ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސްގެ އޮފީސް "ބަގު" ކުރަން އުޅުނުކަމުގެ މައްސަލަ ފުލުހުން ތަހުގީގު ކުރި ކަމަށާއި، ނަމަވެސް އެކަން އިތުރަށް ތަހުގީގު ކުރާނެ މަގުތަކެއް ފެނިފައިނުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ނޮވެމްބަރު މަހު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ ކޮމިޓީ ކޮޓަރިއެއްގައި ދެކެވޭ ވާހަކަތައް އަޑުއެހުމުގެ ބޭނުމުގައި "ބަގު" ކުރުމަށް އާލާތްތަކެއް ހަރުކުރަން އުޅުނު ކަމުގެ މައްސަލައެއް މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އެމަނިކުފާނުގެ ސަމާލު ކަމަށް ގެންނަވާފައިވާ ކަމަށެވެ.
މިގޮތުން، މަޖިލިސް ބަގު ކުރުމަށް މަޖިލީހުގައި މަސައްކަތްކުރާ ސެކިޔުރިޓީ ސްޓާފުންނާއި ފުލުސް އޮފީހުގައި މަސައްކަތްކުރާ ސްޓާފަކާ ވާހަކަ ދެކެވި، މަޖިލީހުގެ ސެކިޔުރިޓީ ސްޓާފަކު އެކަން ސާޖަންޓް އޮފް އާމްސްގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް ނަޝީދު އެ ދުވަހު ވިދާޅުވެފައިވެ އެވެ.
ތ.ތިމަރަފުށި، އަދި ތ.ވޭމަންޑޫގައި ފުލުހުންގެ މަރުކަޒެއް ގާއިމު ކުރެވޭނެ ތާރީހަކާ ގުޅޭގޮތުން ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރައްވާ ސުވާލަށް ޖަވާބު ދެއްވަން ހޯމް މިނިސްޓަރު މިއަދުގެ ޖަލްސާއަށް ހާޒިރުކޮށްފައިވާއިރު، އިތުރު ސުވާލު ކުރަން ލިބުނު ފުރުސަތުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވަނީ މަޖިލިސް ބަގު ކުރަން އުޅުނު މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ސުވާލު ކުރައްވައިފަ އެވެ.
އެ ސުވާލުގެ ޖަވާބުގައި ހޯމް މިނިސްޓަރު ވިދާޅުވީ އެކަން ތަހުގީގު ކުރަން ފުލުހުން މަސައްކަތްތަކެއް ކުރި ކަމަށާއި ނަމަވެސް އެ ތަހުގީގަށް މާ ބޮޑު ކުރިއެރުންތަކެއް ލިބިފައިނުވާ ކަމަށެވެ.

"އެކަމާ ގުޅިގެން ފުލުހުން މަސައްކަތްތަކެއް ކުރި. އެކަމަކު އޭގެ އިތުރަށް ކުރިއަށްދާނެ މަގުތަކެއް ނުލިބުނު. ދެން އިތުރު މަގުތަކެއް ނުލިބުމުން އެ މައްސަލަ ސީދާ އޮތް ހިސާބެއް އަޅުގަނޑު ޖެހޭނީ ބަލައިލަން،" އިމްރާން ވިދާޅުވި އެވެ.
އެ މައްސަލަ އިތުރަށް ބެލުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ރިޔާސަތުން ފޮނުވާފައިވާއިރު، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މަޖިލީހުގެ ސާޖަންޓް އެޓް އާމްސް މުހައްމަދު ހަލީމް ވަނީ ސަސްޕެންޑުކޮށްފަ އެވެ.
ހަލީމް ސަސްޕެންޑުކޮށްފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް މަޖިލީހުން ބުނި ނަމަވެސް، އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރު ކުރީ ބަގު ކުރި މައްސަލައިގައި ކަން ވަނީ އެނގިފަ އެވެ.
އެކަމާ ގުޅޭގޮތުން މަޖިލީހުގެ ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު "އަދަދު"އަށް ވިދާޅުވީ ހަލީމް އަދިވެސް ހުންނެވީ ސަސްޕެންޝަނުގައި ކަމަށެވެ.
މީގެ އިތުރުން، މަޖިލިސް ބަގު ކުރި މައްސަލަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބެލުމަށްފަހު މަޖިލީހުގެ ރައީސަށް ރިޕޯޓެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ރިޕޯޓު އާއްމުކުރެވޭނީ އެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރެވުމުން ކަމަށް ޒިޔާއު އިތުރަށް ވިދާޅުވި އެވެ.













