މާލެ ސިޓީ ކައުންސިލުން ބާއްވާ އަގުބޮޑު ޕާކް ވޮލީބޯޅަ މުބާރާތް ރޭ ފެށިއިރު، ފުރަތަމަ މެޗުތަކުން ޖީޖީ ސްޕޯޓްސް ކްލަބް ޕާކް ވިމެންސާއި ކްލަބް ޓީނޭޖް މޮޅުވެއްޖެ އެވެ.
ދޮންގަނޑު ބީޗްވޮލީބޯޅަ ކޯޓުގައި ކުރިއަށްދާ ޕާކްވޮލީ މުބާރާތުގައި ޖުމްލަ 33 ޓީމެއް ވާދަކުރެ އެވެ. އެއީ ފިރިހެން 17 ޓީމާއި އަންހެން 16 ޓީމެވެ. ދެ ޑިވިޝަން ވެސް ހަތަރު ގްރޫޕަކަށް ބަހައިގެން ކުރިއަށްދާއިރު، ރޭ ވަނީ ކޮންމެ ޑިވިޝަނަކުން ހަތަރު މެޗު، ޖުމްލަ އަށް މެޗު ކުޅެފަ އެވެ.
ފިރިހެން ޑިވިޝަނުގެ މެޗުތަކަށް ބަލާއިރު، ގްރޫޕް އޭގައި ޓީނޭޖް ވަނީ ސީދާ ދެ ސެޓުން ސްޕޯޓްސް ކްލަބް ސިޓީ ބަލިކޮށްފަ އެވެ. ގްރޫޕް ބީގައި ކުޅުނު މެޗުން ކްލަބް ވޮލީބޯލް އިން ވަނީ ސީދާ ދެ ސެޓުން ޖީޖީ ސްޕޯޓްސް ކްލަބް ޕާކް ބޯއީސް ޖޫނިއާ ބަލިކޮށްފަ އެވެ. ގްރޫޕް ސީގައި ގުޑީސް ސްޕޯޓްސް ކްލަބުން ވަނީ ސީދާ ދެ ސެޓުން ޖީޖީ ސްޕޯޓްސް ކްލަބް ޕާކް ބޯއީސް ބަލިކޮށްފަ އެެވެ. އަދި ގްރޫޕް ޑީގައި ކްލަބް ޔޫތު ސިޓީ އަތުން ދެ ސެޓުން މޮޅުވީ ޑީވީވީއޭ ބުލް އެވެ.

ޕާކްވޮލީ މުބާރާތުގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އަންހެން ޑިވިޝަނުގެ ގްރޫޕް އޭގައި ސްޕޯޓްސް ކްލަބް ޖައިޝާ އަތުން ޖީޖީ ސްޕޯޓްސް ކްލަބް ޕާކް ވިމެންސް މޮޅުވީ ދެ ސެޓުންނެވެ. ގްރޫޕް ބީގައި ޑީވީވީއޭ ކުއީންސް ވަނީ ދެ ސެޓު އެއް ސެޓުން ޑީވީވީއޭ ނިއު ސްޓާ ބަލިކޮށްފަ އެވެ. ގްރޫޕް ސީގައި ޕޮލިސް ކްލަބް-ބީ އަތުން އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބް މޮޅުވީ ދެ ސެޓު އެއް ސެޓުންނެވެ. އަދި ގްރޫޕް ޑީގައި ކްލަބް ވޮލީބޯލް އިން ވަނީ ދެ ސެޓުން ވޮލީބޯލް އެކެޑަމީ ބަލިކޮށްފަ އެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ފިރިހެން ޑިވިޝަނުގެ ގްރޫޕް ޑީގައި ޑީވީވީއޭ ސުޕަ ސްޓާސް އާއި ޑީވީވީއޭ ސްކައި އެވެ.
މުބާރާތުގައި މިރޭ އަށް މެޗު ކުޅޭނެ އެވެ. އެއީ އަންހެން ޑިވިޝަން ހަތަރު މެޗާއި ފިރިހެން ޑިވިޝަން ހަތަރު މެޗެވެ. މިރޭ އަންހެން ޑިވިޝަނުގައި އޮތީ، އަލްމާ ސްޕޯޓްސް ކްލަބާއި މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ މެޗާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނާއި އެލްކިއު ސްޕޯޓްސް ކްލަބްގެ މެޗާއި ސްޕޯޓްސް ކްލަބް ސިޓީ އާއި ޑީވީވީއޭ ސްޓާސްގެ މެޗު އަދި ޕޮލިސް ކްލަބް-އޭ އާއި ޕޮލިސް ކްލަބް-ސީ ބައްދަލުކުރާ މެޗެވެ.
ފިރިހެން ޑިވިޝަނުގައި ކުޅޭނީ ކުޑަހެންވޭރު ޔުނައިޓެޑާއި މޯލްޑިވްސް ވޮލީބޯލް ވެޓެރަންސްގެ މެޗާއި ގުޑީސް ސްޕޯޓްސް ކްލަބް 2 އާއި ޕޮލިސް ކްލަބް-އޭގެ މެޗާއި، ޕޮލިސް ކްލަބް-ބީ އާއި ޑީވީވީއޭ ޝޫޓާސްގެ މެޗު އަދި ޕޮލިސް ކްލަބް-ސީ އާއި ޑީވީވީއޭ ބުލް ބައްދަލުކުރާ މެޗެވެ.
ޕާކް ވޮލީ މުބާރާތުގެ މެޗުތައް ފަށާނީ މިރޭ 21:15 ގަ އެވެ.












