ވެމްކޯއަށް 2022 ވަނަ އަހަރު ސަރުކާރުން 105 މިލިއަން ދީގެން ވެސް 127 މިލިއަން ރުފިޔާގެ ގެއްލުމެއް

މާލޭގައި ހުންނަ ވެމްކޯގެ ވޭސްޓް ކަލެކްޝަން ސެންޓަރުގައި ބާޖަކުން ކުނި އުފުލަނީ: ވެމްކޯގެ ގެއްލުން އަންނަނީ އަހަރުންއަހަރަށް ބޮޑުވަމުން --- ފޮޓޯ: އަދަދު

މާލޭގައި ހުންނަ ވެމްކޯގެ ވޭސްޓް ކަލެކްޝަން ސެންޓަރުގައި ބާޖަކުން ކުނި އުފުލަނީ: ވެމްކޯގެ ގެއްލުން އަންނަނީ އަހަރުންއަހަރަށް ބޮޑުވަމުން --- ފޮޓޯ: އަދަދު

ކުނި މެނޭޖުކުރަން އުފައްދާފައިވާ ދައުލަތުގެ ކުންފުނި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް 2022 ވަނަ އަހަރު 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބުނު ކަމަށް އެ ކުންފުނީގެ އޮޑިޓު ރިޕޯޓުން ދައްކައިފި އެވެ. 

މާލީ އަހަރު ނިމުނުތާ ހަތަރު އަހަރު ވާން ގާތްވެފައި ވަނިކޮށް ފަހުން މިއަދު އާންމުކުރި ވެމްކޯގެ 2022 ވަނަ އަހަރުގެ އޮޑިޓުގައިވާ ގޮތުގައި އެ އަހަރު އެ ކުންފުންޏަށް 215.4 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނެވެ. މިއީ އޭގެ ކުރީ އަހަރު އެ ކުންފުންޏަށް ލިބުނު ވަރަށް ވުރެ އިތުރު އާމްދަނީއެކެވެ.

މިހެން ނަމަވެސް އެ ކުންފުންޏަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ ކުންފުންޏަށް ލިބުނު އާމްދަނީއަށް ވުރެ ހަރަދު މާ ބޮޑަށް އިތުރުވެފައިވާތީ އެވެ.

ވެމްކޯގެ މާލީ ބަޔާންތަކުން ދައްކާ ގޮތުގައި އެ ކުންފުނިން އެންމެ ބޮޑު ހަރަދެއް ކުރަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ. ވެމްކޯއިން މުވައްޒަފުންނަށް ދިން 234.7 މިލިއަން ރުފިޔާއަކީ އެ ކުންފުންޏަށް އެ އަހަރުގެ ތެރޭގައި ލިބުނު އާާމްދަނީއަށް ވުރެ ވެސް ބޮޑު އަދަދެކެވެ. 

ކުންފުނީގެ މާލީ ހާލަތު މިހާ ދަށަށް ގޮސްފައިވާއިރު، ވެމްކޯ ހިންގަމުންދަނީ ސަރުކާރުން ފޯރުކޮށްދޭ މާލީ އެހީތެރިކަމުގެ މައްޗަށް ބިނާވެގެންނެވެ. އޮޑިޓުގައިވާ ގޮތުގައި 2022 ވަނަ އަހަރު ސަރުކާރުން ވަނީ އެ ކުންފުންޏަށް 105.2 މިލިއަން ރުފިޔާ އިންޖެކްޓުކޮށްފަ އެވެ. މިއީ 2021 ގައި އެ ކުންފުންޏަށް ދިން 66.9 މިލިއަން ރުފިޔާއަށް ވުރެ ވެސް އިތުރު އަދަދެކެވެ. 

ވެމްކޯގެ މާލީ ހާލަތު ގޯސްވެ، ގެއްލުން ވަމުން ދިޔުމާ ގުޅިގެން 2022 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނީގެ ޖުމްލަ ގެއްލުން (އެކިއުމިލޭޓަޑް ލޮސަސް) ވަނީ 486.2 މިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި ކުންފުނީގެ ދަރަނި ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. 

އެ ކުންފުނިން 2022 ނިމުނުއިރު، އަދާކުރަން ޖެހޭ ކުރު މުއްދަތުގެ ދަރަނި 181 މިލިއަން ރުފިޔާއަށް އަރަ އެވެ. މީގެ ތެރޭގައި މުދަލާއި ހިދުމަތް ހޯދުމަށްފަހު އެކި ފަރާތްތަކަށް ދައްކަންޖެހޭ 110.7 މިލިއަން ރުފިޔާ އާއި، ދައުލަތަށް ދައްކަން ޖެހޭ ޖީއެސްޓީގެ ގޮތުގައި ހިމެނޭ 45.6 މިލިއަން ރުފިޔާ ހިމެނެ އެވެ.

މި އޮތް ބައިވަރު ދަރަނި އޮތް އިރު، އެ ކުންފުނީގައި ނަގުދު ފައިސާގެ ގޮތުގައި ހުރީ އެންމެ 11.6 މިލިއަން ރުފިޔާ އެވެ.  

ދައުލަތުގެ އެކި މުއައްސަސާތަކުން ވެމްކޯއަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރިކަން ވެސް ރިޕޯޓުން ހާމަވެ އެވެ. އެ ކުންފުންޏަށް ލިބެންޖެހޭ ޖުމްލަ 128.7 މިލިއަން ރުފިޔާގެ ތެރެއިން 44.2 މިލިއަން ރުފިޔާއަކީ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ އެވެ. މީގެ ތެރެއިން މާލެ ސިޓީ ކައުންސިލުން އެކަނި ވެސް 19.6 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.

އެކަމަކު މި ފައިސާގެ ތެރެއިން 75.6 މިލިއަން ރުފިޔާއަކީ އަނބުރާ ލިބުމުގެ އުންމީދު ކުޑަ ފައިސާގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. މިއީ ލިބެން ޖެހޭ ފައިސާގެ ގާތްގަނޑަކަށް 59 ޕަސެންޓެވެ. 

ވެމްކޯގެ އޮޑިޓު ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ހަސަން ނިޔާޒީ ވަނީ މައިގަނޑު 17 މައްސަލައެއް ފާހަގަކުރައްވާފަ އެވެ. އޭގެ ތެރޭގައި ކުންފުންޏަށް ލިބުނު އާމްދަނީ އާއި، ލިބެން ޖެހޭ ފައިސާ އާއި، ދައްކަން ޖެހޭ ފައިސާގެ އިތުރުން ތެލަށް ހިނގި ހަރަދާއި ކުންފުނީގެ މިލްކިއްޔާތުގައި ހުރި މުދަލުގެ ހިސާބުތައް ސައްހަކަން ކަށަވަރުކުރެވޭނެ ލިޔެކިޔުން ނެތުން ހިމެނެ އެވެ. 

ވެމްކޯގެ ހިސާބުތަކުގެ ސައްހަކަން ކަށަވަރުކުރެވެން ނެތުމުން އެ ކުންފުންޏަށް އޮޑިޓަރުން ދީފައިވާ ރައުޔަކީ "ޑިސްކްލެއިމާ އޮފް އޮޕީނިއަން" އެވެ. މިއީ އޮޑިޓަރަކަށް ދެވޭނެ އެންމެ ގޯސް ރައުޔެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

ވިލާ ކޮލެޖުން ކްރިމިނަލް ޖަސްޓިސް ޕްރޮގްރާމް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ޖިނާއީ އަދާލަތުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ތިން އަހަރު ދުވަހުގެ 'ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް' ޕްރޮގްރާމް އަލަށް ތައާރަފުކޮށްފިއެވެ. އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކްރިމިނޮލޮޖީއާއި ފޮރެންސިކް ސައިންސް ފަދަ މުހިންމު މާއްދާތައް އަމަލީ ހުނަރާއެކު އުނގަންނައިދޭނެއެވެ.

ބްލޫ މެރީނާ ވިއު: 120 މިލިއަން ރުފިޔާގެ ބޮންޑެއް ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާރްސީސީން ތަރައްގީކުރާ "ބްލޫ މެރީނާ ވިއު" މަޝްރޫއަށް ބޭނުންވާ 120 މިލިއަން ރުފިޔާ ހޯދުމަށްޓަކައި، 5 އަހަރުގެ މުއްދަތަށް ޚާއްސަ ބޮންޑެއް ވިއްކަން ފަށައިފިއެވެ. އަހަރަކު 8.5 ޕަސެންޓުގެ ފައިދާ ލިބޭ މި ބޮންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު އެންމެ ކުޑަވެގެން 10،000 ރުފިޔާއިން ފެށިގެން މިހާރު ވަނީ ހުޅުވާލާފައެވެ.

އައިލެންޑް އޭވިއޭޝަނަށް ކޮވިޑު ފަހުން ފައިދާވެއްޖެ

ކޮވިޑަށްފަހު ޖެހިޖެހިގެން ފަސް އަހަރު ގެއްލުމުގައި ހިންގުމަށްފަހު، މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަނަށް 181.9 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވެއްޖެ. ނަމަވެސް ސަރުކާރުން ދިން ގާތްގަނޑަކަށް 400 މިލިއަންގެ އެހީތެރިކަން ނުލައި ހިސާބުކޮށްފި ނަމަ، އެ ކުންފުންޏަށް ޓެކުހުގެ ކުރިން 170 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް އޮޑިޓުން ދައްކާ.

Newsletter

Get the latest news delivered straight to your inbox