ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ޓެރަރިޒަމާ ގުޅުން ހުރި އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި ޖާސޫސީ މައުލޫމާތު (އިންޓެލިޖެންސް) ހިއްސާކުރާނެ އޮނިގަނޑެއް އޮތުން ލާޒިމު ކޮށްފައިވީ ނަމަވެސް މިހާތަނަށް އެ އޮނިގަނޑު ހަދާފައި ނުވާ ކަމަށް، ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ޕާލިމަންޓަރީ އިންކުއަރީ ރިޕޯޓުން ހާމަވެއްޖެ އެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ރައްކާތެރިކަމާ އެކު ބަދަލުކުރުމަށްޓަކައި، ކަމާގުޅޭ އޮނިގަނޑެއް ހޯމް މިނިސްޓަރު އެކުލަވާލަން ޖެހެ އެވެ. އަދި އެ އޮނިގަނޑާ އެއްގޮތަށް ޓެރަރިޒަމާ ގުޅޭ އިންޓެލިޖަންސް މައުލޫމާތު ބަދަލުކުރުމުގެ މަސައްކަތް ހިނގަމުންދާ ގޮތްބަލައި މޮނިޓާ ކުރަމުން ގެންދިއުމަށް ގާނޫނުގައި ހޯމް މިނިސްޓަރަށް ވަނީ އަންގައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓުގައި ބުނެފައިވަނީ 2019 ވަނަ އަހަރު ޓެރަރިޒަމް މަނާ ކުރާ ގާނޫނަށް ގެނއި އިސްލާހަކާއެކު އިންޓެލިޖެންސް އޮނިގަނޑެއް ހަދަން އަންގާފައިވީ ނަމަވެސް މިހާތަނަށް އެކަން ކޮށްފައި ނުވާ ކަމަށެވެ.
އެގޮތުން އެމްއެންޑީއެފް އާއި ފުލުހުންގެ މެދުގައި ވެސް އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރާނެ އުސޫލެއް ލިޔެފައި ނެތް ކަމަށް ރިޕޯޓްގައި ބުނެ އެވެ.
އެމްއެންޑީއެފުން އިންކުއަރީއަށް ދީފައިވާ މައުލޫމާތުތަކާ ހަވާލާދީ ރިޕޯޓްގައި ބުނެފައިވަނީ އެ މުއައްސަސާގެ އެތެރޭގެ ޑިޕާޓްމަންޓްތަކުގެ މެދުގައި، އަދި ޑިޕާޓްމަންޓްތަކުގެ ތެރޭގައި އިންޓެލިޖެންސް މައުލޫމާތު ދައުރުކުރާ ނެގޮތުގެ އުސޫލެއް ހެދިފައިވާ ކަން އެނގެން ނެތް ކަމަށެވެ. އަދި، ޑިޕާޓްމަންޓްތަކުގެ ތެރޭގައި އެންމެ އެދެވޭގޮތަށް މައުލޫމާތު ބަދަލު ކޮށްފައި ނުވާކަން ފާހަގަ ކުރެވޭ ކަމަށް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

"އެމްއެންޑީއެފް ގެ ޑިފެންސް އިންޓެލިޖަންސް ސާވިސްއިން އިންޓެލިޖަންސް މައުލޫމާތު ހިއްސާ ކުރާނެ ގޮތުގެ އުސޫލެއް ލިޔެވިފައި ނެތުމުގެ ސަބަބުން މުއައްސަސާ އަދި މުއައްސަސާގެ މުވައްޒަފުން ޒިންމާދާރު ކުރެވޭނެ އަދި ޒިންމާ އުފުލަން ލާޒިމުކުރާނެ ގޮތެއް ކަނޑައެޅިގެން ބަޔާންކޮށް ހާމަވެފައެއް ނެތެވެ،" ރިޕޯޓްގައިވެ އެވެ.
އަމަލުކުރާނެ ގޮތުގެ އުސޫލުތައް ލިޔެވިފައި ނެތުމުގެ ސަބަބުން ތަރުތީބު ވެފައިވާ ނިޒާމެއްގެ ތެރެއިން މައުލޫމާތު ގެންގުޅުމުގެ ފުރުސަތު ހަނިވެ އެވެ. މީގެ އިތުރުން، ޑީއައިއެސް އިން އެއްކުރާ މައުލޫމާތު އުނިވުމާއި، މައުލޫމާތު ބަދަލުކުރިކަމުގެ ޔަގީންކަން ގެއްލިގެންދޭ.
ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެމްއެންޑީއެފްގެ އިންޓެލިޖެންސްއަށް ލިބޭ މައުލޫމާތު އެއްކުރުމާއި އެ ލިބޭ މައުލޫމާތުތައް ހިއްސާ ކުރުމާ ގުޅޭ އޮނިގަނޑެއް އެކުލަވާލާފައި ނެތުމަކީ އެ އިންކުއަރީން ކަންބޮޑުވާ ކަމެއް ކަމަށެވެ.
"މިފަދަ ނިޒާމެއް އޮތްނަމަ، އަދި އަމަލުކުރާ އުސޫލުތަކުގެ ތެރެއިން ރަނގަޅަށް އަމަލުކުރަމުން ދިޔަނަމަ، ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު މުއައްސަސާތަކުގެ މެދުގައި ބަދަލުކުރެވި، އެ މުއައްސަސާގެ މައްޗަށް ގާނޫނުން ލާޒިމުކުރާ ކަމެއް ކުރަންޖެހޭނެކަން ފާހަގަވެ އެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުރިން އެފަދަ އަމަލުތައް ހުއްޓުވުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ،" ރިޕޯޓުގައިވެ އެވެ.
ފުލުހުންނާ ހަވާލާދީ ރިޕޯޓްގައި ބުނެފައިވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް އިންޓެލިޖެންސްގެ މައުލޫމާތު ހިއްސާ ކުރުމުގައި ސިފައިންނާއި ފުލުހުންގެ ދެމެދުގައި ރަނގަޅު ގުޅުމެއް އޮތެވެ. އޭގެ ސަބަބުން އެހާތަނަށް ފަސޭހަ ކަމާއެކު އިންޓެލިޖެންސް މައުލޫމާތު ދިޔައީ ހިއްސާ ކުރަމުން ކަމަށް ފުލުހުންނާ ހަވާލާދީ ބުނެފައިވެ އެވެ. އެ ގޮތަށް މައުލޫމާތު ބަދަލު ކޮށްފައިވަނީ ދެ މުއައްސަސާގެ ވެރިންގެ މެދުގައި އޮތް ގުޅުމާއި އިތުބާރު ރަނގަޅުވުމުގެ ސަބަބުން ކަމަށް ވެސް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.
އޮނިގަނޑު ނުހެދި ހިޔާލު ތަފާތުވުންތަކުގެ ސަބަބުން: މިނިސްޓަރު
ޓެރަރިޒަމް ގާނޫނުގައި ބުނާ އޮނިގަނޑު ނުހަދާ އޮތް މައްސަލާގައި އިންކުއަރީން ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ފަށާފައިވާ، ނަމަވެސް އިންޓެލިޖަންސް ބަދަލުކުރުމުގައި ލީޑް އެޖެންސީއަކަށް ވާނެ ފަރާތަކާމެދު، ފުލުހުންނާއި އެމްއެންޑީއެފްގެ އިތުރުން ކައުންޓާ ޓެރަރިޒަމް ސެންޓަރާ ދެމެދު ހިޔާލު ތަފާތުވުންތައް ހުރި ކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކޮމެޓީގައި-- ފޮޓޯ: މަޖިލިސް
ގާނޫނީ ގޮތުންނާއި، މިހާރު ހުރި ވަސީލަތްތަކަށް އަދި އަމަލީގޮތުން މިކަން ތަންފީޒުކުރެވޭނެ ގޮތަކަށް ބަލާއިރު އެކަމަށް އެންމެ އެކަށޭނަ މުއައްސަސާއަކީ ފުލުހުން ކަމަށް މިނިސްޓަރަށް ގަބޫލުކުރެއްވޭތީ އެގޮތަށް ނިންމެވި ކަމަށް މިނިސްޓަރާ ހަވާލާދީ ރިޕޯޓުގައި ވެ އެވެ.
ރިޕޯޓްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެޓާނީ ޖެނެރަލް އޮފީހުގެ ލަފާ ހޯމް މިނިސްޓްރީން ހޯދުމުން އިސްލާހުކުރުމަށް ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖަންސާއި މައުލޫމާތު ރައްކާތެރިކަމާއެކު ބަދަލުކުރުމުގެ އޮނިގަނޑުގެ ބައިތައް އުނިކުރެއްވުމަށް ލަފާ ދީފައިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި ކަމަށެވެ. އެ އިސްލާހުތަކާއެކު ގަވާއިދު ވަނީ އިސްލާހު ކޮށްފަ އެވެ.
އިސްލާހު ކުރި ގަވައިދުގެ ތެރެއިން އިންޓެލިޖެންސް މައުލޫމާތު ބަދަލު ކުރުމުގައި ކަމާ ގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އަމަލު ކުރާނެ ޕްރޮސީޖަނަލް ފްރޭމް ވޯކެއްގެ މަސައްކަތް ފުލުހުން ޑްރާފްޓް ކޮށްފައިވާ ކަމަށް މިނިސްޓަރު ވަނީ ކޮމެޓީގައި ވިދާޅުވެފަ އެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އިންޓެލިޖަންސް އިދާރާތަކުގެ މެދުގައި ޓެރަރިޒަމްއާ ގުޅުންހުރި އިންޓެލިޖަންސާއި މައުލޫމާތު ރައްކާތެރިކަމާ އެކު ބަދަލުކުރުމުގެ އޮނިގަނޑެއް އެކުލަވާ ލުމުގެ މަސައްކަތާ ގުޅޭގޮތުން މުއައްސަސާ ތަކުން ދީފައިވާ މައުލޫމާތުތަކުގައި ފުށުއެރުންތަކެއް ހުރިކަމަށް އިންކުއަރީއަށް ފާހަގަ ކުރެވޭ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.













