޓީމުގައި ހިމެނެނީ އާދަމް ނަސީމް (އެޑަމް)، ހަސަން އާމިރު، ހުސެއިން ނައީމް، މުހައްމަދު ރަޝީދު އަދި އަހުމަދު ނިޒާމް އެވެ.
އަންހެން ޑިވިޝަނުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ގްރޫޕް ބީގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އިން ވަނީ 21-15، 21-12 އިން އެލްކިއު ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ޔޫތު ނިއު ޖެނެރޭޝަން ޓީމުގައި ހިމެނެނީ ނަރީމާ އިދުރީސް (ނަންނި)، ފާތިމަތު ލިވާ ހުސެއިން، މައިހާ އަލީ، އައިޝަތު ޒުނީތާ އަދި ޝަމްހާ ރިޔާޒު (ޝަމްކޮ) އެވެ.
އަންހެން ޑިވިޝަންގެ ގްރޫޕް ސީގައި ރޭ ސްޕޯޓްސް ކްލަބް ސިޓީ ވަނީ ދެ ސެޓު އެއް ސެޓުން ޑީވީވީއޭ ސްޓާސް ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ 25-23، 18-21، 15-12 އިންނެވެ. އަންހެން ޑިވިޝަނުގެ ގްރޫޕް ޑީގައި ރޭ ޕޮލިސް ކްލަބް އޭ ވަނީ ސީދާ ދެ ސެޓުން ޕޮލިސް ކްލަބް ސީ ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ 21-07، 21-09 އިންނެވެ. ޕޮލިސް ކްލަބް އޭގައި ހިމެނެނީ ހައްވާ ރާޝިދާ (ހައްވަ)، އައިޝަތު ވިޝާމާ، މަރިޔަމް ހަލީމް، ފާތިމަތު އަނާލް އަދި މަރިޔަމް އަޒީފާ އެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ފިރިހެން ޑިވިޝަނުގެ ގްރޫޕް ޑީގައި ބައްދަލުކުރާނީ ކްލަބް ޔޫތު ސިޓީ އާއި ޑީވީވީއޭ ސުޕަ ސްޓާސް އެވެ. މިރޭ ފިރިހެން ޑިވިޝަނުގައި ކުޅޭ ހަތަރު މެޗަކީ ޓީނޭޖާއި ކުޑަހެންވޭރުގެ މެޗާއި ކްލަބް ވޮލީބޯލާއި ގުޑީސް ސްޕޯޓްސް ކްލަބް 2 ގެ މެޗާއި ޕޮލިސް ކްލަބް ބީ އާއި ޖީޖީ ސްޕޯޓްސް ކްލަބް ޕާކް ބޯއީސްގެ މެޗު އަދި ޑީވީވީއޭ ސްކައި އާއި ޑީވީވީއޭ ބުލް ބައްދަލުކުރާ މެޗެވެ.
އަންހެން ޑިވިޝަނުގައި ކުޅޭ މެޗުތަކަކީ ސްޕޯޓްސް ކްލަބް ޖައިޝާ އާއި އަލްމާ ސްޕޯޓްސް ކްލަބްގެ މެޗާއި ޑީވީވީއޭ ކުއީންސް އާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ މެޗާއި ޕޮލިސް ކްލަބް ބީ އާއި ސްޕޯޓްސް ކްލަބް ސިޓީގެ މެޗު އަދި ކްލަބް ވޮލީބޯލް އާއި ޕޮލިސް ކްލަބް އޭގެ މެޗެވެ.












