ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭގޮތަށް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ޔޫތު މިނިސްޓްރީން ބުނީ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން އެތަން ދުނިޔޭގެ އެތުލެޓިކްސްގެ މައި އިދާރާގެ މިންގަނޑަށް ފެތޭ ގޮތަށް ޕީޔޫ (ޕޮލިއުރެތޭން) ޓްރެކަކަށް ބަދަލުކުރާނެ ކަމަށެވެ.
މިދިޔަ މަހު ބޭއްވި އަހާ ފޯރަމްގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ ސިންތެޓިކް ޓްރެކް މާރާމާތު ކުރުމަށް ބޭނުންވާ ހުރިހާ ތަކެތި އޯޑަރުކޮށް، އެތަނުގެ ހުރިހާ ތަފްސީލީ ކުރެހުންތަކެއްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
ރާފިއު އޭރު ވިދާޅުވީ ހުޅުމާލޭގައި މިހާރު އޮތް ސިންތެޓިކް ޓްރެކަކީ ބައިނަލްއަގްވާމީ ސްޓޭންޑަޑްތަކަށް ހެދިފައިވާ ޓްރެކަކަށް ނުވާތީ އެތަނުގައި އެތުލީޓުން ހަދާ ރެކޯޑު ބަލައިނުގަންނަ ކަމަށެވެ. އެގޮތުން ސިންތެޓިކް ޓްރެކް މަރާމާތުކޮށް ނިމޭއިރު އެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން ސިންތެޓިކް ޓްރެކްގައި އަޅާ ސިންތެޓިކްގެ މެޓީރިއަލް މުޅިން ހެން ބަދަލުކުރާއިރު، މަސައްކަތް ނިންމާލުމަށް ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ހުޅުމާލޭގައި އޮތީ 2017 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް އެއާޕޯޓްސް ކޮޮމްޕެނީ (އެމްއޭސީއެލް) މެދުވެރިކޮށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެން އަޅާފައިވާ ސިންތެޓިކް ޓްރެކް އެކެވެ.
މާލޭގައި ސިންތެޓިކް ޓްރެކް އެޅީ 2021 ވަނަ އަހަރު ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެެވެ. އެއީ، އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔަ މަސައްކަތެކެވެ.












