ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމަށް އޮޅުވާލައިގެން ފޯމު ހުށަހަޅާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ޕާޓީއަށް ވައްދާ މީހާއަށް އެކަން މެސެޖަކުން އަންގައި، ކަށަވަރުކުރުމަށާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވެބްސައިޓުގައި އެމީހާއާ ގުޅޭ މައުލޫމާތު އާންމުކުރުމަށް ނިންމީ އިއްޔެ އެވެ.
އީސީގެ ރައީސް ފުއާދު ތައުފީގް މި ނޫހަށް އިއްޔެ ވިދާޅުވީ އާންމު މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކުގައި ރެޖިސްޓްރީ ކުރުވާ މައްސަލައަށް ހައްލެއް ގެނައުމަށް އީސީން އަންނަ ހަފްތާއިން ފެށިގެން އެޕްލިކޭޝަން ފޯމުތަކުގައި އޮންނަ މީހުންގެ ނަމްބަރަށް މެސެޖު މެދުވެރިކޮށް އެކަން އަންގަން ފަށާނެ ކަމަށެވެ.
އަދި، އެ މެސެޖުގައި އެމީހާ މިވެނި ސިޔާސީ ޕާޓީއަކަށް ވެއްދުމަށް އެދި ފޯމު ހުށަހަޅާފައިވާކަން އަންގައިދީ، އެކަމަށް ހުއްދަ ދިނުމަށް އެދޭނެ ކަމަށް ފުއާދު ވިދާޅުވި އެވެ.
"ދެން ވަކި މުއްދަތަކަށް ފަހު ޖަވާބެއް ނައިސްފިނަމަ އެއީ ސައްހަ ފޯމެއްކަމަށް ބަލައިގެން ކުރިޔަށްދާނީ. އެއީ ގޯސްކޮށްދާ ކަމެއްނަމަ އެމީހާއަށް މެސެޖުން އެންގޭނެ އީސީއަށް އެއީ އޭނާ އެދިގެން ހުށަހެޅި ފޯމެއް ނޫންކަމަށް. ދެން އީސީގެ ވެބްސައިޓުގައި ވެސް މީހާގެ މައުލޫމާތާއި ވައްދަން ހުށަހެޅި ޕާޓީ އެނގޭނެހެން ފެންނަން ހުންނާނެ،" ފުއާދު އިއްޔެ ވިދާޅުވި އެވެ.
އޭނާ އިއްޔެ ވިދާޅުވީ އީސީގެ ވެބްސައިޓުގައި ހުންނާނީ މީހާއާ ބެހޭ މައުލޫމާތުގެ ތެރެއިން މީހާގެ ނަމާއި އައިޑީ ކާޑު ނަމްބަރުގެ އެންމެ ފަހު ތިން އަކުރު ކަމަށެވެ. އަދި، އެޑްރެސް ފަދަ އެހެން ޒާތީ އެއްވެސް މައުލޫމާތެއް ޕްރައިވެސީގެ ބޭނުމަށް ފެންނަން ނުހުންނާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

ވެބްސައިޓުން މީހާގެ މައުލޫމާތު އިއްޔެ އިން ފެށިގެން ފެންނަން ހުންނާނެކަމަށް އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވަނީ އިއްޔެ އާންމުކޮށް ވިދާޅުވެފަ އެވެ. ނަމަވެސް، އެސްއެމްއެސް މެސެޖުން އަންގައިދޭން ފަށާނީ އަންނަ ހަފްތާއިން ފެށިގެން ކަމަށް އެ ކޮމިޝަނުގެ ރައީސް ފުއާދު އިއްޔެ ވިދާޅުވި އެވެ.
ބައެއް މުހިންމު ހަބަރުތައް
- ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަނާއި ގައުމީ ޔުނިވާސިޓީ ގުޅިގެން އުފައްދާފައިވާ މޯލްޑިވިއަން އޭވިއޭޝަން އެކެޑެމީގެ ފުރަތަމަ ބެޗުގެ ދަރިވަރުންގެ އުދުހުން މި މަހު ފަހުކޮޅު ފަށާނެ ކަމަށް އެ އެކެޑެމީން ބުނީ އިއްޔެ އެވެ.
- މި ހިނގާ ރޯދަ މަހު ބައެއް ވަގުތު ތަކުގައި މާލޭގެ މަގުތައް އިންތިހާއަށް ބާރުބޮޑުވުމާ ގުޅިގެން އެކަމަށް ހައްލެއް ހޯދައި ދިނުމަށް މާލޭގައި ވިޔަފާރި މުދާ އުފުލޭނެ ވަކި ގަޑިތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައެޅީ އިއްޔެ އެވެ.
- ތ. ވޭމަންޑުއާއި އެއަތޮޅު ކިނބިދޫ ގުޅައިލާ ކޯޒްވޭ އަޅަން އެ ދެރަށް ދެމެދުގައި އޮތް ފަޅުރަށް، އެލާ ނަގާފަައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
އެމްޑީޕީ އާ ގުޅިވަޑައިގެންނެވުމުގެ ކުރިން ޖޭޕީ އާ ގުޅުމަށް ރައީސް މުހައްމަދު ނަޝީދު އިރުޝާދު ދެއްވިކަމަށް ހާމަކުރައްވަމުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އަދަދުގެ "ކުޅިކޮށް" ޕްރޮގްރާމްގައި ވިދާޅުވީ:
"ރައީސް ނަޝީދުއާއި ރައީސް ސޯލިހްއާ ދެ ބޭފުޅުން އެކުގައި ޕްރޮސް ކޮންފެރެންސްއެއް ބާއްވާފައި ސޮއިކޮށްލާނެ ފުރުސަތު ވެސް ނުލިބުނީމައި، އަޅުގަނޑު އެއް ރޭ ދަންވަރު ގޮސް ރައީސް ދިރިއުޅުއްވާ ގެކޮޅަށް ގޮސް ފޯމު ހަވާލުކުރީ ވެސް،"
ދުވަހުގެ ފޮޓޯ

ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރޯދަ މަހަކު ބާއްވާ ވެޓެރަންސް ފުޓްބޯޅަ މުބާރާތުގައި ނިއު ރޭޑިއަންޓް އަދި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން. މި ފަަހަރުގެ މުބާރާތުގައި ޖުމްލަ ހަތް ޓީމެއް ވާދަކުރޭ. ލީގު ބުރެއް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމުގެ މެދުގައި ފައިނަލް ކުޅޭނެ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
"އެސެސްމަންޓް އޮފް ކްލައިމެޓް ފައިނޭންސް އިން ދަ މޯލްޑިވްސް"
މިއީ 2011 ވަނަ އަހަރު ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ފެށި ކްލައިމެޓް ފައިނޭންސް އިންޓެގްރިޓީ ޕްރޮގްރާމްގެ ދަށުން މުސޫމީ ބަދަލުތަކުން ރައްކާތެރިވުމަށް ރާއްޖެއަށް ލިބެމުންދާ ފަންޑުތައް މެނޭޖު ކުރަމުންދާ ގޮތާއި އެ ފަންޑުތައް ބޭނުންކުރަމުންދާ ގޮތަށް ފާރަވެރިވެ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.













