އެސްޓީއޯ ފުށް ފެކްޓްރީ: އިގްތިސާދުގައި ކުރިޔަށް އެޅޭ ފިޔަވަޅެއް!

އެސްޓީއޯ ފުށް ފެކްޓްރީ: އިގްތިސާދުގައި ކުރިޔަށް އެޅޭ ފިޔަވަޅެއް!

ރާއްޖޭގެ އިގުތިސޯދުގައި ޒަމާނީ ކުލަވަރު ޖެހުމުގެ މާކުރިން ފެށިގެން ވެސް، ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ހޯދަނީ އިމްޕޯޓުކޮށްގެންނެވެ. ރާއްޖޭގައި ކޮންމެވެސް ވަރަކަށް ހަނޑޫ ހައްދައި އުޅުނުކަމަށް ބައެއް ލިޔުންތަކުގައި ވެއެވެ. އެހެންނަމަވެސް މާ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި އެކަން ކުރެވުނުކަމުގެ ހެއްކެއް ފެންނާކަށް ނެތެވެ. ދިވެހިރާއްޖޭގެ މައިގަނޑު ކެއުމަކީ ހަނޑޫ އަދި ފުށުން އުފައްދާ ތަކެތި ކަމަށްވާއިރު، ރާއްޖެ އަބަދުވެސް ބަރޯސާވެފައި އޮތީ އެތަކެތި އެތެރެކުރާ ނިޒާމަކަށެވެ. އެ ނިޒާމު ވަރުދަގަ ކުރުމަށްޓަކައި ކުރެެވިފައިވާ މަސައްކަތްތަކަށް ރާއްޖޭގެ ތާރީހީ ފަތްތައް ހެކިދެ އެވެ.

އެގޮތުން 1933 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު 'އާގުބޯޓު ބިލު' ގެ ނަމުން މަޝްހޫރުވި ބިލަކީވެސް މި މަގުގައި ކުރިއަށް ފިޔަވަޅެއް އެޅުމަށް ހުށަހެޅުނު ބިލެކެވެ. ބޭނުމަކަށް ވީ ރާއްޖޭގެ އިމްޕޯޓު ވަރުގަދަ ކުރުމެވެ. މި ބިލަކީ ދިވެހިންނަށް ބޭނުންވާ ކާބޯތަކެތީގެ ސަޕްލައި ނުހުއްޓި ކުރިއަށް ގެންދިއުމަށް ކުރެވިފައި ހުރި މަސައްކަތްތަކުގެ މައްޗަށް އޮތް ހެއްކެކެވެ.

ދިވެހިރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ރާއްޖެއަށް ކާޑު އެތެރެކުރުމާއި ސަޕްލައިކުރުމުގައި ފުރިހަމަ ކޮންޓްރޯލާއި ޒިންމާ އަބަދުވެސް އޮންނަނީ ސަރުކާރަށެވެ. އެ މުދާ ހޯދައި ސަޕްލައިކުރުން މިހާރު މަތިކޮށްފައި އޮންނަނީ ގައުމީ ވިޔަފާރި ކުންފުނި، އެސްޓީއޯއާ އެވެ. ނަވާރަ ސަތޭކަ ފަސް ދޮޅަސް ހަތަރު ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް މި ޒިންމާ އަދާކުރުމުގައި އެކުންފުނި ފެއިލްވި އިރެއް އައިސްފައެއް ނުވެ އެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ރާއްޖެ އެކީއެކަށް ކާޑަށް ޖެހިގެން އުޅެންޖެހިފައެއް ނެތެވެ.

ކޮވިޑް-19 ބަލިމަޑުކަމުގައި ބައިނަލްއަގްވާމީ ސަޕްލައި ވިއުގައަށް އައި ލޮޅުމާއެކު އެސްޓީއޯއަށް ވެސް ބޮޑެތި ދަތިތައް ތަހައްމަލު ކުރަންޖެހުނެވެ. އެއާއެކު އެކުންފުނިން ވަނީ ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ސަޕްލައިކުރުމަށް އެހެން ގޮތްތަކެއް ހޯދަން ފަށާފަ އެވެ. އެ އަމާޒަށް ވާސިލުވުމަށް އެސްޓީއޯއިން ނެރުނު ވިސްނުމަކީ ބޭރުން ގޮދަން ގެނެސްގެން ރާއްޖޭގައި ގޮދަން ފުށް ބަންދުކުރަން ފެކްޓްރީއެއް ގާއިމުކުރުމުވެ. އެއީ މިހާރު އެސްޓީއޯގެ ހުވަފެނީ ޕްރޮޖެކްޓެވެ.

އެސްޓީއޯގެ މަގުސަދަކީ ކާޑުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުން

ގޮދަން ފުށް ބަންދުކުރާ ފެކްޓްރީއެއް ގާއިމުކުރުމުގެ ވިސްނުން އިއުލާނުކުރެވުނީ 2020 ވަނަ އަހަރުގެ އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގަ އެވެ. މުޅި ޕްރޮޖެކްޓްގެ މައިގަނޑު އަމާޒަކީ ފުށަށް ރާއްޖެއިން ކުރާ ހޭދަ ކުޑަކުރުމާއި ދެމެހެއްޓެނިވި ސަޕްލައިއަކާ ދިމާއަށް އަމާޒުހިފުން ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވި އެވެ. އަދި، މިއީ ރާއްޖެއަށް ދިމާވެފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މައްސަލައަށް ހައްލެއް ލިބި، ރައްޔިތުންނަށް ހެޔޮއަގުގައި ކޮލިޓީ ރަނގަޅު ޕްރޮޑަކްޓެއް ފޯރުކޮށްދެވޭނެ ކަމެއްގެ ގޮތުގައި އަމްރު ސިފަކުރެއްވި އެވެ.

"މިފަދަ ފެކްޓަރީއެއް ކާމިޔާބު ކަމާއެކު ރާއްޖޭގައި ގާއިމު ކުރެވިއްޖެނަމަ، ކާޑުގެ ބާވަތްތައް ހުސްވިޔަނުދީ ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ އިތުރުން، ކާޑު އެތެރެކުރުމަށް ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެން ދާނެކަން ފާހަގަކުރަން،" އަމްރު ވިދާޅުވި އެވެ.

އެސްޓީއޯއިން މިހާރު ކުރަމުން ދަނީ މި ފެކްޓްރީ ގާއިމުކުރުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ދިރާސާގެ މަސައްކަތެވެ. މިއީ ފުށް ފެކްޓްރީއެއްގެ އިގުތިސޯދީ ފީސިބިލިޓީ އާއި ޑިމާންޑާ އެއްވަރަށް ސަޕްލައިކުރަން ބޭނުންވާ ޕްރޮޑަކްޝަން ކެޕޭސިޓީ އާއި ފެކްޓްރީ ހަދާނޭ ތަން ދެނެގެތުމަށް ކުރެވޭ ދިރާސާއެކެވެ. ޕްރޮޖެކްޓުގެ އިތުރު ތަފްސީލުތައް އެސްޓީއޯއަށް ހިއްސާކުރެވެން އޮތީ މި ދިރާސާ ނިމުނީމަ އެވެ.

ރަސްމީ ސިފައެއްގައި އެސްޓީއޯއިން އިއުލާނު ކޮށްފައި ނުވި ނަމަވެސް، 'އަދަދު' އަށް އެނގިފައިވާ ގޮތުގައި އެސްޓީއޯގެ ވިސްނުންހުރީ އެ ކުންފުނީގެ ބެލުމުގެ ދަށުގައި އޮތް އިންޑަސްޓްރިއަލް ރަށެއްގައި މި މަސައްކަތް ކުރާށެވެ. އެއީ ގޮދަން ފުށް ބަންދުކުރާ ތަނެއް މީހުން ދިރިއުޅޭ ތަނަކާ އެހާ ކައިރީގައި ބެހެއްޓުމަކީ ސަލާމަތީ ސަބަބުތަކަށްޓަކާ ކުރުން ރައްކާތެރި ކަމަކަށް ނުވާތީ އެވެ.

މާލީ އަދި އިންސާނީ ވަސީލަތުުގެ ބޮޑު އިންވެސްޓްމަންޓެއް

މިއީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި އުފައްދަން އެސްޓީއޯއިން މަސައްކަތްކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އެސްޓީއޯއިން އޯގަނިކް ސައިފަތް އުފައްދައިގެން ވިއްކުމުގެ މަސައްކަތް ކުރި އެވެ. އެ ޕްރޮޖެކްޓްގެ ބޭނުމަށް ލަންކާއިން ސައިފަތް ދަނޑެއް ގަނެގެން "ޗޮއިސް" މަރުކާގައި ރާއްޖޭގެ ބާޒަރަށް ސަޕްލައިކުރި އެވެ. އެފަހަރު އެސްޓީއޯއިން އެ މަސައްކަތް ހުއްޓާލީ ކޮންމެ އަހަރަކު މިލިއަނުން ގެއްލުން ލިބެމުންދާތީ އެވެ. 2007 ވަނަ އަހަރު އެ ސައިފަތް ދަނޑު ވިއްކާލީ ގެއްލުމުގަ އެވެ. އެ ނިންމުން ނިންމަން ޖެހުނު ސަބަބަކީ އިތުރަށް އިންވެސްޓުކޮށްގެންވެސް ކައިރި މުސްތަގުބަލެއްގައި ފައިދާއެއް ލިބެން ނެތްކަމަށް ބެލެވުމެވެ.

މިފަހަރު އެސްޓީއޯއިން މި ކުރަން އުޅޭ އިންވެސްޓްމަންޓަކީ ހަރަދާއި ވަސީލަތުން ބަލާނަމަ ސައިފަތް ދަނޑަކަށް ވުރެން މާބޮޑު ހަރަދެކެވެ. އަދި ސައިފަތް ދަނޑުން ފައިދާނުވެ ގެއްލުމުގައި ވިއްކާލަން ޖެހުނުހެން، އަނެއްކާވެސް އެސްޓީއޯއިން ޅައެއްޗެއް އަޅަން އުޅެނީތޯ ގިނަ ބަޔަކު ސުވާލުކުރަނީވެސް މި ސަބަބާ ހުރެ އެވެ.

އެކަމަކު އޭރުގެ ހާލަތާ، މިހާރު ކުރަން މިއުޅޭ ކަމާއި އަޅާނުކިޔޭނެ ކަމަށް 'އަދަދު' އާ ވާހަކަ ދެއްކެވި ތަޖުރިބާކާރަކު ވިދާޅުވި އެވެ. އެސްޓީއޯގެ ހިންގުމުގެ އިސް މަގާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވި ބޭފުޅެއްގެ ހައިސިއްޔަތުން އޭނާ ވިދާޅުވީ، ސައިފަތާ ފުށާ އަޅާ ނުކިޔޭނެ އެންމެ ފުރަތަމަ ސަބަބަކީ ދެ ބާވަތަށް އޮންނަ ޑިމާންޑު ތަފާތުވުން ކަމަށެވެ. ސައިފަތް ގަތުމަކީ އެ މީހަކަށް ކަމުދާ ނަމަ ކުރާ ކަމަކަށް ވިޔަސް، ފުށުގެ ޑިމާންޑު ތަފާތު ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ޑިމާންޑަށް ސަޕްލައިކުރެވޭ ކެޕޭސިޓީގައި ފެކްޓްރީއެއް ހަދައިގެން މުސްތަގުބަލުގައި ފައިދާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހިނގާ ބަލަމާ ތިކަމަށް ދާނެ ހަރަދާއި، ރާއްޖޭގައި ގޮދަން ފުށަށް އޮންނަ ޑިމާންޑަށް. އެ ޑިމާންޑަށް ކޭޓާ ކުރެވުނީމަ ދެކޮޅުޖެހޭނެ. އަވަހަށް (ފައިދާ) ނެރެން އުނދަގޫވާނެ. އެކަމަކު ވިޔަފާރިކުރަނީ މުސްތުގުބަލަށް ވިސްނައިގެން. ރަނގަޅަށް ކުރީމާ ދެކޮޅުޖެހޭނެ ކަންކަން އެއީ" އޭނާ ވިދާޅުވި އެވެ.

އެކަމަކު އެ ނަތީޖާ ނެރެން ނަގާ މުއްދަތު ބިނާވަނީ އެސްޓީއޯއިން ކުރާ އިންވެސްޓްމަންޓަށް ކަމަށް ވިދާޅުވި އެވެ. އަދި ހަމައެކަނި ގޮދަން ފުށް ބަންދުކުރުމުގެ އިތުރަށް "ސްޕެޝަލްޓީ" ފުށް ނޫނީ ގޮދަން ނޫން އެހެން ބާވަތުގެ ފުށް ބަންދުކުރުމުގެ ވިސްނުން ގެންގުޅުމަކީވެސް މުހިއްމު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

ކާމިޔާބުވެއްޖެނަމަ އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ފައިދާ

ހުސްވި އަހަރު އެސްޓީއޯއިން ވަނީ ރާއްޖެއަށް ތިން ލައްކަ ބަސްތާގެ ފުށް ވިއްކާފަ އެވެ. ޖުމްލަ ބަރުދަނުން އެއީ ގާތްގަނޑަކަށް 15 މިލިއަން ކިލޯގެ ފުށެވެ. މި ހުރިހާ ފުށަކީ ދިވެހި ސަރުކާރުން ސަބްސިޑީ ދީގެން ގެންނަ ފުށެވެ. ލަފާކުރެވޭ ގޮތުގައި މިދިޔަ އަހަރު އެކަނިވެސް ދައުލަތުން ގޮދަށް ފުށުގެ އަގު ކޮންޓްރޯލް ކުރަން ސަބްސިޑީއަށް ކުރި ހޭދަ 90 މިލިއަން ރުފިޔާއާ ގާތްކުރެ އެވެ. އެސްޓީއޯއިން ރާއްޖޭގައި ގޮދަން ފުށް ބަންދުކުރަން ފެށުމުން މި ސަބްސިޑީއަށް ކުރާ ހޭދަ އެތައް ގުނައަކުން ކުޑަވެގެންދާނެ އެވެ. މިއީ ދިވެހި ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު އިގުތިސޯދީ ފައިދާއެކެވެ.

ޕްރޮސެސްޑް ގޮދަން ފުށަށް ވުރެ ގޮދަން (ވީޓް ގްރެއިންސް) އެތެރެކުރަން މާ އަގުހެވެ. އެހެންކަމުން އެސްޓީއޯއަށް ފެކްޓްރީގެ އުފެއްދުންތެރިކަން އެކަށީގެންވާ ވަރަށް ހިފެހެއްޓިއްޖެނަމަ ކުރިއަށް އޮތްތަނުގައި ކާޑުގެ އަގުހެޔޮ ވާނެ އެވެ. މިގޮތަށް ޕްރޮސެސްކުރާ ގޮދަން ފުށް ގުދަންކޮށްފައި ބެހެއްޓޭ މުއްދަތު އިތުރުވުމަކީ ވެސް އަގުތައް ތިރިކުރަން ފަހިކޮށްދޭނެ ކަމެކެވެ. އަދި ރާއްޖޭގެ ކާޑުގެ ސަޕްލައި ގިނަ ދުވަސްތަކެއް ވަންދެން ނުބެހެއްޓި އިސްރާފުވާ މައްސަލައަށްވެސް ހައްލެއް ލިބޭނެ ކަމެކެވެ.

ރާއްޖޭގައި ގޮދަން ފުށް ބަންދުކުރާ ފެކްޓްރީއެއް އިމާރާތްކުރުމަކީ އެކަމުން ކުންފުންޏަށާއި ރާއްޖެއަށް ގިނަ ފައިދާތަކެއް ލިބިގެންދާނޭ ކަމާ މެދު ޝައްކެއް ނެތެވެ. އެއީ އާންމުންނަށާއި މުޅި ދައުލަތަށްވެސް ފައިދާ ހުރި އަދި އިގްތިސާދީ ގޮތުން ކުރިއަށް އެޅޭ ފިޔަވަޅަކަށް ހެދޭނީ، ސައިފަތް ދަނޑުގެ ވިޔަފާރިފަދަ ގެއްލުންތަކުން ލިބިގަންނަންޖެހޭ ފިލާވަޅު ލިބިގަނެގެންނެވެ.

އެސްޓީއޯ އަކީ ހަރު މުދަލާއި ވަސީލަތުގެ ގޮތުން ބަލާއިރުވެސް ރާއްޖޭގެ އެންމެ ބޮޑު ކުންފުންޏެވެ. އެ ކުންފުނީގެ ކޮންމެ ކާމިޔާބެއް އަދި ކޮންމެ ނާކަމިޔާބީއަކީ ވެސް ކުންފުނީގެ އާންމު ހިއްސާދާރުންނާއި މުޅި ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުންނާ ގުޅިފައި އޮންނާނޭ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑަކަށް ފުވައްމުލައް

އެމްއައިބީން އަލަށް ތައާރަފުކުރި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށް، އިޖުތިމާއީ މަޝްރޫއެއް ހިންގުމަށް 500,000 ރުފިޔާގެ މާލީ އެހީއެއް ދިން. މި އެވޯޑަކީ ރަށު ފެންވަރުގައި ފަތުރުވެރިކަން ކުރިއަރުވައި، ތަބީއީ މާހައުލު ރައްކާތެރިކުރުމަށް ނަމޫނާ ދައްކާ ރަށްރަށުގެ އަގުވަޒަންކުރުމަށް ދޭ ޝަރަފެއް.

Newsletter

Get the latest news delivered straight to your inbox