މިލާން (ނޮވެމްބަރު 29) - އިޓާލިއަން ލީގުގައި ރޭ އޭސީ މިލާން ކުޅުނު މެޗުން ސަސުއޯލޯ އަތުން 3-1 އިން ބަލިިވިއިރު، ނަޕޯލީން 4-0 އިން ލާޒިއޯ ބަލިކޮށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއްނަގައިފި އެވެ.
ނަޕޯލީ އެއް ވަނައިގައި އޮތީ 14 މެޗުން 35 ޕޮއިންޓާ އެކު އެވެ. ރޭ ބަލިވި މިލާނަށް ލިބިފައިވަނީ 14 މެޗުން 32 ޕޮއިންޓެވެ. އެންމެ ފަހުގެ ޗެމްޕިއަން އިންޓަ، ތިން ވަނައިގައި އޮތްއިރު، އެ ޓީމަށް ވަނީ 14 މެޗުން 31 ޕޮއިންޓް ލިބިފަ އެވެ.
މިލާނުން ރޭ ކުޅުނު މެޗުގެ 21 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން އަލެސިއޯ ރޮމަނޯލީ ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، އޭގެ ތިން މިނިޓް ފަހުން ސަަސުއޯލޯގެ ޖިއަންލޫކާ ސްކަމާކާ ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އަދި މެޗުގެ 33 ވަނަ މިނިޓްގައި މިލާންގެ ޑިފެންޑަރު ސިމޯން ކިއޭ އަތުން ބައިކޮޅަށް ވަން ގޯލުން ސަސުއޯލޯ އިން ލީޑުނެގި އެވެ.
ސަސުއޯލޯ އިން ދެ ވަނަ ހާފުގައި ޑޮމެނިކޯ ބެރާޑީގެ ގޯލުން ލީޑުފުޅާކުރި އެވެ. މިލާން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 77 ވަނަ މިނިޓްގައި ރޮމަނޯލީ އަށް ރަތް ކާޑެއް ދެއްކުމުންނެވެ.
ނަޕޯލީ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ 30 މިނިޓް ތެރޭ ނަޕޯލީން ތިން ގޯލު ޖެހި އެވެ. ހަ ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ އޭރިއާތެރެއިން ޕިއޯޓްރޭ ޒިއެލިންސްކީ ޖެހި ގޯލުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން ލޮރެންޒޯ އިންސީނިއޭ ދިން ބޯޅައެއް ހިފައިގެން ވަދެ، ޑްރީ މާޓެންސް ވަނީ ނަޕޯލީގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. އަދި 29 ވަނަ މިނިޓްގައި މާޓެންސް ނަޕޯލީގެ ތިން ވަނަ ގޯލު ޖެހީ ހާވިން ލޮޒާނޯ ދިން ބޯޅައަކުން އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
ލާޒިއޯ އަށް ގޯލެއް ޖަހައިދޭން ލުއިޒް އަލްބާޓޯ ޖެހި ބޯޅަ ނަޕޯލީ ކީޕަރު ޑޭވިޑް އޮސްޕީނާ މަތަކުރިއިރު، ލާޒިއޯގެ އަޗޭރްބީ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗު ނިމެން ފަސް މިނިޓަށް ވެފައި ހުއްޓައި ނަޕޯލީގެ ސްޕެއިން މިޑްފީލްޑަރު ފަބިއަން ރުއީޒް އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖެހީ އޭރިއާބޭރުންނެވެ. ރުއީޒް ވާތުފައިން ފޮނުވާލި ބޯޅަ ގޯލުގެ ދުރު ކަނަށް ވަންއިރު، ލާޒިއޯގެ ކީޕަރު ޕެޕޭ ރެއިނާ އަށް އެ ބޯޅަ ނުހުއްޓުވުނެވެ.












