މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނެސްފި އެވެ.
މަސައްކަތެރިންނާ ގުޅޭ ޖަމިއްޔާ, ޖަމާއަތްތައް ތަމްސީލުކުރާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިން އެކަން ހިއްސާކުރީ، ރައީސް ސޯލިހްއާއެކު ރައީސް އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ.
މި ބައްދަލުކުރުމުގައި އެމްޓީޔޫސީގެ މެންބަރުން މައިގަނޑު ގޮތެއްގައި ހިއްސާކުރީ މަސްވެރިކަމާއި، ތައުލީމާއި، ސިއްހީ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތަކެވެ.
އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރީ، ރައީސް ސޯލިހުގެ ރިޔާސީ ވައުދެއްގެ ގޮތުގައި ކަނޑައަޅާފައިވާ، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ އޮންނަ ގުޅުންތައް ބަދަހިކުރުމުގެ ހަމަތައް ބަޔާންކުރާ، އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނު އަދި ވެސް ވުޖޫދު ނުވާތީ، އެ ބިލް އެކުލަވާލައި ވީހާވެސް އަވަހަކަށް ފާސްކުރުމުގެ މުހިންމު ކަމެވެ.
އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) ގެ ފަންނީ ލަފަޔާއެކު މިފަދަ ބިލެއް އެކުލަވާލައިފައިވާ ކަމަށާއި، ހުރިހާ ދާއިރާއެއްގެ މަސައްކަތްތެރިންގެ ހުރި ގިނަ ކަންބޮޑުވުންތަކާއި މައްސަލަތަކަށް ހައްލު ލިބެން އޮތީ މި ގާނޫނުން ކަމަށް އެމްޓީޔޫސީން ދެކެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި ވީހާވެސް އަހަވަކަށް ކަމާގުޅޭ ފަރާތްތަކާ މަޝްވަރާއަށް ފަހު އެ ބިލަށް ގެންނަންޖެހޭ ބަދަލުތަކާއެކީ މަޖިލީހަށް ފޮނުވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ރައީސް ސޯލިހް، އެމްޓީޔޫސީގެ މެމްބަރުންނަށް ދެއްވި އެވެ.
އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ގާނޫނެއް ވުޖާދަށް ގެނައުމުގެ މަސައްކަތް ފުރަތަމަ ފެށީ ރައީސް މައުމޫނުގެ ވެރިކަމުގަ އެވެ. ބިލް ޑްރާފްޓްކުރަން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެށި މަސައްކަތް ނިންމައި މަޖިލީހަށް ފޮނުވީ 2013 ގަ އެވެ. ނަމަވެސް އެ ފަހަރު އެ ބިލް ބަލައެއް ނުގަތެވެ.
ރައްޔިތުންގެ މަޖިލީހުގެ މިހިނގާ ތިންވަނަ ދައުރަށް ސަރުކާރުން ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ލިސްޓުގައި އިންޑަސްޓްރިއަލް ރިލޭޝަންސް އޮތީ ހިމަނައިފަ އެވެ.












