ސަސުއޯލޯ އިން ޔުވެންޓަސް ބަލިކުރިއިރު، ނަޕޯލީ އަށް މޮޅެއް

Sep 14, 2026, 10:48 AM
ސަސުއޯލޯގެ އަޑްޒިޗް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ،

ސަސުއޯލޯގެ އަޑްޒިޗް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ،

ނޭޕްލްސް، އިޓަލީ (ސެޕްޓެމްބަރު 14) - އިޓާލިއަން ލީގުގައި ރޭ ސަސުއޯލޯ އިން 3-2 އިން ޔުވެންޓަސް ބަލިކުރިއިރު، ބޮލޯނިއާ އަތުން 1-0 އިން ނަޕޯލީ މޮޅުވެއްޖެ އެވެ.

މިއީ، ލޫޝިއާނޯ ސްޕަލެއްޓީގެ ކޯޗުކަމުގައި ކުޅޭ ޔުވެންޓަސް އިން މި ސީޒަނުގައި ބަލިވި ފުރަތަމަ މެޗެވެ.  

ސަސުއޯލޯ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ޔުވެންޓަސްގެ ނިކޯ ގޮންޒާލޭޒް ޖެހި ޝޮޓެއް ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ. މެޗުގެ ފަސް ގޯލު ވެސް ފެނިގެންދިޔައީ ދެ ވަނަ ހާފުގަ އެވެ. 

މެޗުގެ 65 ވަނަ މިނިޓްގައި ސަސުއޯލޯ އިން ލީޑުނެގީ ސެބަސްޓިއާނޯ އެސްޕޮސީޓޯ ޖެހި ގޯލުންނެވެ. މިއީ، ނަމަންޏާ މަޓިޗް ދިން ބޯޅަ އަކަށް އޭރިއާތެރެއިން އަރައި އެސްޕޮސީޓޯ ތިރިތިރިން ގޯލަށް ފޮނުވާލައިގެން ޖެހި ގޯލެކެވެ. ޔުވެންޓަސް އިން އެއްވަރުކުރީ 82 ވަނަ މިނިޓްގައި އެޑޮން ޒެގްރޯވާ ޖެހި ލަނޑުންނެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތުގައި އޭނާ ވަނީ ހަަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. 

ސަސުއޯލޯ އިން ދެ ވަނަ ފަހަރަށް ލީޑުނެގީ 88 ވަނަ މިނިޓްގަ އެވެ. މިއީ، އޭރިއާ ރޮނގުކައިރިން ކުޑަކޮށް އެތެރެއަށް ވަދެ، ލިބުނު ފުރުސަތަކުން ކިއެރަން ބޯވީ ޖެހި ގޯލެކެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި، ޒެގްރޯވާ ވަނީ ލަނޑު ޖަހައި، މެޗުގައި ޔުވެންޓްސް އަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދީފަ އެވެ. ޔުވެންޓަސް އިން ދެ ވަނަ ފަހަރަށް އެއްވަރުކުރިތާ ދެ މިނިޓް ފަަހުން، އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި، ސަސުއޯލޯ މި މެޗުން މޮޅުކޮށްދިން ލަނޑު ޖެހީ، ވަސިލިޔޭ އަޑްޒިޗް އެވެ. 

ނޭޕްލްސްގެ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބޮލޯނިއާގެ ތެއާޓް، ހަތަރު ވަނަ މިނިޓްގައި ޖެހި ގޯލެއް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. 

މެޗުގެ 14 ވަނަ މިނިޓްގައި ނަޕޯލީގެ ކެވިން ޑި ބްރޭނާ ޖެހި ބޯޅައެއް ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ތިން މިނިޓް ފަހުން، މަޓެއޯ ޕޮލިޓާނޯ ނެގި ހުރަހަކަށް އަރައި، ރަސްމުސް ހޮއިލުންޑް ބޮލުން ފޮނުވާލި ބޯޅައެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. ބޮލޯނިއާގެ ފެޑެރީކޯ ބާނަޑޭޝްކީ ޖެހި ޝޮޓެއް ނަޕޯލީގެ ކީޕަރު، ވަންޖާ މިލިންކޮވިޗް-ސަވިޗް ވަނީ މަތަކޮށްފަ އެވެ.

ނަޕޯލީ އަށް މެޗުގެ ތިން ޕޮއިންޓް ހޯދައިދިން ގޯލު ޖެހީ 65 ވަނަ މިނިޓްގައި ސްޓަނިސްލާވް ލޮބޮޓްކާ އެވެ. އޭރިއާތެރެއަަށް ކޮންސްޓަންޓީނޯ ފަވަސޫލީ ނެގި ހުރަހަކުން ލޮބޮޓްކާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ބޮލޯނިއާގެ ކީޕަރު، މަސީމޯ ޕެސީނާ ފައިގައި ޖެހިފަ އެވެ. 

އިޓާލިއަން ލީގުގެ އެއް ވަނައިގައި ލާޒިއޯ އޮތީ ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. ނަޕޯލީ، 10 ވަނައިގައި އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު އެވެ. ޔުވެންޓަސް އަށް ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު، އޮތީ އަށް ވަނައިގަ އެވެ. ނުވަ ވަނައިގައި އޮތް ސަސުއޯލޯ އަށް ވެސް ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox